بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين

އާދެ! އަޅުގަނޑު ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް މިއަދު ކުރަން ފެށި މިދަތުރުގައި، އެންމެ ފުރަތަމަ އެ ރަށަކަށް ޒިޔާރަތް ކުރުމުގެ އުފާ އަޅުގަނޑަށް މިލިބުނީ، ތިޔަބޭފުޅުންގެ މިލޮބުވެތި ރަށަށް، އާދެ! ހަނިމާދުއަށް. ހަނިމާދުއަށް އަޅުގަނޑު އައުމުން، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިން އަލްފާޟިލް މުޙަންމަދުދީދީ އާއި، އަދި އަތޮޅުއޮފީހުގެ އިސްބޭފުޅުންނާއި، މިރަށުގެ ވެރިންނާއި، ޢާންމު ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބުނީ، ވަރަށްވެސް ހޫނު ތަރުޙީބެއް. އެކަމަށްޓަކައި މިދެންނެވި ހުރިހާ ބޭފުޅުންނަށާއި، މިރަށުގެ ލޮބުވެތި ރައްޔިތުންނަށް، ކުދިބޮޑު، އަންހެން، ފިރިހެން އެންމެންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މިރަށުގެ ރައްޔިތުންނަށް، އެނގިވަޑައިގަންނަވާނެ ފަދައިން، މިރަށަށް އަޅުގަނޑަށް ވަރަށްގިނަފަހަރު ޒިޔާރަތް ކުރެވިއްޖެ. އެއީ، ރަސްމީގޮތުންނާއި ނުރަސްމީގޮތުން. އެންމެފަހުން މިރަށަށް އަޅުގަނޑަށް ޒިޔާރަތް ކުރެވިފައި މިވަނީ، 2005 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު. އެއީ، ފިޠުރުޢީދުގެ މުނާސަބަތުގައި، އެފަހަރު އަޅުގަނޑު އައިސް، މިރަށުގައި ހުރި ދުވަސްކޮޅު. ޝައްކެއްނެތްގޮތުގައި މިހާ ގިނައިން މިރަށަށް އާދެވުމުން، މިރަށުގެ ރައްޔިތުންގެ އެއްބާރުލެއްވުން ހުރި މިންވަރާއި، މިރަށުގައި އޮތް އެކުވެރިކަމާއި އަދި މިރަށުގެ ރައްޔިތުން ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކާ މިހުރިހާ ކަމެއްވަނީ ވަރަށް ކައިރިން ވަރަށްގިނަފަހަރު އަޅުގަނޑަށް ފެނިފައި.

ހަނިމާދުއަކީ ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ ރަށެއް. މިހާރުވެސް ހިންގަމުން ގެންދާ ރަށެއް. އާދެ! އެންމެ ފުރަތަމަ ދަންނަވާލަން އޮތީ، މިރަށުގައި މިއޮތް ސަރަޙައްދީ ވައިގެ ބަނދަރުގެ ވާހަކަ. ހަނިމާދޫ އެއަރޕޯޓް. މިއީ، ޝައްކެއްނެތްގޮތުގައި، މިރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދޭ ކަމެއް. ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައި އެވިދާޅުވި ފަދައިން، މިރަށުގެ ރައްޔިތުންނަށް ވަޒީފާގެ ތަނަވަސްކަން، ވަޒީފާ ލިބުމުގެ ފުރުޞަތުތައް ހުޅުވާލެވިފައިވާ ހުޅުވާލުން އެއީ، ރަށުގެ ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށާއި، ރަށަށް ތަރައްޤީ ގެނައުމަށް ވަރަށް ބޮޑަށް މަގުފަހިކޮށްދޭ ކަމެއް. އާދެ! އެއަރޕޯޓުގައިވެސް ހަނިމާދޫ ރައްޔިތުން ވަރަށްގިނަ އަދަދަކަށް މަސައްކަތް ކުރައްވާ. އަދި އޭގެއިތުރުން، މިރަށުގައި މިހުރި ސަރުކާރުގެ އެހެން މުއައްސަސާތަކުގައިވެސް، މިރަށުގެ ރައްޔިތުން ވަޒީފާ އަދާކުރައްވާ.

އެންމެފަހުން މިރަށުގައި ހިނގާފައިވާ މަޝްރޫޢަކީވެސް، ވަރަށް މުހިންމު މަޝްރޫޢެއް. އެއީ، މިރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢު. ބަނދަރުގެ ސަބަބުންވެސް ރައްޔިތުންނަށް ވަރަށްގިނަ ކުރިއެރުންތަކަކާއި ތަނަވަސްކަމެއް ލިބެމުންދާނެކަމާމެދަކު ޝައްކެއްނެތް.

ބަނދަރުގެ ދެކުނުން ޖެހިގެން އޮތް ސަރަޙައްދު މިހާރު ގިރަމުންދާކަމުގެ މަޢްލޫމާތު އަޅުގަނޑަށްވަނީ ލިބިފައި. ތިމާވެށީގެ މިފަދަ މައްސަލަތަކަކީ ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ކުރިމަތިވަމުން އަންނަ މައްސަލަތަކެއް. އަޅުގަނޑުމެންގެ ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމާބެހޭ ވުޒާރާގެ ވަޒީރު އަލްފާޟިލް އަޙްމަދު ޢަބްދުﷲ އިންނެވިކަން، އަޅުގަނޑު ހިތުން އެއީ، މިރަށާ ދޭތެރޭގައި ސަރުކާރުން ވިސްނާގޮތް ތިޔަބޭފުޅުންނަށްވެސް ހާމަވެގެންދާނެ ކަމެއް.

އަޅުގަނޑަށް ހީވަނީ ބަނދަރުހަދާ ސަރަޙައްދުތައް ކަނޑައެޅުމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެހެން. އަދި އެކުރާ ކަމަކުން ތިމާވެށްޓަށް ކުރާ އަސަރުތަކާ ދޭތެރޭގައި އަބަދުވެސް ވަރަށް ބޮޑަށް ޚިޔާލުކޮށް، ތިމާވެށްޓަށް ގެއްލުމެއް ނުލިބޭ ގޮތުގެ މަތިން، ކަންތައްތަކެއް ކުރުމަށް ވަރަށްބޮޑު ސަމާލުކަމެއް ދޭން ޖެހޭނެހެން. ކޮންމެއަކަސް މިކަންކަމަކީ ކުރިއަށް އޮތް ތާނގައި ސަރުކާރުން ވަރަށް ބޮޑަށް ވިސްނަމުން ގެންދާނެ ކަންތައްތަކެއް ކަމުގައި އަޅުގަނޑު ދަންނަވާލަން.

އާދެ! ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައި އެވިދާޅުވިފަދައިން، ހަނިމާދުއަކީ ވަރަށް އެކުވެރި އެއްބައިވަންތަ ރައްޔިތަކު ދިރިއުޅެމުންދާ ރަށެއް. ޝައްކެއްނެތްގޮތުގައި، ކޮންމެ ރަށެއްވެސް ކުރިއަށްދާނީ، އެރަށެއްގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އޮވެގެން. އެއްބާރުލުން އޮވެގެން. އަދި ރައްޔިތުންގެ ދޭދޭ ފަރުދުންގެ މެދުގައި އޮންނަ އެކުވެރިކަމުގެ އިތުރަށް، ރައްޔިތުންނާއި ވެރިންނާވެސް ގުޅިގެން މަސައްކަތްކުރާ ރަށަކަށްވެގެން. ހަމައެހެންމެ، އެރަށެއްގެ ރައްޔިތުންނާ އަތޮޅުއޮފީހާއި އަތޮޅުވެރިންނާ އޮންނަ ގުޅުމަކީވެސް ވަރަށް އެކުވެރި ރަޙްމަތްތެރި އެއްބާރުލުމުގެ ގުޅުމެއް ކަމުގައިވެގެން.

