بســم اللَّـه الرّحمـن الرّحيــم

الحمـدلِلَّه ربّ العـالمـين، والصّـلاة والسّـلام عـلى أشرف المرسلين سيّدنا محمّد وعلى آله وأصحابـه أجمعـين.

އާދެ! އަޅުގަނޑު އައްޑުއަތޮޅަށް ކުރާ ދަތުރުގައި މިހާރު އައިސް މިހިރީ ތިޔަބޭފުޅުންގެ ލޮބުވެތި ރަށުގައި. އަޅުގަނޑު މިހާރު މިބައްދަލުކުރަނީ އައްޑުއަތޮޅުގެ ހުޅުދޫ ރައްޔިތުންނާއި އަދި މީދޫ ރައްޔިތުންނާ.

މިއަދު އަޅުގަނޑު މިރަށަށް އައުމުން، މިއަތޮޅުގެ އަތޮޅުވެރިންނާއި، ހުޅުދޫ ރައްޔިތުންނާއި، މީދޫ ރައްޔިތުންނާއި، ވެރިންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، ޕްރިންސިޕަލުންނާއި، ޓީޗަރުންނާއި، ކިޔަވާ ކުދިންނާ، މިހުރިހާ ބޭފުޅުންގެ ފަރާތުން އަޅުގަނޑަށް ލިބިގެން މިދިޔައީ ވަރަށްވެސް ހޫނު ތަރުޙީބެއް. އަޅުގަނޑަށް ތިޔަ ވިދާޅުވީ ވަރަށް އިޚްލާޞްތެރި މަރްޙަބާއެއް. އެހެންވީމާ، އެކަމަށްޓަކައި ހުޅުދޫ ރައްޔިތުންނަށާއި މީދޫ ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި އަޅުގަނޑަށް އެނގިފައިވާގޮތުގައި މިދަތުރަށް ރަށް ތައްޔާރުކުރެއްވުމުގެ ގޮތުން ތިޔައިގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ރޭ ތިއްބެވީ ހަމަ ހޭފުޅު ލައްވާ. އަދި މިހާތަނާ ޖެހެންދެން އެއްވެސް އަރާމެއް އަވަހާރަފުޅު ލެއްޕެވުމެއްނެތި.

އާދެ! އަޅުގަނޑު ދާ ވަރަށް ގިނަ ރަށްރަށުގައި އެކަން ދިމާވަނީ އެހެން. އިއްޔެ އަޅުގަނޑު ފުވައްމުލަކަށް ދިޔައިމާ ފުވައްމުލަކުގެ ބައެއް ބޭފުޅުންވެސް ވިދާޅުވި، ރަށުގެ އިންތިޒާމުތައް ވީހާ ރަނގަޅަށް ތައްޔާރުކުރެއްވުމަށްޓަކައި ކުރީ ރޭ، ހުރިހާ ބޭފުޅުން ތިއްބެވީ ހޭފުޅުލައްވައޭ. އެއްވެސް ބޭފުޅަކު އަވަހާރަފުޅު ނުލައްޕަވައޭ. އަޅުގަނޑު ވަރަށް ދެރަވި.

މީގެކުރިން އަޅުގަނޑު ކުރި ދަތުރުތަކުގައިވެސް، ކޮންމެ ރަށެއްގެ ރައްޔިތުންނާ މުޚާޠަބުކޮށްވެސް އަޅުގަނޑު ދައްކާ ވާހަކައިގައި ދަންނަވަމުން ގެންދާ ވާހަކައެއް މިދަންނަވާލަނީ. އެއީ، އަޅުގަނޑު ރާއްޖޭގެ އެއްވެސް ރަށަކަށްދާތީ، އެރަށެއްގެ ރައްޔިތުން މާބޮޑެތި މަސައްކަތްތަކެއް ކުރައްވާކަށް އަޅުގަނޑު ނޭދެމޭ. އެއްވެސް ކަހަލަ ބުރައެއް، ތަކްލީފެއް އުފުއްލަވާކަށެއް ނޭދެމޭ. ތިޔަބޭފުޅުން ދިރިއުޅުއްވުން ތަރައްޤީކުރެއްވުމަށް، އާމްދަނީ ހޯއްދެވުމަށް، ތިޔަ ކުރައްވާ މަސައްކަތަށް ބުރޫއަރާ ކަހަލަ އެއްވެސް ކަމެއް ނުކުރައްވާށޭ. އަޅުގަނޑު، ތިޔަބޭފުޅުންގެ އަރިހަށް މިއަންނަނީ، ތިޔަބޭފުޅުންގެ ޚާދިމެއްގެ ގޮތުގައޭ. އަޅުގަނޑު ބޭނުންވަނީ ތިޔަބޭފުޅުންނާ ބައްދަލުކޮށްލާށޭ. ތިޔަބޭފުޅުންގެ ހާލުއަހުވާލު ބަލާލާށޭ. ތިޔަބޭފުޅުންނަށް ދިމާވާ ދަތިތަކަކީ ކޮބައިތޯ ބަލާށޭ. އަދި އެކަންތައްތައް ހައްލުކުރުމަށް އަޅުގަނޑަށް ކުރެވެން އޮންނާނީ، ކޮންކަންތައްތަކެއްތޯ ދެނެގަންނާށޭ. އަޅުގަނޑު މިހެން ދަންނަވަން.

