بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

ފުވައްމުލަކަށް އަނެއްކާވެސް ޒިޔާރަތްކޮށް، ފުވައްމުލަކުގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށްލުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

މިރަށޮ މީ ވަރަހަ ގިނަ ގޮއްގޮތެން ޚާއްޞަ ރަށެއު. މީހުން ވަރަހަ ހެއު ޤުރްއާން ހިތެދަސް މީހުން ވަރަހަ ގިނަ. އަދި ބެނަމެ، މިރަށި ތެލެލީ އަލަ މީރި. ދޮންކޭލަސް މީރި. ދޮން އަނބޮ އަދި ވަރަހަ މީރި. އެންމެފަހެން މަ މިރަށަހަ އާއީ 2003 ޖުލާއީއެ ދޮގޭ!

އާދެ! 2003 ޖުލައިގައި އައުމަށްފަހު، އަޅުގަނޑަށް މިއަދު މިއާދެވުނީވެސް ވަރަށް އުފާވެރި ވަގުތެއްގައި. އާދެ! އެއީ ފުވައްމުލަކުގެ ރައްޔިތުން ބަނދަރުގެ ބޭނުން ހިއްޕަވާތާ ދުވަސްކޮޅެއްވީފަހުން، އެބޭފުޅުންނަށް އެއިން ލިބިވަޑައިގެންނެވި ގިނަގުނަ ފަސޭހަތައް ހަނދާން ކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާ ވަގުތެއްގައި. ހަމައެޔާއެކީގައި މިހާރު ދިމާވެފައިހުރި ދަތިތަކެއްގެ ވާހަކަވެސް އެބޭފުޅުން ވިދާޅުވާ ވަގުތެއްގައި.

ކުރީފަހަރު އަޅުގަނޑު، ފުވައްމުލަކަށް ކުރި ދަތުރުގައި، އަތޮޅުގެ ތަރައްޤީގެ ވަރަށް މުހިންމު މަޝްރޫޢެއް ކަމަށްވާ، ބަނދަރު ހުޅުވައިދިނުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. ޝައްކެއްނެތްގޮތުގައި، އެބަނދަރަކީ ދެންމެ އަތޮޅުވެރިންވެސް އެ ވިދާޅުވި ފަދައިން، ސަރުކާރުން ވަރަށްބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ ބަނދަރެއް. އެއްވެސް ރަށެއްގެ ބަނދަރަށް ފައިސާ ޚަރަދުނުވާހާ ގިނަ އަދަދަކަށް ފައިސާ ޚަރަދުކުރަން ޖެހުނު ބަނދަރެއް. އެއީ، ބަނދަރު އޮތްގޮތުންނާއި، އެކަށީގެންވާ ފަސޭހަތަކެއް ލިބިދެވޭފަދަ ބަނދަރަކަށް ހެދުމަށް ބޭނުންވާ އިންޖިނިއަރިންގ އަދި ޓެކްނިކަލް މަސައްކަތްތަކުގެ ދަތިކަމާއި އުނދަގޫކަމާއި އަދި އެކަންކަން ކުރެވެންހުރި ގޮތްތައްވެސް ދަތިކަމުން. އަދި އެކަމުގައި ބޭރުގެ މާހިރުންގެ އެހީއާއި މަޝްވަރާއާއި، ޢަމަލީ މަސައްކަތް ބޭނުންކުރަން ޖެހުމުގެ ސަބަބުން. އެހެން ނަމަވެސް، އެ ބަނދަރު ހެދުނީމާ، ޝައްކެއްނެތްގޮތުގައި އެއީ ފުވައްމުލަކަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް. ފުވައްމުލަކު ރައްޔިތުންނަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ފަސޭހައަކާއި ވަރަށްބޮޑު ސަލާމަތެއް.

މީގެކުރިން ފުވައްމުލަކަށް މީހުން އަރާ ފޭބުމުގައި، ހިތާމަވެރި ހާދިސާތަކުގައި އެކިފަހަރުމަތިން މީހުންގެ ފުރާނަތައް ވަރަށްގިނަ އަދަދަކަށް ވަނީ ގޮސްފައި. އެހެން ނަމަވެސް، މާތްاللّهގެ ހެޔޮ ރަޙްމަތްފުޅުން މިބަނދަރު ހެދުނީމާ، ދެން އެކަމުގެ ފުރުޞަތު، ކުރިން އޮތް ވަރަކަށް ނޯންނާނެ. އިރާދަކުރެއްވިއްޔާ، މީގެފަހުން އެއްވެސް މީހަކަށް، އެފަދަ ނުރައްކަލެއް ކުރިމަތިވާކަށެއް ނުޖެހޭނެ.

ކޮންމެއަކަސް މިއަދު އަޅުގަނޑު ފުވައްމުލަކަށް އައުމުން، ފުވައްމުލަކުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށްވެސް ހޫނު، ވަރަށްވެސް އިޚްލާޞްތެރި މަރްޙަބާއަށްޓަކައި، މިއަތޮޅުގެ އަތޮޅުވެރިންނަށާއި، އަތޮޅުއޮފީހުގެ ވެރިންނަށާއި، ރަށުއޮފީހުގެ ވެރިންނަށާއި، ކޮމިޓީތަކުގެ މެންބަރުންނަށާއި، ފުވައްމުލަކުގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް، ކުދި ބޮޑު އަންހެން ފިރިހެން އެންމެހާ ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އިއްޔެ އަޅުގަނޑު އައްޑުއަތޮޅަށް ދިޔުމުން، އައްޑުއަތޮޅުގެ ރައްޔިތުން ވިދާޅުވީ، ވަރަށް ލާމަސީލު އާދަޔާ ޚިލާފު މަރްޙަބާއެކޭ އަޅުގަނޑަށް ވަނީ ރޭގައި ދެންނެވިފައި. ދެން މިހާރު އަޅުގަނޑު ހިތަށް އަރަނީ، މިއަދު ފުވައްމުލަކަށް އައުމުން، ފުވައްމުލަކުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި އެމަރްޙަބާ ސިފަކުރާނީ ކިހިނެއްބާއޭ؟ ޝައްކެއްނެތް. ތިޔަބޭފުޅުން މިއަދު ތިޔަ ވިދާޅުވި މަރްޙަބާއަކީވެސް، ވަރަށް އިޚްލާޞްތެރި، ވަރަށް ލާމަސީލު، ވަރަށް އާދަޔާ ޚިލާފު މަރްޙަބާއެއް. އެހެންވީމާ، އެކަމަށްޓަކައި ފުވައްމުލަކުގެ ހުރިހާ ރައްޔިތުންނަށާއި، ރައްޔިތުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ތަފާތު ފެންވަރުގެ، ތަފާތު މަސައްކަތްތަކުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށް، އަދިވެސް އެއްފަހަރު އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ! މިއަދު އަޅުގަނޑު މިއަތޮޅަށް ނުވަތަ މިރަށަށް މިކުރާ ދަތުރުގެ ބޭނުމަކީ، ކުރީގެ ދަތުރުތަކެކޭވެސް އެއްފަދައިން، ރައްޔިތުންގެ ޢާންމު ދިރިއުޅުމުގެ ޙާލަތު ބަލައިލުން. ރައްޔިތުންނާ ބައްދަލުކޮށްލުން. މިއަތޮޅުގައި ހިނގާ ތަރައްޤީގެ މަޝްރޫޢުތައް ހިނގާ ނުހިނގާގޮތްވެސް ދެނެގަތުން. ހަމައެޔާއެކު، މިއަތޮޅުގެ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ދަތިތަކަކީ ކޮބައިތޯ ބަލައި، އެކަންކަން ޙައްލު ކުރުމަށް އެޅެންހުރީ ކޮންކަހަލަ ފިޔަވަޅުތަކެއްތޯ ބެލުމުގެ ގޮތުން މަޢްލޫމާތު އެއްކުރުން.

އާދެ! މިރަށަށް އައިފަހުން، މިރަށުގެ ރައްޔިތުންގެ އެދިވަޑައިގަތުންތަކެއްގެ ވާހަކަ ކުރިންވެސް އަޅުގަނޑަށް ވަނީ އިވިފައި. ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައި، އެވާހަކަ ވަރަށް ތަފްޞީލުކޮށް ވިދާޅުވެއްޖެ. އެހެންވީމާ، އެކަމާދޭތެރޭގައި އެއްޗެއް ނުބުނެ އަޅުގަނޑަކަށް ހުރެވޭކަށް ނެތް. އެފުރުޞަތު އޭނާ އަޅުގަނޑަކަށް ނުދެއްވި. އެހެންވީމާ، އެކަމާ ބެހޭގޮތުންވެސް ދެތިން ވާހަކައެއް ދަންނަވާލަންޖެހޭތީ، މިދަންނަވާލަނީ.

ބައެއް ތަންތާނގައި، ބައެއް ޖަލްސާތަކުގައި ދުނިޔޭގައި، ބޭރުގައި އެފާޅުކުރެވޭ ޚިޔާލަކަށް ނުވަތަ ހުށަހެޅޭ ކަމަކަށް، މީހުންގެ ތާއީދު އޮތްވަރެއް ބަލައިލުމުގެ ގޮތުން ބޭނުންކުރަނީ އަތްތިލަބަޑި ޖެހުމުގެ ބާރުމިން. އެންމެގިނަ މީހުން، އެންމެ ބާރަށް އެ އަތްތިލަބަޑިޖަހާ ކަމަކީ، އެއީ އެވަގުތަކު އެތަނަށް ޙާޒިރުވެ ތިބި މީހުންގެ ކައިރީގައި، އެންމެ މަޤްބޫލު ކަމެއްގެ ގޮތުގައި އޮންނަނީ ޤަބޫލު ކުރެވިފައި. އަޅުގަނޑު މިއަދު މިތާ އިނދެފައި، އެގޮތަށް ވިސްނާލިއިރު އެއަރޕޯޓުގެ ވާހަކަ އައިމަ، ވަރަށް ބާރަށް ހުރިހާ ބޭފުޅުން އަތްތިލަބަޑި ޖެއްސެވި. އެހެންވީމާ، އެނގިއްޖެ އެއީ މިރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންފުޅުވެފައިވާ، ރައްޔިތުންގެ ކުރިމަތީގައި ވަރަށް މަޤްބޫލު ވާހަކައެއްކަން. އަތޮޅުވެރިންނަކީވެސް ސިޔާސީ ބޭފުޅެއްވީމަ، އެހުނަރުގެ ބޭނުންވެސް ކުރެއްވި.

އާދެ! އަޅުގަނޑުވެސް އެއްބަސް. މިއަތޮޅަކީ ވަރަށް ޚާއްޞަ އަތޮޅެއް. މިރަށަކީ ވަރަށް ޚާއްޞަ ރަށެއް. ޖުގުރާފީ ގޮތުން މި އޮންނަނީވެސް، ރާއްޖޭގެ އެހެން އަތޮޅުތަކާއި އެހެން ރަށްތަކާ ވަރަށް ޚިލާފު ގޮތަކަށް. ހަމައެކަނި ރަށަށް އަރާ ފޭބުމުގައެއް ނޫން. އެނޫން ކިތަންމެ ކަމެއްގައިވެސް މިއަތޮޅަކީ ނުވަތަ މިރަށަކީ، ރާއްޖޭގެ އެހެން ރަށްރަށާ ވަރަށް ތަފާތު ސިފަތަކެއް ލިބިގެންވާ އަތޮޅެއް ނުވަތަ ރަށެއް. އެހެންވީމާ، އެކަމަށް އެބަ ރިޢާޔަތް ކުރަންޖެހޭ. ތަރައްޤީގެ މަޝްރޫޢުތައް ރާވާއިރުވެސް މިއީ އަޅުގަނޑުމެން އަސާސެއް ކަމުގައި ބަލަން ޖެހިފައި އޮންނަ ކަމެއް.

ދެން ޖުގުރާފީ ގޮތުން މިއަތޮޅު މިއޮންނަނީ ވަރަށްގަދަ ކަނޑެއްގެ ތެރޭގައި. އަދި މިއަދަކީ އަޅުގަނޑު ހިތުން، މާ މޫސުމް ގޯސް ދުވަހެއްވެސް ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެން އައި އައުމުގައިވެސް، ހަމަ ވަރަށްދަތިކޮށް އަންނަން މިޖެހުނީ. މިޒަމާނުގެ ޢިބާރާތުން ދަންނަވަންޏާ، ކަނޑުވެސް ހަމަ ފުދޭވަރަކަށް ގަދަ. އަނެއްކާ އަޅުގަނޑުމެން ދަތުރުކުރި އުޅަނދު ބާއްވަންޖެހުނީ މަޑުފަރާތެއްގައި. ބާއްވާފައި، އެއަށް ނުވަދެވިގެން، އެއިން ކުޑަ ލޯންޗެއްގައި އައިއިރު، އަދި ވަރަށްގިނަ ރާޅުތަކާ ކުރިމަތިލާންޖެހުނު. އެއީ، އާދައިގެ ދުވަހެއްގައި ކަންތައް ހުރިގޮތް. އެހެންވީމާ، މޫސުމް ގޯސް ދުވަހެއްގައި، ވިއްސާރަ ދުވަހެއްގައި ކަންތައް ހުންނާނެގޮތް އަޅުގަނޑަށްވުރެ މާބޮޑަށް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ތިޔަބޭފުޅުން ވަނީ އެކަންކަން ވަރަށްގިނަފަހަރު ތަޖުރިބާ ކުރައްވާފައި.

އެހެންވީމާ، މިރަށަށް އައުމާއި، މިރަށުން ފުރުމާއި، މިއީ ވަރަށް ދަތިކޮށް އޮންނަ ކަމެއް، އަދި ބަނދަރެއް ހެދުނު ކަމުގައިވިޔަސް. އެހެންވީމާ، އެކަމަށް ކޮންމެވެސް އެހެން ޙައްލެއްވެސް އެބަގެންނަންޖެހޭ. އެޙައްލެއް ކަމަށް މިރަށުގެ ރައްޔިތުން ދެކެވަޑައިގަންނަވަނީ، މިރަށުގައި އެއަރޕޯޓެއް ހެދުން. މިކަމާ ބެހޭގޮތުން ސަރުކާރުންވެސް ވަނީ ވިސްނުންތަކެއް ވިސްނާފައި. މިރަށުގެ ލޭންޑްޔޫސް ޕްލޭންގައި ނުވަތަ މިރަށުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭންގައިވެސް ވަނީ އެކަން ފާހަގަކުރެވިފައި. އަދި ސަރުކާރުގެ ބައެއް ދާއިރާތަކުން އެކަންވަނީ އިޢްލާނުވެސް ކުރައްވާފައި. އެހެންވީމާ، ފުވައްމުލަކާއި ރާއްޖޭގެ އެހެން އަތޮޅުތަކާއި ރަށްރަށާ ދޭތެރޭގައި ވައިގެ ގުޅުމެއް އޮތުމަކީ، ސަރުކާރުން މިހާރު ޤަބޫލުކުރާ ކަމަކަށް މިއޮތީ ވެފައި. ކުރަންޖެހޭ ކަމަކަށް މިއޮތީ ވެފައި.

ދެން މިހާރު ބަލައިލަން ޖެހެނީ ފުވައްމުލަކަށް އެންމެ އެކަށީގެންވާ ވައިގެ ގުޅުމަކީ ކޮބައިތޯ؟ އެއީ ކޮންމެ ރަށެއްވެސް އޮންނަ ގޮތުންނާއި، އެރަށަށް ޚާއްޞަވެފައިވާ ސިފަތަކުގެ ސަބަބުން ހުރިހާ ރަށަކަށް އެއްގޮތަކަށް ނޫން އެކަންތައްތައް އޮންނާނީ. އެހެންވީމާ، އިޤްތިޞާދީ ގޮތުންވެސް، ކުރަންޖެހޭ ހޭދައިގެ ގޮތުންވެސް، ލިބޭ ފައިދާގެ ގޮތުންވެސް މިރަށަށް އެންމެ އެކަށީގެންވާ ވައިގެ ގުޅުމަކީ ކޮބައިތޯ އަޅުގަނޑުމެން ދިރާސާކޮށް ދެނެގަންނަންޖެހޭ. އެމަސައްކަތް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިހާރު އެބަކުރައްވާ. އެހެންވީމާ، ދަންނަވަން މިއުޅޭ ވާހަކައަކީ، އިރާދަކުރެއްވިއްޔާ މާލަހެއްނުވެ މުސްތަޤްބަލުގައި ފުވައްމުލަކާއި އަދި ރާއްޖޭގެ އެހެން އަތޮޅުތަކާއި ރަށްރަށާ ދޭތެރޭގައި، މިރަށަށް އެންމެ އެކަށީގެންވާ، މިރަށުގެ ސިފަތަކާ އެންމެގުޅޭ ވައިގެ ގުޅުމެއް، ސަރުކާރުން ޤާއިމުކުރާނެއޭ.

އާދެ! ދެން އެންމެ ބާރަށް އަތްތިލަބަޑީގެ އަޑު އިވުނު ކަމަކީ، ނަރުދަމާގެ ނިޒާމުގެ ވާހަކަ ވިދާޅުވީމާ. އެއީވެސް، އަޅުގަނޑު ހިތުން ވަރަށް މުހިންމު ކަމެއް. މިކަމަކީ މިހާރު ކުރިން ދެންނެވި ވައިގެ ގުޅުމުގެ ކަންތަކަށްވުރެ، ތަންކޮޅެއް ބޮޑަށް ތަރައްޤީވެފައި އޮތް ކަމެއް. ތަންކޮޅެއް ބޮޑަށް މަސައްކަތް ކުރެވިފައި އޮތް ކަމެއް. މިހާރުވެސް އެނގިވަޑައިގަންނަވާނެ ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި، ނަރުދަމާގެ ނިޒާމު ވަނީ ޤާއިމު ކުރަން ޖެހިފައި. އެފަދަ ނިޒާމެއް ނެތީމާ، ދިމާވާ ދަތިތައް ގިނަކަމުން. ޞިއްޙީ މައްސަލަތަކާއި، ތިމާވެށީގެ މައްސަލަތަކާއި، މިހެންގޮސް ގުނާ އަދަދު ނުކުރެވޭހާ ގިނަ ކަންތައްތައް، ރަނގަޅު ޞިއްޙީ ނަރުދަމާގެ ނިޒާމެއް ނެތިއްޔާ ކުރިމަތިވަމުންދާނެ. މިހާރުވެސް ދަނީ ކުރިމަތިވަމުން. 

