بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ! އަޅުގަނޑު މިއަދު ޝަމްސުއްދީން ސްކޫލަށް އައުމުން، ޝަމްސުއްދީން ސްކޫލްގެ ޕްރިންސިޕަލާއި އަދި ޓީޗަރުންނާއި، މުދައްރިސުންނާއި، މިސްކޫލްގެ ކިޔަވާ ކުދިންނާއި، ސްކޫލްގެ ކިޔަވާ ކުދިންގެ މައިންބަފައިންނާއި، ބެލެނިވެރިންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ތަޢްލީމަކީ އަޅުގަނޑުމެން ވަރަށްބޮޑު އިސްކަމެއް ދެމުން ގެންދާ ކަމެއް. އަޅުގަނޑުމެންނޭ މިދެންނެވީ، އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުން އެކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވާތީ. އަޅުގަނޑު ހަނދާން އެބަހުރި. އަޅުގަނޑު އެންމެ ފުރަތަމަ ރައީސްކަމާ ޙަވާލުވިއިރު، ރާއްޖޭގައި ހުރީ ވަރަށްމަދު ސްކޫލެއް. އަދި ބައެއް ރަށްރަށުގައި އެއްވެސް ސްކޫލެއް، މަކްތަބެއް، ކިޔަވައިދޭ ތަނެއް ނެތް. އޭރު މައިންބަފައިންވެސް، ބެލެނިވެރިންވެސް، އެއީ މާބޮޑު ކަމެއް ކަމަކަށް ދެކެވަޑައެއްނުގަންނަވާ. އޭރުގެ ޙާލަތު އޮތްގޮތް އެއީ. އެކަމަކު މިހާރު މުޅިން މިއޮތީ ޙާލަތު ބަދަލުވެފައި. މިހާރު ކޮންމެ މަންމަޔަކުވެސް، ކޮންމެ ބައްޕަޔަކުވެސް، އެމީހެއްގެ ދަރިންނަށް ރަނގަޅު ތަޢްލީމެއް ދިނުމަށް ބޭނުންވޭ. ކިތަންމެ ޚަރަދެއް ކޮށްގެންނަމަވެސް، ކިތަންމެބޮޑު ބުރައެއް އުފުލައިގެން ނަމަވެސް، އެކަށީގެންވާ ރަނގަޅު ތަރުބިއްޔަތަކާއި ތަޢްލީމެއް، ކުދިންނަށް ދިނުމަކީ، މިއަދުގެ މައިންބަފައިން އެންމެ އިސްކަންދެއްވާ ކަންތައް. ޝައްކެއްނެތް. އެއީ ވަރަށްބޮޑު ކުރިއެރުމެއް. ކޮންމެ ޤައުމެއްވެސް ތަރައްޤީވެގެންދާނީ، ރަނގަޅަށް ތަޢްލީމު ލިބިފައިވާ ބަޔަކު ތިބެގެން. އެހެންވީމާ، އެކަމަށްޓަކައި ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ އަދި އެހެން ގޮތްގޮތުންވެސް ކިޔަވާ ހުރިހާ ދަރިވަރުންގެ، ހުރިހާ ކުދިންގެ މައިންބަފައިންނަށާއި ބެލެނިވެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ރާއްޖޭގައި ތަޢްލީމު ފަތުރާ، ރާއްޖޭގައި ދެވޭ ތަޢްލީމުގެ ފެންވަރު މަތިކުރުމަށް، ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް މިގެންދަނީ ކުރަމުން. މުޅި ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނައީ، ސްކޫލްތަކަށްދާ ކުދިން. އެއިންވެސް ދައްކާ އެއްޗަކީ، މިހާރު އަޅުގަނޑުމެން ތަޢްލީމަށްދޭ އަހަންމިއްޔަތު. އޭގެ ބޮޑުކަން. އެކަން ޤަބޫލުކުރާ މިންވަރު. އެހެންވީމާ، މިއަދުގެ ކިޔަވާ ކުދިންވެސް އެކަން ވަޒަންކުރަން އެބަޖެހޭ. ކޮންމެ ކުއްޖަކީވެސް، އެކުއްޖަކަށް ލިބިފައިވާ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ކުރާ ކުއްޖަކަށްވާންޖެހޭ. ރަނގަޅު ތަރުބިއްޔަތެއް ލިބިގަންނަ ކުއްޖަކަށްވާންޖެހޭ. ރަނގަޅު، ރީތި ސިފަތަކަކާއި އާދަތަކެއް ދަސްކުރާ ކުއްޖަކަށް ވާންޖެހޭ. ރާއްޖޭގެ މުސްތަޤްބަލް އޮތީ، މިއަދުގެ ކުޑަކުދިންގެ އަތްމަތީގައި. މިއަދުގެ ޒުވާނުންގެ އަތްމަތީގައި. މިއަދުގެ ކުޑަކުދިންނާއި ޒުވާނުންނަކީ، މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރާ، ޤައުމަށް ވަފާތެރި، ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ، އަޚްލާޤު ރަނގަޅު ކުދިބަޔަކަށް ނުވަތަ ޒުވާނުންތަކަކަށް ވެއްޖެނަމަ، ޝައްކެއްނެތްގޮތުގައި އަޅުގަނޑުމެންގެ ރާއްޖެ ދާނީ ކުރިއަށް. ރާއްޖެ ޙާޞިލު ކުރާނީ، އެއްދުވަހުން އަނެއް ދުވަހަށް އިތުރު ތަރައްޤީތަކާއި ކުރިއެރުންތައް.

އެހެންވީމާ، އަޅުގަނޑުގެ މިއަދުގެ ނަޞޭޙަތަކީ، އަޅުގަނޑުމެންގެ ދަރިވަރުންނަށް، އަޅުގަނޑުމެންގެ ކިޔަވާ ކުދިންނަށް، ކޮންމެ ކުއްޖަކުވެސް، އެކުއްޖަކަށް ލިބިފައިވާ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށޭ. ކޮންމެ ކުއްޖަކީވެސް އިސްލާމްދީނަށް ލޯބިކުރާ، އިސްލާމްދީނަށް ޙުރްމަތްތެރިކޮށްހިތާ، އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ކަންތައްކުރާ، ފަރުޟު ފަސްނަމާދުކުރާ، މައިންބަފައިންނަށް ކަމޭހިތާ، ކިޔަމަންތެރިވާ، މުދައްރިސުންނަށް ކަމޭހިތާ، ކިޔަމަންތެރިވާ ކުއްޖަކަށްވާށޭ. ކޮންމެ ކުއްޖަކީވެސް އަޚްލާޤު ރަނގަޅު ކުއްޖަކަށްވާށޭ. ނުސީދާ މަގުން އެއްވެސް ކުއްޖަކު ނުދާށޭ. އަދި ތިޔަކުދިން ބޮޑެތިވެގެން އިޚްލާޞްތެރި ޚިދްމަތެއް ޤައުމަށް ކުރާ ކުދިބަޔަކު ކަމުގައި ތިޔަކުދިންވާށޭ. ރާއްޖެ ކުރިއަށް ގެންދަން ތިބީ ތިޔަކުދިންނޭ. ރާއްޖެ ފަހަތަށް ގެންދަން ތިޔަތިބީވެސް ހަމަ ތިޔަކުދިންނޭ. އެހެންވީމާ، ތިޔަކުދިން ޚިޔާރު ކުރާށޭ ތިޔަކުދިން ރާއްޖެ ގެންދަންޖެހޭނީ ކުރިއަށްތޯ؟ ފަހަތަށްތޯ؟ ތިޔަކުދިން ބޭނުންވަނީ ރާއްޖޭގައި އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ޤާއިމުވެފައި އޮންނަންތޯ؟ ތިޔަކުދިން ބޭނުންވަނީ ރާއްޖޭގައި ފިތުނައާއި ބައިބައިވުން އުފެދެންތޯ؟ ތިޔަކުދިން ބޭނުންވަނީ ދުނިޔޭގެ ކުރިމަތީގައި ރާއްޖެއަކީ އިސްލާމީ ޤައުމެއްގެ ގޮތުގައި އޮންނަންތޯ؟ ނުވަތަ އެނޫން ގޮތަކަށްތޯ؟ ތިޔަކުދިން ބޭނުންވަނީ ރާއްޖެއަކީ ކުދި ޤައުމުތަކުގެ ތެރެއިން ނަމޫނާ ޤައުމަކަށް ހަދަންތޯ؟ ތަޢްލީމީ ގޮތުންނާއި، އެނޫން ގޮތްގޮތުން ކުރިއަރާފައިވާ، އެންމެންވެސް ދިވެހިރާއްޖެއާ ދޭތެރޭގައި އެއީ ހާދަ ރަނގަޅު، ހާދަ ކުރިއަރާފައިވާ، ހާދަ ތަހުޒީބު ޤައުމެކޭ ބުނަންތޯ؟ މިކަން އޮތީ ތިޔަކުދިންގެ އަތްމަތީގައި.

