ބަރަކާތްތެރި އަޟުޙާ ޢީދުގެ މުނާސަބަތުގައި ޢީދުގެ ތަޙުނިޔާ ވިދާޅުވެ ޢީދު ސަލާން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ ބައްދަލުކުރައްވައި ޢީދު ސަލާން ކުރައްވައިފިއެވެ. އެމަނިކުފާނު ޢީދު ސަލާން ކުރައްވާފައިވަނީ އިސްލާމީ މަރުކަޒުގައި މިއަދު ހެނދުނު ކުރި ޢީދު ނަމާދުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު އިސްލާމީ މަރުކަޒުގައެވެ.


އިސްލާމީ މަރުކަޒުގައި މިއަދު ކުރި ޢީދު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެ ވަޑައިގެންނެވި ގިނަ އަދަދެއްގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ޢީދުގެ ތަޙުނިޔާ ވިދާޅުވެ ޢީދު ސަލާން ކުރެއްވިއެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުންނާއި އެކި އުމުރުފުރައިގެ ބޭފުޅުންނާއި އިސްރަށްވެހިންވެސް ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުވެސް ވަނީ އިސްލާމީ މަރުކަޒުގައި މިއަދު ކުރި ޢީދުނަމާދު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޢީދު ސަލާމް ކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ.


މިއަދު މުޅި އިސްލާމީ އުއްމަތް ފާހަގަ ކުރަމުންދާ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް އަޟުޙާ ޢީދުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން ތިއްބެވި އެންމެހައި ދިވެހި ޙައްޖާޖީންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޢީދުގެ ތަޙުނިޔާ ވިދާޅުވެ ބަރަކާތްތެރި އަޟްޙާ ޢީދުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ.