މާލެ ސިޓީއަށް ކުރިމަތިވެފައިވާ ދަތިތަކާ މާލެ ސިޓީގެ ޓްރެފިކްގެ މައްސަލަތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މާލެ ސިޓީކައުންސިލުގެ ކައުންސިލަރުންނާ މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުރީގެ ސަރުކާރުން ސިޓީ ކައުންސިލުގެ އަތުން ނަގާފައިވާ ބައެއް ބާރުތައް ސިޓީ ކައުންސިލަށް އަނބުރާ ހޯދައިދެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މާލެ ސިޓީގައި ހުރި ދަތިމައްސަލަތައް ޙައްލުކުރުމުގައި ކުރެވިދާނެ ކަންކަމާ، މާލޭގެ ތަރައްޤީއަށް މުހިންމު ބައެއް ކަންކަމާ ބެހޭގޮތުން ކައުންސިލަރުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޝްވަރާކުރެއްވިއެވެ. މި ކަންކަމުގެ ތެރޭގައި މާލެ ސާފުތާހިރު ސިޓީއެއްގެ ގޮތުގައި ބޭއްވުމާއި ވެހިކަލް ޕާކްކުރުމުގައި ހުރި ދަތިތަކާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ކުރަންހުރި ކަންކަމާ އަދި މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކަންކަން ފަހިވާނެ އިންތިޒާމުތައް ހަމަޖެއްސުމާއި ގުޅޭގޮތުންނާއި މާލެއަކީ ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށް، މާލެއަށް ބޭނުންވާ ތަރައްޤީގެ އެކިއެކި ކަންކަމާބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައި ވެއެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ އަދި ޑެޕިއުޓީ މޭޔަރާއި ކައުންސިލަރުން ވަނީ މާލެ ސިޓީގެ ތަރައްޤީއަށް ސިޓީ ކައުންސިލުން ކުރިޔަށް ރޭވިފައިވާ ޕްލޭންތަކާއި އަދި މިހާރު ކުރިޔަށްގެންދަވާ ބައެއް މަޝްރޫޢުތަކާއި ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން ސިޓީ ކައުންސިލުގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި އެންމެބޮޑަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ. އެގޮތުން ސިޓީ ކައުންސިލުގެ ބައެއް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ މުވައްޒަފުން ނެތުމުގެ މައްސަލަތަކާއި އިދާރީގޮތުން ހުރި ދަތިތަކާއި ބައެއް މަޝްރޫޢުތައް ކުރިޔަށް ގެންދެވުމުގައި މާލީ ގޮތުން ހުރި ދަތިތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ.