1. ސުވާލު: މުޙަންމަދު ސަޢީދު މޫސާ ވަޖުދީ / ހަވީރު
ގިނަ ޕާޓީތަކުގެ ވެރިން، ޕާޓީތަކުގެ ވެރިންގެ ޙައިޘިއްޔަތުން ރާއްޖެތެރެއަށް ދަތުރުފުޅު ކުރައްވަމުން އެބަގެންދަވާ. އެކަމަކު މަނިކުފާނު މިހާތަނަށް އަދި އެކަހަލަ ދަތުރުފުޅެއް ކުރައްވާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އެހެންވީމާ، ކިހާ ހިސާބެއްގައިތޯ އެކަހަލަ ދަތުރުފުޅެއް ކުރައްވާނީ؟

ރައީސުލްޖުމްހޫރިއްޔާ
އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑު މިހާރު ރައްޔިތުން އިންތިޚާބު ކުރައްވާފައި މިހިރީ، ރާއްޖޭގެ ރައީސް ކަމުގެ މަގާމަށް. އެހެންވީމާ، މިމަގާމުގައި ހުރެގެން، އަޅުގަނޑު ކުރަންޖެހޭ ދަތުރުތައް ގިނަކަމާ އެކީގައި، އަދި ކުރަންޖެހޭ މަސައްކަތް ގިނަކަމުން، އަޅުގަނޑު އިސްކަންދެނީ، އަޅުގަނޑު މިހުރި ރަސްމީ މަގާމަށް. އަޅުގަނޑު ރަސްމީ މަގާމުގައި ހުރެގެން، ރައީސްގެ ޙައިޘިއްޔަތުން، ރާއްޖޭގެ ހުރިހާ ދިމާއަކަށް ދަތުރުކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑު އަދާކުރަންޖެހޭ ވާޖިބެއް ކަމަށް ދެކެން. ދެން އެނޫން ގޮތްގޮތުން، ޕާޓީގެ ފަރާތުން ވިއްޔާ އަޅުގަނޑު ސިޓީ ފޮނުވައި، މިގޮތްގޮތުންވެސް ބޭފުޅުންނާ ގުޅާ ކަންތައް ކުރަމުން ގެންދަން. އަދި ޕާޓީގެ ތެރޭގައި އެބަތިއްބެވި. ހަމަ އެ ޙައިޘިއްޔަތުން ރާއްޖެތެރެއަށް ދަތުރު ކުރައްވާ ބޭފުޅުން. އެހެންވީމާ، އަޅުގަނޑު ކޮންމެހެން ވަކިން އެ ޙައިޘިއްޔަތުން ދަތުރުނުކުރި ނަމަވެސް، އަޅުގަނޑަށް ހީވަނީ ހަމަ ރަނގަޅުވާނެހެން.

2. ސުވާލު: މުޙަންމަދު ސަޢީދު މޫސާ ވަޖުދީ / ހަވީރު
ދެން މިހާތަނަށް މަލްޓި ޕާޓީގެ ޑިމޮކްރަސީގެ ޕާޓީ އުފެދުނުފަހުން، މަނިކުފާނު އައްޑުއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ތިޔައީ. ކުރީގައި އަޅުގަނޑުމެންނަށް ނުފެންނަ ބައެއްކަހަލަ މަންޒަރުތައް، އައްޑޫން މިފަހަރު ފެނިގެން ހިނގައްޖެ. ބެނަރތައް ދެމުމާއި، އެފާޑުގެ ކަންތައްތައް. ކުރިއަށް އޮތް ތާނގައި، ކުރިމަގުގައިވެސް އެކަހަލަ ކަންތައްތަކާ ދިމާވެދާނެ ކަމަށް ޤަބޫލުފުޅު ކުރެއްވޭތޯ؟ ނޫނިއްޔާ އެކަންތައްތަކާ ދޭތެރޭގައި ކީކޭތޯ ވިދާޅުވަނީ؟

