މުސްތަޤިއްލު ބައެއް ކޮމިޝަންތަކާއި މުސްތަޤިއްލު ބައެއް މަޤާމްތަކާއި ބައެއް މަޤާމުތަކާ ގުޅުންހުރި ޤާނޫނުތަކަށް އިޞްލާޙު ގެނައުމުގެ ބިލުތައް މަޖިލީހަށް ހުށަހެޅުއްވުމަށްޓަކައި ސަރުކާރުން ފޮނުއްވައިފިއެވެ. އިޞްލާޙު ހުށަހަޅުއްވަން ސަރުކާރުން ނިންމަވާފައިވާ ޤާނޫނުތަކަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނާއި އޮޑިޓް ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނާއި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނަށެވެ.

ސަރުކާރުން މި ބިލުތައް ހުށަހަޅުއްވަނީ ޤާނޫނުއަސާސީގެ ދަށުން ޤާއިމްކޮށްފައިވާ މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމްތައް އަދާކުރައްވާ ފަރާތްތަކާ ޤާނޫނުއަސާސީންނާއި ޤާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރަނީ ތަޢައްޞުބުން އެއްކިބާވެ، މިނިވަންކަމާ އެކުގައިކަން ކަށަވަރުކުރުމަށްޓަކައެވެ.

މިޤާނޫނުތަކަށް ހުށަހަޅުއްވާ އިޞްލާޙުތަކުގެ ތެރޭގައި ޤާނޫނުއަސާސީންނާއި ޤާނޫނުން މިފަދަ މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމްތައް އަދާކުރައްވާ ފަރާތްތަކަށް، މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް، ތަޢައްޞުބުން އެއްކިބާވެ، މިނިވަންކަމާ އެކުގައި އަދާކުރުމަށް ލާޒިމްކުރުމާއި، ކޮމިޝަންތަކުގެ މުވައްޒަފުންވެސް މިފަދަ އުސޫލުތައް ހިފެހެއްޓުމަށް ބާރުއަޅާ އިޞްލާހުތައް ހިމެނެއެވެ.

މުސްތަޤިއްލު މަޤާމްތައް އަދާކުރައްވާ ފަރާތްތަކަކީ، ކޮރަޕްޝަންގެ ނުފޫޒުން އެއްކިބާވެ މަސައްކަތްކުރާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި މި ފަރާތްތަކާއި މި ފަރާތްތަކުގެ ޢާއިލާގެ މެންބަރުންގެ މާލީ ބަޔާން ހާމަކުރުން ލާޒިމުކުރުމާއި، އެފަރާތްތަކަކީ އެއްވެސް ފަރާތަކަށް ނުޙައްޤު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައި ނުވަތަ ވަކި ފަރާތަކަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި ޢަމަލުކުރާ ބަޔަކަށް ނުވާނެކަން ކަށަވަރުވާނެ ގޮތަށް ޤާނޫނު އިސްލާޙުކުރުންވެސް މީގެތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން މިނިވަން ކޮމިޝަންތަކުގައި ތިއްބަވާ ފަރާތްތަކަކީ އަމިއްލަ ވިޔަފާރި ކޮށް ނުވަތަ މަސްލަޙަތު ފުށުއަރާފަދަ އެހެނިހެން މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަކަށް ވެގެން ނުވާނެ ކަމަށް ޤާނޫނުގައި ބަޔާންކުރުމާއި މުސްތަޤިއްލު މަޤާމްތައް އަދާކުރައްވާ ފަރާތްތަކާއި، މުސްތަޤިއްލު ކޮމިޝަންތަކުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑުތަކެއް ޤާނޫނުގައި ކަނޑައަޅައި، އެ މިންގަނޑުތައް ހިފެހެއްޓުމަށް ލާޒިމުކުރުމާއި، އެ މިންގަނޑުތަކާއި ޚިލާފު ވުމުން އެޅޭނެ ފިޔަވަޅުތައް ސާފުކޮށް ބަޔާންކުރުންވެސް މި ޤާނޫނުތަކަށް ހުށަހަޅާ އިޞްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.

ކޮމިޝަންތަކުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން، އެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، ޖަވާބުދާރީވެ، އެމީހުންގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ޒިންމާ އުފުލަންޖެހުމާއި އަދި ކޮމިޝަން ހިނގަމުންދާ ގޮތާ ގުޅޭގޮތުން، ނުވަތަ ކޮމިޝަނުން ކުރަމުންދާ ކަމަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުން ހޯދައި ބަލަންޖެހޭ ކޮންމެ ކަމެއްގައި، އީޖާބީ ގޮތެއްގައި އެއްބާރުލުން ދޭންވާނެކަމަށް ބަޔާންކުރުންވެސް މި އިޞްލާޙުތަކުގެ ތެރޭގައި ހިމެނެއެވެ.