بســم اللَّـه الرّحمـن الرّحيــم

الحمـدللّه ربّ العـالمـين، والصّـلاة والسّـلام عـلى أشرف المرسلين، سـيّدنا محمّد وعلى آله وأصحابـه أجمعـين.

އާދެ! މިއަހަރުގެ ޒުވާނުންގެ ދުވަހާ ގުޅިގެން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން ހިންގަވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ހަރަކާތަކީ، މިއަދު މިތަނުން އަޅުގަނޑުމެންނަށް ފެނިގެންމިދިޔަ ޒުވާނުން ކުރާ މި ދަތުރު. ޝައްކެއްނެތްގޮތުގައި، މިފަދަ ދަތުރެއް ކުރުމަކީ، ޒުވާނުންގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން މި ދަތުރުގައި ބައިވެރިވާ ޒުވާނުންގެ މެދުގައި ވަރަށްބޮޑު އިޖްތިމާޢީ ގުޅުމެއް އުފެދިގެންދާނެ ކަމެއް. މިއަދު މި ދަތުރުގައި، ނުވަތަ މި ދަތުރުގައި ބައިވެރިވާ ޒުވާނުންގެ ތެރެއިން ހާޒިރުވި ޒުވާނުންނަށާއި، އަދި މި ދަތުރުގައި ފަހުން ބައިވެރިވާންތިބި ހުރިހާ ޒުވާނުންނަށް، އަޅުގަނޑުގެ އިޚްލާޞްތެރި މަރްޙަބާއާއި ތަހުނިޔާ ރައްދުކުރަން.

އާދެ! މި ދަތުރުގެ ޚިޔާލަކީ، ދެންމެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަލްފާޟިލް ޙުސައިން ޙިލްމީ އެ ވިދާޅުވިގޮތުގައި، ޒުވާނުންގެ ތެރެއިން އައި ޚިޔާލެއް ކަމަށްވިޔަސް، މި ދަތުރުގެ ހުރިހާ އިންތިޒާމުތަކެއް ރާއްވަވައި ހަމަޖައްސަވައިދެއްވީ، މިނިސްޓަރުގެ ފަރާތްޕުޅުން ކަމަށްވާތީ، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަލްފާޟިލް ޙުސައިން ޙިލްމީއަށާއި، އަދި އެ މިނިސްޓްރީގެ އެހެން ވެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރި ކަމާއެކު ޝުކުރު ދަންނަވަން. ހަމައެހެންމެ، ޒުވާނުންނާބެހޭ ވަޒީރުގެ ވާހަކަފުޅުގައި، އަޅުގަނޑާ ބެހޭގޮތުން ދެންމެ ވިދާޅުވި އިޚްލާޞްތެރި ބަސްފުޅުތަކަށްޓަކައިވެސް ޝުކުރު ދަންނަވަން.

އާދެ! މިއަދުގެ މި އިޙްތިފާލުގައި ޒުވާނުންގެ ފަރާތުން އަޅުގަނޑުމެންނަށް ވަރަށް މަތިވެރި ޝުޢޫރުތަކެއް އިވިގެން ހިނގައްޖެ. ޤައުމަށް ލޯބިކުރާ، ދިވެހި އުންމަތަށް ހެޔޮއެދޭ، ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތް ކުރަންތިބި ބަޔަކު، އެމީހުންގެ ހިތުގައި އުފެދިފައިވާ ވަރަށް އިޚްލާޞްތެރި ޝުޢޫރުތަކެއް، އަޅުގަނޑުމެންނަށް އިއްވައިދީފި. އެކަމަށްޓަކައި ދިވެހި ޒުވާނުންނަށް އަދި ޒުވާނުންގެ ފަރާތުން އަޅުގަނޑުމެންނާ އެ ޚިޔާލުތައް އަދި އެ ޝުޢޫރުތައް ހިއްސާކުރި ދެ ޒުވާނުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ދިވެހި ޒުވާނުންގެ ފަރާތުން އަޅުގަނޑުމެންނަށް އިވިގެންއެދިޔަ ޝުޢޫރުތަކަކީ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ހިތްތަކަށް ވަރަށްބޮޑު ފިނިކަމެއް ގެނެސްދިން، އަޅުގަނޑުމެންނަށް ވަރަށްބޮޑު އުފަލެއް ހާސިލު ކޮށްދިން ޝުޢޫރުތަކެއް. ދިވެހި ޒުވާނުންނަކީ، ރާއްޖޭގެ ތާރީޚުގައި ހިނގައިދިޔަ މުހިންމު ހާދިސާތަކުގެ މަތިން ހަނދާންކުރާ، އަދި އެކަންތައްތަކުން ޢިބްރަތް ހާސިލުކުރާ އަދި އެ ޢިބްރަތުގެ އަލީގައި، ކުރިއަށް އޮތްތާނގައި ދިވެހިރާއްޖޭގައި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަމާއި ޤައުމީ އެއްބައިވަންތަކަމާއި، ޤައުމީ ތަރައްޤީގެ ފިޔަވަޅުތައް އަޅަން ގަސްތުކުރާ ބައެއްކަން، މި ޝުޢޫރުތަކުން ހާމަވެގެންދިޔަކަމީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެން ވަރަށް ބޮޑަށް އުފާކުރާނެ ކަމެއް.

އެއްވެސް ޤައުމަކީ، އެ ޤައުމެއްގެ މާޒީއާ ވަކިން އުޅެވޭނެ ޤައުމެއް ނޫން. އެ ޤައުމެއްގެ މިއަދާ ތަފާތު ގޮތަކަށް ވަކިން މުސްތަޤްބަލެއް ހަމަޖެއްސޭނެ ބައެއްވެސް ނޫން. ކޮންމެ ޤައުމަކީވެސް، އެ ޤައުމެއްގެ މާޒީއާއި އެ ޤައުމެއްގެ މިއަދާ، އެ ޤައުމެއްގެ މާދަމާ، ވަރަށް ބޮޑަށް ގުޅި، ލާމެހިފައިވާ ޤައުމެއް. އެހެންވީމާ، އަޅުގަނޑުމެންގެ ތާރީޚުގައި ހިނގައިދިޔަ ހާދިސާތައް، އަޅުގަނޑުމެންގެ ކާބަފައިން ޤައުމަށްޓަކައި ވެވަޑައިގެންނެވި ޤުރްބާނީތަކާއި، އެކުރެއްވި ޖިހާދުތަކުގެ މަތިން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ. އަދި އެ ޤުރްބާނީއާއި އެ ޖިހާދުން އަޅުގަނޑުމެން ފިލާވަޅުތަކެއް ލިބިގަންނަންޖެހޭނެ. އެހެންނޫންކަމަށްވަންޏާ އަޅުގަނޑުމެންނަކީ، އެއްވެސް މާޒީއެއް ނެތް، ތާރީޚެއް ނެތް، އަޅުގަނޑުމެންގެ ކުރީގެ ދުވަސްތަކާ އެއްވެސް ގުޅުމެއްނެތް ބަޔަކު ކަމުގައި ވެގެންދާނީ. އެއީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ގަބޫލުކުރާނެ ގޮތެއްނޫން.

އެހެންވީމާ، އަޅުގަނޑަށް މިއަދު މިއިވުނު ޝުޢޫރުތަކަކީ، ވަރަށްވެސް އުންމީދީ ޝުޢޫރުތަކެއް ކަމުގައި ދަންނަވާލަންޖެހޭ. އޭގެސަބަބުން އަޅުގަނޑުމެންގެ ހިތްތަކުގައި ރާއްޖޭގެ ޒުވާނުންނާމެދު އަދި ރާއްޖޭގެ ކުރިމަގާމެދު ވަރަށް ރަނގަޅު ޚިޔާލުތަކެއް އުފެދިގެންދިޔަ ޝުޢޫރުތަކެއް ކަމުގައިވެސް ދަންނަވާލަންޖެހޭ. ރާއްޖޭގެ ޒުވާނުން އެގޮތުގައި ތިއްބެވިކަމަށްވަންޏާ ޝައްކެއްނެތްގޮތުގައި ރާއްޖޭގެ ކުރިމަގު އޮތީ ވަރަށް އަލިކޮށް. ވަރަށް އުޖާލާކޮށް. އަޅުގަނޑުމެން ބޭނުންވާ މަންޒިލް މަޤްޞޫދަށް ދިޔުމަށް އެއްވެސް ދަތިކަމެއް ނޯންނާނެ.

އާދެ! މިއަދުގެ ޒުވާނުންނަކީ، ދިވެހި ޤައުމުގެ ނުވަތަ ޤައުމީ ނައުގެ މާދަމާގެ ނެވިން. މާދަމާގެ ކައްޕިތާނުން. މާދަމާގެ މޭސްތިރިން. މިއަދުގެ ޒުވާނުން ތިޔަ ކުރާ ދަތުރަކީ، އަޅުގަނޑުމެންގެ ދިވެހިރާއްޖެ މިކުރާ ޤައުމީ ދަތުރު ރަމްޒުކޮށްދޭ ދަތުރެއް. އަޅުގަނޑުމެންގެ ރާއްޖެއަކީ، ދެންމެ މިނިސްޓަރުވެސް އެ ވިދާޅުވި ފަދައިން، އަދި އޭގެކުރިން ޒުވާނުންގެ ޝުޢޫރުގައި އައިފަދައިން، ހަމަ އަޅުގަނޑުމެން ޤައުމީ ނަވެއްގައި ކުރާ ދަތުރެއް. އަޅުގަނޑުމެންގެ މާޒީން މި ދަތުރު ފަށައިގެން، މިއަދާ ހަމައަށް އައިސް، މިއަދުން އަދި މުސްތަޤްބަލަށް ދަތުރުކުރަން މި ގަސްތުކުރަނީ، މި ޤައުމީ ނައުގައި، އެންމެން އެކުގައި ތިބެގެން. އެންމެން އެކަތިގަނޑަކަށް ވެގެން. އެހެންވީމާ، މިއަދު، ތިޔަ ޒުވާނުން، ޒުވާނުންގެ ބޯޓުގައި ތިޔަ ކުރާ ދަތުރަކީ، އަޅުގަނޑު މިދެންނެވި މާނަތައް ރަމްޒުކޮށްދޭ ވަރަށް މުހިންމު ދަތުރެއް. ތިޔަކުދިންގެ މެދުގައި އެކުވެރިކަން އުފެދޭނެ. އެއްބާރުލުން އުފެދޭނެ. އަދި އެއްބަޔަކު އަނެއްބަޔަކު ދަނެ، އެއްބަޔަކު އަނެއްބަޔެއްގެ ޝުޢޫރުތައް ހިއްސާކޮށް، އަދި ހުރިހާ ކަމެއްގައިވެސް އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރުމުގެ ޢަޒުމް، އެކުދިންގެ ހިތްތަކުގައި އަށަގަންނާނެ ދަތުރެއް. އެކަމަށްޓަކައި މި ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމުގައި މިހާރުވެސް އަޅުގަނޑު ދެކެން. އަދި އިރާދަކުރެއްވިއްޔާ ދަތުރު ނިމިގެންދާއިރު، މި ދަތުރު ވާނީ މިހާރަށްވުރެވެސް ކާމިޔާބުކަން ބޮޑު ދަތުރަކަށް.

އާދެ! މިއަދުގެ ޒުވާނުންނަކީ، މާދަމާ ޤައުމީ ނައުގެ ހުންގާނުގައި ތިބޭނެ ބަޔަކަށްވާތީ، އަޅުގަނޑު ހިތުން މިއަދުގެ ޒުވާނުން ވާންޖެހޭނީ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތާ، ޤައުމަށް ވަރަށް ވަފާތެރި، އަދި ޤައުމީ އެއްބައިވަންތަކަމަށް މަސައްކަތްކުރާ ބަޔަކަށް. ޒުވާނުން އެމީހުންގެ ވަގުތުތައް ހޭދަކުރަންޖެހޭނީ، ފައިދާހުރި ގޮތެއްގައި. ބޭކާރު ނުވަތަ ގެއްލުންހުރި ގޮތެއްގައެއް ނޫން.

ޝައްކެއްނެތްގޮތުގައި، ޒުވާނުންގެ އާއިލާތަކާއި، ދިވެހި މުޖްތަމަޢާއި މުޅި ޤައުމުވެސް ބޭނުންވާނީ އެގޮތް. އަޅުގަނޑުމެންގެ ޒުވާނުންނަކީ، އެބައިމީހުންގެ ވަގުތުތައް ވަރަށް ފައިދާހުރި ގޮތެއްގައި އެބައިމީހުންގެ އަމިއްލަ ދިރިއުޅުން ތަރައްޤީ ކުރުމަށާއި، އެބައިމީހުންގެ އާއިލާގެ ގުޅުންތައް ބަދަހިކޮށް، އެއީ އުފާވެރި އާއިލާތަކަކަށް ހެދުމަށާއި، އަދި މުޅި މުޖްތަމަޢާއި ޤައުމުގެ ކަންތައްތައް ރަނގަޅު ގޮތަކަށް ބައްޓަންކުރާ ބަޔަކަށްވުމުގެ މަތިވެރި ޝުޢޫރު، އެކުދިންގެ ހިތުގައި އުފެދިފައިވާ ބަޔަކަށް ވުމަކީ، މިއަދު އެ ޒުވާނުންގެ އާއިލާތަކާއި މުޅި ދިވެހި މުޖްތަމަޢު އެދޭނެ ގޮތްކަމާމެދަކު ޝައްކެއްނެތް.

