بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ! އަޅުގަނޑު އައްޑުއަތޮޅަށް މިކުރާ ދަތުރުގައި، މިރޭ ފޭދުއަށް އައުމަކީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. އަދި ޚާއްޞަކޮށް، ފޭދޫގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށްލުމަކީ އަޅުގަނޑަށް ލިބުނު އަދި އެއަށްވުރެވެސް ބޮޑު އުފަލެއް.

އަޅުގަނޑު މިރޭ މިތަނަށް އައުމުން، ފޭދޫގެ ވެރިންނާއި އަދި ފޭދޫ ކޮމިޓީތަކުގެ މެންބަރުންނާއި، ފޭދޫ ސްކޫލްގެ ހިންގުންތެރިންނާއި، ޓީޗަރުންނާއި، ދަރިވަރުންނާއި، ޙަޤީޤަތުގައި ފޭދޫގެ ހުރިހާ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ފޭދުއަކީ، ތަރައްޤީގެ ރޮނގުގައި ހަރުފަތްތަކެއް ގިރާކުރަމުންދާ ހީވާގި ރައްޔިތަކު ދިރިއުޅޭ ރަށެއް. ފޭދޫގެ ކަންތައްތައް އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީވެ، ކުރިއެރުމުގައި، ފޭދޫ ރައްޔިތުންގެ ޙިއްޞާ ވަރަށްބޮޑު. އެހެންވީމާ، މިކަން މިގޮތަށްދާތީ، ފޭދޫގެ ރައްޔިތުންނަށް އަޅުގަނޑު މަރްޙަބާ ދަންނަވައި، ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތުގައި އިތުރަށް ކުރިއަށް ވަޑައިގަތުމަށް ހިތްވަރު އަރުވަން.

އަޅުގަނޑު ރާއްޖެތެރެއަށް ނުވަތަ އަތޮޅުތަކަށް މިކުރާ ދަތުރުތަކުގައި، ވީހާގިނަ ރަށަކަށް ދެވޭތޯ ބަލަން. އެރަށްރަށަށް ގޮސް، އެރަށްރަށުގެ ރައްޔިތުންގެ ހާލު އަހުވާލު ބަލައިލާ، އެމީހުން ތަރައްޤީގެ މަގުގައި ކުރަމުން ގެންދާ މަސައްކަތްތަކުގެ މަޢްލޫމާތު ހޯދައި، އަދި ދަތިވާ ކަންތައްތަކެއް ހުރިއްޔާ، އެކަންތައްތައް ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރުމަކީ، އަޅުގަނޑު މިދަތުރުކުރާ އެންމެބޮޑު ބޭނުން. އެންމެބޮޑު މަޤްޞަދު. މިގޮތުން، މީގެކުރިންވެސް ފޭދުއަށް އެތައްފަހަރަކު އަޅުގަނޑު ވަނީ ޒިޔާރަތް ކޮށްފައިކަން މިރަށުގެ ވަރަށްގިނަ ލޮބުވެތި ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ. އެކަން އޮންނާނީ ދެކެވަޑައިގެންފައި.

އާދެ! މިރޭގެ ޕްރޮގްރާމް ވަރަށް ދިގުކޮށް މިދަނީ. އެހެންވީމާ، އަޅުގަނޑު މާ ދިގުވާހަކައެއް ދައްކާކަށް ނެތިން. އެހެން ނަމަވެސް، ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ބައެއް ކަންތައްތައް ކުރުމުގެ މަގު އިރާދަކުރެއްވިއްޔާ ތަނަވަސްވެގެންދާނޭ. އޭގެތެރެއިން އެއްކަމަކީ، މިރަށުގައި ފެރީ ޓަރމިނަލެއް ހެދުން. އެކަމަކީ، ރަށުގެ ތަރައްޤީއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއްކަން ސަރުކާރަށް ޤަބޫލުކުރެވޭ. ދަތުރުފަތުރު ކުރުމުގެ މަގު ތަނަވަސްކުރުމާއި ފަސޭހަކުރުމަށްޓަކައި ފެރީ ޓަރމިނަލެއް ހުރުމުގެ ބޭނުންތެރިކަން ބޮޑުކަމުން އެކަން މިހާރު ކުރާ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށް ދަންނަވާލަން.

އާދެ! އަނެއް ކަމަކީ މިސްކޫލަށް ރަނގަޅު ފެންވަރެއްގެ ހޯލެއް ބޭނުންވެފައިވާތީ، އެކަންވެސް އިރާދަކުރެއްވިއްޔާ ބަޖެޓުގައި ހިމެނިގެން ކުރިއަށްދާނެ ވާހަކަ ދަންނަވާލުން.

