بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! އަޅުގަނޑު އައްޑުއަތޮޅަށް މިކުރާ ދަތުރުގައި، މަރަދޫފޭދުއަށް އައުމަކީ، މިރޭ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. އަދި މިރަށަށް އައިސް މިރަށުގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބުނު އަދި އެއަށްވުރެވެސް ބޮޑު އުފަލެއް.

އާދެ! ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތް ކުރުމަކީ، އަޅުގަނޑު ރައީސްކަމާ ޙަވާލުވީއްސުރެ ފެށިގެން، ކުރަމުން އަންނަ ކަމެއް. ވަރަށްގިނަފަހަރު އަޅުގަނޑަށް މިރަށަށްވެސް މިވަނީ އެގޮތުން އާދެވިފައި. އަދި އައްޑުއަތޮޅަށްވެސް ވަރަށްގިނަފަހަރު ޒިޔާރަތް ކުރެވިފައި. މިހުރިހާ ދަތުރެއްގެވެސް ބޭނުމަކީ، އެރަށްރަށުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކޮށްލުން. އެބޭފުޅުންގެ ހާލު އަހުވާލު ބަލާލުން. އެބޭފުޅުން ދިރިއުޅުއްވުމަށް ކުރައްވާ މަސައްކަތްތަކަކީ ކޮބައިތޯ އަދި އެބޭފުޅުން ސަރުކާރުން ބޭނުންފުޅުވަނީ ކޮންކަންތައްތަކެއްތޯ ބަލާލުން. ދެން އެކަމާބެހޭ މަޢްލޫމާތު ހޯދުމަށްފަހުގައި، ސަރުކާރުން ރަށުގެ ތަރައްޤީއަށާއި ކުރިއެރުމަށް އަދި ރަށުގެ ހަމަޖެހުމާއި މީހުންގެ ތަނަވަސްކަން އިތުރުކުރުމަށް ކުރެވެން އޮތް މަސައްކަތްތައް ކުރަމުން ގެންދިޔުން.

މިގޮތުން އަޅުގަނޑު ރައީސްކަމާ ހަވާލުވީއްސުރެ ފެށިގެން އާދެ! 1978 ން ފެށިގެން މިހާތަނާ ޖެހެންދެން މިމަސައްކަތް މިއައީ ކުރަމުން. އަޅުގަނޑުގެ މިމަސައްކަތުގައި، ވަރަށްގިނަ ބޭފުޅުންގެ އެހީތެރިކަން އަޅުގަނޑަށް ވަނީ ލިބިފައި. އެއީ، އަޅުގަނޑާ އެކީގައި މަސައްކަތް ކުރައްވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން. އެގޮތުން ދަންނަވާލަން ބޭނުންވަނީ، އެންމެގިނަ ދުވަހު އަތޮޅުތަކާބެހޭ ވުޒާރާ ހިންގަވައިދެއްވި ވަޒީރު، މިހާރު ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ކޮށްދެއްވާފައިވަނީ، ވަރަށް އަގުހުރި ޚިދްމަތްތަކެކޭ. ވަރަށްދިގު ޒަމާންތަކެއް ވަންދެން އެމަނިކުފާނު ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައި، ހުރިހާ ރަށްރަށުގެ މީހުންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ މީހުންނަށާއި އެރަށްރަށުގެ ތަރައްޤީއަށް ވަނީ ވަރަށްގިނަ ޚިދްމަތްތަކެއް ކޮށްދެއްވާފައި. އަދި އޭގެއިތުރުން، އެމަގާމު ފުރުއްވި ކޮންމެ ބޭފުޅަކުވެސް، އެބޭފުޅެއްގެ ދައުރުގައި އަގުހުރި ޚިދްމަތްތަކެއްވަނީ ކޮށްދެއްވާފައޭ. އަދި މިހާރުގެ މިނިސްޓަރ އަލްފާޟިލް މުޙަންމަދު ވަޙީދުއްދީންވެސް މަސައްކަތް ފަށްޓަވައިގެން ކުރިއަށް އެގެންދަވަނީ. އެހެންވީމާ، މިހުރިހާ ބޭފުޅުން އެކުރައްވާ މަސައްކަތްތަކުގެ ސަބަބުން، އަތޮޅުތަކަށް ވަރަށްބޮޑެތި ދިރުންތަކެއް މިހާރުވެސް ވަނީ ލިބިފައި. އަދި އިތުރަށް ލިބެމުންވެސް އެބަދޭ.

ކޮންމެއަކަސް، މިކަހަލަ ދަތުރުތައްކޮށް އަދި އަޅުގަނޑުގެ އިތުރަށް އެކިއެކި ވަޒީރުން އަތޮޅުތަކަށް ވަޑައިގެން، އަތޮޅުގެ ކަންތައްތައް ހުރިނެތްގޮތް ބައްލަވާލައްވައި، ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތައް އަވަސްގޮތެއްގައި ލިބޭނެ ގޮތްތައް ހަމަޖައްސަވައިދެއްވުމަކީ، ޝައްކެއްނެތްގޮތުގައި އަތޮޅުތަކުގެ ރައްޔިތުން އަދި ރަށްރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންފުޅުވާނެ ކަމެއް.

