ހައި ރެޕްރެޒެންޓެޓިވް އޮފް ދި އީޔޫ ފޯ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަން ގެ ވައިސް ޕްރެސިޑެންޓް ހަރ އެކްސަލެންސީ ފެޑެރިކާ މޮގްރެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަރ އެކްސަލެންސީ ފެޑެރިކާ މޮގްރެނީ ރާއްޖެ ވަޑައިގެންވެވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، މަރުޙަބާ ވިދާޅުވެފައެވެ. އަދި މިބައްދަލު ކުރެއްވުމުގައި ރާއްޖެއާ ޔޫރަޕުގެ ޤައުމުތަކުގެ އިއްތިހާދާ ދެމެދު އޮންނަ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މޮގްރެނީ ދެއްކެވި ވާހަކަފުޅުގައި މި ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ޑިމޮކްރަސީގެ އުސޫލުތައް ކުރިއެރުވުމަށް ކުރަމުން ގެންދާ މަސައްކަތް ފާހަގަކުރައްވައި މީގެ ސަބަބުން ޔޫރަޕްގެ އިއްތިހާދާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުން ރަނގަޅުކުރުމަށް ހަރުދަނާ ބިންގަލެއް އެޅިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިސް މޮގްރެނީގެ ވާހަކަފުޅުގައި ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙް ހޯއްދެވި ކާމިޔާބީއާ ރައްޔިތުންގެ މަޖިލީހުގެ އިންތީޚާބުގައި އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަކުރައްވައި އެކަމަށްޓަކައި މަރުޙަބާ ވިދާޅުވިއެވެ.

ދެ ލީޑަރުން ވެސް ވަނީ ޔޫރަޕުގެ އިއްތިހާދާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ޚާއްޞަކޮށް ސަލާމަތީ ކަންކަމުގައާއި، ފަތުރުވެރިކަމުގައާއި، ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާފަދަ ދާއިރާތަކުން ގުޅުން ބަދަހި ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މީގެއިތުރުން ދެ ބޭފުޅުން ވަނީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް އަދިވެސް މަސައްކަތްތަކެއް ކުރަންހުރިކަން ފާހަގަކުރައްވާފައެވެ. މިގޮތުން ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމުގެ ގޮތުން ކޮރަޕްޝަން ނައްތާލުމާއި ޝަރުޢީ ނިޒާމު ހަރުދަނާކުރުމާ އަދި މިނޫސްވެސް ހިންގުމުގެ ދާއިރާ ހަރުދަނާކުރުމާއި ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ކަންކަމުގައި ޔޫރަޕުގެ އިއްތިހާދުން އެހީތެރިކަން ފޯރުކޮށްދެވިދާނެކަން މިސް މޮގްރެނީ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޔޫރަޕްގެ އިއްތިހާދުން ރާއްޖެއަށް އެކި ރޮނގުތަކުން ދެމުން ގެންދާ މާލީ އެހީތެރިކަން ފާހަގަ ކުރައްވައި މިސް މޮގްރެނީ އަށް ޝުކުރު އަދާކުރެއްވިއެވެ. މިގޮތުން އީޔޫއިން ލޯން އެހީގެ ގޮތުގައި މިއަހަރު ދީފައިވާ 45 މިލިއަން ޔޫރޯ އަދި ގްރާންޓް އެގްރީމެންޓެއްގެ ދަށުން 5 މިލިއަން ޔޫރޯގެ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން ރާއްޖެއިން އީޔޫގެ ބާޒާރަށް ވިއްކާ ކަނޑުމަހާއި މަހުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް މަގުފަހިކޮށްދިނުމާއި ޔޫރަޕްގެ އިއްތިހާދުގެ ޤައުމު ތަކަށް ވިސާއާއި ނުލައި ދިވެހީންނަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމާއި ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.