އެހެންނަމަވެސް، ރަށްރަށުގެ ރައްޔިތުން އެގޮތަށް ހިތްޕުޅު ހަމަޖެހިވަޑައެއްނުގަންނަވާ. ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައިވެސް އެވިދާޅުވީ ރަށްތައް ތައްޔާރުކުރައްވައި މިހާ ޒީނަތްތެރިކުރައްވައި މިހައްދަވަނީ، ފަހަރެއްގައިވެސް އަތޮޅުވެރިޔާގެ ހައިސިއްޔަތުން އޭނާ އެންގެވި އެންގެވުމަކަށް ނޫނޭ. އެއީ، ރައްޔިތުން އަމިއްލައަށް އެދިވަޑައިގެން ހިތުން ރުހުމުން އަމިއްލައަށް ބޭނުންފުޅުވެގެން ކުރައްވާ ކަންތައްތަކެކޭ.

އާދެ! އެއީ ހަމަ ޙަޤީޤަތެއްކަމަށްވާތީ އަޅުގަނޑު ހުޅުދޫ ރައްޔިތުންނާއި މީދޫ ރައްޔިތުންނާއި އަދި އަޅުގަނޑު ޒިޔާރަތްކުރި އައްޑުއަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނާއި އަދި ފުވައްމުލަކުގެ ރައްޔިތުންވެސް ކުރައްވާފައިވާ މަސައްކަތްޕުޅުތައް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޤަބޫލުކޮށް، އަދިވެސް އެއްފަހަރު ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ މިދަތުރުގައި އެންމެފަހުން ރައްޔިތުންނާ ބައްދަލުކޮށްލައި ވާހަކަދައްކާ މުނާސަބަތަކީ، މިއީ ކަމަށްވާނެ. އެހެންވީމާ، ހަމަ ދެތިން ވާހަކައެއް ދަންނަވާލަން ބޭނުންވާތީ އަޅުގަނޑު ވާހަކަ ކުރިއަށް ގެންދާނަން.

އެއް ވާހަކައަކީ، އައްޑުއަތޮޅުގެ ރައްޔިތުންނަކީ ތަރައްޤީއަށް އަބަދުވެސް ލޯބިކުރައްވާ ރައްޔިތެއްކަން އާދެ! މިއީ، އަޅުގަނޑުމެންނަށް ސާބިތުވާންހުރި ކަމެއް. އަތޮޅުވެރިންގެ ވާހަކަފުޅުގައި އިއްޔެވެސް ވިދާޅުވި ހަނދާން އަޅުގަނޑު އެބަހުރި. ރާއްޖޭގެ ތަޢްލީމީ މީހުންގެ ތެރެއިން އައްޑުއަތޮޅުގެ މީހުން ވަރަށް ގިނަވާނެއޭ. ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދީ މަސައްކަތުގައި އުޅުއްވާ ބޭފުޅުންގެ ތެރެއިން އައްޑުއަތޮޅުގެ ބޭފުޅުން ވަރަށް ގިނަވާނެއޭ. އަދި މީގެކުރިންވެސް ކަންތައް އޮތީ އެހެން. އަޅުގަނޑުމެން ހަނދާން ހުންނަން ފެށުމުގެ މާކުރިންވެސް، އައްޑުއަތޮޅަކީ ރާއްޖެއަށް މަޝްހޫރު އަތޮޅެއް. އެއީ ތަޢްލީމުގެ މަރްކަޒެއް. ރާއްޖޭގައި އުފެއްދި ވަރަށްގިނަ މަޝްހޫރު ޢިލްމުވެރިން އުފަންވެވަޑައިގެންފައިވަނީ މިއަތޮޅަށް. އަދި ތަޢްލީމު ހާސިލު ކުރައްވައިގެން އެބޭފުޅުންވަނީ ރާއްޖެއަށް ގިނަގުނަ ޚިދްމަތްތަކެއް ކޮށްދެއްވާފައި.

އަދި އޭގެފަހުންވެސް، އަޅުގަނޑުމެންގެ ތަޢްލީމާއި ޞިއްޙަތާއި އެހެން ޚިދްމަތްތަކާ ވިޔަފާރިއާއި އިޤްތިޞާދާއި މިހުރިހާ ކަންކަމުގައިވެސް އައްޑުއަތޮޅު ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑު. އެބޭފުޅުންގެ ޙިއްޞާ ވަރަށް މުހިންމު. އެހެންވެ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، ކުރިއެރުމުގެ ރޫޙު މިހާ އަށަގެންފައިވާ ރައްޔިތަކު ދިރިއުޅުއްވާ އަތޮޅަކަށް އައްޑުއަތޮޅުވާތީ، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް މަރްޙަބާ ދަންނަވަން.