އެހެންވީމާ، ފުވައްމުލަކުގައި އެކަންޏެއް ނޫން. ރާއްޖޭގެ އާބާދީ ބޮޑެތި ރަށްތަކުގައި ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމުގެ ދިރާސާތައް، ސަރުކާރުން މިގެންދަނީ ކުރަމުން. އެމަސައްކަތް އެބަކުރެވޭ. ފުވައްމުލަކާ ބެހޭގޮތުން ދަންނަވާލަން އޮތީ، ބޭރުގެ ފަރާތްތަކަށް މިކަން ހުށަހެޅީމާ، އައި.ޑީ.ބީ އާދެ! އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން އޮތީ، ފުވައްމުލަކުގައި ނަރުދަމާގެ ނިޒާމެއް ޤާއިމު ކުރުމަށް ޝައުޤުވެރިވާކަން ބަޔާންކޮށްފައި. އަދި އެބޭންކުގެ ވަފްދެއް، މާލަހެއްނުވެ ރާއްޖެއަށް ޒިޔާރަތްކުރާ ގޮތަށް އޮތީ ހަމަޖެހިފައި. މިދެންނެވި ނިޒާމަކީވެސް ހަމަ ފުދޭވަރެއްގެ ބޮޑު ޚަރަދެއް ހިނގާނެ ނިޒާމެއް. މިހާތަނަށް ލަފާކުރެވޭގޮތުގައިވެސް، ގާތްގަނޑަކަށް ހަތްމިލިޔަން ޑޮލަރު ހިނގާނެ. އައި.ޑީ.ބީ.ން އެހީ ވާނީ އޭގެތެރެއިން އެއްބަޔަކަށް. އަނެއްބައި ވާނީ ސަރުކާރުގެ ބަޖެޓުން ކުރާ ޚަރަދަކަށް. މިދަންނަވާ ޓީމު އައިސް، މަޢްލޫމާތު އޮޅުންފިލުވައި ހަދާފައި، އެމީހުން ރިޕޯޓެއް ހުށަހަޅާނެ، އައި.ޑީ.ބީ.ގެ ގަވަރނިންގ ބޯޑަށް. ހުށަހެޅީމާ އެބޯޑުން ނިންމަވާ ގޮތެއްގެ މަތިން، މަޝްރޫޢު ކުރިޔަށް ދިޔުން އޮންނާނީ.

އެހެންވީމާ ދަންނަވަން މިއުޅޭ ވާހަކައަކީ، މިކަމާ ދޭތެރޭގައި ސަރުކާރުން މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެޔޭ. އަދި އިރާދަކުރެއްވިއްޔާ ލަހެއްނުވެ މިކަމާބެހޭ ބޭރުގެ ބަޔަކު މިރަށަށް އަންނާނެޔޭ. އޭގެފަހުން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަން ކުރުމުގެ މަގު، މާތްاللّه ތަނަވަސްކޮށްދެއްވާނެ.

ދެން ބަނދަރުގެ ވާހަކައިގައިވެސް، ވަރަށްގިނަ ބޭފުޅުން އަތްތިލަބަޑި ޖެއްސެވި ކަންތައްތަކެއްދިޔަ ދޮއެއްތޯ. އެއީ، ބަނދަރު ބޭރު ތޮށިގަނޑު. އެ ތޮށިގަނޑަށް ރާޅުޖެހުމުގެ ސަބަބުން، ތޮށިގަނޑު ހަލާކުވާ ވާހަކައާއި، އެތަނަށް ލިބޭ ގެއްލުންތަކާއި، އަދި ހެދިފައި އޮތްގޮތުން ދޯނިފަހަރު އެޅުމަށްވެސް ހުރަސްއެޅޭ ވާހަކައާއި، މިހާރު އިޞްލާޙު ކުރަން ޖެހިފައި ހުރި ކަންތައްތަކުގެ ވާހަކަ. މިއީވެސް، ވަރަށްބޮޑު މައްސަލައެއް. މިކަން ކުރަންވެސް، އިޞްލާޙު ކުރަންވެސް، ވަރަށްގިނަ ފައިސާ ޚަރަދުވޭ.

އަޅުގަނޑު، ބައެއް ވަޒީރުންނާ މަޝްވަރާ ކޮށްލުމުން، ޚާއްޞަކޮށް، މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން މިތާ އެބައިންނެވި. އަދި މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓް އަލްފާޟިލް ޙަމްދޫން ޙަމީދު މިތާ ވަޑައިގެން ނެތަކަސް، އޭނާގެ ޚިޔާލުފުޅުވެސް ވަނީ ހޯދިފައި. އަދި ސަރުކާރުގެ ކަމާބެހޭ އެހެން ދާއިރާތަކުގެ ޚިޔާލުވެސް މިކަމުގައި ހޯދަމުން މިގެންދަނީ. މިއީވެސް ވަރަށްބޮޑު ޚަރަދެއް ހިނގާނެ ކަމެއް ކަމަށްވާތީ، އެކަމާ ބެހޭގޮތުން މަޝްވަރާތަކެއް އެބަކުރެވޭ. އެހެންވީމާ، އެބޭފުޅުންގެ ފަރާތްޕުޅުން އަޅުގަނޑަށް މަޢްލޫމާތު ލިބުނު ގޮތުގައި، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު އެކަން ފެށޭވަރުވެދާނެ ކަމަށް ދެންމެ ވަޙީދުއްދީން ވިދާޅުވި. އެހެންވީމާ، މިކަމަކީވެސް ސަރުކާރުގެ ވިސްނުމުގެ ދަށުގައިވާ އަދި އެކަމަށް ޙައްލެއް ގެނެވޭތޯ މަސައްކަތްކުރާ ކަމެއް ކަމުގައި ދަންނަވާލަން.

އާދެ! އަތޮޅުވެރިންގެ ވާހަކަފުޅުގައި، ޒަމާނީ ޑިމޮކްރަސީ ނިޒާމެއް ގެންނެވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ވާހަކަވެސް ވިދާޅުވި. އެއީވެސް ވަރަށް މުހިންމު މަސައްކަތެއް. އެމަސައްކަތް ކާމިޔާބު ކުރުމަކީ، އަޅުގަނޑުމެންގެ ޤައުމަށް ފައިދާކުރާނެ ކަމެއް. އަޅުގަނޑުމެންގެ މިހާރުގެ ޖީލަށާއި އަންނަންއޮތް ޖީލުތަކަށް ލާބައާއި މަންފާ ކުރާނެ ކަމެއް. އެހެން ނަމަވެސް، ޤައުމަށް އިޞްލާޙީ ބަދަލު އަންނަން ޖެހޭނީ، އެކަމަށް ހަމަޖެހިފައިވާ އޮނިގަނޑުގެ ތެރެއިން. ރާއްޖޭގައި ޤާނޫނުއަސާސީއަށް ބަދަލުގެނެވެނީ، އެކަމަށް އެއްކުރާ ރައްޔިތުންގެ ޚާއްޞަ މަޖިލީހެއްގެ ތެރެއިން. އެނޫން ގޮތަކުން، ޤާނޫނުއަސާސީއެއް ބަދަލެއް ނުކުރެވޭނެ. ރާއްޖޭގެ ޤާނޫނެއް ބަދަލުކުރެވެނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން، މަޖިލީހުން ފާސްކުރެއްވީމާ. އެނޫން ގޮތަކަށް ޤާނޫނަކަށް ބަދަލެއް ނުގެނެވޭނެ.

އެހެންވީމާ، މިކަންތައްތައް ކުރުމަށްޓަކައި، ޤާނޫނީ ބަދަލުތަކެއް، ޤާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަންޖެހޭ. ނުވަތަ އެންމެ ކުޑަމިނުގައި އަޅުގަނޑުމެން މިހާރު ޢަމަލުކުރަންޖެހޭ ޤާނޫނުތަކަށް ބަދަލުތަކެއް ގެންނަންޖެހޭނެ ނުވަތަ އާ ޤާނޫނުތަކެއް ހަދަންޖެހޭނެ ކަންތައްތަކެއް. އެމަސައްކަތް ސަރުކާރުން މިހާރު މިގެންދަނީ ކުރަމުން. 2004 ވަނަ އަހަރު ރައްޔިތުންގެ ޚާއްޞަ މަޖިލިސް މިވަނީ އެއްކުރެވިފައި. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިހާރު ޚާއްޞަ މަޖިލީހުގެ 130 އަށްވުރެ ގިނަ ޖަލްސާ ކުރައްވައިފި. އަދި ޤާނޫނުއަސާސީ މުޅިން އިޞްލާޙުކޮށް ނިމޭ ހިސާބަކަށް ނުދޭ. އެހެން ނަމަވެސް، އިޞްލާޙީ ޕްރޮގްރާމްގެ މަގުޗާޓުގައި މިކަމަށްވެސް ވަނީ ތާރީޚެއް ކަނޑައެޅިފައި. އެއީ މިހިނގާ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަސް. އެދުވަސް އެއޮތީ ވަރަށް ކައިރީގައި. އެދުވަހަށް ޤާނޫނުއަސާސީ އިޞްލާޙުކޮށް ނިންމުމަކީ، ކޮންމެހެން ބޭނުންކަމެއް. މިވާހަކަ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް، ނުވަތަ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ އަރިހުގައި، ޕާޓީތަކުގައިވެސް އެވާހަކަ އަޅުގަނޑު ވާނީ ދަންނަވާފައި.
ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް، ރައްޔިތުންގެ ޚާއްޞަ މަޖިލީހާ މަތިކޮށް، އަޅުގަނޑު އެންމެ ފުރަތަމަ ފޮނުވި ސިޓީގައި ބުނެފައި އޮންނާނީ، އަޅުގަނޑު އެދެނީ، އެއްއަހަރު ދުވަހުގެ ތެރޭގައި ޤާނޫނުއަސާސީ އިޞްލާޙުކޮށް ނިންމަވައިދެއްވާށޭ. އެކަމަކު އެއަހަރު ފާއިތުވެގެން ހިނގައްޖެ. އޭގެފަހުންވެސް އަހަރެއް ފާއިތުވެގެން ހިނގައްޖެ.

ޤާނޫނުއަސާސީ އިޞްލާޙުނުވެ މިލަސްވަނީ، މިވެނި ފަރާތަކުން ކަންތައްކުރާ ގޮތަކުންނޭ އަޅުގަނޑު އެއްވެސް ޙާލެއްގައި ބުނާކަށް ނެތިން. އެހެން ނަމަވެސް، ޙަޤީޤަތަކީ، އަޅުގަނޑުމެން ބޭނުންވާހާ ހަލުވިކޮށް މަސައްކަތް ހިނގަމަކުންނުދާކަން. ތަފާތު ސަބަބުތަކެއް ހުރެގެންވާގޮތެއް ކަމަށްވެސް ވެދާނެ. އެކަމަކު އަޅުގަނޑު ހިތަށް އަރަނީ، މުޅި ޤައުމުގެ ފައިދާއަށްޓަކައި، އަޅުގަނޑުމެން އެންމެން އަޅުގަނޑުމެންގެ މެދުގައި މިހުރި ޚިލާފުތައް ނައްތާލަންވެއްޖެޔޭ. އެންމެން ބޭނުންވަނީ ޤާނޫނުއަސާސީ އިޞްލާޙުކޮށްގެން، ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއެއް ޤާއިމު ކުރުމަށް ކަމަށްވަންޏާ، އަޅުގަނޑުމެންގެ މިޚިޔާލު ތަފާތުވުންތަކުން ދުރުވެ، އެންމެން އެއްބަސްވާގޮތެއް ހޯދަންވެއްޖެޔޭ. އަޅުގަނޑު ދެކޭގޮތުގައި ތެދުނިޔަތަކާއިގެން މަސައްކަތް ކޮށްފިއްޔާ މިއީ ދަތިކަމެއް ނޫން. އަޅުގަނޑުމެން އެންމެންނަކީ، މާތްاللّهގެ ރަޙްމަތްފުޅުން ތަޞައްރުފު ފުދިފައިވާ ބަޔެއް. ބޮޑެތި މީހުން. ހަރުދަނާ ވިސްނުމެއް ގެންގުޅޭ ބަޔެއް. 

އެހެންވީމާ، އަޅުގަނޑުމެންގެ ނިޔަތް ހެޔޮ ކަމުގައިވަންޏާ، އަޅުގަނޑުމެންކުރާ މަސައްކަތުގައި، އަޅުގަނޑުމެން އިޚްލާޞްތެރިވާ ކަމަށްވަންޏާ، މިއީކީ ނުކުރެވެންވީ ކަމެއް ނޫން. އެހެންވީމާ، އަޅުގަނޑު ވަރަށް އާ ބާރަކާ އެކީގައި، ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭތޯ، ކަމާބެހޭ ހުރިހާ ފަރާތެއްގައި މިދަނީ ދަންނަވަމުން. އެއީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގަޔާއި އަދި ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުގައި. އެއީ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ޚާއްޞަ މަޖިލީހުގައި ތިއްބެވީމާ، އެޕާޓީތަކުގެ އެއްބާރުލެއްވުމާއި ޙިއްޞާ ނުލިބި، އޮމާންކަމާއި ފަސޭހަކަމާއެކު ޤާނޫނުއަސާސީ އިޞްލާޙުވެގެން ނުދާނެތީ.

އެހެންވީމާ، އަޅުގަނޑު އެދެނީ، އެހުރިހާ ބޭފުޅުންވެސް، ރާއްޖޭގެ މަޞްލަޙަތަށް އިސްކަން ދެއްވުން. ރައްޔިތުންގެ ފައިދާއަށާއި ލާބައަށް އިސްކަންދެއްވުން. ރާއްޖޭގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަމަށް އިސްކަންދެއްވުން. އެހެން ހުރިހާ ކަމެއް ހަނދުމަފުޅު ނައްތަވާލައްވާފައި، މިދެންނެވި ކަންތައްތަކަށް އިސްކަން ދެއްވައިގެން، މިކަން ވީހާވެސް ބޮޑަށް އަވަހަށް ނިންމެވޭތޯ މަސައްކަތް ކުރެއްވުން. އަޅުގަނޑަށް ހީވަނީ، ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެން އިޚްލާޞްތެރި ހިތަކާއިގެން، ތެދުވެރި ނިޔަތަކާއިގެން، މިމަސައްކަތް ކޮށްފިއްޔާ އެއީ އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއްހެން.

މިހާރުވެސް ޤައުމަށް މިއަންނަ އިޞްލާޙީ ބަދަލުތަކުގެ ތެރޭގައި، ވަރަށްގިނަ ކަންތައްތަކެއްވަނީ ކުރެވިފައި. ސިޔާސީގޮތުން ޙަރަކާތްތެރިވުމުގެ ދާއިރާ މިހާރު މިވަނީ ވަރަށް ބޮޑަށް ފުޅާކުރެވިފައި. އެއީ ސިޔާސީ ޕާޓީތަކެއް އުފެދި، އެޕާޓީތަކުގެ ޖަލްސާތައް ކުރެވި، އެޕާޓީތަކުގެ ޚިޔާލާއި، އެޕާޓީތަކުން ބޭނުންވާ ގޮތްތައް، ޢާންމުކޮށް ޝާއިޢު ކުރުމުގެ ފުރުޞަތު، އެޕާޓީތަކަށް ލިބިފައިވާތީ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދާއިރާވެސް މިހާރު މިވަނީ ވަރަށް ބޮޑަށް ފުޅާކުރެވިފައި. ރާއްޖޭގެ ނޫސް މަޖައްލާތަކުގައި، ހަމަ އެނޫސް މަޖައްލާތައް ހިންގާ ފަރާތްތަކުން ނުވަތަ އޭގައި އެކިއެކި މަޒުމޫނުތަކާއި ޚިޔާލުތައް ލިޔުއްވާ ފަރާތްތަކުން ބޭނުންފުޅުވާ ކޮންމެ އެއްޗެއް ލިޔުއްވޭގޮތަށް މިހާރު މިއޮތީ ހަމަޖެހިފައި. އަދި އެއީ، ސަރުކާރާ ދެކޮޅަށް ލިޔުއްވާ އެއްޗަކަށްވިޔަސް މައްސަލައެއް ނެތް. އެހެން ނަމަވެސް، އަޅުގަނޑު ހިތުން މިކަމުގައިވެސް އަޅުގަނޑުމެން ކަންތައް ކުރަންޖެހޭނީ މަސްއޫލު ބަޔެއްގެ ގޮތުގައި. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ، ކޮންމެ މީހެއްގެވެސް ޙައްޤަކަށްވާއިރު، އެއީ ކޮންމެ މީހެއްގެވެސް ޒިންމާއެއްވެސްމެ. އެމީހާ އެ ފާޅުކުރާ ޚިޔާލެއްގެ ޒިންމާ، އެމީހަކު އުފުލަންޖެހޭނެ. އެއަށް ޒިންމާދާރީވާންޖެހޭނެ. ކޮންމެ ޙައްޤަކީ، އޭގެ މުޤާބިލުގައި ވާޖިބެއް އޮންނަ އެއްޗެއް. އެހެންވީމާ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރާއިރު، މަސްއޫލު ގޮތެއްގައި، ޒިންމާދާރު ގޮތެއްގައި، އެކަން ކުރުމަކީ ޤައުމުގެ މަޞްލަޙަތު އޭގައި ހަމަޖެހިފައިވާ ގޮތް.

ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް މިދަނީ އަންނަމުން. އެކަމާބެހޭ ދެބޭފުޅަކު މިތާނގައި އެބަތިއްބެވި. މިނިސްޓަރ އޮފް ޖަސްޓިސް އަޅުގަނޑާ ވަރަށް ކައިރީގައި މިއިންނެވީ. އަލްއުސްތާޛު މުޙަންމަދު ޖަމީލު. މިރަށުގެ ލޮބުވެތި ދަރިއެއް. ދެން އަޅުގަނޑާ ތަންކޮޅެއް ދުރުގައި އިންނެވި ނަމަވެސް، މިމަސައްކަތުގައި ވަރަށް ބޮޑަށް ބައިވެރިވެވަޑައިގެންދެއްވާ ބޭފުޅެއް، ޑޮކްޓަރ ޙަސަން ސަޢީދު. އައްޑުއަތޮޅުގެ ޢިއްޒަތްތެރި ދަރިއެއް. އަދި މިބޭފުޅުންގެ އިތުރުންވެސް، ކަމާބެހޭ ދާއިރާތަކުގެ ބޭފުޅުން މިމަސައްކަތް އެބަކޮށްދެއްވާ. އަޅުގަނޑުމެންގެ ޖިނާއީ ޢަދުލުގެ ދާއިރާ، މިހާރަށްވުރެ ފުރިހަމަކޮށް، ހަރުދަނާކޮށް، ޒަމާނާ އެކަށީގެންވާ ގޮތަށް ބަދަލުކުރުމަށްޓަކައި.

އިންސާނީ ޙައްޤުތަކުގެ ދާއިރާއަށްވެސް މިވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައި. މިއަދު ކަންދިމާވި ގޮތުން، އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުޞަތު، އެޖެންޑާގައި ހަމަޖެހިފައި ނެތީމާ، އެކަން އޭނާގެ އަޑުފުޅުން، ދޫފުޅުން ވިދާޅުވާ އަޑު އެހުމުގެ ނަޞީބެއް އަޅުގަނޑުމެންނަކަށް ނުލިބޭނެކަންނޭނގެ. އެކަމަކު ރޭގެ ޖަލްސާގައި ވަރަށް ރީތިކޮށް، ވަރަށް ސާފުކޮށް، ވަޙީދުއްދީން އެވާހަކަ ވިދާޅުވި. އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމާ ބެހޭގޮތުން މިހާރު ރާއްޖޭގައި ހެދިފައި މިއޮތް ހިޔުމަން ރައިޓްސް ކޮމިޝަނަކީ، ކޮންކަހަލަ ބާރުތަކެއް ލިބިގެންވާ، ކޮންފެންވަރެއްގެ ކޮމިޝަނެއްކަން އޭނާ ބަޔާންކޮށްދެއްވި. އާސިޔާން ޤައުމުތަކާއި، އަޅުގަނޑުމެންގެ ވަށައިގެންމިވާ ޤައުމުތަކުގައިވާ ކޮމިޝަންތަކަށްވުރެވެސް އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މާ ހަރުދަނާ ގޮތެއްގައި، މާ ރަނގަޅަށް އުފެދިފައިވާ، ޤާނޫނީ ބާރުތަކެއް ލިބިފައިވާ މާ ރަނގަޅު ކޮމިޝަނެއް ކަމުގައި އޭނަ ވިދާޅުވި. އޭނާ ވިދާޅުވާ ބަސްފުޅު މިކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަން އެބަޖެހޭ. އެއީ، ވަޙީދުއްދީނަކީ މީގެކުރިން ހިޔުމަން ރައިޓްސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅަކަށްވާތީ. އޭރު ކަންތައްހުރިގޮތާއި، މިހާރު ކަންތައްހުރި ގޮތާއި، އޭރު ހިޔުމަން ރައިޓްސް ކޮމިޝަނަށް ލިބިފައިވާ ބާރުތަކާއި، މިހާރު ލިބިފައިވާ ބާރުތަކާއި، މިހުރިހާ އެއްޗެއްގެ ތަފާތު އޭނާއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ.

އާދެ! އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މިހުރިހާ ބަދަލެއް އަންނައިރު، ބަދަލުތައް އަންނަންޖެހޭނީ، އޮމާންކަމާއެކީގައޭ. ޤާނޫނީ އޮނިގަނޑުގެ ތެރެއިންލާފައޭ. ޤާނޫނީ އޮނިގަނޑުގެ ބޭރުން އެއްވެސް ކަމެއް ކޮށްގެނެއް ނުވާނެއޭ. ޤާނޫނާއި ގަވާއިދު ހެދިފައި މިއޮންނަނީ، އަޅުގަނޑުމެންގެ އަމިއްލަ ރައްކަލަށް. އަޅުގަނޑުމެންގެ އަމިއްލަ ސަލާމަތަށް. އަޅުގަނޑުމެންގެ ފަރުދުންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި. އެންމެންނަށް އެއްކަހަލަ ފުރުޞަތުތަކެއް ހޯދައިދިނުމުގެ ގޮތުން. އެހެންވީމާ، އެ ޤާނޫނާއި ގަވާއިދުތަކަށް އަޅުގަނޑުމެން އެންމެން ތަބާވާންޖެހޭނެ. އޭގެ ބޭރުން އެއްވެސް ކަމެއް ކޮށްގެން ނުވާނެ.

މިވާހަކަ ދަންނަވާލަން މިޖެހެނީ، ބައެއް ފަރާތްތަކަށް މިކަން އޮޅިފައި އޮންނަހެން ހީވާތީ. އޮޅުމުގެ ސަބަބުން، ޤާނޫނުން ބޭރުން އިޞްލާޙު ގެންނަން މަސައްކަތްކުރާ ކަމަށް މިބުނެވެނީ. ވަރަށްގިނަ ކަންތައްތަކެއް އެބަހިނގާ. އަޅުގަނޑުމެން ރާއްޖޭގައި އަޅުގަނޑުމެން ދެކެން ބޭނުންނުވާ ކަންތައްތަކެއް، ހަމަނުޖެހުންތަކެއް އެބަހިނގާ. އެއީކީ އެއްވެސް ހާލެއްގައި ރާއްޖެދެކެ ލޯބިވާ، ރާއްޖެއަށް ހެޔޮއެދޭ، ސަލާމަތްބުއްދިހުރި އެކަކުވެސް ބޭނުންވާނެ ގޮތެއްނޫން.

މިވާހަކަ ދަންނަވާލާއިރު އުފާވެރި ވާހަކައެއްވެސް ދަންނަވާލަން އެބައޮތް. އެއީ ރޭ ނޫން އިހަށްރޭ މިއަތޮޅުގެ އިޖްތިމާޢީ މަރްކަޒުގައި ހިނގި އަލިފާނުގެ ޙާދިސާ. ޝައްކެއްނެތް ވަރަށްބޮޑު ގެއްލުމެއް އެލިބުނީ ރައްޔިތުންނަށް. ރައްޔިތުންގެ ތަނެއް އަނދައިގެން ދިޔައީމާ. އެކަން ހިނގާދިޔައީމާ ވަރަށްގިނަ ޝައްކުތަކެއް އުފެދިގެންދިޔަ. ވަރަށްގިނަ ބިރުތަކެއް ބައެއް މީހުންގެ ހިތަށް ވެރިވެގެންދިޔަ. މިދުވަސްކޮޅުގެ ގޮތުން. އެއީ ބަޔަކު ގަސްދުގައި ކުރި ކަމަކަށްވެދާނެތީ. އެހެން ނަމަވެސް، މިއަދު އަޅުގަނޑަށް މަޢްލޫމާތު ލިބުނުގޮތުގައި، ފުލުހުންގެ ފޮރިންސިކް ޓީމެއް، ކަމާބެހޭ ތަޖުރިބާހުރި، އެބައި ކިޔަވައިގެން ތިބި ފުލުހުންގެ ބޭކަލުންގެ ޓީމެއް މިރަށަށް ދުރުވެ، އެމައްސަލަ ތަޙުޤީޤު ކުރެއްވިއިރު، އެބޭކަލުންނަށް ފެނިވަޑައިގަތީ، މިއީކީ ބަޔަކު ނުވަތަ މީހަކު ގަސްދުގައި ކުރި ކަމެއް ނޫންކަން. އެއީ އިލެކްޓްރިކް ޝޯޓެއްވެގެންވީ ކަމެއް ކަމަށް އެބޭފުޅުން ވިދާޅުވި. ހަމައެކަނި އެބޭފުޅުންނެއް ނޫން. ސްޓެލްކޯގެ ބޭފުޅުންވެސް ވަޑައިގެން ބައްލަވާފައި، އެބޭފުޅުންވެސް ހަމަ އެގޮތަށް ވިދާޅުވި. އެބޭފުޅުންނަށްވެސް އެގޮތަށް ފެނިވަޑައިގަންނަވާ ކަމަށް. އެހެންވީމާ، މިދެންނެވީ މިއީ ދެން ހިތަށް ފިނިކަމެއް ގެނެސްދިން ކަމެކޭ. މިކަހަލަ ކަންތައްތައްވުމަކީ ކިތަންމެހާވެސް ދެރަކަމެއް. އެހެން ނަމަވެސް، އެއީ މީހަކު ކުރި ކަމަކަށް ނުވަންޏާ، އަޅުގަނޑުމެން އިރާދަކުރެއްވީތީ އެކަމާ މާބޮޑަށް ކަންބޮޑުވާކަށް ނުޖެހޭ. އެހެންވީމާ، އެއުފާވެރި ޚަބަރު މިއަދު އަޅުގަނޑަށް ލިބުނީތީ، ތިޔަބޭފުޅުންނާ އެޚަބަރު މިޙިއްޞާކޮށްލީ.

ޤާނޫނާއި ގަވާއިދަށް ޙުރްމަތްތެރިކޮށްހިތާ ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ޙުރްމަތްތެރިކޮށް ހިތަންވީ، ހަމައެކަނި ވަކި ޤާނޫނުތަކަކަށް ނޫން. ވަކި ގަވާއިދުތަކަކަށް ނޫން. ހުރިހާ ޤާނޫނުތަކަކަށާއި ހުރިހާ ގަވާއިދުތަކަށް. އޭގެތެރެއިން ވަރަށް މުހިންމު ގަވާއިދުތަކެއް އަޅުގަނޑުމެން މުގުރާލައިފިއްޔާ، ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަންތައްތަކެއް އެބަހުރި. މިސާލަކަށް، ޓްރެފިކް ގަވާއިދު. މަގުމަތީގައި އެއްޗެތި ދުއްވުމުގެ ގަވާއިދު. މިގަވާއިދަށް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ޙުރްމަތްތެރިކޮށް ނުހިތޭތީ، ވަރަށް ހިތާމަވެރި ޙާދިސާތަކެއް މެދުވެރިވަމުން އެބަދޭ. ވަރަށް ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގާ، މީހުންގެ ފުރާނަ ގެއްލި، ނުވަތަ ފުރާނަ ނުގެއްލުނު ނަމަވެސް، މީހުންނަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންއެބަދޭ.

