بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين.

މިރެއި އަޅުގަޑުގެ ވާހަކަ ފަށަމުން، އައްޑޫބަހުން އެއްތައް ބެނަލުމަކީ އަޅުގަޑަށް ލިބޭ ނިކަން ބޮނޑޮ އުފަލައް. އައްޑޫ ބަހަކީ ދިވެހިބަހި އެތެރެވޭ ވަރަށް ނަލަ ބަހަށް. އަޅުގަޑު އައްޑޫބަސް ދަސްކެރާން ވަރަށް ބޭނުންވެއި. ތެބޭފުޅުން އަޅުގަޑަށް އައްޑޫބަސް ދަސްކޮށްދެރެފެލެ.

އާދެ! އަޅުގަނޑު މިއަދު އައްޑުއަތޮޅަށް މިއައީ، ދެންމެ އައްޑުއަތޮޅުގެ އަތޮޅުވެރިޔާ އެ ވިދާޅުވި ފަދައިން، އައްޑުއަތޮޅުގެ ރައްޔިތުންގެ އެދިވަޑައިގަތުމަކަށްވެސްމެ. އަދި އެޔާއެކީގައި، އަޅުގަނޑުވެސް އައްޑުއަތޮޅަށް ޒިޔާރަތެއް ނުކުރާތާ ހަތަރުވަރަކަށް އަހަރު ވެފައިވާތީ، އަޅުގަނޑުވެސް މިއަތޮޅަށް ޒިޔާރަތް ކުރަން ބޭނުންވެގެން. އެހެންވީމާ، މި ދެމަޤްޞަދު ޙާޞިލުވާ ގޮތަށް ކުރާ ދަތުރެއްގެ ގޮތުގައި އަޅުގަނޑު މިދަތުރު ދެކެނީ.

މިއަދު އަޅުގަނޑު އައްޑުއަތޮޅަށް އައުމުން، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިންނާއި، ރަށްރަށުގެ ވެރިންނާއި، ކޮމިޓީތަކުގެ ބޭފުޅުންނާއި، އައްޑުއަތޮޅުގެ ލޮބުވެތި ރައްޔިތުން، އަޅުގަނޑަށް ތިޔަ ވިދާޅުވި ލާމަސީލު އާދަޔާ ޚިލާފު ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މީގެކުރިން އެތައް ފަހަރަކު އަޅުގަނޑު އައްޑުއަތޮޅަށް ޒިޔާރަތް ކޮށްފިން. އަޅުގަނޑު ރައީސްކަމާ ޙަވާލުވުމުގެ ކުރިންވެސް އައިން. އޭރު ތިއްބެވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން މިހާރުވެސް ތިއްބަވާނެ. އެއީ މީގެ 33 އަހަރު ކުރިން. އެންމެ ފުރަތަމަ އަޅުގަނޑު އައްޑުއަތޮޅަށް ޒިޔާރަތެއް ކުރީ 1974 ވަނަ އަހަރު. އަޅުގަނޑުގެ ކުރިން މިތާ ވާހަކަފުޅު ދެއްކެވި އެހެން ބޭފުޅުންވެސް ވިދާޅުވި ފަދައިން، އޭރު އަޅުގަނޑަކީ ޒުވާނެއް. އެދަތުރަށްފަހުގައި، އޭގެ ހަތަރު އަހަރު ފަހުން، ދިވެހިރާއްޖޭގެ ރައްޔިތުން އަޅުގަނޑު މިހާރު މިހުރި މަގާމަށް އިންތިޚާބު ކުރެއްވީ. އެއީ، 1978 ވަނަ އަހަރު. އެއަށްފަހުގައި އަޅުގަނޑު އައްޑުއަތޮޅަށް ވަރަށްގިނަފަހަރު ޒިޔާރަތް ކޮށްފިން. މިއަދު އަތޮޅުވެރިން ވިދާޅުވި އަޅުގަނޑު ގާތުގައި މިއީ އަޅުގަނޑު އައްޑުއަތޮޅަށް އަންނަ ފަނަރަވަނަފަހަރޭ. އަޅުގަނޑަކަށް ނޭނގެ ކިހިނެއްކަމެއް އޭނައަށް އެކަން އެނގިވަޑައިގަތީކީ. އޭރު އޭނަ ވަރަށް ތުއްޕުޅުވެސްވާނެ. އަތޮޅުގައި ނޫޅުއްވާ ވަރަށްގިނަ ދުވަސްވެސް ގޮއްސަ އޮންނާނީ. އެހެން ނަމަވެސް، އެހެން ވިދާޅުވީމާ، އޭނަ އެވިދާޅުވި ބަސްފުޅަކީ އެއްގޮތަކަށްވެސް ދޮގެކޭ ދަންނަވާކަށް އަޅުގަނޑު ނެތިން. ކޮންމެއަކަސް ވަރަށްގިނަފަހަރު އަޅުގަނޑު އައްޑުއަތޮޅަށް އަތުވެއްޖައިން. އައްޑުއަތޮޅުގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށްފިން. އެހެން ނަމަވެސް ދަންނަވާލަން ޖެހެނީ، މިފަހަރު މިއައި އައުން ތަފާތޭ. މިފަހަރު އައްޑުއަތޮޅުގެ ރައްޔިތުން އަޅުގަނޑަށް ތިޔަވިދާޅުވި މަރްޙަބާއާއި އަޅުގަނޑާ ބެހެއްޓެވި ގާތްކަމަކީ، މީގެކުރީ ފަހަރު ފަހަރު ނުފެންނަވަރުގެ ގާތްކަމަކާއި މަރްޙަބާއެކޭ.