އާދެ! ރާއްޖެ ކިތަންމެ ކުޑަޔަސް ރާއްޖޭގެ އާބާދީ މިދަނީ ބޮޑުވަމުން. އަޅުގަނޑު ހަނދާން ހުރޭ އަޅުގަނޑު ކުޑައިރު މަޖީދިއްޔާ ސްކޫލުގައި އުޅުނުއިރު، އަޅުގަނޑުމެން ކިޔެވި ފޮތެއް. އެއީ، ކުރީގެ ރައީސް ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ހައްދަވާފައި އޮތް ރާއްޖެއާބެހޭ ޖޯގްރަފީ މަޢްލޫމާތު ހިމެނޭ ފޮތެއް. އެފޮތުގައި އޮންނަނީ ރާއްޖޭގެ ރައްޔިތުންގެ އަދަދަކީ 82,000 ކަމަށް. މިހާރު ތިންލައްކައަށްވުރެ ގިނަވެއްޖެ.

އަޅުގަނޑުމެންގެ އާބާދީ މިދަނީ ބޮޑުވަމުން. އާބާދީ އިތުރުވަމުންދާ ދިޔުމުގައި އެންމެ ގިނައީ ކުޑަކުދިންނާއި ޒުވާނުން. އެއީ، އެކަންވާނެވެސްގޮތް. އެހެންވީމާ، ކުޑަކުދިން ތަޢްލީމު ހާސިލުކޮށް ނިމުނީމާ، އަދި ޒުވާނުން ތަޢްލީމު ހާސިލުކޮށް ނިމުނީމާ، އުފެއްދުންތެރި ޙަޔާތެއް ވޭތުކުރުމުގެ ފުރުޞަތު އެމީހުންނަށް ހޯދައިދޭން އެބަޖެހޭ. އެފުރުޞަތަކީ ވަޒީފާ އަދާކުރުމުގެ ފުރުސަތު. އެއީ، ސަރުކާރުގެ ވަޒީފާއަކަށްވިޔަސް ނުވަތަ އަމިއްލަ ކުންފުންޏެއްގެ ވަޒީފާއަކަށްވިޔަސް ނުވަތަ ތިމާ އަމިއްލައަށް ކުރާ މަސައްކަތަކަށްވިޔަސް، ކޮންމެ ޒުވާނަކުވެސް ވަޒީފާއެއްގައި ހުރުމަކީ ނުވަތަ ވަޒީފާއެއް އަދާކުރުމަކީ ވަރަށް މުހިންމު ކަމެއް.

ވަޒީފާ ނެތް ގިނަ ބަޔަކު ތިބޭ ކޮންމެ ތަނެއްގައި އޮންނާނީ ހަމަ ނުޖެހުން އުފެދިފައި. އަދި ވަޒީފާއަކީ، ކޮންމެ އިންސާނެއްގެވެސް ޙައްޤެއް. އަދި ކޮންމެ ރައްޔިތެއްގެވެސް ޙައްޤެއް. އެކަން އެބަޖެހޭ ސަރުކާރުން ހަމަޖައްސަވައިދެވޭތޯ ބަލަން. މިގޮތުން، ދިވެހި ޒުވާނުންނަށް، ދިވެހި ރައްޔިތުންނަށް، ވަޒީފާގެ ފުރުޞަތު އިތުރުކޮށް ދިނުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ.

އޭގެތެރެއިން ވަރަށް މުހިންމު އެއް މަސައްކަތެއްގެ ވާހަކަ އަޅުގަނޑުގެ ކުރިން ވާހަކަފުޅުދެއްކެވި ބޭފުޅުން ވިދާޅުވެއްޖެ. އާދެ! އެއީ ހެރެތެރެ ތަރައްޤީކުރުން. އެތާނގައި ޓޫރިސްޓް ރިޒޯޓެއް އުފެއްދުން. އާދެ! މިކަން މިކުރައްވަނީ އެމް.ޓީ.ޑީ.ސީ. ގެ ފަރާތުން.