މިރަށަކީ އާބާދީ ބޮޑު ރަށަކަށްވެފައި، ޞިއްޙީ ޚިދްމަތްތައްވެސް އެކަށީގެންވާ ފެންވަރެއްގައި ލިބެންޖެހޭ ތަނަކަށްވާތީ، މިރަށުގެ ޞިއްޙީ މަރްކަޒަށްވެސް ބައެއް އިތުރު ކުރުމަށް ހަމަޖެހިފައިވާ ވާހަކަވެސް މިފުރުޞަތުގައި އުފަލާއެކު ދަންނަވާލަން.

އާދެ! ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން މިގެންދަނީ، ރައްޔިތުންނަށް ބޭނުންވާ ފަސޭހަތައް ޤާއިމުކޮށްދެވޭތޯ. އަދި އަބަދުވެސް އަޅުގަނޑުމެން ކުރިއަށްދާ ދިޔުމުގައި، އިތުރު ބޭނުންތައް ހުންނާނެތީ، އެ ބޭނުންތައްވެސް ފުއްދައިދެވޭތޯ! އެހެން ނަމަވެސް، ފޭދޫ ރައްޔިތުންވެސް ޤަބޫލު ކުރައްވާނެ ފަދައިން، އަޅުގަނޑުމެންނަކީ ކުޑަކުޑަ ޤައުމެއް. އަޅުގަނޑުމެންނަކީ ވަސީލަތްތައް މަދު ޤައުމެއް. އަޅުގަނޑުމެން ބޭނުންވާ ހުރިހާ ކަމެއް، މާއަވަހަކަށް ކުރެވޭނެ ތަނަވަސްކަމެއް އަޅުގަނޑުމެން އަތަކު ނުހުރޭ. އެހެން ނަމަވެސް، ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށްދާ ދިޔުމުގައި، ރާއްޖެއަށް ލިބޭ އާމްދަނީވެސް އިތުރުވަމުންދާތީ، އެގޮތުން ކުރިން ނުކުރެވި ހުންނަ ނުވަތަ ކުރަން ބޭނުންވެފައި ނުކުރެވި ހުންނަ ކިތަންމެ ކަމެއް، އިރާދަކުރެއްވިއްޔާ މިހާރު އެބަކުރެވޭ. އަދި މުސްތަޤްބަލުގައިވެސް ކުރެވެމުންދާނެ.

އެގޮތުން، މިއަހަރަށް ސަރުކާރުން ކަނޑައެޅި ބަޖެޓު، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެބަޖެޓަކީ ދިވެހި ތާރީޚުގައި މިހާތަނަށް ކަނޑަނޭޅޭހާ ބޮޑު ބަޖެޓެއް. 12 ބިލިޔަން ރުފިޔާގެ ބަޖެޓެއް. އޭގެ ބޮޑު ބަޔަކީވެސް ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތައް ޤާއިމުކޮށްދެވޭތޯ މަސައްކަތް ކުރުން. ހުރި ޚިދްމަތްތައްވެސް، އެހުރި ފެންވަރަށްވުރެ ރަނގަޅު ކުރުމަށް މަސައްކަތް ކުރުން. އެއީ، އޭގެ ސަބަބުން ރައްޔިތުންނަށް އިތުރު ލުއިފަސޭހަ ލިބި، ތަރައްޤީގެ މަގުގައި ރައްޔިތުން ކުރައްވާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެތީ.

އެހެންވީމާ، މިކަން މިގޮތަށް ކުރިއަށްދާ ވާހަކަ ދަންނަވާލައި، އަދި އަޅުގަނޑުމެން، ތަރައްޤީގެ މަގުގައި މަސައްކަތް ކުރަމުންދާއިރު، އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އޮތުމުގެ ބޭނުންތެރިކަން ބޮޑުކަމުގެ ވާހަކަވެސް ދަންނަވާލަން ބޭނުންވޭ. މިވާހަކައަކީ، ހަމައެކަނި މިރޭ އަޅުގަނޑު ދަންނަވާ ވާހަކައެއް ނޫން. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން، އެންމެ ފުރަތަމަ ރާއްޖޭގެ ރަށްރަށަށް އަޅުގަނޑު ޒިޔާރަތް ކުރަން ފެށިއިރުއްސުރެ ފެށިގެން މިހާތަނާ ޖެހެންދެންވެސް ކެނޑިނޭޅި އަޅުގަނޑު މިއަންނަނީ މިވާހަކަ ދައްކަމުން. އެއީ، ފަހަރެއްގައިވެސް އެއްވެސް ކަމެއް ދިމާވެގެނެއް ނޫން. އެހެން ނަމަވެސް، އެއީ އަޅުގަނޑުމެން ޤަބޫލުކުރާ އުޞޫލަކަށްވާތީ. އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީ. އަޅުގަނޑުމެންގެ މެދުގައި އެއްބަނޑުއެއްބަފާކަން އޮންނަން ޖެހޭނެ ވާހަކައާއި، އިސްލާމީ އުޚުއްވަތްތެރިކަން ހަރުދަނާވެފައި އޮންނަންޖެހޭނެ ވާހަކައާއި، އެންމެންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އޮންނަންޖެހޭނެ ވާހަކަ މިއީ އަޅުގަނޑު އަބަދުވެސް ދައްކާ ވާހަކައެއް. އަޅުގަނޑުގެ އިތުރުން ސަރުކާރުގެ ހުރިހާ ބޭފުޅުންވެސް މިވާހަކަ ތަކުރާރުކޮށް ދައްކަވާނެ. އެއީ، މިކަމުގެ މުހިންމުކަން ބޮޑުކަމުން.