އާދެ! ތިޔަ ވިދާޅުވި ފަދައިން، ޒުވާނުންގެ ބޯޓުގައި، ރާއްޖޭގެ ކޮންމެ އަތޮޅަކުން ޒުވާނުން ހިމެނޭ. އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް. ޝައްކެއްނެތް ގޮތުގައި، އަޅުގަނޑުމެންގެ ޒުވާނުންގެ މެދުގައި، މިއަހަރު ޒުވާނުންގެ ދުވަހަށް ކަނޑައެޅިފައިއޮތް ޝިޢާރު އާދެ! [އެހީތެރިވެ އަޅާލާ މުޖްތަމަޢަކަށް ޒުވާނުން] މި ޝިޢާރު ޙަޤީޤަތަކަށް ހެދުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމެއް. އަދި އެކުދިންނަކީ، އެ ދައުރު ފުރިހަމަކުރުމަށްޓަކައި ހޮވިފައިވާ ބައެއް.

އެހެންވީމާ، އަޅުގަނޑުގެ އިޚްލާޞްތެރި އެދުމަކީ، މި ދަތުރުގެ މި މުހިންމު މަޤްޞަދުތައް އެކަށީގެންވާ ގޮތެއްގައި ހާސިލުވެގެން ދިޔުން. މިއަދު ތިޔަކުދިން ތިޔަ ފާޅުކުރި ޝުޢޫރާއި، ތިޔަ އިއްވި ޢަޒުމުގައި ސާބިތުކަމާއެކު ތިޔަކުދިން ތިބުން. ދިވެހިރާއްޖެއަށް ހުރިހާ ގޮތަކުންވެސް ހަމަޖެހޭ، އަމަންއަމާންކަން ލިބިފައިވާ، ސުލްހަމަސަލަސްކަން ގާއިމުވެފައިވާ އަދި ތަރައްޤީއާއި ކުރިއެރުމުގެ މަގުގައި ސާބިތުކަމާއެކު ފިޔަވަޅު އަޅަމުންދާ ޤައުމެއް ކަމުގައި ދިވެހިރާއްޖެ ހެދުމަށްޓަކައި، ތިޔަ ކުދިން ތިޔަ ކުރާ އުންމީދުތަކާއި، ތިޔަ ފާޅުކުރި ޚިޔާލާއި، ތިޔަ ކަނޑައެޅި ޢަޒުމަކީ، މާތް اللّـه އެކަންކަމުގައި ބަރަކާތް ލައްވައި، ތިޔަކުދިންނަށާއި ދިވެހި ޤައުމަށް ފައިދާހުރި ކަންތައްތަކެއް ކަމުގައި ލައްވާނެ ކަމެއް ކަމުގައި އަޅުގަނޑު ދުޢާކުރަން.

އާދެ! އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالـٰى، ދިވެހި ހުރިހާ ޒުވާނުންނަށް، މުޅި ދިވެހި ޤައުމަށް ފަހިގޮތްތައް މެދުވެރިކޮށްދެއްވުން. ތިޔަކުދިން، ތިޔަ ޒުވާނުން ތިޔަކުރާ މަސައްކަތުގައި އެކަލާނގެ ބަރަކާތް ލައްވައި ތައުފީޤު ދެއްވުން. ތިޔަ ޒުވާނުންގެ ފަރާތުން ރާއްޖެއަށް މިއަދާއި މާދަމާވެސް އެކަށީގެންވާ އަގުހުރި ޚިދްމަތްތަކެއް ލިބިގެންދިޔުން. އަދި ތިޔަކުދިން ތިޔަ ކުރާ ދަތުރަކީ ވަރަށް ބާއްޖަވެރި، އަމާން، ވަރަށް އުފާވެރި ދަތުރެއް ކަމުގައި ވެގެންދިޔުން. އެ ދަތުރުގެ ފުރިހަމަ ކާމިޔާބީ، ތިޔަ ޒުވާނުންނަށާއި، ތިޔަ ޒުވާނުންގެ އާއިލާތަކަށާއި، މުޅި ދިވެހި ޤައުމަށް ލިބިގެންދިޔުން.

والسّـلام عليـكم ورحمـة اللّـه وبركاتـه