އެހެންވީމާ، އެމް.ޓީ.ޑީ.ސީ. އެއީ، ދިވެހި ރައްޔިތުން ބައިވެރިވާ ފަތުރުވެރިކަން ތަރައްޤީކުރާ ކުންފުނި. އެކުންފުނީގެ ފަރާތުން ހެރެތެރެ ހައްދަވަނީ. އެކުންފުނީގެ އިސްވެރިންނަށް މިތިއްބެވީ އަލްފާޟިލް ޗަމްޕާ ޙުސައިން ޢަފީފާއި، އަލްފާޟިލް މުޙަންމަދު ޞާލިޙާ ދެބޭފުޅުން. އަދި އަޅުގަނޑުގެ އިޤްތިޞާދީ ކަންތަކާބެހޭ މަޝްވަރާ މަޖިލީހުގެވެސް އިސް ދެމެންބަރުން. އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް އެކިއެކި ސަބަބުތަކާ ހެދި މިތަނަށް ވަޑައިނުގެންނެވުނީ. އެއްބޭފުޅަކީ، އަލްފާޟިލް މުޙަންމަދު ޢުމަރު މަނިކު. މިދަތުރުގައި ވަޑައިގަތުމަށް އޭނާއަށް އަޅުގަނޑު ދަޢްވަތު އެރުވިން. އެހެންނަމަވެސް، އޭނާގެ ޞިއްޙީ ހާލުކޮޅު ހުރިގޮތުން ވަޑައިގަންނަވަން ދަތިފުޅުކަމަށް ވިދާޅުވި.

ކޮންމެއަކަސް މިބޭފުޅުން މިކުރައްވަނީ ވަރަށް މުހިންމު މަސައްކަތެއް. އެތާނގެ މަސައްކަތް ބަލާލަން ދިޔުމުގެ ފުރުޞަތު އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑަށް ލިބޭނެ. އެބޭފުޅުން ވިދާޅުވާގޮތުގައި، ވަރަށް އަވަހަށް އެރިޒޯޓު ތަރައްޤީ ކުރައްވައި އެރިޒޯޓު ހުޅުއްވާނެ. އެކަން އެގޮތަށް ހަމަޖެހުނީމާ، އެއީ އައްޑުއަތޮޅުގެ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވެގެންދާނެ ކަމަކަށްވާނެ. ދެންމެ ވަޙީއްދީނުގެ ވާހަކަފުޅުގައި އެވިދާޅުވިހެން ތިޔަބޭފުޅުންވާނެ ވަޒީފާ އަދާކުރައްވަން ތައްޔާރުވެވަޑައިގަންނަވަން. އެކަމާބެހޭ ހުނަރުތައް ހާސިލުކުރައްވަން. އެއީ، މިޒަމާނުގައި ވަޒީފާ އަދާކުރުމަކީ، ދަސްކޮށްގެން ނޫނީ ނުވާނެ ކަމެއް. ކޮންމެ ވަޒީފާއަކަށްވެސް މީހާ ޖެހޭ އަހުލުވެރިވާން. އަހުލުވެރިނުވެ ވަޒީފާއެއް ފުރިހަމަ ގޮތުގައި އަދައެއްނުކުރެވޭނެ. އޭނާގެ ބޭނުމެއްވެސް ނުފުދޭނެ.

އެހެންވީމާ، އައްޑުއަތޮޅުގެ ރައްޔިތުންގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި ޚިދްމަތްކުރައްވަން ޝައުޤުވެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންވެސް، އެކަމަށް ތައްޔާރުވެވަޑައިގެން މިވަޒީފާތަކަށް ކުރިމަތިލެއްވުމަކީ، އަޅުގަނޑު ހިތުން އެބޭފުޅުންނަށާއި، އެބޭފުޅުންގެ އާއިލާތަކަށާއި، މުޅި އަތޮޅަށްވެސް ފައިދާ ކުރާނެކަމެއް.

އާދެ، މިގޮތުން އަޅުގަނޑުގެ މިދަތުރުގައިވެސް ދެމަޝްރޫޢެއް މިހާރުވަނީ އިފްތިތާޙުކޮށްދެވިފައި. އެއީ، އެއް މަޝްރޫޢަކީ އައްޑޫ މަސްވެރިކަމުގެ އެކުވެނި އިފްތިތާޙުކުރުން. އެއީ، އެތާނގައި ފުރަތަމަ މިފްކޯގެ ފަރާތުން މަސްގަނެ ފިނިކޮށް ބަހައްޓާނެ ގުދަނެއް ހެދުމާއި، އަދި އެތަނަކީ، ފަހުން މަސްވެރިކަމުގެ ތަފާތު މަސައްކަތައް ކުރެވޭ ތަނަކަށް އެތަން ހެދުމާއި، އެކިކަހަލަ އުފެއްދުންތައް ތައްޔާރުކޮށް އެކްސްޕޯޓް ކުރާތަނަކަށް ހެދުމާ މިކަންކަމަށްޓަކައި އުފެއްދެވި ތަނެއް އެއީ. ޝައްކެއްނެތް ވަރަށް މުހިންމު ކަމެއް. އޭރުންވެސް ވަރަށް ގިނަ ބަޔަކަށް ވަޒީފާގެ ފުރުޞަތު ލިބޭނެ. ހަމައެއާއެކީގައި، މުޅި އަތޮޅަށްވެސް، ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ފައިދާތަކެއް އެކަމުން ލިބެމުންދާނެ.

