بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! މިރޭ މަރަދުއަށް އައިސް، މަރަދޫގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެނގިވަޑައިގަންނަވާނޭ ފަދައިން އިއްޔެ އަޅުގަނޑު މިފެށި ދަތުރަކީ، އައްޑުއަތޮޅުގައި މީހުންއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރުމަށް ފެށި ދަތުރެއް. ހަމައެޔާއެކީގައި ފުވައްމުލަކަށްވެސް ޒިޔާރަތްކޮށް، ފުވައްމުލަކުގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކުރުމަށްވެސް ކުރި ދަތުރެއް.

އާދެ! މިއަދު މީގެކުރިން ހެނދުނުން ފެށިގެން މެންދުރުފަހާ ޖެހެންދެން އަޅުގަނޑު ކުރީ އެމަސައްކަތް. ފުވައްމުލަކަށްގޮސް އެއަތޮޅުގެ ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ ހާލު އަހުވާލު ބަލައިލާ، އެމީހުންނަށް ދަތިވެފައިވާ ކަންތައްތަކުގެ އަޑުއަހާ، އެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ މަޢްލޫމާތު ހޯދައި، މިކަންތައްތައް އަޅުގަނޑު މިއަދު މިކުރީ.

މިރޭ އެންމެ ފުރަތަމަ އަޅުގަނޑު މިއައީ ތިޔަބޭފުޅުންގެ މިލޮބުވެތި ރަށަށް. މަރަދުއަށް. އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑު މީގެކުރިން ވަރަށްގިނަފަހަރު ވަނީ މިރަށަށްވެސް ޒިޔާރަތްކޮށްފައި. އެންމެފަހުން 2003 ވަނަ އަހަރު. އަޅުގަނޑަށް ވަޒަން ކުރެވޭ، ދެންމެ އަތޮޅުވެރިން އެވިދާޅުވި ވާހަކަފުޅު. އަތޮޅުވެރިންގެ ވާހަކަފުޅުގައި، ވަޞިއްޔަތެއް އަޅުގަނޑަށް ކުރެއްވި. އެއީ، ތިޔަބޭފުޅުންގެ ފަރާތްޕުޅުން ކުރެއްވި ވަޞިއްޔަތެއް ކަމުގައި އޭނާ އެ ވިދާޅުވީ. އެއީ، ރަށަކީ ވަރަށް މީސްގިނަ، އެހެން ނަމަވެސް ބިންކޮޅު ކުޑަ ރަށެއް ކަމަށް. އަދި ރަށުގެ ރައްޔިތުންނަށް އިތުރު ތަނަވަސްކަން ހޯދުމަށްޓަކައި، އިތުރު ބިން ބޭނުންވާ ކަމަށް.

އާދެ! ދަންނަވަން ބޭނުންވާ ވާހަކައަކީ، މިކަހަލަ ކަންތައްތަކަކީ އެކަންކަމަށް ސަރުކާރުން ވަރަށް ބޮޑަށް ވިސްނާނެ ކަންތައްތަކޭ. ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ކުރިމަތިވެފައިވާ ދައްޗެއްކަން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. ބިމުގެ ދަތިކަން އެއީ. ގޯތިގެދޮރުގެ ދަތިކަން. މިއީ، މުޅި ޤައުމަށް ދިމާވެފައިވާ ވަރަށްބޮޑު މައްސަލައެއް. އެމައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ތަފާތު މަސައްކަތްތައް، ވޭތުވެދިޔަ ތާނގައިވެސް ވަނީ ކޮށްފައި. މިހާރުވެސް ކުރަމުން އެބަގެންދޭ. އެހެންވީމާ، ދެންމެ އަތޮޅުވެރިން އެ ވިދާޅުވި ވާހަކަފުޅަށް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވިސްނާވަޑައިގެން، ހައްދަވައިދެއްވެން އޮތް އެންމެ ރަނގަޅު ގޮތެއް ހައްދަވައިދެއްވާނެކަން އަޅުގަނޑަށް އެނގޭ.

އާދެ! މިރޭގެ ޕްރޮގްރާމް ހަމަޖެހިފައި އޮތްގޮތުން، މާދިގު ވާހަކަތަކެއް ދެއްކުމުގެ ފުރުޞަތެއް ނެތްހެން އަޅުގަނޑަށް ހީވަނީ. އެއީ، މިރަށް ނޫނަސް، އެހެން ދެރަށަކަށް ޒިޔާރަތް ކުރަން އަޅުގަނޑަށް އެބަޖެހޭ. އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލަންވެސްޖެހޭ.

ދެން ދަންނަވާލަން އޮތީ، މިއަހަރުވެސް މިރަށަށް ބައެއް ކަންތައްތައް ސަރުކާރުން ކޮށްދެވޭތޯ މިހާރު އޮތީ މަސައްކަތް ފަށާފައޭ. ނުވަތަ އެކަންވަނީ ބަޖެޓުގައި ހިމެނިފައޭ. އޭގެތެރެއިން އެއްކަމަކީ، މިރަށުގެ ބަނދަރު އިތުރަށް ތަރައްޤީ ކުރުން. ބަނދަރުގެ ފެންވަރު ރަނގަޅުކޮށްދިނުން. އަނެއްކަމަކީ، ޞިއްޙީ މަރްކަޒަށް އިތުރު ބައެއް ހަދައިދިނުން. އެއީ، އެތަންވެސް މިހާރު ތިޔަބޭފުޅުންގެ ބޭނުންފުޅުތަކަށް ފުދޭވަރަށްވުރެ ކުޑަވެފައިވާތީ. މިކަންތައްތަކަކީ މިއަހަރު އިރާދަކުރެއްވިއްޔާ ސަރުކާރުން ކުރިއަށް ގެންދާނެ ކަންތައްތައް.

އާދެ! މިނޫނަސް މުޅި އަތޮޅަށް ސަރުކާރުން ކުރަން ނިންމާފައިވާ ކަންތައްތަކެއް އެބަހުރި. އެވާހަކަތައް ކޮންމެހެން މިރޭ ދެންނެވުމުގެ ބޭނުމެއް އޮތް ކަމަކަށް ނުދެކެން. އަތޮޅުގެ ހުރިހާ ރައްޔިތުންނާ ބައްދަލުކުރުމަށް، ރޭ ހިތަދޫގައި ބޭއްވުނު ޖަލްސާގައި، މިވާހަކަތައް ވަނީ ދެކެވިފައި. އެހެންވީމާ، އެކަމަކަށް އަޅުގަނޑު ނުދާނަން.

ކޮންމެއަކަސް މަރަދުއަށް އައުމުން، މަރަދޫގެ ވެރިންނާއި ރައްޔިތުންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، އަދި ލޮބުވެތި ކިޔަވާ ކުދިންނާއި، މިހުރިހާ އެންމެންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށްވެސް ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އަތޮޅުވެރިންގެ ވާހަކަފުޅުގައި ދެންމެ ވިދާޅުވި، ތިޔަބޭފުޅުން އެދިވަޑައިގަންނަވަނީ، އަހަރަކު އެއްފަހަރު އަޅުގަނޑު އައްޑުއަތޮޅަށް ޒިޔާރަތްކުރާށޭ. ޙަޤީޤަތުގައި އަޅުގަނޑުވެސް ބޭނުން ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ހަމަ ކޮންމެ އަހަރަކުވެސް ދާން. އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނެ އެއީކީ މާފަސޭހަ ކަމަކަށް ނުވާނެ.

ކުޑަކުޑަ ވާހަކައެއް ދަންނަވާލާނަން. އެއީ، ތިޔައިގެ ތެރެއިން ވަރަށްގިނަ ބޭފުޅުންނަކީ، އުމުރުގެ ގޮތުން ވަރަށް ހަގު، މީގެ ތިރީހަކަށް އަހަރު ކުރީގެ ހަނދާންތައް އެއްގޮތަކަށްވެސް ނުހުންނާނެ ނުވަތަ އެދުވަސްވަރު ދުނިޔޭގައި ނުވެސް ތިއްބަވާނެ ބޭފުޅުން. ދަންނަވާލަން މިއުޅޭ ވާހަކައަކީ، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ޙަވާލުވެގެން އެންމެ ފުރަތަމަވެސް ހިތަށްއެރީ ރާއްޖޭގައި މީހުންއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރުމަކީ، އަޅުގަނޑު ކުރަންޖެހޭނެ ކަމެކޭ. އެހެން ހިތަށް އަރައިގެން އެމަސައްކަތް ފެށީ، އަޅުގަނޑު ރައީސްކަމާ ޙަވާލުވިތާ ތިންމަސް ދުވަހުގެ ތެރޭގައި. 1979 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު އަޅުގަނޑު އެދަތުރު ފެށީ. އެމަޤްޞަދުގައި ފެށި ދަތުރު އަޅުގަނޑަށް ނިންމާލެވުނީ ކިހާ ދުވަހަކުންތޯ؟ އެއްމަސްދުވަހުންތޯ؟ ދެމަސްދުވަހުންތޯ؟ އެއްއަހަރުންތޯ؟ ދެއަހަރު ދުވަހުންތޯ؟ ރާއްޖޭގައި މީހުންއުޅޭ ހުރިހާ ރަށަކަށް އެއްބުރު އަޅުގަނޑަށް ޖަހާލެވުނީ، ބަރާބަރު ހަތަރު އަހަރު ދުވަހުގެ ތެރޭގައި.