މިރަށުގައިވެސް މިކަހަލަ ބައެއް އެކްސިޑެންޓްތައް ހިނގާފައި އެބަހުރި. ބަހާރުމަގުގައި އެކްސިޑެންޓްވެފައި ތިންމީހުން ވަނީ މަރުވެފައި. ހުސްނުހީނާ މަގުގައި އެކްސިޑެންޓްވެފައި އެކަކު ވަނީ މަރުވެފައި. މުޙަންމަދު ޖަމާލުއްދީން ނައިބު ތުއްތު މަގުގައި ނުރައްކާތެރި ތިން އެކްސިޑެންޓް ހިނގާފައި އޮތް. މިއެކްސިޑެންޓްތަކުގައި މީހަކު މަރެއްނުވޭ. އެހެން ނަމަވެސް ބައެއް މީހުންނަށް ބޮޑެތި އަނިޔާތައް ލިބުނު.

އައްޑޫ ޝަމްސުއްދީން ބޮޑުތަކުރުފާނު މަގުގައި މިހާތަނަށް ނުރައްކާތެރި 11 އެކްސިޑެންޓް ވަނީ ހިނގާފައި. 5 މީހަކުވަނީ މަރުވެފައި. އަދި އެކްސިޑެންޓްތަކުގައި 20 މީހަކަށް ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައި. އަޅުގަނޑުމެން ބޮޑެތި މަގުތައް މިހަދަނީ، މީހުންނަށް ފަސޭހަކޮށްދޭން. އެއްތަނުން އަނެއް ތަނަށް ފަސޭހަކަމާ އެކީގައި ދިޔުމަށްޓަކައި. އެމަގުތަކުގެ ބޭނުންކުރަންޖެހޭނީ، އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށްވެސް އަދި އެމަގުތައް ބޭނުންކުރާ އެހެން މީހުންނަށްވެސް ގެއްލުމެއް ނުވާނެ ގޮތުގެ މަތިން. މިއީވެސް ގަވާއިދެއް. ޤާނޫނެއް. މިކަންކަމަށްވެސް އަޅުގަނޑުމެން ޙުރްމަތްތެރިކޮށްހިތަން އެބަޖެހޭ. ޙުރްމަތްތެރިކޮށް ނުހިތީމާ، މިދިމާވަނީ ވަރަށް ބޮޑެތި ގެއްލުންތައް. ވަރަށްބޮޑެތި ނުރައްކާތައް.

އާދެ! ދެން ދަންނަވާލަން އޮތީވެސް ވަރަށް ކަންބޮޑުވާ މައްސަލައެއްގެ ވާހަކަ. އެއީ، މަސްތުވާ ތަކެތީގެ ވާހަކަ. މަސްތުވާތަކެތީގެ ވަބާގައިޖެހޭ ކުދިންގެ އަދަދު އިތުރުވަމުން ދިޔުމަކީ، ޝައްކެއްނެތް ވަރަށް ހިތާމަހުރި ކަމެއް. އަދި އެއީ އޭގެ ސަބަބުން، އެކިއެކި ކުށްތައްވެސް އިތުރުވަމުންދާ ކަމެއް. އެންމެ ފުރަތަމަ، މަސްތުވާތަކެތީގެ ބޭނުންކުރަން ފަށަނީ. ފެށީމާ އެ ދެވެނީ، ނުބައި މަގަކުން. ދެން އޭގެއިތުރުން، ބައިވަރު ކުށްތައް ކުރުމަށް، އެކަމުން އެބަ މަގުފަހިވެގެންދޭ. އެމީހުންނަށް އެބަ ބައެއް ޙާލަތްތަކުގައި، އެމީހުން ދެކޭގޮތުގައި، ބައެއް ކަހަލަ ގޯސް ކަންތައްތައް ކުރުމަށް އެބަ މަޖުބޫރުވޭ. ވައްކަން ކުރުމާއި، ބައިވަރު އެކަހަލަ ކަންތައްތައް އެބަހުރި. އަދި އެންމެފަހުން ގޮސް މާރާމާރީ ހިންގާ، މީހުންގެ ފުރާނައަށް ނުރައްކާވާ ޒާތުގެ ކަންތައްތައްވެސް ކުރަން އެބަޖެހޭ. މަސްތުވާތަކެތި ބޭނުން ކުރަމުން ކުރަމުން ގޮސް ބައެއް މީހުން މަރުވާތަންވެސް އެބައާދޭ. މިހާ ނުރައްކާތެރި ކަމެއް، ކަމަކީ. މިކަމުން، ދިވެހި މުޖްތަމަޢު ސަލާމަތް ކުރުމަށްޓަކައި، އަޅުގަނޑުމެން އެންމެން އެއްބާރުލާން ޖެހިއްޖެ. މީގައި އެބައޮތް ދެބައެއް. އެއްބަޔަކީ، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް، ކުރަންޖެހޭ މަސައްކަތްތައް ކުރުން. ޕްރިވެންޝަން. މީހުންނަށް އެކަން އަންގައިދީ، އެކަމުގެ ތަމްރީނުތައް ހިންގައި، ހޭލުންތެރިކަން އުފައްދާ، އަދި އަޅުގަނޑުމެންގެ ކުޑަކުއްޖަކުވެސް، ޒުވާނަކުވެސް އެއްގޮތަކަށްވެސް އެދިމާއަށް ނުދާނެ ގޮތަކަށް، އަޅުގަނޑުމެން އިންތިޒާމުތައް ރާވައި ކަންތައްތައް ކުރުން. އެއީ އޭގެ ވަރަށް މުހިންމު ބައެއް.

ދެން އޮތް ބަޔަކީ، މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖްތަމަޢަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތް. އެއީ އެމީހުން ރީހެބިލިއޭޓް ކުރުން. ނަފްސާނީ ގޮތުންނާއި މެޑިކަލް ގޮތުން ދޭންޖެހޭ ފަރުވާތައް ދީގެން، އެމީހުންނަކީ، ފައިދާހުރި ބަޔެއްގެ ގޮތުގައި އެނބުރި މުޖްތަމަޢަށް ގެނައުމަށް ކުރެވޭ މަސައްކަތް.

ތިންވަނަ ކަމަކީ މަސްތުވާތަކެތި އެތެރެވުން ހުއްޓުވުން. މަސްތުވާތަކެއްޗަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި އުފައްދާ އެއްޗެއް ނޫން. ރާއްޖޭގެ މީހުން އެ ބޭނުންކުރަނީ ބޭރުން ގެނެސްގެން. އެ މަގު އެބަޖެހޭ އަޅުގަނޑުމެން ވަރަށް ބޮޑަށް ބަންދުކުރަން. ހަމައެޔާއެކީގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އެކަށީގެންވާ އަދަބުދޭން އެބަޖެހޭ. އެއީ އެމީހުން އެކުރާ ނުރަނގަޅު ޢަމަލުގެ ސަބަބުން، މުޖްތަމަޢުގެ ކުށެއްނެތް ވަރަށްގިނަ ބަޔަކު ހަލާކުވެގެންދާތީ. ޚާއްޞަކޮށް، އަޅުގަނޑުމެން ނުހަނު ލޯބިވާ އަޅުގަނޑުމެންގެ ދަރިންނާއި، އަޅުގަނޑުމެންގެ ޒުވާނުންގެ ތެރެއިން ވަރަށްގިނަ ބަޔަކު، މި ވަބާގައި ޖެހިގެން ހަލާކުވަމުން އެއޮއްދަނީ. މިކަން ކުރުވާ ބަޔަކު ހިފާ، އެބަޔަކާ ދޭތެރޭގައި އަޅަންޖެހޭ ވަރުގަދަ ޤާނޫނީ ފިޔަވަޅު އެޅުމަކީވެސް، މިކަމުން އަޅުގަނޑުމެން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭނޭ ވަރަށް މުހިންމު މަސައްކަތެއް.

އެހެންވީމާ، އަޅުގަނޑު މިއިލްތިމާސް ކުރަނީ، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މިކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން، ސަރުކާރާއި، އަމިއްލަ ޖަމްޢިއްޔާތަކާއި، އަމިއްލަ ފަރާތްތަކާއި، އަމިއްލަ މީހުންނާއި، އެންމެން ގުޅިގެން، މިކަމުގައި ޤައުމީ މަސައްކަތެއް ކޮށްގެން، އަޅުގަނޑުމެންގެ ރާއްޖެއިން މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާ މުޅިން ފިލުވާލުމަށް މަސައްކަތް ކުރުމަށް.

އާދެ! އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއްވެސް ކާމިޔާބުވާނީ، އެމަސައްކަތެއް ކުރުމުގައި، އެންމެން އެއްބާރުލައިގެން އެއްރޫޙަކާއެކު މަސައްކަތް ކޮށްގެން. އަދި އަޅުގަނޑުމެންގެ ތެރޭގައި ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ރޫޙު ދިރުވުމަކީވެސް، ވަރަށް މުހިންމު ކަމެއް. އެއީ، އަޅުގަނޑުމެންނަށް ފަހަކަށްއައިސް މިއާދަވަނީ، އެއްޗެއް ލިބެންޏާ ކަމެއް ކުރަން. އެއީވެސް ބައެއް ޙާލަތްތަކުގައި ޟަރޫރަތަކަށްވެދާނެ. އެމީހަކު ކާންބޯންކުރާ މަސައްކަތް އެކުރަނީ، ކޮންމެވެސް އެއްޗެއް ލިބުމުގެ ބޭނުމުގައި. އެމީހާގެ ދިރިއުޅުން ހަމަޖެއްސުމަށްޓަކައި. އެހެނެއް ނޫން. ބައެއް ކަންތައް އެބަހުރޭ، ހިލޭ ސާބަހަށް ކުރަންޖެހޭ ކަންތައްތައް. އެންމެންގެ ސަލާމަތަށް، އެންމެންގެ ހެވަށްކުރާ ކަންތައްތައް. މިސާލަކަށް ތިމާވެށީގެ ކަންތައްތައް. އަޅުގަނޑުމެންގެ ރަށް، އަޅުގަނޑުމެންގެ ގެ، އަޅުގަނޑުމެންގެ ގޮނޑުދޮށްތައް ސާފުކޮށް ބެލެހެއްޓުމަކީ، އެންމެންގެ މަސްއޫލިއްޔަތެއް. އެއީކީ ކޮންމެހެން އެއިން އަޅުގަނޑުމެންނަށް ފައިދާއެއް ލިބޭނެތީ، މާއްދީ ފައިދާއެއް ލިބޭނެތީ ކުރާ ކަމެއްނޫން. އެއިން އަޅުގަނޑުމެންނަށް ލިބޭ ފައިދާ، އާދައިގެ މާއްދީ ފައިދާއަކަށްވުރެ މާބޮޑު. އަޅުގަނޑުމެންގެ ތިމާވެށި ހިމާޔަތް ކުރެވުނީމާ، އެލިބޭ ފައިދާއަކީ، ޖުމްލަގޮތެއްގައި ދަންނަވަންޏާ، އެއީ އެތައްހާސް ރުފިޔާއެއް، އެތައް ލައްކަ ރުފިޔާއެއް ލިބުމަށްވުރެ މާ އަގުބޮޑު ކަމެއް. މާ ފައިދާހުރި ކަމެއް. މިކަހަލަ ކަންތައްތައް ކުރުމުގައި، އަޅުގަނޑުމެންގެ މެދުގައި ޖަމާޢީ ރޫޙު ނުވަތަ މުޖްތަމަޢުގެ ރޫޙު އުފެއްދުމުގައި، ހިލޭ ސާބަހަށް މަސައްކަތް ކުރުން، ބައެއް ކަހަލަ ޚިދްމަތްތައް ދިނުމުގައި، ހިލޭ ސާބަހަށް ކަންތައް ކުރުން މިއީ ވަރަށް މުހިންމު ކަމެއް. ދުނިޔޭގެ ވަރަށްގިނަ ތަންތާނގައި މީހުން އެގޮތަށް ކަންތައްކޮށްއުޅޭ. އޭގެ ސަބަބުން ވަރަށްބޮޑެތި ނަތީޖާތައްވެސް ދަނީ އެމީހުންނަށް ފެންނަމުން.

އާދެ! ކުރިންވެސް ދެންނެވި ފަދައިން، ޤާނޫނާއި ގަވާއިދަށް އަޅުގަނޑުމެން ޙުރްމަތްތެރިކޮށްހިތަން އެބަޖެހޭ. ކޮންމެ ކަމެއްވެސް ކުރަން މިޖެހެނީ، ޤައުމުގެ މަޞްލަޙަތާ އެއްގޮތްވާ ގޮތުގެ މަތިން.

ދެންމެ މިޖަލްސާ ފެށުމުގައި، ވަރަށްރީތި އަޑުފުޅަކުން، ތަޖުވީދުގެ ހަމަތަކަށް ވަރަށް ބޮޑަށް އިޙްތިރާމް ކުރައްވައިގެން، ވަރަށް އަސަރުކުރުވަނިވި ގޮތަކަށް، ޤާރީ އަޅުގަނޑުމެންނަށް އާޔަތްތަކެއް އެވިދާޅުވެދެއްވީ. އެއާޔަތްތަކުގައިވެސް އެވަނީ އެވާހަކަ. "وَاعْتَصِمُواْ بِحَبْلِ اللّهِ جَمِيعاً وَلاَ تَفَرَّقُوْ" "ތިޔަބައިމީހުން މާތްاللّهގެ ވާފަށުގައި، މާތްاللّهގެ ދީނުގައި، މާތްاللّهގެ ހިދާޔަތުގައި، އެންމެން އެކަތިގަނޑަކަށްވެގެން ތިބެގެން ހިފަހައްޓާށޭ." "وَلاَ تَفَرَّقُواْ" "އަދި ތިޔަބައިމީހުން ބައިބައިވެގެން ނުދާށޭ." "وَاذْكُرُواْ نِعْمَتَ اللّهِ عَلَيْكُمْ" "އަދި ތިޔަބައިމީހުންނަށް މާތްاللّه ދެއްވި ނިޢުމަތުގެ މަތިން ހަނދާންކުރާށޭ." "إِذْ كُنتُمْ أَعْدَاءً" "އެއީ ތިޔަބައިމީހުން ޢަދުއްވުންގެ ގޮތުގައި ތިއްބާ" "فَأَصْبَحْتُم بِنِعْمَتِهِ إِخْوَاناً" "ފަހެ اللّهގެ ނިޢުމަތުގެ ސަބަބުން، ތިޔަބައިމީހުން އަޚުންތަކެއް ކަމުގައި ވެއްޖައީމޭ." 

އެނިޢުމަތަކީ އިސްލާމްދީނުގެ ނިޢުމަތް. އިސްލާމްދީނުގެ ނިޢުމަތް އައުމަށްފަހުގައި، ތިޔަބައިމީހުންނަކީ، އަޚުންތަކެއް ކަމުގައި ވެއްޖައީމޭ. އޭގެކުރިން ތިޔަބައިމީހުން ތިބީ އަލިފާން އަނދަވަޅުގަނޑެއްގެ ތުންފަތްމަތީގައި ތިބި ބަޔެއްގެ ގޮތުގައޭ. ތިޔަބައިމީހުންގެ މެދުގައި އޮތް ޚިލާފުތަކުގެ ސަބަބުން ކިރިޔަ ކިރިޔާއޭ އަނދަވަޅުގަނޑަށް ތިޔަބައިމީހުން ނުވެއްޓި ތިބީ. އެހެންތިއްބާ اللّهގެ ރަޙްމަތްފުޅުން اللّه ފޮނުއްވި އިސްލާމްދީނުގެ ސަބަބުން اللّه ތިޔަބައިމީހުންގެ ހިތްތަކުގައި އުފެއްދެވި ކުލުނުވެރިކަމާއި، އެކަކު އަނެކަކަށް ލޯބިކުރުމުގެ ޝުޢޫރުގެ ސަބަބުން، ތިޔަބައިމީހުން އެކަތިގަނޑަކަށްވީއޭ. އެކަމުން ތިޔަބައިމީހުން އެއްކަލަ އަނދަވަޅުގަނޑަށް ނުވެއްޓި ސަލާމަތްވީއޭ. ވަރަށްރީތި މިސާލެއް، ކީރިތި ޤުރްއާނުގައި ޖައްސަވާދެއްވާފައި އެވަނީ، އަޅުގަނޑުމެންނަށް ހިތަށް އެކަން ވަދޭތޯ.

މިއީ އެހެންވީމާ، އަޅުގަނޑުމެން ކަންތައް ކުރަންވީގޮތަކީ. އަޅުގަނޑުމެން ކޮންމެ ކަމެއް ކުރިޔަސް، އިޞްލާޙީ މަސައްކަތް ކުރިޔަސް، ތަރައްޤީގެ މަސައްކަތް ކުރިޔަސް، އިޖްތިމާޢީ ކުރިއެރުމުގެ މަސައްކަތް ކުރިޔަސް، އަމިއްލަ އާމްދަނީ ހޯދަން މަސައްކަތް ކުރިޔަސް، އަޅުގަނޑުމެން ވާންޖެހޭނެ އަޚުންތަކެއް ކަމުގައި. އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ، އެއްބަނޑުއެއްބަފާކަމުގެ ގުޅުން. އުޚުއްވަތްތެރިކަމުގެ ގުޅުން. އެއީ، އަޅުގަނޑުމެން އަމިއްލައަށް އުފެއްދި އެއްޗެއް ނޫން. އެއީ اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ދެއްވި ނިޢުމަތެއް. އަޅުގަނޑުމެންނަކީ އަޚުންތަކެއް ކަމުގައި ލެއްވީ اللّه. އަޅުގަނޑުމެން މިދުނިޔެއަށް ފޮނުއްވީ اللّه. އަޅުގަނޑުމެންނަށް އިސްލާމްދީނުގެ ހިދާޔަތް ދެއްވީ اللّه. އަޅުގަނޑުމެން އެނބުރިދާހުށީ اللّهގެ ޙަޟުރަތަށް. ޤިޔާމަތް ދުވަހުން އަޅުގަނޑުމެންނަށް ހެޔޮ ޖަޒާ ދެއްވާނީ اللّه. ނުބައި ޖަޒާ ދެއްވާނީ اللّه.