ދެން އަނެއްކަމަކީ އެމް.ޓީ.ސީ.ސީ.ގެ ސަރަޙައްދީ އޮފީހާއި ފެރީ ޓަރމިނަލް އިފްތިތާޙުކޮށްދިނުން. އެއީވެސް، ހަމަ އޭގެ ސަބަބުން ވަރަށް ގިނަގުނަ ފައިދާތަކެއް މިއަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމެއް.

ކޮންމެއަކަސް މި ދެންނެވި މަޝްރޫޢުތަކުގެ މަސައްކަތްތައް ހިނގައިގަތީމާ އޭގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ފައިދާތަކެއް ލިބި އަދި އަތޮޅުގެ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ. އަދި އިޤްތިޞާދީގޮތުން ކުރިއަށް ދިޔުމުގެ މަގުވެސް ތަނަވަސް ވެގެންދާނެ.

އާދެ! އަޅުގަނޑު މިދަތުރުގައި ވާހަކަ ދައްކަންޖެހޭ ބައެއް ފަހަރުފަހަރު އަޅުގަނޑުގެ ކުރިން ވާހަކަ ދައްކަވާ ބޭފުޅަކަށް މިވަނީ، މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން. ވަޙީދުއްދީންގެ ވާހަކަފުޅުގައި، އަޅުގަނޑުގެ ހިތުގެ ވަރަށް ޚާއްޞަ ނާރަކާ އަބަދުވެސް ކޮށްޓަވާލައްވާ. އެހެންވީމާ، އެކޮށްޓަވާ ކޮށްޓަވާ ލެއްވުމުގެ ސަބަބުން، އަޅުގަނޑުގެ ހިތުގައި ތަފާތު ޝުޢޫރުތަކެއް އުފެދިގެންދޭ. އެކަމާބެހޭގޮތުން ބައެއް އެއްޗެތި ދަންނަވަންވެސް ބޭނުންވޭ. އެހެންވީމާ، އަޅުގަނޑުގެ ވާހަކަ ކުޑަކޮށް ދިގުވާ ކަމަށްވަންޏާ އަޅުގަނޑަށް މަޢާފުކުރެއްވުން އެދެން.

އާދެ، އޭނާ އެ ވިދާޅުވީ މީގެކުރިން މިރަށުގައި އުޅުއްވިއިރުގެ ވާހަކަ. ވަރަށް ކުރީގެ ވާހަކައެއް އެވިދާޅުވީ. ކޮންމެއަކަސް، އަޅުގަނޑަށް މި ރަށަށް، ހުޅުދުއަށް، މީދުއަށް އެންމެ ފުރަތަމަ އާދެވިފައިވަނީ 1974 ވަނަ އަހަރު. އެއީ، މީގެ 33 އަހަރު ކުރިން. އަދި އަޅުގަނޑު މިމަގާމާ ހަވާލުވުމުގެ ކުރިން. އޭރު މިއަތޮޅު އޮތް ހާލަތާއި މިހާރު މިއަތޮޅު އޮތް ހާލަތާ ވަރަށް ތަފާތު ބޮޑު. އެކަމަކު އެވާހަކަ ދައްކަން އެންމެ އެކަށީގެންވާ މީހަކީ، އަޅުގަނޑު ކަމަކަށް އަޅުގަނޑު ނުދެކެން. އޭރުކަންތައްތައް ހުރިގޮތާ، މިހާރު އައިސްފައި އޮތް ބަދަލަށް ވަޙީދުއްދީންވެސް އިޝާރާތް ކުރައްވައިފި.

ކޮންމެއަކަސް، ވަޙީދުއްދީނަކީވެސް އޭނާގެ އަމިއްލަފުޅު މަސައްކަތުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައިވާ ބޭފުޅެއް. ކުރިން މުދައްރިސެއްގެ ވަޒީފާ އަދާކުރެއްވި ކަމަށް އެވިދާޅުވި. ފަހުން އިޤްތިޞާދީ ދާއިރާއަށް ވެދެވަޑައިގަންނަވައިގެން ރާއްޖޭގައި ތިއްބެވި އިޤްތިޞާދީ މާހިރުންގެ ތެރެއިން ވަރަށް ބޮޑު މާހިރަކަށް މިހާރުވަނީ ވަޙީދުއްދީނު ވެވަޑައިގެންފައި. އަޅުގަނޑު ހަނދާން އެބަހުރި ބަނޑޮސް ސަރުކާރަށް ލިބުނީމާ، ސަރުކާރުން އެތަން ހިންގަން ފެށިއިރު ބަނޑޮސް ހިންގުން ހަވާލުކުރީ އޭރުގެ ވަރަށް ޒުވާން އަދި މިހާރުވެސް ޒުވާން ވަޙީދުއްދީނާ. އޭރު ވަރަށް ބޮޑު މުސާރައަކަށް. އެމުސާރައިގެ އަޑު އިވިއްޖިއްޔާ އަޅުގަނޑުމެން ފިތްކަނޑައިގެންދާހާ ބޮޑު މުސާރައަކަށް އޭރު ވަޙީދުއްދީނާ އެތަން ހަވާލުކުރީ. އެއީ ދެހާސް ރުފިޔާ. ކޮންމެއަކަސް ފުރަތަމަ އެތާނގެ މެނޭޖަރެއްގެ ގޮތުން ވަޙީދުއްދީން އެތަނާ ހަވާލުވެވަޑައިގެން މަސައްކަތްތަކެއް ކުރައްވައި ހައްދަވާފައި، ތަރައްޤީކުރައްވާފައި، ފަހުން ކުރިމަތިލައްވައިގެން ސަރުކާރުން ވަޙީދުއްދީނަށް އެރިޒޯޓު އެއޮތީ އަރުވާފައި. މިހާރު ވަޙީދުއްދީނުގެ ތަނެއް އެއީ. އޭނާ އެ ހިންގަވަނީ. އެހެންވީމާ، ވަރަށް އަމިއްލަފުޅު މަސައްކަތުން ކުރިއަށް ވަޑައިގެންނެވި ބޭފުޅެކޭ ދަންނަވާލަން އަޅުގަނޑު ބޭނުންވީ.