އާދެ! އެއީ ކޮންމެ ރަށަކަށް ގޮސް، ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، ރަށުގެ ކަންތައްތައް ހުރިނެތްގޮތް ބަލާލައި، މިހެން ހަދަން ވަގުތުތަކެއްދޭ. ހަމައެޔާއެކީގައި، އަބަދު ދަތުރުކުރުމުގައި އުޅޭކަށްވެސް ވަގުތެއްނޯވޭ. ބައިވަރު ކަންތައްތައް، ސަރުކާރުން ނިންމަންޖެހޭ މުހިންމު ކަންތައްތައް ހުރޭ. އަޅުގަނޑު އޮފީހުގައި ކުރަންޖެހޭ އެހާ ބައިވަރު މަސައްކަތް އެބަހުރޭ. ބޭރުޤައުމުތަކާ ގުޅުން ބަދަހިކުރަންޖެހޭ. ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ އެހީތައް ހޯދަން މަސައްކަތް ކުރަންޖެހޭ. މިހެންގޮސް މިމަގާމުގައި ހުންނަ މީހަކު ކުރަންޖެހޭ މަސައްކަތްތައް ގިނަކަމުން، ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް އެއްފަހަރު ޒިޔާރަތްކޮށް އަޅުގަނޑަށް ނިންމުނީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި.

އެހެންވީމާ، އެނގިވަޑައިގަންނަވާނެ އަޅުގަނޑު ކިތަންމެ ބޭނުންވިޔަސް، އެއްއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް އަޅުގަނޑަކަށް ޒިޔާރަތެއް ނުކުރެވޭނެކަން. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެއްޗަކީ، އިރާދަކުރެއްވިއްޔާ ވަގުތު ލިބުނުހާ ގިނައެއްކޮށް އަޅުގަނޑު އަތޮޅުތަކަށް ޒިޔާރަތްކުރާނަމޭ. ރާއްޖޭގައި ވަރަށްގިނަ އަތޮޅު އެބައޮތް. 20 އަތޮޅު އެބައޮތް. މީހުން ދިރިއުޅޭ 198 ރަށް އެބައޮތް. އެހެންވީމާ، މިއިން ކޮންމެ ރަށެއްގެ ރައްޔިތުންވެސް ބޭނުންވާނެކަންނޭނގެ އަޅުގަނޑު އެމީހުންގެ ރަށަށް ޒިޔާރަތް ކޮށްލަން. އެމީހުންނާ ބައްދަލުކޮށްލަން. އެމީހުންގެ ހާލު އަހުވާލު ދެކެލަން. އެހެންވީމާ، މިއީ އަޅުގަނޑުގެ ކޮނޑުގައި އެޅިފައިވާ ވާޖިބަކަށްވާތީ، އަޅުގަނޑަށް ވެވުނު އެންމެ ގިނައެއްކޮށް އަތޮޅުތަކަށް ޒިޔާރަތްކުރަން ޤަޞްދުކުރާ ވާހަކަ ދަންނަވަން. އެހެން ނަމަވެސް، ވަރަށް ހިތާމައާއެކު ދަންނަވަންޖެހެނީ، އަތޮޅުވެރިން އެވިދާޅުވިހެން އަހަރަކު އެއްފަހަރު، އައްޑުއަތޮޅަށް އައުމަކީ ހަމަ ވެދާނެ ކަމެކޭ ހިތަކަށްނާރައޭ. ވަރަށް ބޮޑަށް މަޢާފް ކުރައްވާ. އެހެން ނަމަވެސް، އެއީ ހަމަ މަސައްކަތް ހުންނަގޮތުންނާއި، ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ގިނަކަމުން ކުރެވިދާނެ ކަމެއް ކަމަށް ހަމަ ނުފެންނާތީ. އެހެން ނަމަވެސް މިނޫން ފުރުޞަތުތަކުގައިވެސް، މިދެންނެވީ ކޮންމެހެން ވަކި ކަމެއް ކުރަން ނޫނަސް، ބައެއްފަހަރަށް އެބަ ޒިޔާރަތް ކުރެވޭ އެކިދިމަދިމާއަށް. އެހެންވީމާ، އެގޮތުގެ މަތިންވެސް އަޅުގަނޑަށް ފުރުޞަތެއް ލިބިއްޖިއްޔާ އައްޑުއަތޮޅަށް ޒިޔާރަތްކުރާނެ ވާހަކަ ދަންނަވާލަން.

އާދެ! މިރަށަށް އައުމުން، މިރަށުގެ ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި އިޚްލާޞްތެރި ހޫނު މަރްޙަބާއަށްޓަކައި، އަދިވެސް އެއްފަހަރު ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑު އެދެނީ، މަރަދޫގެ ރައްޔިތުންނަށް، ފާގަތިކަމާއި ތަނަވަސްކަމާއި ބާއްޖަވެރިކަން. ތިޔަ ހުރިހާ ބޭފުޅުންނަށް މާތްﷲ ފުރިހަމަ ޞިއްޙަތު ދެއްވާށި! އަދި ތިޔަބޭފުޅުންގެ ދިރިއުޅުން ތަނަވަސްކުރުމަށް ތިޔަ ކުރައްވާ މަސައްކަތްތަކުގައި ބަރަކާތް ލައްވާށި! އަދި ތިޔަބޭފުޅުން އެދިވަޑައިގަންނަވާ އުންމީދުތައް ޙާޞިލު ކުރުމުގެ މަގުފަހިކުރައްވާށި! އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.