ރައީސުލްޖުމްހޫރިއްޔާ
ގިނަ ޕާޓީތަކެއް ޙަރަކާތްތެރިވާ ސިޔާސީ މާޙައުލެއްގައި، ތަފާތު ކަންތައްތައް ފެންނާނެ ދޮއެއްތޯ. އެއީ އެއްގޮތަކަށްވެސް ނުފެންނާނެ ކަމަކަށް ހީކުރަންވީ ކަމެއް ނޫން. ފެންނާނެ. އެހެން ނަމަވެސް، އަޅުގަނޑު އަބަދުވެސް މިގޮވާލަނީ، އަޅުގަނޑުމެންގެ މެދުގައި ޚިޔާލު ތަފާތުވިޔަސް، ގަވާއިދާ ޚިލާފަށް އެއްވެސް މީހަކު ކަމެއް ނުކުރުމަށް. އެންމެންވެސް ވާހަކަ ދައްކައިގެން، މަޝްވަރާ ކޮށްގެން، ޞުލްޙަވެރިކަމާއެކީގައި ކަންތައްތައް ޙައްލު ކުރުމަށް. އެގޮތަށް އަޅުގަނޑު އަބަދުވެސް ބާރުއަޅަނީ. އެއީ ރަނގަޅު ގޮތަކީވެސް. އަޅުގަނޑުމެން ކަހަލަ ކުޑަ ޤައުމަކަށް، ދުނިޔޭގެ އެހެން ބައެއް ތަންތާނގައި، މިދެންނެވީ ހަމަ ތިންވަނަ ދުނިޔޭގެ ޤައުމުތަކުން މިފެންނަކަހަލަ މަގުމަތީގެ ގަވާއިދާ ޚިލާފު ޙަރަކާތްތަކެއް ނުވަތަ ތަޅާފޮޅުމެއް ފެނިއްޖިއްޔާ، އެއީ އަޅުގަނޑުމެންނަށްވާނީ ވަރަށްބޮޑު ދެރައަކަށް. އަޅުގަނޑުމެންގެ ތެރެއިން އެކަމުން، ދެރަ ލިބޭނީ ހަމައެކަނި އެކަމުން އަނިޔާ ލިބޭ ބަޔަކަށް ނޫން. މުޅި ޤައުމަށް ދެރަ ލިބޭނެ. ކުޑަކުދިންނަށް ލިބޭނެ. ބޮޑެތި މީހުންނަށް ލިބޭނެ. އިޤްތިޞާދަށްވެސް އޭގެ އަސަރު ކުރާނެ. އެހެންވީމާ، އެހެން ނަހަދާ އަޅުގަނޑުމެން ޚިޔާލު ތަފާތުވިޔަސް، އެންމެން ވާހަކަ ދައްކައިގެން، ގުޅިގެން، ޤައުމުގެ މަޞްލަޙަތު އިސްކޮށްގެން، މަސައްކަތް ކޮށްފިއްޔާ، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް ކަންތައްތައް ހަމަޖެއްސޭނެހެން.

3. ސުވާލު: މުޙަންމަދު ޖަމީލު/ދިވެހިރާއްޖޭގެ އަޑު
އާދެ! މަނިކުފާނު އައްޑުއަތޮޅަށް ވަޑައިގެން، އައްޑުއަތޮޅުގައި ހިނގަމުންދާ ބޮޑެތި ބައެއް މަޝްރޫޢުތައް ބައްލަވާލައްވައިފި. ޚާއްޞަކޮށް، އައްޑުއަތޮޅު މީހުން އަބަދުވެސް ޝަކުވާ ކުރާ ވިލިނގިލީގެ މަސައްކަތް މަނިކުފާނު ބައްލަވައިލައްވާފައިވޭ. މިމަސައްކަތްތައް ބައްލަވާލެއްވުމަށްފަހު، މަނިކުފާނު ވިދާޅުވަނީ ކީކޭތޯ؟

ރައީސުލްޖުމްހޫރިއްޔާ
އަޅުގަނޑު މިއަދު އެމަސައްކަތްތައް ބަލައިލާފައި ވަރަށް ހިތްހަމަޖެހުނު. އެންމެ ފުރަތަމަ ދިޔައީ ހެރެތެރެއަށް. ހެރެތެރޭގެ މަސައްކަތް ވަރަށް ބާރަށް އެބަހިނގާ. އިރާދަކުރެއްވިއްޔާ މިއަހަރުގެ ފަހުކޮޅު ހުޅުވޭވަރުވާނެ ކަމަށް، އެތަން ހިންގަވަން ތިއްބެވި އެމް.ޓީ.ޑީ.ސީ.ގެ ބޭފުޅުން ވިދާޅުވަނީ. އަޅުގަނޑަށްވެސް ގަބޫލުކުރެވޭ އެވާހަކަ. ދެން އަޅުގަނޑު ދިޔައީ މިހާރު ޝަންގްރިއްލާއިން އެކުރާ ވިލިނގިލީގެ މަސައްކަތް ބަލައިލަން. ކުރިއަކުން އެތަނަށް ދިޔުމުގެ އުފަލެއް އަޅުގަނޑަކަށް ލިބިފައެއް ނެތް. އެހެންވީމާ، އަނެއްހެން ދަންނަވާކަށް ނޭނގެ. އެކަމަކު ވަރަށް ބައިވަރު މަސައްކަތް އެބަހިނގާ. ވަރަށްގިނަ ކަންތައްތައް އެބަކުރޭ. އެމީހުންގެ އެމަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ނިމިގެން، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ފެބްރުއަރީހާ ތާނގައި، އެބައި ހުޅުވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް ދިން. އެހެންވީމާ، އަޅުގަނޑު އެކަމާ ވަރަށް އުފާކުރަން.