ހަމައެއާއެކީގައި ވަޙީދުއްދީނަކީ ދެންމެ އެވިދާޅުވި އިސްލާމީ އުސޫލު ހިފަހައްޓަވާ ބޭފުޅެއް. އެވިދާޅުވީތާ މާތްﷲ އަށް ޝުކުރު އަދާކުރުމަކީ ޖެހިގެން ހުންނަ މީހާއަށް އިޙްތިރާމްކުރުމޭ. ތިމާއަށް ﷲ ދެއްވާފައިވާ އެއްޗަކުން އެހެން މީހަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމޭ. ވަޙީއްދީނު އެހެން އެބަހައްދަވާ. އޭނާ މިތާ އިންނަވަނިކޮށް މިވާހަކަ މާދިގުކޮށް ދައްކާކަށް ފަސޭހައެއްވެސްނޫން. އެހެންނަމަވެސް، އެނގިވަޑައިގަންނަވާނެ ވަޙީދުއްދީނަކީ، ރާއްޖޭގެ އިޖްތިމާޢީ ކަންތައްތަކުގައި ވަރަށް ގިނަ އަދަދަކަށް ފައިސާ ހޭދަކުރައްވައި، އަމިއްލަފުޅު ޖީބުން މީސްމީހުންނަށް ވަރަށް ގިނަ އެހީތައް ދެއްވައި، އިޤްތިޞާދީގޮތުން ކުރިއަށް ވަޑައިގެންފައި ތިއްބެވި ބޭފުޅުންނަށާއި އަދި ތަނަވަސްކަމުގެ އަހުލުވެރިންނަށް އެގޮތުން ވަރަށް ރަނގަޅު މިސާލެއް ދައްކަވާދެއްވާ ބޭފުޅެއް. އެކަމަށްޓަކައި ވަޙީދުއްދީނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! ހުޅުދުއާއި މީދޫގައި މިއަހަރު ސަރުކާރުން ކަންތައްތަކެއް ކުރާގޮތަށް ހަމަޖެހިފައިއޮތްކަން އަޅުގަނޑަށް ހީވަނީ ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެހެން. އެއްކަމަކީ، ހުޅުދޫ ރައްޔިތުންނަށާއި މީދޫ ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ މަރްކަޒެއް ޤާއިމްކުރުން. އާ ހެލްތު ސެންޓަރެއް ޤާއިމްކުރުން. އިރާދަކުރެއްވިއްޔާ މާ ލަހެއްނުވެ މިހެލްތު ސެންޓަރުގެ މަސައްކަތް ފެށޭނެ. ހަމައެއާއެކީގައި، ރަށު އޮފީހެއް އިމާރާތްކުރުންވެސް މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވޭ. އަޅުގަނޑު އުންމީދުކުރަނީ އެކަންތައްވެސް މާލަހެއްނުވެ ފެށޭނެކަމަށް. މީގެއިތުރުން، މީދޫ ޒުވާނުންގެ މަރްކަޒު ތަރައްޤީކުރުމާއި، ހުޅުދުއާއި މީދޫގެ ފުޓްބޯޅަދަނޑު ރަނގަޅު ކުރުމާއި، މީދޫގެ ބަނދަރު ތަރައްޤީކުރުންވެސް މިއަހަރުގެ ބަޖެޓުގައިވަނީ ހިމެނިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިހުރިހާ ކަންތައްތަކެއް ފުރިހަމަވެގެން ދިޔައިމާ، އޭގެސަބަބުން ހުޅުދޫ ރައްޔިތުންނަށާއި މީދޫ ރައްޔިތުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިވަޑައިގަންނަވާނެ. އެބޭފުޅުންނަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިވަޑައިގަތުމުގެ މަގު ފަހިވެގެންދާނެ.

