އެމެރިކާގެ ރައީސް ކަމުގެ މަގާމުގެ ހުވާކުރައްވައި، އެމަގާމާ އިއްޔެ ޙަވާލުވެވަޑައިގެންނެވި މިސްޓަރ ބަރަކް އޮބާމާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެމެރިކާގެ 44 ވަނަ ރައީސަށް ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް ހޫނު ތަހުނިޔާއެއް ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

އެމެރިކާގެ ރައީސް ކަމުގެ މަގާމާ މިސްޓަރ އޮބާމާ މި ޙަވާލުވެވަޑައިގަތީ، ދުނިޔެއަށް ވަރަށްގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ވަގުތެއްގައި ކަމަށާއި، އެމެރިކާގެ ރައީސް ކަމުގެ މަގާމަށް މިސްޓަރ އޮބާމާ ހޮވިވަޑައިގަތީއްސުރެ އެމެރިކާގެ ރައްޔިތުންނާއި އަދި މުޅި ދުނިޔެވެސް ގެންދިޔައީ ވަރަށް ބޮޑެތި އުންމީދުތަކެއް ކުރަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ރައީސް އޮބާމާގެ ޒަޢާމަތުގައި، އޭނާގެ ދުރު ވިސްނުންފުޅާއި ޙިކުމަތު ޢަމަލީގައި ބައިނަލްއަޤްވާމީ މުޖްތަމަޢަށް އިތުރު ފައިދާތައް ލިބެމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ދިވެހިރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، ބަރަކް އޮބާމާގެ ޒަޢާމަތުގައި އިތުރަށް ތަރައްޤީވެ، ކުރިއަރަމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެފައިވެއެވެ.