بســم اللّـه الرّحمـن الرّحيــم.

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّـدنـا محمـد وعلى آلـه وأصحـابه أجمعـين.

އާދެ! މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް އަޅުގަނޑު ކުރަންމިފެށި ދަތުރުގައި، މިއަދު بسم ކިޔާފައި އެންމެފުރަތަމަ އަޅުގަނޑަށް މިއާދެވުނީ، ތިޔަބޭފުޅުންގެ ރަށަށް. އާދެ! އަނގޮޅިތީމަށް. އަޅުގަނޑު އަނގޮޅިތީމަށް އައުމާއެކު މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާގެ ފަރާތްޕުޅުންނާއި، އަދި މިރަށުގެ ވެރިންނާއި، ރައްޔިތުންނާއި، އަދި ކިޔަވާކުދިންނާއި، މިރަށުގައި ހަރަކާތްތެރިވާ އެކި މަސައްކަތްތަކުގައި އުޅުއްވާ ބޭފުޅުންނާއި، އަންހެން، ފިރިހެން އެންމެންގެ ފަރާތުން އަޅުގަނޑަށް މިލިބުނު ހޫނު މަރްޙަބާއަށްޓަކައި އަތޮޅުވެރިންނަށާއި، މިރަށުގެ ވެރިންނަށާއި، ތިޔަ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މިފަހަރު އަޅުގަނޑު ރ.އަތޮޅަށް މިއައި އައުމަކީ، މާދަމާ ނޫން އަނެއްދުވަހު އާދެ! މާޗުމަހުގެ 1 ވަނަ ދުވަހު، މިއަތޮޅު އުނގޫފާރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ޒުވާނުންގެ ދުވަހުގެ ބައެއް ކަންތައްތަކުގައި ބައިވެރިވުމަށް ކުރާ ދަތުރެއް. އެހެންނަމަވެސް، މި ފުރުސަތުގައި އަޅުގަނޑު ބޭނުންވީ، މިއަތޮޅުގައި މީހުން އުޅޭ ރަށްރަށުގެ ތެރެއިން، އަޅުގަނޑަށް މީގެކުރިން އެންމެފަހަރަކު ޒިޔާރަތްކުރުމުގެ އުފާ ލިބިފައިވާ ބައެއް ރަށްރަށަށް ޒިޔާރަތްކުރުމަށް. އެގޮތުން އަޅުގަނޑު މިއަދު އަނގޮޅިތީމަށް މިއައީ.

އާދެ! މީގެ 24 އަހަރު ކުރިން މިރަށުގައި އުޅުއްވި ބޭފުޅުން އަދި އޭރުވެސް ހަނދާންހުންނަ އުމުރުގައި ތިއްބެވި ބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން، އަޅުގަނޑު މިރަށަށް އައީ 1983 ވަނަ އަހަރު. އެ އަހަރުގެ މާޗުމަހުގެ 31 ވަނަ ދުވަހު. އެހެންވީމާ، މިހާރު ގާތްގަނޑަކަށް 24 އަހަރު މިވަނީ، އަޅުގަނޑު މިރަށަށް އައިފަހުން. ޝައްކެއްނެތް. މިދިޔަ 24 އަހަރުގެ ތެރޭގައި ރާއްޖޭގެ ޙާލަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. އޭގެތެރޭގައި އަނގޮޅިތީމަށްވެސް ވަނީ ބަދަލުތަކެއް އައިސްފައި.

އާދެ! މިރަށުގެ ރައްޔިތުންނަކީ، ވަރަށް ހީވާގި، މަސައްކަތްތެރި ބައެއް. ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައި އެ ވިދާޅުވީ، ރަށުގެ ރައްޔިތުން ކުރައްވާ އެންމެ ބޮޑު މަސައްކަތަކީ، ދަނޑުވެރިކަމުގެ މަސައްކަތޭ. އޭގެއިތުރުން، މަސްވެރިކަންވެސް ކުރައްވާ. އަދި އެހެން ތަފާތު މަސައްކަތްތައްވެސް، މިރަށުގެ ރައްޔިތުން ކުރައްވާކަން އަޅުގަނޑަށް އެނގޭ. ޝައްކެއްނެތްގޮތުގައި، މިރަށުގެ ރައްޔިތުން ދިރިއުޅުއްވުމަށްޓަކައި ތިޔަ ކުރައްވާ މަސައްކަތްތަކުގެ ސަބަބުން، ރަށަށް މިދަނީ އިތުރު ކުރިއެރުންތައް ލިބެމުން. ރަށުގެ ކިޔަވާކުދިންނަށްވެސް އިތުރު ފުރުސަތުތައް ހުޅުވެމުން.

މިރަށަށް ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ، ލަފާފުރުމުގެ ދަތިކަން ކަމުގައި، ދެންމެ އަތޮޅުވެރިން ވިދާޅުވެއްޖެ. އޭގެކުރިން އަޅުގަނޑާ ބައްދަލުކުރެއްވި ޒުވާން ދަނޑުވެރިޔާ ޤާސިމް ޙުސައިނުވެސް އެވާހަކަ ދެންމެ ވިދާޅުވެއްޖެ. އަދި މިރަށުގެ އެހެންމީހުންގެ ފަރާތުންވެސް އެކަން އޮތީ އެނގިފައި. އަދި އެހެންމީހުންގެ ފަރާތުން އެނގުމުގެ ކުރިން އަޅުގަނޑަށް މިއޮތީ އެކަން ފެނިފައި. އަޅުގަނޑު މިރަށަށް ފޭބިފޭބުމުގައި، ތިޔަބޭފުޅުން ދެކެވަޑައިގަންނަވާނެ، އުޅެންޖެހުނު ހާލު. އެއީ ހާލަކަށްނުވޭ އިނގޭތޯ! ތިޔަބޭފުޅުން ތިޔަ އުޅުއްވާގޮތަށް ވިސްނާއިރު. އެހެންވީމާ، އަޅުގަނޑަށްވެސް ވަރަށް ރަނގަޅަށް ވަޒަންކުރެވޭ، މިރަށުގެ ލަފާފުރުމުގެ ދަތިކަމުގެ މިންވަރު. އަދި މިރަށް ނޫން މިއަތޮޅުގެ އެހެން ބައެއް ރަށްރަށާއި، ރާއްޖޭގެ އެހެން ބައެއް ރަށްރަށަށް މިފަދަ ދަތިތައް މިވަނީ ކުރިމަތިވެފައި. އެ ދަތިތައް ޙައްލުކުރުމަށްޓަކައި، ސަރުކާރުން މިގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. އޭގެތެރޭގައި، ތަފާތު ޕްރޮގްރާމުތަކުގެ ދަށުން، ލަފާފުރުމުގެ ދަތިކަން ޙައްލުކޮށްދިނުމަށް ނުވަތަ ބަނދަރު ހަދައިދިނުމަށް އެބަމަސައްކަތްތަކެއް ކުރެވޭ. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އިރާދަކުރެއްވިއްޔާ، އަނގޮޅިތީމުގެ ފަޅުފުންކުރުމުގެ މަސައްކަތް މިއަހަރު ސަރުކާރުން ކުރާނެއޭ. އެއީ މިކަމަކީ، މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ކަމެއް. އަދި އެކަމަށް ޕްރޮގްރާމް ރޭވި، އަޅުގަނޑު ހިތުން މިއަހަރު ފަޅުފުންކުރެވޭނެ، ނުވަތަ ބަނދަރު ހަދައިދެވޭނެ ރަށްރަށް ވަނީ، ކަމާބެހޭ ފަރާތްތަކުން އިޢްލާނުވެސް ކުރައްވާފައި. އެހެންވީމާ، އެއޮތް ގޮތުގެމަތިން، އެކަން ކުރިއަށްދާނެ ވާހަކަ، ވަރަށް އުފަލާއެކު އަޅުގަނޑު ދަންނަވަން.

އާދެ! ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، މިރަށުގެ ތަރައްޤީއަށްވެސް ސަރުކާރުން ވަނީ ކަންތައްތަކެއް ކޮށްފައި. އަދި މިހާރުވެސް އޭގެ ބައެއް މަސައްކަތް ހިނގަމުންއެބަދޭ. އޭގެތެރެއިން ރަށު ސްކޫލުގެ ކްލާސްރޫމެއް ހެދުމުގެ މަސައްކަތް މިދަނީ ހިނގަމުން. ސަރުކާރުގެ އެހީގައި. ހަމައެހެންމެ، ދެންމެ އަތޮޅުވެރިން ވިދާޅުވި ފަދައިން، މިރަށަށް ކަރަންޓުލުމުގެ ކަންތަކުގައި ނުވަތަ ރަށުގެ ކަރަންޓު، ރައްޔިތުންގެ ކަރަންޓަކަށް ބަދަލުކުރުމުގެ ކަންތަކުގައި، ރަށުގެ ރައްޔިތުން ވަރަށް ފުރިހަމަ އެއްބާރުލެއްވުމެއް ވަނީ ދައްކަވާފައި. ވަރަށް އެކުވެރިކަމެއް ވަނީ ދައްކަވާފައި. އެ މަސައްކަތުގައިވެސް ސަރުކާރުން ވަނީ ފައިސާގެ އެހީއެއް ވެދީފައި. ދެން އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިރަށުގައި މިހުންނަ އިންޖީނުތަކާއި ޖެނެރޭޓަރުތައް ވަނީ ބާވެފައި. އޭގެތެރެއިން މިވަގުތު ހިނގަމުންދަނީ ހަމަ އެންމެ އެއްޗެއް ކަމުގައި، ދެންމެ އަޅުގަނޑު މިތާ އިންދާ، މިނިސްޓަރ ވަޙީދުއްދީން، އަޅުގަނޑުގެ ކަންފަތްދޮށުގައި ވަރަށް ސިއްރު ސިއްރުން ވިދާޅުވެއްޖެ. އަޅުގަނޑަށް އެކަން އެނގޭހޭ! ދެން މިއަދު މިކަމާ މަސައްކަތް ކުރިކުރުމުން، މިހާރު މިރަށަށް އިތުރު އިންޖީނެއް ލިބޭގޮތް ހަމަޖެހިފައި އޮތްކަންވެސް އަޅުގަނޑަށް ވަނީ އެނގިފައި.

