ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޕޭ އެޑްވައިޒަރީ ބޯޑު އަލުން އެކުލަވާލައްވައިފިއެވެ. މި ބޯޑުގެ ޗެއަރމަނަކަށް ހަމަޖެއްސެވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙްމަދު އަސްޢަދެވެ.

ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ސިވިލް ސަރވިސް ކޮމިޝަންގެ ނާއިބު ރައީސް ޑޮކްޓަރ ޢަބްދުލްމުޙްސިން މުޙަންމަދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ޑޮކްޓަރ ޢިޞާމް މުޙަންމަދާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޑިރެކްޓަރ އަލްފާޟިލް ޢަބްދުﷲ ޢަލީ އާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ އަލްފާޟިލާ ފާޠިމަތު ޝިހާބާއި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލާ ޝާހިދާ ޢަބްދުއްރަޙްމާނާއި، ނޭޝަނަލް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ރައީސް އަލްފާޟިލް އިބްރާހީމް ޖިހާދާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް ޙުސައިން ޙިލްމީއެވެ.

ޕޭ އެޑްވައިޒަރީ ބޯޑުގެ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބަވާ މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުންގެ ނާއިބުންނާއި، މިނިސްޓަރުންގެ ނާއިބުންނާއި، އެފެންވަރުގެ އެހެން މަގާމުތަކާއި، ސަފީރުންނާއި، އަތޮޅުވެރިންނާއި، ކައުންސިލަރުންނާއި، ސިޔާސީ އެހެން މަގާމުތަކާއި، މިނިވަން މުސްތަޤިއްލު މުއައްސަސާތަކާއި، ދިވެހި ސިވިލް ސަރވިސްއާއި ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން މުއައްސަސާތަކުގެ މަގާމުތަކާއި، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ މަގާމުތައް ހިމެނޭގޮތުން، މިހުރިހާ މަގާމުތަކެއްގެ މުސާރަތަކާއި ވަޒީފާއާގުޅޭ ޢިނާޔަތްތައް ހަމަޖެހޭ އުޞޫލަކަށް ފެއްތުމަށްޓަކައި، މުސާރައާއި ޢިނާޔަތްތަކުގެ ސިޔާސަތާ ބެހޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ލަފާދެއްވުން ހިމެނެއެވެ. އަދި އެކި ކަންކަމާ ގުޅިގެން އުފައްދާ ބޯޑު، ކައުންސިލް، މަޖިލިސް، ކޮމިޓީފަދަ ތަންތަނަށް ހަމަޖައްސާ އެލަވަންސްތަކާއި ޢިނާޔަތްތައް ކަނޑައެޅުމުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ލަފާދެއްވުންވެސް ޕޭ އެޑްވައިޒަރީ ބޯޑުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.