”ނޯދަން ޔުޓިލިޓީޒް ލިމިޓެޑް“ މި ނަމުގައި ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ޙިއްޞާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ. މިކުންފުންޏަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި އިޖްތިމާޢީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނެ ފަދަޔަކުން، ދިވެހިރާއްޖޭގެ އުތުރު ރީޖަންގައިވާ އާބާދީއަށް، ކަރަންޓާއި، ފެނާއި، ނަރުދަމާއާއި ގޭހުގެ ޚިދްމަތްތައް ޤާއިމުކޮށްދެއްވުމަށާއި، އެ ޚިދްމަތް ދެމެހެއްޓެނިވި ގޮތަކަށް ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވި ކުންފުންޏެކެވެ.

ނޯދަން ޔުޓިލިޓީޒް ލިމިޓެޑް އުފެއްދެވުމާ ގުޅިގެން، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މެންބަރުން ޢައްޔަން ކުރައްވައިފިއެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ، މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ނާރެސް އަލްފާޟިލް ޢަބްދުލްމަތީން މުޙަންމަދާއި، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ނޫވިލާގޭ އަލްފާޟިލް މައުމޫން ޙުސައިންފުޅާއި، މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ލަކީ ކޯނަރ އަލްފާޟިލް އާދަމް ނަސީމް ޔޫސުފާއި، ފާދިއްޕޮޅު ހިންނަވަރު ފަރިވާގޭ އަލްފާޟިލް އާދަމް ޙުސައިނާއި، ފާދިއްޕޮޅު ކުރެންދޫ ފެހިވިނަގޭ އަލްފާޟިލް އަޙްމަދު ޢަލީ އާއި، މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު އަސަރީގޭ އަލްފާޟިލް އާޔަތުﷲ ޙުސައިނެވެ.