އާދެ! އަދި މިރޭގެ މިބައްދަލުވުމަށްޓަކައި އަޅުގަނޑު މުޙިއްބުއްދީން ސްކޫލަށް އައުމުން، މިސްކޫލްގެ ވެރިންނާއި، މިސްކޫލްގެ ސްޓާފުންނާއި، ޓީޗަރުންނާއި ދަރިވަރުން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށް ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

މިސްކޫލަކީ މީގެ 15 އަހަރު ކުރިން ޤާއިމު ކުރެވުނު ސްކޫލެއް. މިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި، މިސްކޫލް ވަނީ ވަރަށްމަތީ ކާމިޔާބީތަކެއް ޙާޞިލު ކޮށްފައި. ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުގައިވެސް، މިސްކޫލްގެ ދަރިވަރުން ވަނީ ވަރަށް ކުލަގަދަ ކާމިޔާބީތަކެއް ހޯދާފައި. އެހެންވީމާ، މިމަދަރުސާގެ ބޭނުން އައްޑުއަތޮޅުގެ ދަރިވަރުންނަށް ވަރަށް ރަނގަޅަށް ފެންނަމުންދާކަން އަދި މިމަދަރުސާގެ ބޭނުން، އެކުދިން ވަރަށް ރަނގަޅަށް ހިފަމުންދާކަން، މިކަމުން ސާބިތުވޭ.

އާދެ! މިރޭ އަޅުގަނޑު މިތަނަށް އައިސް ވާހަކަ ދައްކަން ފެށުމުގެ ކުރިން، ތިންބޭފުޅަކު ވަރަށް މުހިންމު ވާހަކަފުޅުތަކެއް ދައްކަވައިފި. އޭގެތެރެއިން އެއްބޭފުޅަކީ، އ.ކ. މެންބަރު އަލްފާޟިލް މުޙަންމަދު ސަޢުދީ ޙަސަން. ވަރަށް ބަލާޣާތްތެރި ޢިބާރާތްތަކަކުން، ވަރަށްރީތި ބަސްތަކަކުން އޭނާ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ވާހަކަތަކެއް ހަދިޔާކުރައްވައިފި. އެކަމަށްޓަކައި އޭނާއަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި އޭނާގެ ވާހަކަފުޅުގައި، އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައިވެސް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އޭނާއަށް ޝުކުރު ދަންނަވަން.