އަޅުގަނޑުމެންގެ ރާއްޖެއަކީ، އެހެން ތަންތަނާ ޚިލާފަށް ކުޑަޤައުމަކަށްވެފައި، އަދި އަޅުގަނޑުމެންގެ ރާއްޖޭގެ އެންމެންނަކީ މުސްލިމުން ކަމަށްވާއިރު، އަޅުގަނޑުމެން މިކަމަށް ދޭންޖެހޭ ސަމާލުކަން އެހެން ޤައުމުތަކުގެ މީސްމީހުން ދޭންޖެހޭ ސަމާލުކަމަށްވުރެ މާބޮޑު. އެހެންވީމާ، އަޅުގަނޑުމެން ކުރިއަރަމުންދާއިރު، އަދި އިޞްލާޙީ ބަދަލުތަކެއް އަޅުގަނޑުމެންގެ ތެރެއަށް އަންނަމުންދާއިރުވެސް، އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ މިއޮތް އެއްބަނޑުއެއްބަފާ ކަމާއި އެކުވެރިކަމަށް އެއްވެސް ބަދަލެއް އައިސްގެނެއް ނުވާނެކަން އަޅުގަނޑެކޭ އެއްފަދައިން، ތިޔަބޭފުޅުންވެސް ޤަބޫލު ކުރައްވާނެ.

އިޞްލާޙަށް ބޭނުންވާއިރު، އިޞްލާޙު ގެންނަންޖެހޭނީ އޮމާންކަމާއެކީގައި. ޤާނޫނީ ހަމަތަކުގެ މަތިން، ޤާނޫނުގެ ތެރޭގައި. އިޞްލާޙު ގެނައުމުގެ ނަމުގައި އަޅުގަނޑުމެން ޤައުމުގައި ހަމަނުޖެހުން އުފައްދައިގެން ނުވާނެ. އެއްބަޔަކު އަނެއްބަޔަކާ ދިމާކޮށް، އަޅުގަނޑުމެންގެ ތެރޭގައި އެކަކުވެސް ދެކެން ބޭނުން ނުވާކަހަލަ ހިތާމަވެރި ޙާދިސާތަކެއް ހިނގައިގެނެއް ނުވާނެ. އެކަން އެހެންނުކޮށް، އަޅުގަނޑުމެންނަށް ހުރިހާކަމެއްވެސް ކުރެވޭނެ އިރާދަކުރެއްވިއްޔާ. މާތްﷲ އަންގަވާފައިވާ ގޮތުގެ މަތިން، އެއްބައިވަންތަ ބަޔެއްގެ ގޮތުގައި ތިބެގެން. އަޚުންތަކެއްގެ ގޮތުގައި ތިބެގެން. އެންމެން ގުޅިގެން މަސައްކަތް ކޮށްފީވިއްޔާ، އެކަލާނގެ އަޅުގަނޑުމެންނަށް، އަޅުގަނޑުމެންކުރާ މަސައްކަތުގައި މަދަދު ދެއްވާނެ. އެކަލާނގެ ބަރަކާތް ލައްވާނެ. އެމަސައްކަތުގެ ނަތީޖާ، އަޅުގަނޑުމެންނަށް އަވަސް މަގަކުން ދައްކަވާނެ.

އެހެންވީމާ، މިވާހަކަ ދަންނަވާލުމަށްފަހުގައި، ފޭދޫ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި މިއަތޮޅުގެ އަތޮޅުވެރިންނާއި، ރަށްރަށުގެ ވެރިން، ރައްޔިތުންގެ ޚިދްމަތުގައި އެކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވައި، އަޅުގަނޑުމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ތެދުވެރި ހިދާޔަތުގައި އަބަދުގެ އަބަދަށް ނުވަތަ އަޅުގަނޑުމެން ދުނިޔޭގައި ތިބިހާ ދުވަހަކު ފައިތިލަ ސާބިތުކޮށްގެން ތިބޭ އަދި ހެޔޮބަސްއަހާ، ހެޔޮބަސް ޤަބޫލުކުރާ، ރައްޔިތުންގެ ފައިދާއަށާއި ލާބައަށް މަސައްކަތްކުރާ ބަޔަކު ކަމުގައި اللّـه سبحـانـه وتعـالى ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.