އެހެންވީމާ، މިކަން މިހެން އޮއްވާ، اللّه އަޅުގަނޑުމެންގެ މެދަށް ފޮނުއްވާފައިވާ ދީނަށް، ކަމޭނުހިތާ، އަޅުގަނޑުމެންގެ މެދުގައި ލައްވާފައިވާ އެއްބަނޑުއެއްބަފާކަމުގެ ގުޅުމަށް އިޙްތިރާމްނުކޮށް، އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅާ، ގާއުކާ، ތަންތަން ރޯކޮށް، އެކަކު އަނެކަކަށް އެއްޗެހިކިޔާ، ފަޟީޙަތްކޮށް، މުޖްތަމަޢުގައި ބައިބައިވުން އުފައްދަން މަސައްކަތް ކުރުމަކީ، މިދެންނެވި ރީތި އިސްލާމީ ޢަޤީދާއާއި، އިސްލާމީ އުޞޫލުތަކާއި، މާތްاللّه އަޅުގަނޑުމެންނަށް ދެއްވާފައިވާ އިރުޝާދުތަކާ މުޅިން ޚިލާފުވާ ކަމެއް. އަޅުގަނޑުމެންނަކީ، ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވީހިނދު، އެފަދަ ގޮތަކަށް އަޅުގަނޑުމެންގެ ތެރެއިން ހަމަ އެކަކުވެސް މަސައްކަތެއް ކޮށްގެނެއް ނުވާނެ.

އާދެ! އަޅުގަނޑުގެ ވާހަކަ ވަރަށް ދިގުވެއްޖެ. ގަޑިއަކީވެސް މާފަސޭހަ ގަޑިއެއް ނޫންކަންނޭނގެ. މެންދުރު އެންމެ ހޫނުގަދަ ވަގުތު. އެހެންވީމާ، ދެން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމުން. ޚާއްޞަކޮށް، މިއަތޮޅުގެ ލޮބުވެތި ރައްޔިތުން މިއަދު އަޅުގަނޑަށް ތިޔަ ވިދާޅުވި މަރްޙަބާއަށްޓަކައި، އަދި މިގަޑީގައި އަޅުގަނޑުގެ ވާހަކަ އައްސަވަން ތިޔަ ތިއްބެވި ތިއްބެވުމަށްޓަކައި، ހުރިހާ ބޭފުޅުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

ހަމައެޔާއެކީގައި އަޅުގަނޑުމެންނާއެކީ މިވަޑައިގެންނެވި މިރަށުގެ ޢިއްޒަތްތެރި ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން. އެއްބޭފުޅަކީ، އަލްއުސްތާޛު މުޙަންމަދު ޖަމީލު، މިތާ އެބައިންނެވި. އަދި މިއަތޮޅުގެ ވަރަށްގިނަ ޢިއްޒަތްތެރިން ސަރުކާރުގެ މަތީމަގާމުތައް ވަނީ ފުރުއްވާދެއްވާފައި. މިހާރުވެސް ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަދި އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ރައީސަކީ، ފަޟީލަތުލް އުސްތާޛުއްޝައިޚު މުޙަންމަދު ރަޝީދު އިބްރާހީމް. މިއަތޮޅުގެ ލޮބުވެތި ދަރިއެއް. ހަމައެހެންމެ، މިހާރު މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ޕްރެޒިޑެންޓްގެ މަގާމުގައި ހުންނެވި ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިނަކީވެސް، މިއަތޮޅުގެ ލޮބުވެތި ދަރިއެއް. ކުރިންވަނީ އެޑިޔުކޭޝަން މިނިސްޓަރުގެ މަގާމާއި، އަދި ޒުވާނުންނާއި ކުޅިވަރާބެހޭ މިނިސްޓަރުގެ މަގާމުވެސް ފުރުއްވައިދެއްވާފައި ވަރަށްގިނަ ޒަމާންތަކެއް ވަންދެން. އިޚްލާޞްތެރި ޚިދްމަތްތަކެއް، ކުރިންވެސް ކޮށްދެއްވާފައި. މިހާރުވެސް އޭނާ ހުންނެވީ އެޚިދްމަތް ކޮށްދެއްވުމުގެ މަގުމަތީގައި. އަދި އެބަހުންނެވި އެއްބޭފުޅަކު، އިބްރާހީމް ރަފީޤު. ހަމަ މިއަތޮޅުގެ ބޭފުޅެއް. ހަމަ އަޅުގަނޑާ އެކީގައި ވަރަށް އިޚްލާޞްތެރި މަސައްކަތް ކޮށްދެއްވާ ބޭފުޅެއް. އެހެންވީމާ، އެބޭފުޅުން އެކުރައްވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކޮށް، އެބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އަދި އިއްޔެ އަޅުގަނޑު އައްޑުއަތޮޅަށް ގޮސް އައްޑުއަތޮޅުގައި ދެއްކި ވާހަކައިގައި، ނުބުނެވުނު ކަމުގައިވިޔަސް، އައްޑުއަތޮޅުގެ ވަރަށް ޢިއްޒަތްތެރި ބޭފުޅުންކޮޅެއްވެސް އަޅުގަނޑާ އެކީގައި ވަޒީރުންގެ މަޖިލީހުގައި އެބަ މަސައްކަތް ކޮށްދެއްވާ. އޭގެތެރޭގައި، ޑޮކްޓަރ ޙަސަން ސަޢީދު. ދެން އަލްފާޟިލާ ޢާއިޝަތު މުޙަންމަދުދީދީ މިއިންނެވީ. ދެން މިތާ ވަޑައިގެން ނެތަސް، އަލްފާޟިލް ޙުސައިން ޙިލްމީ. އެއީވެސް މިހާރުގެ ވަޒީރެއް. މިބޭފުޅުންގެ ޚިދްމަތްވެސް އަޅުގަނޑު އުފަލާއެކު ޤަބޫލުކުރަން.

ހަމައެހެންމެ، މިހާރު ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިނުގަތަސް، ސަރުކާރަށް ވަރަށްގިނަދުވަހު ޚިދްމަތް ކުރެއްވި ދެޢިއްޒަތްތެރިއަކު މިތާ އެބަތިއްބެވި. އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި އަތޮޅުވެރިޔާ އެވާހަކަ ވިދާޅުވި. އެއްބޭފުޅަކީ، އަލްއުސްތާޛު ޢަބްދުاللّه ޙަމީދު. އަނެއް ބޭފުޅަކީ އަލްފާޟިލް ޢުމަރު ޒާހިރު. މިދެބޭފުޅުންނަކީވެސް، އެބޭފުޅުންނާ ޙަވާލުކުރެވުނު ކޮންމެ ކަމެއް ވަރަށް ވަފާތެރިކަމާއި އިޚްލާޞްތެރިކަމާއި ވަރަށް ޤާބިލްކަމާ އެކީގައި އަދާކޮށްދެއްވާފައިވާ ދެބޭފުޅުން. އެބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިހާރުގެ މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން، އަތޮޅުތަކުގެ ތަރައްޤީއަށް އެކޮށްދެއްވާ މަސައްކަތަށްޓަކައި އޭނާއަށްވެސް ޝުކުރު ދަންނަވަން.

ދެން މިތާ މިތިއްބެވި ވަޒީރުން، ވަރަށްގިނަ ބޭފުޅުން އެބަތިއްބެވި. މިކޮޅުން ދަންނަވަންޏާ އެންމެ ފުރަތަމަ އަލްފާޟިލް މުޙަންމަދު ސަޢީދު. ދެން ޑޮކްޓަރ މަޙްމޫދު ޝައުޤީ. ދެން މިނިސްޓަރ މުޙަންމަދު ޙުސައިން، ދެން އިންނެވީ އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީން. ޢާއިޝާގެ ވާހަކަ ދެންނެވިއްޖެ. މިހުރިހާ ބޭފުޅުންވެސް ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއް ސަރުކާރަށް ކޮށްދެއްވާތީ، އެބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑުގެ މިދަތުރުގައި ބައިވެރިވެވަޑައިގެން ދެއްވީތީވެސް، އެހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި މިނިސްޓަރުން ކަމުގައި ނުވިޔަސް، މިސާލަކަށް އަލްފާޟިލް ޢަބްދުاللّه މަސީޙު މުޙަންމަދު، އަޅުގަނޑުމެންގެ އޮފީހުގައި ވަރަށްގިނަދުވަހު ޚިދްމަތް ކުރައްވާފައިވާ މިނިސްޓަރުގެ ނައިބު އޭނާ އެއީ. އޭނާވެސް ވަރަށްގިނަ ޚިދްމަތްތަކެއް ކޮށްދެއްވާ. އެކޮޅުގައި އެއިންނެވީ އަލްފާޟިލާ ނާހިދު ޢަލީ. އެދެބޭފުޅުންނަކީވެސް މިއަތޮޅުގެ މިރަށުގެ ލޮބުވެތި ދަރިން. މިހުރިހާ ބޭފުޅުން މިކޮށްދެއްވާ ޚިދްމަތުގެ އަގު ވަޒަން ކުރަމުން، ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ޚާއްޞަކޮށް، މިއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް އަޙްމަދު މޫސާ. މިއަތޮޅުގެ ބޭފުޅެއް ނޫނަކަސް، މިއަތޮޅާ ބެހޭގޮތުން ވަރަށް ޚާއްޞަ ގޮތެއް ބަހައްޓަވާ. އަދި އަތޮޅުގެ ތަރައްޤީއަށް ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވާ ބޭފުޅަކަށްވާތީ، އޭނާއަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވައި، އަޅުގަނޑުމެންކުރާ މަސައްކަތުގައި ބަރަކާތްލައްވައި، ދިވެހިރާއްޖެއަށް ފާގަތި މުސްތަޤްބަލެއް، އުފާވެރި ހަމަޖެހޭ، އަމަންއަމާންކަން ލިބިގެންވާ، ޞުލްޙަމަޞްލަޙަތު ޤާއިމުވެފައިވާ، އެންމެން އުފާކުރާނެ ކުރިމަގެއް އަޅުގަނޑުމެންނަށް ދެއްކެވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.