އާދެ، ރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކުގައި، ހުރިހާ ރައްޔިތުންގެ އެކުވެރިކަމާއި އެއްބާރުލުމަކީ ވަރަށް މުހިންމު ކަމެއް. ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުންނެތި، އެއްވެސްކަމެއް ކާމިޔާބެއް ނުކުރެވޭނެ. އެހެންވީމާ، މިކަމަކީ، އަޅުގަނޑު ހިތުން މިރަށުގައި ކޮންމެހެން ދަންނަވަންޖެހޭ ވާހަކައެއްވެސް ނޫން. އެއީ، ދެންމެ އަތޮޅުވެރިން އެ ވިދާޅުވި ގޮތުގައި، ކަރަންޓުލުމުގެ ކަންތަކުގައިވެސް، މިރަށުގެ ރައްޔިތުން ވަނީ އެކުވެރިކަމާއި އެއްބާރުލުމުގެ ވަރަށް ރީތި މިސާލެއް ދައްކަވާފައި.

އެހެންނަމަވެސް، އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންވީ މިއީ، ހަމައެކަނި ވަކިކަމަކަށް އޮތްކަމެއް ނޫންކަން. ވަކި މަސައްކަތެއް ކުރާއިރަކު ނޫންކަން އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އޮންނަންވީކީ. މި އެކުވެރިކަމާއި އެއްބާރުލުން، ހުރިހާ ވަގުތެއްގައިވެސް އަޅުގަނޑުމެންގެ ތެރޭގައި އޮންނަންޖެހޭނެކަން. ކޮންމެ ރަށެއްގައިވެސް، ކޮންމެ އަތޮޅެއްގައިވެސް، އަދި މުޅި ރާއްޖޭގައިވެސް. މިއީ ޝައްކެއްނެތް ގޮތުގައި، ކުރިޔަށް ދިޔުމުގައި އެންމެ ބޮޑަށް ބޭނުންވާ މައިގަނޑު އަސާސް. އެއްވެސް ޤައުމެއްގައި އެކުވެރިކަންނެތި، ރައްޔިތުންގެ މެދުގައި އެއްބާރުލުންނެތި އެއްވެސް ޤައުމެއްގައި ބައިބައިވުން އުފެދި، މީހުންގެ ހިތްތަކުގައި ދެކޮޅުވެރިކަމާއި ހަސަދަވެރިކަން އަށަގަނެ، އެއްބަޔަކު އަނެއްބަޔަކާ ދިމާކޮށް، އެކަހަލަ ކަންތައްތައް ކުރަމުންދާކަމަށް ވަނީނަމަ، އެ ޤައުމެއް ތަރައްޤީގެ މަގުގައި އެއްގޮތަކަށްވެސް ކުރިއަކަށް ނުދާނެ. މިއީ ވަރަށް ބޮޑު ޙަޤީޤަތެއް. އަޅުގަނޑު ނުދެންނެވިޔަސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަދި އަޅުގަނޑުމެންގެ ވަށައިގެންވާ ޤައުމުތަކުން އޭގެ މަންޒަރުތައް މިދަނީ، އެއްދުވަހުން އަނެއް ދުވަހަށް ފެންނަމުން. ރޭޑިޔޯ އަހާއިރު، އޭގެ ޚަބަރުތައް އަޅުގަނޑުމެންނަށް މިދަނީ އިވެމުން. ނޫސްތަކުގައި އެ ވާހަކަ އެބަ ޝާއިޢުކުރޭ. ޓީވީގެ ޒަރީޢާއިން އޭގެ މަންޒަރުތައް އެބަފެނޭ. މީކީ އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ މެދުގައި ޝައްކެއް އޮންނަންވީ ކަމެއްނޫން. އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، މިރަށުގެ ރައްޔިތުން، މިހާރުވެސް ތިޔަ ތިއްބެވި ފަދައިން، ތިޔަބޭފުޅުންނަކީ، ތިޔަބޭފުޅުންގެ މެދުގައި އެއްބާރުލުމާއި، ރަޙްމަތްތެރިކަމާއި، މިހެންގޮސް އަޅުގަނޑުމެން ބޭނުންވާ މި މާތް ސިފަތައް އަށަގެންފައިވާ ބަޔަކު ކަމުގައި އަބަދުވެސްވުން.

އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން، މިވަގުތަކީވެސް ތިޔަބޭފުޅުންނަށް މާފަސޭހަ ވަގުތަކަށް ނުވާނެ. އެއީ، މެންދުރުގެ އެންމެ ހޫނުގަދަ ވަގުތު މިތާ މިތިބެވެނީ. އަދި ވަރަށް އަވަހަށް މެންދުރު ނަމާދަށް ބަންގިވެސް ގޮވާނެ. އެހެންކަމާއެކީގައި، އަޅުގަނޑުގެ ވާހަކަވެސް ކުރުކޮށްލާނަން. އެހެންނަމަވެސް، އަޅުގަނޑު އަދިވެސް ދަންނަވާލަން ބޭނުންވަނީ، މިއަދު އަނގޮޅިތީމަށް އައުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެކޭ. އަދި އަނގޮޅިތީމުގެ ރައްޔިތުންގެ ފަރާތުންނާއި، އަތޮޅުވެރިންގެ ފަރާތްޕުޅުން އަޅުގަނޑަށް މި ލިބުނު ތަރުހީބާއި، ތިޔަބޭފުޅުން ތިޔަ ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމޭ. ހަމައެއާއެކީގައި، ކިތަންމެ މަދު މީސްކޮޅަކު ދިރިއުޅޭ ރަށެއް ކަމުގައިވިޔަސް، މިއަދު އަޅުގަނޑު އަންނާތީ މިރަށުގައި ކުރައްވާފައިމިވާ ތައްޔާރީތަކަކީ، ވަރަށް ފުރިހަމަ ތައްޔާރީތަކެއްކަމަށް އަޅުގަނޑު ދެކޭ ވާހަކަވެސް ދަންނަވާލަން. އެކަމަށްޓަކައި ރަށުގެ ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލެވެން އަންނަނީ، އަނގޮޅިތީމު އުފެއްދި ވަރަށް ޤާބިލު، އަގުހުރި ދަރިއެއްގެ ވާހަކަ ދަންނަވާލާފައި. އެބޭފުޅަކީ، މިއަދު ރާއްޖޭގެ ތަޢްލީމީ ދާއިރާގައި ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކުރައްވަމުން ގެންދަވާ ވަރަށް ޢިލްމީ، އަދި ކަމަށް ޤާބިލު ބޭފުޅެއް. އެބޭފުޅަކީ، ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގެ ޢަމީދު އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ ޚިދްމަތް ދިވެހި ޤައުމަށް ލިބެމުންދަނީ ހަމައެކަނި ތަޢްލީމީ ރޮނގަކުން ނޫން. ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުމުގެ ރޮނގުންވެސް ޚިދްމަތްތައް ވަނީ ލިބިފައި. އަދި ދިވެހި އަދަބިއްޔާތުގެ ރޮނގުން، ލިޔުންތެރިކަން ތަރައްޤީ ކުރެއްވުމުގެ ރޮނގުންވެސް އޭނާގެ ޚިދްމަތް ވަނީ ދިވެހި ޤައުމަށް ލިބިފައި. ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު އޭނާއަށް ވަނީ މި ތިން ރޮނގުން ލިބިވަޑައިގެންފައި. އެހެންވީމާ، އެއީ އަޅުގަނޑު ހިތުން މިރަށުގެ ރައްޔިތުން ވަރަށް އުފަލާއެކު ހަނދާން ކުރައްވާނެ ކަމެއް. މި ފުރުސަތުގައި، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަދި މި ތަހުނިޔާގައި މިރަށުގެ ލޮބުވެތި ރައްޔިތުން ޝާމިލު ކުރަން.

އަޅުގަނޑު އެދެނީ، އަނގޮޅިތީމަށް މާތް اللّـه ހެޔޮގޮތްތައް މިންވަރު ކުރެއްވުން. ދިވެހި ސަރުކާރާއި އަނގޮޅިތީމު ރައްޔިތުންނާ ގުޅިގެން މިކުރާ މަސައްކަތްތަކުގައި، އެކަލާނގެ ބަރަކާތް ލެއްވުން. އަދި މިރަށަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުވެ، މި ރަށް ތަރައްޤީގެ މަގުގައި އިތުރު ހަލުވި ފިޔަވަޅުތަކެއް އެޅޭނެ މަގު، އެކަލާނގެ ތަނަވަސްކޮށްދެއްވުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.