އޭގެފަހުން ވާހަކަފުޅު ދެއްކެވީ، އަތޮޅުތަކާބެހޭ ވަޒީރު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން. ވަޙީދުއްދީނަކީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް މިހާރު ދެން ރަނގަޅަށް އެނގިވަޑައިގެންފައި އޮންނާނެ ފަދައިން، ހަމައެކަނި ވަޒީރުކަން ކުރައްވާ ބޭފުޅެއް ނޫން. ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ޙާޞިލު ކުރައްވާފައިވާ ބޭފުޅެއް ނޫން. އޭގެއިތުރުން ވަޙީދުއްދީނަކީ، ވަރަށްމޮޅު ވާހަކަދެއްކުންތެރިއެއް. މިއީ، އަޅުގަނޑަށް އަލަށް ފެނުނު ކަމެއް. ވަޙީދުއްދީނާ އެވުޒާރާ ފުރަތަމަ ޙަވާލުކުރިއިރު އަޅުގަނޑަށް އެކަން އެނގިފައެއް ނެތް. އެކަން އެނގުނުނަމަ، އަޅުގަނޑު ހިތުން މާކުރިންވެސް އެކަން ވަޙީދުއްދީނާ މަތިކުރީމުސް. ކޮންމެއަކަސް ވަޙީދުއްދީންގެ ވާހަކަފުޅުގައި، އަޅުގަނޑުމެން އަހަން ބޭނުންވާ ވަރަށްގިނަ ވާހަކަތަކެއް ވިދާޅުވި. އޭނާއަކީ މިއަތޮޅަށް ވަރަށް ކުރިއްސުރެ ވަޑައިގެން، މިއަތޮޅުގައި އުފާވެރި ދުވަސްތަކަކާއި ހިތްދަތި ދުވަސްތަކެއް ހޭދަކުރެއްވި ބޭފުޅެއް ކަމުގައި ވިދާޅުވި. ވަރަށްގިނަ ތަޖުރިބާތައް ޙާޞިލު ކުރައްވާފައިވާ އަދި މިއަތޮޅަށް މިއައި ކުރިއެރުން ވަރަށް ރަނގަޅަށް ގާތުން ދެކެވަޑައިގެންނެވި ބޭފުޅެއް ކަމުގައިވެސް ވިދާޅުވި. ޝައްކެއްނެތްގޮތުގައި، ވަޙީދުއްދީނަކީ، އަޅުގަނޑު ދެކޭގޮތުގައި އަދިވެސް ޒުވާނެއް. އެ ޒުވާންކަމަކީ ހަމައެކަނި މީހާގެ މޫނުން ފެންނަން ހުންނަ ޢަލާމާތްތަކެއް ނޫންކަންނޭނގެ. ނުވަތަ މީހާގެ ބޮލުން ފެންނަން ހުންނަ ނިޝާންތަކެއްވެސް ނޫންކަންނޭނގެ. ވަޙީދުއްދީންގެ ހިތްޕުޅުގައި އެވާ ޒުވާންކަން، އާދެ! ވަޙީދުއްދީންގެ ކެރިވަޑައިގަތުމާއި، ހިތްވަރުފުޅާއި، އެކަން ކުރައްވާ ޢަޒުމާއި، މިކަންތައްތަކުން ދޭހަވަނީ، ވަޙީދުއްދީނަކީ އަދިވެސް ވަރަށް ބިނާކުރަނިވި ޚިޔާލު ގެންގުޅުއްވާ، ވަރަށް ފައިދާކުރަނިވި މަސައްކަތްތަކެއް ކުރައްވާ ޒުވާނެއްކަން. ވަޙީދުއްދީން އަޅުގަނޑުމެންނާ ދެއްކެވި ވާހަކަފުޅުތަކުގައި، ރާއްޖެއަށް މިއައި ބަދަލުތަކުގެ ވާހަކަ ވިދާޅުވި. އޭގެތެރޭގައިވެސް އަޅުގަނޑަށް ނިސްބަތްވާ ބައެއް ވާހަކަ، ވަރަށް ހިތްޕުޅުހެޔޮކަމާއެކީގައި ވިދާޅުވީތީ، އޭނާއަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޚާއްޞަކޮށް، ޑިމޮކްރަސީއާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުތަކަކީ، ވަރަށް މުހިންމު ވާހަކަފުޅުތަކެއް.