ޝައްކެއްނެތްގޮތުގައި، މިރަށުގެ ރައްޔިތުންނާ މިރަށުގެ ވެރިންނާ ދޭތެރޭގައިވެސް އޮތީ ވަރަށް ރަނގަޅު ގުޅުމެއް. އަދި މިރަށުގެ ރައްޔިތުންނާ އަތޮޅުވެރިންނާ ދޭތެރޭގައިވެސް އޮތީ ވަރަށް ރަނގަޅު ގުޅުމެއް. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި މުސްތަޤްބަލުގައި ކަންތައްތައް ކުރިއަށް ގެންދިޔުމަށް، މިރަށުގައި ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ.

އާދެ! އަޅުގަނޑުމެންގެ އިޤްތިޞާދީ ތަރައްޤީގައި އެންމެބޮޑު ޙިއްޞާއެއް އަދާކުރާ ދެކަމަކީ މަސްވެރިކަމާއި ފަތުރުވެރިކަން. މަސްވެރިކަމަކީ، ޝައްކެއްނެތްގޮތުގައި ރާއްޖޭގެ ރައްޔިތުން އެންމެ ޒަމާނުއްސުރެ ކުރަމުން އަންނަ، އެންމެ ގިނަބަޔަކަށް އޭގެ ފައިދާކުރާ މަސައްކަތް. ދިވެހިން އެންމެ ރަނގަޅަށް ކުރަމުން އަންނަ މަސައްކަތް. އޭގެއިތުރުން، މިހާރު ފަތުރުވެރިކަމަކީ ވަރަށް ބޮޑަށް ކުރިއަރާފައިވާ މަސައްކަތެއް. ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ އެންމެބޮޑު ބައެއް ޙިއްޞާކުރަނީ ފަތުރުވެރިކަމުން. އެހެންވީމާ، ކުރިއަށް އޮތް ތާނގައިވެސް، ފަތުރުވެރިކަން އިތުރަށް ތަރައްޤީ ކުރުމަކީ، މުޅި ރާއްޖޭގެ ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ ކަމެއްކަމާމެދަކު ޝައްކެއްނެތް.

މިގޮތުން ދަންނަވާލަން ޖެހެނީ، މިހާރުވެސް މިތާ ކައިރީގައި ޓޫރިސްޓް ރިޒޯޓެއް ހިނގަމުންދާ ވާހަކަ. އަދި އޭގެއިތުރުން، ހދ. އަތޮޅުގައި ރިޒޯޓުތައް ހެދުމުގެ މަސައްކަތްތަކެއް ކުރެވެމުންއެބަދޭ. އަދި ހަމައެޔާއެކު، މިރަށުގައިވެސް އިރާދަކުރެއްވިއްޔާ ހަނިމާދޫގައި، ސިޓީ ހޮޓަލެއް ހެދުމުގެ ކަންތައްވެސް އެބަ ކުރިއަށްދޭ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ މެދުގައި ވަނީ އެކަމާ ބެހޭގޮތުން މަޝްވަރާ ކުރެވިފައި. އަދި މިރަށުގެ އެއަރޕޯޓް ސަރަޙައްދުންވަނީ އެކަމަށް ބިމެއްވެސް މިހާރު ފާހަގަކުރެވިފައި. އާދެ! މި ސިޓީ ހޮޓާ ހެދުމުންވެސް، އޭގެ ސަބަބުން ރަށަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ. ފަތުރުވެރިން އިތުރަށް މިރަށަށް ޒިޔާރަތް ކުރާނެ. އަނެއްކާ ދިވެހި ރައްޔިތުންނަށް ވަރަށްގިނަ އަދަދަކަށް އެތަނުން ވަޒީފާވެސް ލިބޭނެ. އެހެންވީމާ، މިކަންކަން މިގޮތަށް ކުރިއަށް ދިޔުމަކީ، އަޅުގަނޑު ހިތުން މިރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް.