އެހެންވީމާ، ރާއްޖޭގެ ހުރިހާ ކުޑަކުދިންވެސް މިކަމަށް ސަމާލުކަންދީ، މިގޮތަށް މަސައްކަތް ކުރުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް.

އާދެ! އަޅުގަނޑު މިއަދު ޝަމްސުއްދީން ސްކޫލަށް އައުމުން، އެސްކޫލްގެ ފަރާތުން ސްކޫލްގެ މެނެޖްމަންޓާއި، ސްޓާފާއި، ޓީޗަރުންނާއި، އަދި ސްކޫލްގެ ކުދިންނާއި، ކުދިންގެ ބެލެނިވެރިންގެ ފަރާތުން ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، އަދިވެސް އެއްފަހަރު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ މިދަތުރުގެ ކަންތައްތައް ރާއްވަވައި އިންތިޒާމު ކޮށްދެއްވުމުގައި، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް ޙުސައިން ސަޢީދު މުޙަންމަދު ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅުތަކަށްޓަކައި، އެމަނިކުފާނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ހަމައެޔާއެކީގައި، އޭނާގެ ބެއްލެވުމުގެ ދަށުން މަސައްކަތް ކޮށްދެއްވި އަތޮޅުއޮފީހުގެ އިސް މުވައްޒަފުންނާއި، ވެރިންނާއި، ރަށްރަށުގެ ވެރިންނާއި، ރަށްރަށުގެ މުވައްޒަފުންނާއި، އަދި ރަށްރަށުގެ ކޮމިޓީތަކާއި، ޢާންމުކޮށް އަތޮޅުގެ ހުރިހާ ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މާތް اللّـه ދިވެހިރާއްޖެއަށް ހެޔޮގޮތްތައް މިންވަރުކޮށްދެއްވާށި! ދިވެހިންނަކީ އިސްލާމީ ވަޙުދަތުގެ އަލީގައި ހިންމަތާއި މިންނަތާ އެކީގައި މަސައްކަތް ކޮށްގެން، އިޤްތިޞާދީ ގޮތުން ފުދުންތެރި، އިޖްތިމާޢީ ގޮތުން ކުރިއަރާފައިވާ، ރައްޔިތުންގެ މެދުގައި ހަމަޖެހުމާއި އަމަންއަމާންކަމާއި ޞުލްޙަމަޞްލަޙަތު ޤާއިމުވެފައިވާ ޤައުމެއް ކަމުގައި ލައްވާށި! އަޅުގަނޑުމެންކުރާ އެންމެހާ މަސައްކަތްތަކުގައި، އެކަލާނގެ އަޅުގަނޑުމެންނަށް ތައުފީޤު ދެއްވައި، މަގު ދައްކަވައިދެއްވާ ބަރަކާތް ލައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه.