بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ! މިއަދުގެ މިއުފާވެރި ބައްދަލުވުމުގައި، އެމް.ޓީ.ސީ.ސީ އިން އަތޮޅުތަކަށް ދެއްވާ ފެރީ ޚިދްމަތުގެ ވިޔުގަ، ރަސްމީގޮތުން އިފްތިތާޙުކޮށްދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. ހަމައެޔާއެކު، އެމް.ޓީ.ސީ.ސީ.ގެ އައްޑުއަތޮޅު ސަރަޙައްދީ އޮފީސް ހުޅުވައިދިނުމަކީ، އަޅުގަނޑަށް ލިބޭ އެހާމެ ބޮޑު އުފަލެއް.

މިމުނާސަބަތުގެ ތަހުނިޔާ، ކަމާބެހޭ ހުރިހާ ބޭފުޅުންނަށް، އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ދަންނަވަން. އޭގެތެރޭގައި، އެމް.ޓީ.ސީ.ސީ.ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާރސަން ޑޮކްޓަރ ފާތިން ޙަމީދާއި، އެބޯޑުގެ އެހެން މެންބަރުން ހިމެނިވަޑައިގަންނަވާ. ހަމައެހެންމެ، އެމް.ޓީ.ސީ.ސީ.ގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޢާޠިފް ޝަކޫރާއި، އެމް.ޓީ.ސީ.ސީ.ގެ މެނެޖްމަންޓްގެ އެހެން ވެރިންނާއި ހުރިހާ މުވައްޒަފުންވެސް ހިމެނޭ. އެހެންކަމުން، މިއުފާވެރި މުނާސަބަތުގެ ތަހުނިޔާ، އެހުރިހާ ބޭފުޅުންނަށް ދަންނަވައި، އެބޭފުޅުން އެކޮށްދެއްވަމުން ގެންދަވާ އަގުހުރި ޚިދްމަތްތަކަށް ޝުކުރު ދަންނަވަން.

އާދެ! ވަގުތުގެ ގޮތުން މާދިގު ވާހަކަތަކެއް ދައްކާކަށް ބޭނުމެއް ނުވާނެކަންނޭނގެ. އެހެން ނަމަވެސް، ދަންނަވާލަން ބޭނުންވާ ދެތިން ނުކުތާއެއް އޮތީމާ، ކުރުކޮށް ނަމަވެސް އެވާހަކަތައް ދަންނަވާލެވޭތޯ އަޅުގަނޑު ބަލާނަން.

އާދެ! މިއަދަކީ، ރާއްޖޭގެ ދަތުރުފަތުރުގެ ތާރީޚުގައި ވަރަށް މުހިންމު ކުރިއެރުމެއް ޙާޞިލު ކުރެވޭ ދުވަހެއް. ޒަމާނުއްސުރެ ރަށްރަށުން މާލެއަށް ދަތުރުކުރުމުގެ މަގު އޮންނަނީ، ކޮންމެވެސް ވަރަކަށް ތަނަވަސްވެފައި. އެކަމުގެ ވަސީލަތްތަކެއްވެސް އަޅުގަނޑުމެންނަށް ވަނީ ފެނިފައި. ލިބިފައި. އެހެން ނަމަވެސް، އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކުރުމުގައި ވަރަށްގިނަ ދަތިތަކެއް ކުރިއްސުރެވަނީ ކުރިމަތިވެފައި. އެދަތިތަކަށް މާބޮޑު ޙައްލެއް އަދި މިވަނީ ނުފެނި. އެހެންކަމުން، ކަނޑުދަތުރުފަތުރު ކުރުމުގެ ޚިދްމަތްތަކުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވެފައިވި މުހިންމު ޚިދްމަތް އެމް.ޓީ.ސީ.ސީ. އިން އަތޮޅުތަކަށް ދެއްވަން ފަށްޓަވާކަން އެއީ، އެމް.ޓީ.ސީ.ސީ. އިން ފަށްޓަވާ ވަރަށް މުހިންމު ޚިދްމަތެއް ކަމަށް އަޅުގަނޑު ދެކެން. 

މިޚިދްމަތުގެ ޙަޤީޤީ އަމާޒަކީ، އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކޮށްދިނުމުގައި، މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ދަތުރުފަތުރުކުރުމުގެ ނިޒާމެއް ޤާއިމު ކުރެއްވުން. އެމް.ޓީ.ސީ.ސީ. އިން މިފެށްޓެވި ޚިދްމަތަކީ، ޙަޤީޤަތުގައި މުޅި ރާއްޖޭގެ ރައްޔިތުންނަށް އެކަމުން ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ޚިދްމަތެއް. ހަމައެއާއެކު، މީގެ އެކިއެކި މަސައްކަތްތައް އަތޮޅުތެރޭގައި ހިންގަވާ ފަރާތްތަކަށާއި، މާލޭގައި ހިންގާ ވިޔަފާރިއާއި ދެވޭ އެކިއެކި ޚިދްމަތްތައް އަތޮޅުތަކަށް ފޯރުވައިދިނުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް.

އެމް.ޓީ.ސީ.ސީ އިން އެކުންފުނީގެ ވިޔަފާރި ފުޅާކުރައްވައި ހަރުދަނާ ކުރެއްވުމަށް ވަރަށްގިނަ މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުން. އާދެ! ދެންމެ އަޅުގަނޑުމެންނަށް ފެނިގެން އެދިޔަ ފަދައިން، މިކުންފުނީގެ އެންމެމަތީ ފެންވަރުގެ އިދާރީ ކަންތައްތައް ހިންގުމަށް ތިއްބެވީވެސް ކަމަށް ވަރަށް ޤާބިލު، ކުޅަދާނަ، ޒުވާން ބޭފުޅުންކޮޅެއް. އެހެންވީމާ، އެބޭފުޅުންގެ ވިސްނުންފުޅާއި، އެކުރައްވާ ޚިދްމަތުގެ އަގު އަޅުގަނޑުމެން ވަޒަން ކުރަން އެބަޖެހޭ. އަދި އެބޭފުޅުން އެދެއްވާ ޚިދްމަތް، އަޅުގަނޑުމެން އުފަލާއެކު ޤަބޫލުކުރަން އެބަޖެހޭ.

މިސަބަބަށްޓަކައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަނަށާއި، ބޯޑުގެ އެހެން މެންބަރުންނަށާއި، އަދި ކުންފުނީގެ މެނެޖިންގ ޑިރެކްޓަރަށާއި، ވެރިންނަށާއި، މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މިއަދު އައްޑުއަތޮޅަށް އިފްތިތާޙު ކުރެވޭ ފެރީ ޚިދްމަތުގެ ސަބަބުން، އައްޑުއަތޮޅުގެ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު ޔަޤީން ކުރަން. އެއީ، ކުރިންވެސް ދެންނެވި ފަދައިން، ދަތުރުފަތުރުކުރާ މީހުންނަށާއި، އެމީހުންގެ ވިޔަފާރިއަށް ލިބޭ ކުރިއެރުމަކަށް މިކަން ވެގެންދާނެތީ.

އެމް.ޓީ.ސީ.ސީ އިން މިހާރުވެސް ބައެއް އަތޮޅުތަކަށް ފެރީގެ ޚިދްމަތް ދެއްވަމުން ގެންދަވާކަން ޝުކުރުވެރިކަމާއެކު އަޅުގަނޑު ހަނދާން ކުރަން. ލ. އަތޮޅަށާއި ތ. އަތޮޅަށް ޚިދްމަތް ފަށްޓަވާފައިވަނީ، 2006 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު. އަދި ގއ. އަތޮޅަށާއި ގދ.އަތޮޅަށް މިޚިދްމަތް ފަށްޓަވާފައިވަނީ، 2006 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު. އެހެންވީމާ، މިޚިދްމަތަކީ، މިހާރުވެސް އެމް.ޓީ.ސީ.ސީ. އިން ދެއްވަމުން ގެންދަވާ ޚިދްމަތެއް.

މިއަދު މިހުޅުވޭ ސަރަޙައްދީ އޮފީހުގެ ސަބަބުންނާއި، އިފްތިތާޙުކުރެވޭ އަތޮޅުތަކަށް ދަތުރުފަތުރުކުރުމުގެ ވިޔުގައިގެ ސަބަބުން މިހާރުވެސް އެމް.ޓީ.ސީ.ސީ. އިން އެކުރައްވަމުން ގެންދަވާ ޚިދްމަތް އިތުރަށް ފުޅާވެ، އެއިން އިތުރު ތަނަވަސްކަމާއި ފަސޭހަކަން ރާއްޖޭގެ ރައްޔިތުންނަށާއި އަދި ވިޔަފާރިވެރިންނަށާއި، މިޚިދްމަތުގެ ބޭނުންކުރައްވާ ހުރިހާ ބޭފުޅުންނަށް ލިބިވަޑައިގަންނަވަމުންދާނެކަމާމެދަކު އަޅުގަނޑު ޝައްކެއް ނުކުރަން.

އާދެ! ކުރިންވެސް ދެންނެވިފަދައިން، މިއަދުގެ މިވަގުތު މާދިގު ވާހަކަތައް ދެއްކުމުގެ މާބޮޑު ބޭނުމެއްނެތް. އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނީ، އެމް.ޓީ.ސީ.ސީ. އިން މިކޮށްދެއްވާ ޚިދްމަތްތަކަށް، އެކުންފުނީގެ ވެރިންނަށް، އަދިވެސް އެއްފަހަރު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން. އަދި ދެންމެ ކުންފުނީގެ ބޯޑުގެ ޗެއަރޕާރސަން އެވިދާޅުވި ފަދައިން، މިކުންފުންޏަކީ، 1980 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ ކުންފުންޏެއް. ރާއްޖޭގެ ރައްޔިތުން ބައިވެރިވާ ކުންފުންޏެއް ނެތްތާ، އޭނަ ވިދާޅުވިގޮތުގައި 13 އަހަރުވުމަށްފަހުގައި މިކުންފުނި އުފެދުނީ. އަދި މިކުންފުނީގައި ޙިއްޞާދާރުންގެ ގޮތުގައި ދިވެހި ރައްޔިތުން ވަރަށްގިނަ އަދަދަކަށް ބައިވެރިވެވަޑައިގަންނަވާ.ހަނދާންވާ ގޮތުގައި 30000 މެންބަރުންނޭ ވިދާޅުވި ކަމަށްވަނީ.

އެހެންވީމާ، މިހުރިހާ ފަރާތްތަކަކަށް އަދި އެބޭފުޅުންގެ ޢާއިލާތަކަށް، މިކުންފުނިން ލިބޭ ފައިދާއިން އެލިބޭ ކުރިއެރުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން ވަރަށް އުފަލާއެކު ފާހަގަކޮށްލަންޖެހޭ އަދި ޤަބޫލުކުރަންޖެހޭ ކަމެއް.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީއަށް، ރައްޔިތުންނާއި އަދި ސަރުކާރާއި އަދި މިފަދަ ކުންފުނިތަކުން މިކުރަމުން ގެންދާ މަސައްކަތްތަކުގައި، އެކަލާނގެ ބަރަކާތް ލައްވައި، އެހުރިހާ ފަރާތްތަކުން އެކުރާ މަސައްކަތުގެ ހެޔޮނަތީޖާ މާތް اللّـه އަޅުގަނޑުމެންނަށް ދެއްވުން.
والســّلام عليــكم ورحـمــة اللّـه وبـركاتـه.