4. ސުވާލު: އަޙްމަދު ޙަމްދޫން / ހަވީރު
މަނިކުފާނު މިހާރު ސިޔާސީ ގޮތުން އެންމެބޮޑު އެއްކަމަކީ، ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް. މިއަހަރުގެ މެއި މަހުގެ ނިޔަލަށް، އެމަސައްކަތް ނިންމުމަށް، ރައީސްގެ އިޞްލާޙީ އެޖެންޑާގައި އެބައޮތް. މަގުޗާޓުގައި އެބައޮތް ކަނޑައަޅުއްވާފައި. އަދި ހަމައެޔާއެކު، ޑީ.އާރު.ޕީ އާއި އެމް.ޑީ.ޕީ.ގެ ވާހަކަތަކެއްވެސް ފެށުމަށްޓަކައި މިއޮތީ ތައްޔާރުވެވަޑައިގެންފައި. އެހެން ނަމަވެސް، ވަކި ހިސާބަކުން ފެއިލްވެފައި މިއޮތީ. އެހެންވީމާ، އެކަންތައްތައް ކުރިއަށް ގެންދެވުމަށްޓަކައި، މިހާރު ޑީ.އާރު.ޕީ.ގެ ފަރާތުން މަނިކުފާނު ކުރައްވަން ޤަޞްދު ކުރައްވާ ކަންތައްތަކަކީ ކޮބައިތޯ؟ އެއީ ފެއިލްވެފައި ހުރި ކަންތައް އަލުން ކުރިޔަށް ގެންދެވުމަށްޓަކައި.

ރައީސުލްޖުމްހޫރިއްޔާ
ޑީ.އާރު.ޕީ.ގެ ފަރާތުން އަޅުގަނޑުމެން ހަމަ ކުރަމުން މިގެންދާ މަސައްކަތް ކުރިޔަށް ގެންދާނަން. އެއީ މިހާރުވެސް މިކުރަނީ، އިރާދަކުރެއްވިއްޔާ ވަރަށް ހަރުދަނާ ރަނގަޅު މަސައްކަތެއް. އަޅުގަނޑުމެން އަބަދު ހަމަ ހުރިހާ ޕާޓީތަކާ ގުޅައިގެން، ވާހަކަ ދައްކައިގެން ކަންތައް ޙައްލު ކުރެވޭތޯ އެބަ ބަލަން. އެމަސައްކަތް ހުއްޓައެއް ނުލާނަން. އިރާދަކުރެއްވިއްޔާ މާތްﷲ އަޅުގަނޑުމެންނަށް ވާގިދެއްވާނެ. ނަޞްރުވެސް ދެއްވާނެ. އިރާދަކުރެއްވިއްޔާ މަސައްކަތް ކާމިޔާބުވާނެ.

5. ސުވާލު: މުޙަންމަދު ސަޢީދު މޫސާ ވަޖުދީ / ހަވީރު
އައްޑޫ ރައްޔިތުންނަށް ދެއްވާނެ އެންމެފަހުގެ މެސެޖަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ
އައްޑޫގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑު ދޭނެ ނަޞޭޙަތަކީ، އައްޑޫގެ ލޮބުވެތި ރައްޔިތުންނަކީ، އަބަދުވެސް ތަރައްޤީއަށް ލޯބިކުރައްވާ، ތަޢްލީމަށް ލޯބިކުރައްވާ، ކުރިއެރުމަށް ލޯބިކުރައްވާ ރައްޔިތެކޭ. އެހެންވީމާ، ތިޔަގޮތުގައި ދެމިތިއްބަވާށޭ. އަދި ތިޔަބޭފުޅުންނަކީ، ދިވެހި ޤައުމަށްވެސް ޚިދްމަތް ކުރެއްވުމުގައި، ވަރަށް ފުންނާބު އުސް ރައްޔިތެކޭ. އެހެންވީމާ، ޤައުމަށް ޚިދްމަތް ކުރެއްވުމުގައިވެސް ދެމިތިއްބަވާށޭ. އަދި އަޅުގަނޑުމެންގެ މެދުގައި އެއްވެސްކަހަލަ ހަމަނުޖެހުމަކަށް ތަން ނުދެއްވާށޭ. އެންމެން އެކުވެރިވެގެން، އެއްބައިވެގެން، ޤައުމައިގެން ކުރިއަށް ދަމާތޯއޭ. އެއީ އަޅުގަނޑުދޭ ނަޞޭޙަތަކީ.