އާދެ! މިވޭތުވެދިޔަ ދެތިން ދުވަސް އަޅުގަނޑުމެން އިޙްތިފާލުކުރީ، ވަރަށް މުހިންމު ބައިނަލްއަޤްވާމީ މުނާސަބަތަކާ ގުޅިގެން. އެއީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް. އަންހެނުންނަކީ، މުޖްތަމަޢުގެ ދެބައިކުޅަ އެއްބައި. ޤައުމެއް ކުރިއަށްދާނީ، އެތަނެއްގެ ފިރިހެނުންނާއި އަންހެނުން ގުޅިގެން މަސައްކަތް ކޮށްގެން. ދެބައިމީހުންގެ ޙިއްޞާވެސް އެކަށީގެންވާ ގޮތެއްގައި އެޤައުމަށް ލިބިގެން. އެހެންވީމާ، މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ، ކުރިއަށް ދިޔުމުގެ އިތުރު ފުރުޞަތުތައް، ދިވެހި އަންހެނުންނަށް ހޯދައިދިނުން. އަންހެނުންގެ ތަޢްލީމާއި، އަންހެނުންގެ ޞިއްޙަތާއި، އަންހެނުންގެ މަސައްކަތްތެރިކަމާއި، މިހުރިހާ ރޮނގަކުން އަންހެނުންނަށް ރަނގަޅު ފުރުޞަތުތަކެއް ހޯދައިދީ، އަދި ޤައުމު ބިނާކުރުމުގެ މަސައްކަތުގައި، އަންހެނުންގެ ޙިއްޞާ އިތުރުކުރަމުން ގެންދިޔުން. އެހެންވީމާ، މިފަދަ މުނާސަބަތުތައް ފާހަގަކޮށް، އެއިން އަޅުގަނޑުމެންނަށް މިގެނެސްދޭ އެކިއެކި ވިސްނުންތައް އަޅުގަނޑުމެން ތަރައްޤީ ކުރަން އެބަޖެހޭ. އެކަންތައްތަކުން އަޅުގަނޑުމެންނަށް ލިބޭ ފުރުޞަތުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފަން އެބަޖެހޭ.

ރާއްޖޭގެ ތަރައްޤީގައި އަންހެނުންގެ ޙިއްޞާ ވަރަށްބޮޑު. އެއީ ހަމައެކަނި މިހާރަކު ނޫން. މާޒީގެ ފަތްފުށްތައް ބައްލަވާލެއްވިޔަސް އެނގިވަޑައިގަންނަވާނެ. އާދެ! މިއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް މުޙަންމަދުދީދީއަކީ، ތާރީޚާބެހޭ މާހިރެއް. ރާއްޖޭގެ ތާރީޚު ވަރަށް ގިނައިން ދިރާސާ ކުރައްވައި، ތާރީޚާބެހޭ ފިލާވަޅުތައް ނަންގަވައިދެއްވާ ބޭފުޅެއް. އޭނައަށް މިކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އަދި ގިނަ ރައްޔިތުންނަށްވެސް އެނގޭނެ. އެއީ، ދިވެހި އަންހެނުންނަކީ ތާރީޚުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ބަޔެއްކަން. ރާއްޖޭގެ ތަޚުތުގައިވެސް އަންހެން ބޭފުޅުން ރަނިކަން ކުރައްވާފައި އެބަތިއްބެވި. އަންހެން ބޭފުޅުން އެންމެމަތީ މަގާމު ފުރުއްވާފައި އެބަ ތިއްބެވި. އޭގެއިތުރުން، އަޅުގަނޑުމެންގެ އިޖްތިމާޢީ މަސައްކަތްތަކާއި އަދި އިޤްތިޞާދީ މަސައްކަތްތަކުގައިވެސް، އަންހެނުންވަނީ ވަރަށް ކުރިއްސުރެ ބައިވެރިވަމުން އައިސްފައި. އެހެންވީމާ، މިއީކީ އާކަމެއް ނޫން. އަދި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައިވެސް އަންހެނުންނަށާއި ފިރިހެނުންނަށް މިފުރުޞަތުތައްވަނީ ހުޅުވާލައްވާފައި. ފިރިހެނުން އަދާކުރާ ވަޒީފާތަކެއް ހުންނަ ފަދައިން، އަންހެނުންވެސް ކުރާ މަސައްކަތްތަކެއް ހުރޭ. މަސައްކަތް ކުރުމަކީ، މުސްލިމް އަންހެނުން ކުރިއްސުރެ ކުރަމުން އައިސްފައިވާ ކަމެއް.

