بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! މިއަދުގެ މިއިޙްތިފާލުގައި އަޅުގަނޑު އެއްޗެއް ބުނާގޮތަކަށް ނޫން ޕްރޮގްރާމް ރޭވިފައި އޮތީކީ. އެހެން ނަމަވެސް، އަޅުގަނޑު ހިތަށްއެރީ މިވަރުގެ މުހިންމު ކަމެއް ފަށާއިރު އަޅުގަނޑުވެސް އެއްޗެއް ބުނެލަންޖެހޭނެއޭ. އަދި ޚާއްޞަކޮށް މަސްވެރިކަމަކީ، ރާއްޖޭގެ މާޒީގައިވެސް، މިހާރުވެސް، އަދި މުސްތަޤްބަލުގައިވެސް ރާއްޖެއަށް ވަރަށް ފައިދާކުރަނިވި ޞިނާޢަތަކަށްވާނެތީ، މިކަމާ ބެހޭގޮތުން އަޅުގަނޑު ހަމަ ކޮންމެވެސް އެއްޗެއް ބުނެލަންޖެހޭނެ ކަމަށް އަޅުގަނޑަށް ވިސްނުނީ.

އާދެ! މިފްކޯއިން މިތައްޔާރު ކުރައްވާ މަސްފިނިކުރާ ގުދަންވާނީ، މިމަރްކަޒުގެ އެންމެ ފުރަތަމަ ވަސީލަތް ކަމުގައި. އޭގެއިތުރުން، ވަރަށްގިނަ ކަންތައްތަކެއް މިތަނަށް އަންނަ ގޮތަށް މިފްކޯއިން ވަނީ ރާއްވަވާފައި. އަދި ދެންމެ މިނިސްޓަރުގެ ވާހަކަފުޅުންވެސް އެނގިގެންދިޔަ ފަދައިން، އިރާދަކުރެއްވިއްޔާ މިސަރަޙައްދުވާނީ، ރާއްޖޭގެ މަސްވެރިކަމުގެ ހުރިހާ ބާވަތްތަކެއް އުފައްދާ އެކްސްޕޯޓްކުރާ ވަރަށްމަތީ ފެންވަރުގެ ސަރަޙައްދަކަށް. އެހެންވީމާ، އަޅުގަނޑަށް މިއަދު ލިބޭ ވަރަށްބޮޑު އުފަލެއް. މިތަނަށް އައިސް މިފްކޯގެ މިމަޝްރޫޢުގެ ފުރަތަމަ ބައި އާދެ! އެއީ މަސްފިނިކޮށް ބަހައްޓާ ގުދަން އިފްތިތާޙުކޮށްދިނުމުގެ ގޮތުން، އެތާނގެ ބިންގާ އަޅައިދިނުން.

އާދެ! ދެންމެ މިފްކޯގެ މެނެޖިންގ ޑިރެކްޓަރ މުޙަންމަދު ޢާދިލް ސަލީމްގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ. ކުރިން އައްޑުއަތޮޅުގައި މަސްވެރިކަން އޮތްގޮތް. އޭނާ އެންމެ ފުރަތަމަ ވަޑައިގެންނެވިއިރު ދެކެވަޑައިގެންނެވި ގޮތް. އާދެ! އެއީ އަޅުގަނޑު ދަންނަވާނީ، ހަމައެކަނި މިއަތޮޅަށް އައި ބަދަލެއް ނޫނޭ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް އޭރު ދަތުރުކުރި މީހުން، މިހާރު ދަތުރުކުރާއިރު އެބަދަލު އެމީހުންނަށް އެބަފެނޭ. އެއީ ފަހަރެއްގައިވެސް ނުދަންނަވަން އެއީ ވަކި ސަރުކާރުން ކުރި މަސައްކަތުންވީ ކަމެކޭ. އެހެން ދަންނަވާކަށް ނޫން މިއުޅެނީ. އަޅުގަނޑު ދަންނަވަން މިއުޅެނީ، އެއީ ހަމަ ރާއްޖޭގެ ރައްޔިތުން ތަރައްޤީއަށް ކުރައްވާ މަސައްކަތުގެ ނަތީޖާއޭ. ރައްޔިތުންގެ ހިތްވަރާއި، ރައްޔިތުންގެ ޢަޒުމުގައި، ރައްޔިތުންގެ މަސައްކަތާއި، ރައްޔިތުންގެ ކެރުމުގެ ސަބަބުން އަޅުގަނޑުމެންނަށް ވާޞިލުވެފައިވާ މަންޒިލެކޭ. މިހާރު އަޅުގަނޑުމެން އެކަމުގެ އުފަލުގައި މިތާ މިތިބީ.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، މިމަރްކަޒު މިއީވެސް ވަރަށް ކާމިޔާބު މަރްކަޒަކަށް ހައްދަވަންޖެހޭނެއޭ. ދެންމެ އެވިދާޅުވިފަދައިން، އަޅުގަނޑުމެންގެ ރާއްޖޭގައި މިއުފައްދާ އުފެއްދުންތައް މިދަނީ އިތުރުވަމުން. އަދި އަޅުގަނޑަށްވެސް އެނގޭ އަޅުގަނޑު އަމިއްލަގޮތުން ނުވަތަ ރަސްމީގޮތުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ގިނަ މީހުންނަށް އެންމެ އަގުބޮޑު ހަދިޔާއަކަށް، އަޅުގަނޑަށް ދެވެނީ ރާއްޖޭގައި އުފައްދާ މަސް. އެއީ ދަޅުގައި ބަންދުކޮށްފައި ހުރި މަސް ކަމަށްވިޔަސް ނުވަތަ ހިކިމަސް ކަމަށްވިޔަސް، ރާއްޖެއިން ބޭރުގެ މީހުން ވަރަށް ބޮޑަށް އުފާކުރާ ހަދިޔާއަކަށް އެކަން އޮންނަނީ ވެފައި. އަދި ރާއްޖޭގައި އެ އުފައްދާ އުފެއްދުމުގެ ފެންވަރު ރަނގަޅުކަމުން، އެންމެންވެސް އެކަމަށް ތަޢުރީފުކުރޭ. މިހާރުވެސް ވަރަށްގިނަ ފަރާތްތަކުން ބުނޭ ކީއްވެހޭ ތިމަންނަމެންގެ މިޤައުމަށް ރާއްޖެއިން މަސް އެކްސްޕޯޓް ނުކުރަނީ. ޚާއްޞަކޮށް ދަޅުމަސް. އަޅުގަނޑު ދަންނަވަނީ އަޅުގަނޑުމެންގެ ދަޅުމަސް ބަންދުކުރާ ކާރުޚާނާއަކީ، ވަރަށް ކުޑަކުޑަ ތަނެކޭ. އަޅުގަނޑުމެންނަށް މިހާރުވެސް ލިބޭ އޯޑަރުތަކަށް މަސް ނުއުފެއްދެއޭ. އެހެންވީމާ، އެއްޔޭ މިއުޅޭ ދައްޗަކީ. އެހެންވީމާ، މިއީ އަޅުގަނޑުމެންނަށް ހުޅުވިފައި އޮތް ވަރަށް ރަނގަޅު ފުރްޞަތެއް ކަމަށް އަޅުގަނޑު ދެކެން. ރާއްޖޭގެ މަހުގެ މީރުކަމާއި ތައްޔާރުކުރެވޭ ފެންވަރުގެ މޮޅުކަމުން، ދުނިޔޭގެ ވަރަށްގިނަ ބާޒާރުތަކުގައި ރާއްޖޭގެ މަހުގެ އުފެއްދުންތައް ހިނގާނެ. އިރާދަކުރެއްވިއްޔާ އެއިން ވަރަށްބޮޑު ކާމިޔާބީއެއް ލިބޭނެ. ވަރަށްބޮޑު ކުރިއެރުމެއް ލިބޭނެ.

އެހެންވީމާ، މިތާނގައި މިއަދު ބިންގާ އެޅޭ ވަސީލަތުގެ ސަބަބުންވެސް އަދި އޭގެފަހުން މިތާ ޤާއިމުކުރެވޭ ތަފާތު އުފެއްދުންތަކުގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖެއަށް މަސްވެރިކަމުގެ ރޮނގުން އިތުރު ކާމިޔާބީތަކާއި ކުރިއެރުން ލިބޭނެކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން. އާދެ! ﷲގެ ރަޙްމަތްފުޅުން އެކަންވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން. އަދި އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މިފްކޯގެ ޒުވާން މެނެޖިންގ ޑިރެކްޓަރ އަދި އޭނާ އެވިދާޅުވި ޒުވާން ޓީމް ވަރަށްމަތީ ފެންވަރަކަށް ތަޢްލީމު ޙާޞިލު ކުރައްވައިގެން ތިއްބެވި ބޭފުޅުންކޮޅަކާ ބައްދަލުކޮށް ސަލާންކޮށްލުމުގެ އުފާ ދެންމެ އަޅުގަނޑަށް ލިބުނު. އެބޭފުޅުންގެ ހިންމަތާއި މިންނަތުން، އެބޭފުޅުންގެ ވިސްނުންފުޅާއި، އެބޭފުޅުންގެ ޚިޔާލުފުޅާއި، އެބޭފުޅުންގެ ޢަޒުމުން އަޅުގަނޑު ހިތުން މިފްކޯ މިހާރަށްވުރެ މާބޮޑުތަން ކުރިއަށް އޮތް ތާނގައި ކުރިއަށްދާނެ. ދެން އެވާހަކަ އަޅުގަނޑު މިދަންނަވާލީ، އަޅުގަނޑަކީވެސް ޒުވާނަކަށްވާތީ.

އާދެ! އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى ދިވެހިރާއްޖޭގެ މަސްވެރިކަމަށް އިތުރު ކުރިއެރުމާއި ކާމިޔާބީ މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.