بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މިއަދު މުޅި ދުނިޔޭގައި ފާހަގަކުރަމުން އަންނަ، މި އަހަރުގެ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި ލޮބުވެތި ޒުވާނުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާ އެކު، މަރުޙަބާ އާއި ތަހުނިޔާ ދަންނަވަމެވެ. އަދި ހެޔޮ ގޮތުގައި ޒުވާނުން ބިނާކޮށް، ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ވެސް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަމެވެ.

ކޮންމެ ޤައުމެއްގައި ވެސް، އެންމެ ހަރުއަޑުން، އަބަދުވެސް ދެކެވެނީ ޒުވާނުންގެ ވާހަކައެވެ. ހެޔޮލަފާ ޒުވާން ޖީލެއް ބިނާކުރުމުގެ ވާހަކައެވެ. ޒުވާނުން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމުގެ މުހިންމުކަމާއި، ޤައުމު އާރާސްތުކުރުމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމުގެ ވާހަކައެވެ. މިއިން އެނގެނީ، އިންސާނީ ކޮންމެ މުޖްތަމަޢަކަށް، ޒުވާނުންގެ ބޭނުންޖެހިފައިވާ މިންވަރެވެ. ޒުވާނުންނާ ނުލައި، އެއްވެސް މުޖްތަމަޢެއް ކުރިނާރާނެ ކަމެވެ.

ދުނިޔޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، ދިވެހި ޒުވާނުންނަކީ ވަރަށް ނަސީބުވެރި ބައެއްކަން ޔަޤީނެވެ. ދިވެހި ޒުވާނުންނަކީ، ލޯތްބާއި އެކުވެރިކަމާއި އަމާންކަމާއެކު ދިރިއުޅުމުގެ މަތިވެރި ނިޢުމަތް ލިބިފައިވާ ބައެކެވެ. އެންމެ ޅަފަތުން ފެށިގެން، ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވެފައިވާ ބައެކެވެ. އެންމެ ތުއްތު ޢުމުރުން ފެށިގެން، ޒުވާން ޢުމުރު ނިމެންދެންވެސް، އަދި އޭގެ ފަހަށްވެސް، ރާއްޖެއާއި ރާއްޖޭން ބޭރުންވެސް، ތަޢުލީމް ޙާޞިލްކުރުމުގެ ފަހި ފުރުޞަތުތައް ލިބިފައިވާ ބައެކެވެ.

ޤައުމުގެ ކުރިމަގު އެބަޔަކަށް ވާރުތަވާނެ، މިއަދުގެ ޒުވާނުންނަކީ، ޤައުމަށް ހެވާއި ލާބައަށް މަސައްކަތްކުރާ ބަޔަކަށް ހެދޭނީ، ޒުވާނުން ބިނާކުރުމަށް އިސްކަން ދީގެންނެވެ. ޤައުމަށް ބޭނުންވަނީ، ޒަމާނީ ތަޢުލީމުން ސިކުނޑިތަކަށް ދިރުން ލިބި، އުފެއްދުންތެރި އައު އީޖާދުތަކަށް ފިކުރު ހިންގާ ޒުވާނުންނެވެ. ރިވެތި އަޚްލާޤާއި، އިޖްތިމާޢީ ރީތި އަދަބުތަކުގެ މަތީގައި ތަރުބިއްޔަތުވެފައިވާ، ޒިންމާދާރު ޒުވާނުންނެވެ. އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބި، ޤައުމަށް ވަފާތެރި ތެދުވެރި ޒުވާނުންނެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަހަށް އދ. މަޖިލީހުން ކަނޑައަޅާފައިވާ ޝިޢާރުގެ އަމާޒަކީ، އެކަކުވެސް ބާކީނުކޮށް އެންމެން ޝާމިލްވާ، ހަމަހަމަ ފުރުޞަތު ލިބިދޭ، ފެންވަރު ރަނގަޅު ތަޢުލީމެއް ކަށަވަރު ކޮށްދިނުމެވެ. ހަމައެއާ އެކު، ޙަޔާތުގެ ހުރިހާ ޢުމުރު ފުރާއެއްގައި ތަޢުލީމް ޙާޞިލްކުރުމުގެ ފުރުޞަތު، އެންމެންނަށް ފަހިކޮށްދިނުމެވެ. އެއީ، އދ. މަޖިލީހުން ކަނޑައަޅާފައިވާ، ދެމެހެއްޓެނިވި ތަރައްޤީގެ 2030ގެ އެޖެންޑާގެ ބިންގަލަކީ، ފެންވަރު ރަނގަޅު ތަޢުލީމް ކަމަށްވާތީއެވެ.

ސަރުކާރުންވެސް އެންމެ ބޮޑު އަމާޒަކީ، ޒަމާނީ ތަޢުލީމް އުނގަންނައިދީގެން، ހެޔޮލަފާ ދުޅަހެޔޮ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުމެވެ. ޒަމާނީ ތަޢުލީމާއި ތަމްރީން ލިބިގެން، އަމިއްލަ އަތުން ދިރިއުޅުން ބިނާކުރާ، ޒިންމާދާރު ޒުވާނުންތަކެއް އުފެއްދުމެވެ. ސަރުކާރުގެ ހުރިހާ ސިޔާސަތުތަކެއް ތަންފީޒުކުރަމުން ދާނީ، އެ ލަނޑުދަނޑި ޙާޞިލްކުރެވޭނެ މަގުންނެވެ. ބޭނުމަކީ، ޤައުމާއިގެން ކުރިއަށް ދިޔުމުގެ ރޫޙާއި، ވަޠަނީ ލޯބި ހުރި، ޢަދުލު އިންޞާފަށް ވަކާލާތުކުރާ ޖީލެއްގެ އަތްމައްޗަށް، ޤައުމުގެ ކުރިމަގު ފުރޮޅިގެން ދިޔުމެވެ.

އަޅުގަނޑުގެ އުންމީދަކީ، ދައުލަތުން ފަހިކޮށްދީފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފައިގެން، ތިޔަ ޒުވާނުންގެ ކުރިމަގު އުޖާލާކުރުމުގެ ޢަޒުމް ކަނޑައަޅައި، އެކަމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. ތިޔަ ޒުވާނުންގެ އަމިއްލަ ދިރިއުޅުމަށް ލިބޭ ކޮންމެ ކުރިއެރުމަކީ، ޤައުމަށް ލިބޭ ތަރައްޤީއެވެ. ތިޔަ ޒުވާނުން ޒިންމާދާރުވުމަކީ، ޤައުމު އިޞްލާޙްކުރުމުގެ ތަޅުދަނޑިއެވެ. ދިވެހި ހުރިހާ ޒުވާނުންނަށް، ހެޔޮ ވިސްނުން ދެއްވައި، ހަށިހެޔޮ އުފާވެރި ދިރިއުޅުމެއް އާރާސްތުކުރުމުގެ ހެޔޮ ތައުފީޤް މާތް ﷲ މިންވަރު ކުރައްވާށިއެވެ.