އާދެ! ކުރިންވެސް ދެންނެވިފަދައިން މި މުނާސަބަތަކީ، މިއަދު މިވަގުތު އަޅުގަނޑު ތިޔަބޭފުޅުންނާ މުޚާޠަބުކޮށް މިދައްކާ ވާހަކަޔަކީ، މިދަތުރުގައި އައްޑުއަތޮޅު ރައްޔިތުންނާ މުޚާޠަބުކޮށް ދައްކާ އެންމެފަހު ވާހަކަކަމަށް ވާނެތީ ދަންނަވާލަން ބޭނުންވަނީ ކުރީރޭ އަޅުގަނޑު ހިތަދޫގައި ދެއްކި ވާހަކައިގައި ސަރުކާރުން ކަންތައްތައް ގެންގުޅޭ އުސޫލާއި ކުރިއަށް ރާވާފައިވާ ރޭވުންތަކާއި މި އަތޮޅުގައި ހިންގާ ކަންތައްތަކުގެ ވާހަކަ ވަރަށް ތަފްސީލުކޮށް ވާނީ ދަންނަވާލާފައި. އެހެންވީމާ، އެވާހަކައަކަށް ދާކަށް އަޅުގަނޑު ބޭނުމެއްނޫން. ހަމައެކަނި ދެވާހަކައެއް ދަންނަވާލާނީ.

އެއް ވާހަކައަކީ، ވަޙީދުއްދީނުގެ ވާހަކަފުޅުގައިވެސް ވިދާޅުވި އަޅުގަނޑުމެން ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބުވާނީ އަޅުގަނޑުމެންގެ މެދުގައި ހަމަޖެހުން އޮވެގެންނޭ. އެއީ، ތަކުރާރުކޮށް އަޅުގަނޑުމެން ދައްކަން ބޭނުންވާ ވާހަކައެއް. ތަކުރާރުކޮށް އެންމެން އެންމެންނާ ޙިއްޞާކުރަންޖެހޭ ވާހަކައެއް. ހަމަޖެހުމާއި އަމަންއަމާންކަމާއި ސުލްހަމަސްލަހަތާއެކީގައި މަސައްކަތްކޮށްގެން ކުރާ އެއްވެސް މަސައްކަތަކުން ހެޔޮ ނަތީޖާއެއް ފެންނާނީ. އެނޫން ގޮތަކުންހެޔޮ ނަތީޖާއެއް ނުފެންނާނެ.

އެހެންވީމާ، އަޅުގަނޑުމެންގެ ތަޢްލީމު ކުރިއަރުވަން މަސައްކަތްކުރާއިރުވެސް، ޞިއްޙީ ޚިދްމަތްތައް ތަރައްޤީކުރަން މަސައްކަތްކުރާއިރުވެސް، އަދި މަސްތުވާތަކެތި ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް މަސައްކަތްކުރާއިރުވެސް، އަދި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރިއާ މިބާވަތުގެ މަސައްކަތް ކުރިއަރުވަން މަސައްކަތްކުރާއިރުވެސް، އެކަންކަމުން އަޅުގަނޑުމެންނަށް އެއްވެސްކަހަލަ ފައިދާއެއް ލިބޭނީ، އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުން އޮވެގެން. އަޅުގަނޑުމެންނަކީ، އަމަންއަމާންކަމަށް ލޯބިކުރާ ސުލްހަމަސަލަސްކަމަށް ލޯބިކުރާ ބަޔަކުކަމުގައި ވެގެން. ޚިޔާލުތަފާތުވިޔަސް އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުމެއް އުފެދުނަ ނުދީގެން. މިވާހަކަޔަކީ، ތަކުރާރުކޮށް ދައްކަންޖެހޭ ވާހަކައެއް. އެންމެން ޤަބޫލުކުރަންޖެހޭ ވާހަކައެއް. اللّه سبحانه وتعالى ގެ ރަޙްމަތްފުޅުން އިދާރަކުރެއްވިއްޔާ ރާއްޖޭގެ ކަންތައްތައްވެސް ވަރަށް ރަނގަޅަށް ހަމަޖެހެމުން މިދަނީ. އިޞްލާޙީ ޕްރޮގްރާމުގެ މަސައްކަތްވެސް ވަރަށް ބާރަށް އެބަހިނގާ. އެމަސައްކަތުގެ ނަތީޖާއެއްގެގޮތުން ވަރަށްގިނަ ކަންތައްތައް މިހާރުވަނީ ކާމިޔާބު ކުރެވިފައި. އަދި ކާމިޔާބު ކުރުމުގެ މަގުމަތީގައިވާ ކަންތައްތަކާ މެދުވެސް އެބަމަސައްކަތް ކުރެވެމުންދޭ. އަޅުގަނޑު އުއްމީދުކުރަނީ އެކަންތައްތައްވެސް މަގުޗާޓުގައިވާ ގޮތުގެމަތިން ކާމިޔާބުވެގެން ދާނެކަމަށް.

އެހެންވީމާ، މިހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާއިރު، އަޅުގަނޑުމެންނަކީ އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުވެފައިވާ ބަޔަކަށްވުމަކީ ހަމަ ކޮންމެހެން ބޭނުންކަމެއް. އަޅުގަނޑުމެންނަކީ، އެކަކު އަނެކަކަށް ކަމޭހިތާ ބަޔަކުކަމުގައި ވާންޖެހޭ. އަޅުގަނޑުމެންނަކީ އެކެއްގެ ޙައްޤުތަކަށް އަނެކަކު ރައްކާތެރިވާ ބަޔަކު ކަމުގައި ވާންޖެހޭ. އަޅުގަނޑުމެންނަކީ، އެކެއްގެ މަޞްލަޙަތަށް އަނެކަކު އިޙްތިރާމްކުރާ، ކަމޭހިތާ، އެޙައްޤުތައް ރައްކާތެރިކުރާ ބަޔަކަށްވާންޖެހޭ. އަޅުގަނޑުމެންނަކީ، އަބަދުވެސް ގުޅިގެން މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭ. މިއީ، ވަރަށް މުހިންމު ކަމެއް. ޚާއްޞަކޮށް އަޅުގަނޑުމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވީތީ، މިކަމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިއޮތް ވަރަށްބޮޑު މަސްއޫލިއްޔަތެއް. އެ އެންމެންގެވެސް ވާޖިބެއް.

އެކުވެރިކަމާއި އެއްބާރުލުމާއި އެއްބައިވަންތަން އުފެއްދުމަށް މަސައްކަތްކުރުމަކީ، ވަކި ސަރުކާރުން އެކަނި ކުރަންޖެހޭނެ ކަމެއްނޫން. ނުވަތަ ވަކިފަރާތަކުން އެކަނި ކުރަންޖެހޭނެ ކަމެއްނޫން. އޭގެތެރޭގައި، ކޮންމެ ފަރުދެއްގެ މަސްއޫލިއްޔަތުވެސް ހިމެނޭ. ކޮންމެ މީހަކުވެސް، އެމީހެއްގެ ދާއިރާގައި މިމަސައްކަތް ކުރަން އެބަޖެހޭ. މިއާ ޚިލާފަށް ޢަމަލުކުރާ މީހުންނަށް ނަސޭހަތްދީ، އިރުޝާދުދީ އެމީހުން މަގަށް އަޅުވަން އެބަޖެހޭ. އަޅުގަނޑުމެން ބޭނުންވާ ލަނޑުދަނޑިތަކާ ހަމައަށް ދެވޭނީ އަޅުގަނޑުމެން މިގޮތުގެމަތިން ޢަމަލުކޮށްގެން.

ދެން ދަންނަވާލަން އޮތް ވާހަކައަކީ، އަޅުގަނޑު އައްޑުއަތޮޅަށް މިއައި އައުމުގައި އައްޑުއަތޮޅު ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި އާދަޔާޚިލާފު، ލާމަސީލު ހޫނު މަރްޙަބާއަށްޓަކައި އަދިވެސް އެއްފަހަރު ހަމަޖުމްލަ ގޮތެއްގައި އައްޑުއަތޮޅުގެ ހުރިހާ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ވާހަކަ. އާދެ، އަޅުގަނޑުގެ މިޝުކުރުގައި އަތޮޅުގެ ހުރިހާ ފެންވަރެއްގެ ވެރިންނާއި، މުވައްޒަފުންނާއި، އަމިއްލަ ޖަމާޢަތްތަކާއި، ޒުވާނުންނާއި، އަންހެނުންނާއި، ފިރިހެނުންނާއި، ކުޑަކުދިންނާއި އެންމެން ބައިވެރިކުރަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ހެޔޮވިސްނުން ދެއްވައި، އަޅުގަނޑުމެންކުރާ ކަންތައްތަކުގައި އެކަލާނގެ ލާބައާއި މަންފާ ލެއްވުން. އަޅުގަނޑުމެންނަކީ، އަބަދުވެސް އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބި، އެދީނުގައި އަންގަވާފައިވާ އުސޫލުތަކަށް ކިޔަމަންވެ ބޯލަނބާ އަދި މާތް ﷲ ގެ މަގުގައި އަޅުގަނޑުމެން ތަރައްޤީގެ ކަންތައްތައްވެސް ކުރުމުގައި އެމަގަށް އިޙްތިރާމްކޮށްގެން ކުރާ ބަޔަކުކަމުގައި ލެއްވުން. އަދި އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ އަވަސް މަގަކުން މާތް ﷲ އަޅުގަނޑުމެންނަށް ދެއްކެވުން. މިވާހަކަ ދަންނަވާލުމަށްފަހު، ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވާލަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.