އާދެ! މިރޭ އަޅުގަނޑު މިރަށަށް އައުމަށް ހަމަޖެހިފައިވުމާ އެކީގައި، މިރަށުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ތިޔަވިދާޅުވީވެސް ވަރަށް ހޫނު މަރްޙަބާއެއް. އަދި މިތަން ތައްޔާރު ކުރައްވާފައި ތިޔަވަނީ، ވަރަށް ފުރިހަމަ ގޮތެއްގައި. ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައިވެސް އެ އިޝާރާތް ކުރެއްވި ފަދައިން، މިފަދަ ބޮޑެތި މަސައްކަތްތަކެއް ތިޔަބޭފުޅުން ކުރައްވާފައި މިވަނީ، ތިޔަބޭފުޅުންގެ ހިތްޕުޅުގައި، ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަމުގެ ބޮޑުކަމުންކަން އަޅުގަނޑު ފުރިހަމައަށް ޤަބޫލުކޮށް، އެކަމަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ! ތަރައްޤީގެ މަގުގައި އަޅުގަނޑުމެން ކުރިއަށްދާއިރު، އެކިފަހަރު އެކި ހަރުފަތް އަޅުގަނޑުމެން ގިރާކުރަމުން ދަނީ. ކޮންމެ ހަރުފަތެއް ގިރާކުރުމަށްފަހުގައި، ޖެހިގެން އޮންނަ ހަރުފަތް ގިރާކުރުމަށް އެބަ ބޭނުންވޭ. ބޭނުންވާންވެސް ޖެހޭނެ. އެގޮތުން އެއްވެސް ރަށެއްގެ ރައްޔިތުންނަކީ، އެރަށެއްގައި ހުރި ކަންތައްތަކުން ފުދިގެން ނުވަތަ އެހާހިސާބުން ހިތްޕުޅު ހަމަޖެހޭނެ ބައެއްވެސް ނޫން. އެއީ، ތަރައްޤީގެ ގޮތް. އިންސާނީ ޠަބީޢަތު. އަޅުގަނޑުމެންނަށް ކުރެވޭ ކަންތައްތައް ކުރުމަށްފަހުގައި، އިތުރަށް ބޭނުންވާ ކަންތައްތަކުގެ ވާހަކަ ދެއްކޭނެ. އިތުރަށް ބޭނުންވާ ކަންތައްތަކެއް ހުންނާނެ. އެކަންތައްތައް ކުރަންވެސް ޖެހޭނެ. އެހެންވީމާ، އެގޮތުން އަތޮޅުތަކަށް މިއަންނަ ކުރިއެރުން އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން މިދަނީ. އަދި އިތުރުވުމަށްފަހުގައިވެސް، އަދި ރައްޔިތުން އިތުރަށް ބޭނުންވާ ކަންތައްތަކެއް ހުރީމާ އެގޮތުގެ މަތިން މަސައްކަތް ކުރެވެމުން މިދަނީ.

އާދެ! މިރޭގެ މިބައްދަލުވުމަށްފަހުގައި، އަދިވެސް އަޅުގަނޑުގެ ޕްރޮގްރާމްގައި އެހެން ކަމެއް ހަމަޖެހިފައި އޮތުމާ އެކީގައި، މާގިނަ ވާހަކަތަކެއް ދައްކާކަށް ނެތިން.

އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މަރަދޫފޭދޫގެ ރައްޔިތުންނަކީ، ސަރުކާރަށް ވަރަށް އިޚްލާޞްތެރި ބަޔެކޭ. ވަރަށްގިނަ ގޮތްގޮތުން ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ބަޔެކޭ. ވަރަށް ހީވާގި މުރާލި ބަޔެކޭ. އަދި ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތްތަކުގެ އަގު ސަރުކާރުން ވަޒަން ކުރެއޭ. އިރާދަކުރެއްވިއްޔާ މަރަދޫފޭދުއަށާއި، އައްޑުއަތޮޅަށާއި އަދި ރާއްޖޭގެ ރައްޔިތުންގެ ފައިދާއާއި ލާބައަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދާނެއޭ.

އާދެ! އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް، އެކަލާނގެ ފޮނުއްވި މަތިވެރި ހިދާޔަތުގައި ފައިތިލަ ސާބިތު ކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން. މާތްވެގެންވާ އިސްލާމްދީނަށް ޙުރްމަތްތެރިކޮށްހިތާ، އިސްލާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަންތައްކޮށް، އިސްލާމީ އުޚުއްވަތްތެރިކަން އަޅުގަނޑުމެންގެ މެދުގައި ބަދަހިކޮށް، ޤާއިމުކޮށް، އަޅުގަނޑުމެންނަކީ އެކުވެރި އެއްބައިވަންތަ ރައްޔިތެއް ކަމުގައި ލެއްވުން. އަދި އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ، މާތްﷲ އަޅުގަނޑުމެންނަށް ދެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.