ޝައްކެއްނެތްގޮތުގައި، އަންހެނުންގެ ދައުރު ވަރަށް މުހިންމު. ހަމައެކަނި ޤައުމު ތަރައްޤީ ކުރުމާއި، އަދި މިޤައުމު ބިނާކުރުމުގެ މަސައްކަތުގައެއް ނޫން. އޭގެއިތުރުން، ކުޑަކުދިން ތަރުބިޔަތު ކުރުމުގައި، ކުދިންނަށް ކިޔަވާ ދިނުމުގައި، މިހުރިހާ ކަމެއްގައި އަންހެނުންގެ ޙިއްޞާ ވަރަށް ބޮޑު.

އެހެންވީމާ، އަޅުގަނޑުމެން އެބަވިސްނަންޖެހޭ. އަންހެނުންގެ ކަންތައްތަކާ ދޭތެރޭގައި. އަންހެނުންނަށް ކުރިއެރުމުގެ ފުރުޞަތު ދިނުމަކީ، ފިރިހެނުންނަށް ލިބޭ އުނިކަމެއް ނޫންކަން. ފިރިހެނުންނަކަށް ވަކި އެއިން ކުރާނެ އަދި ވާނެ ގެއްލުމެއް ނެތް. ކުރާނީ ފައިދާ. އެއީ، އަންހެނުންނަކީވެސް ކުރިއަރާފައިވާ، ތަޢްލީމު ލިބިފައިވާ، ޤައުމަށް ވަފާތެރި، ޤައުމަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކުރާ ބަޔަކަށް ވެއްޖެނަމަ، އޭގެ ސަބަބުން ފިރިހެނުންނަށްވެސް ލިބޭނީ އިތުރު ކުރިއެރުމާއި ތަރައްޤީ. އެހެންވީމާ، މިކަން އަޅުގަނޑުމެން އެބަޖެހޭ މިގޮތުގެ މަތިން ބަލައިގަނެ، އެގޮތަށް މަސައްކަތް ކުރަމުން ގެންދަން.

އާދެ! ހަނިމާދުއަށް އައުމަކީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް ކަމުގައި އަދިވެސް އެއްފަހަރު ދަންނަވާލަން. އަދި މިއަދުގެ މިދަތުރުގައި އެހެން ބައެއް ކަންތައްތައްވެސް ހިމެނިފައި އޮތުމާއެކީގައި އަދި މިހާ ހޫނު ވަގުތެއްގައި ދެން މާދިގުކޮށް އަޅުގަނޑު ވާހަކަ ދައްކާކަށް ނެތިން. އެހެންވީމާ، ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަމުން، އަދި ހަނިމާދުއަށާއި ހދ. އަތޮޅަށާއި މުޅި ރާއްޖެއަށް އިތުރު ކުރިއެރުމާއި ތަރައްޤީ މާތްﷲ މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމުން، އަދި އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލައްވައި، އޭގެ ފައިދާ އަޅުގަނޑުމެންނަށް ދެއްކެވުން އެދި އިބްތިހާލުވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނަން. 

والســّلام عليــكم ورحـمــة اللّـه وبـركاتـه.