ޑިމޮކްރަސީއޭ ބުނީމާ އަޅުގަނޑުމެންނަށް މިހީވަނީ އެއީ ހަމައެކަނި ސިޔާސީ ކަމެކޭ. ސިޔާސީ މައިދާނުގައި ބަޔަކު ކަންކުރާ އުޞޫލަށް ކިޔާ ނަމެކޭ ވަރަށްގިނަފަހަރަށް އަޅުގަނޑުމެންނަށް އޮންނަނީ ހީވެފައި. އެކަމަކު ޙަޤީޤަތުގައި ޑިމޮކްރަސީ ޑިމޮކްރަސީއަކަށްވާނީ، ވަރަށްގިނަ ކަންތައްތަކެއް ގުޅިގެން. ކާމިޔާބީތަކެއް ޙާޞިލު ކުރެވިގެން. އަޅުގަނޑުމެންގެ އިޤްތިޞާދީ ފުދުންތެރިކަން، އިޖްތިމާޢީ ކުރިއެރުން، މިކަންކަން ނެތި ޑިމޮކްރަސީއެއް ނޯންނާނެ.

އަޅުގަނޑާ ވަރަށްގިނަ ބަޔަކުކުރާ ސުވާލެއް. މިހާރު ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ތަޢާރުފު ކުރުމަށްޓަކައި، ތިޔަމަސައްކަތް ކުރަނީ ކީއްވެހޭ؟ މީގެ ގާތްގަނޑަކަށް 28 އަހަރު ކުރިން ތިހިރީ ތިމަގާމަށް އިންތިޚާބުވެފައޭ. މީގެކުރިން ކީއްވެހޭ މަސައްކަތް ނުކުރީ. އަޅުގަނޑު ދޭ ޖަވާބަކީ އެމަސައްކަތަކީ އެއްފަހަރާ ކުރެވޭނެ މަސައްކަތެއް ނޫނޭ. އެމަސައްކަތަކީ، އެހެންވެސް ކާމިޔާބު މަސައްކަތްތަކެކޭ އެއްގޮތަށް ދުރާލާ ރާވައިގެން، ފިޔަވަހިތަކަކަށް ބަހާލައިގެން ކުރެވޭނެ ކަމެކޭ.

އަޅުގަނޑު ރައީސްކަމާ ޙަވާލުވިތާ ވަރަށްކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަމާބެހޭ، ރައްޔިތުންގެ މަޖިލީހުގެ ޙިމާޔަތާބެހޭ ޤާނޫނެއް، އަޅުގަނޑު އަމިއްލައަށް، އަމިއްލަ އަތުން ލިޔެގެން އެންމެ ޖުމްލައަކުން އުފެދިފައި އޮތް ޤާނޫނެއް އެއީ. ލިޔެގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުވީ. އެއީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ، ޤާނޫނީ ޙިމާޔަތް ލިބިގެންވާ މެންބަރުންތަކަކަށް ހެދުމަށްޓަކައި. އެއީ، ޑިމޮކްރަސީގެ ފެށުން. 1979 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި، އެޤާނޫނު އަޅުގަނޑު ހުށަހެޅީ. އެހެންވީމާ، މިއީކީ މިއަދު ފެށި މަސައްކަތެއް ނޫން.

އޭގެފަހުން ވަރަށްގިނަ އެހެން ފިޔަވަޅުތަކެއް މިއައީ އަޅަމުން. ވަރަށްގިނަ ފިޔަވަހިތަކެއް މިރާސްތާގައި އަޅުގަނޑުމެން މިއައީ ގިރާކުރަމުން. އޭގެތެރޭގައި، ލާމަރްކަޒީ އުޞޫލުން ކަންތައްތައް ކުރުމާއި، މިނިސްޓަރުންނަށް، ވަޒީރުންނަށް، އެބޭފުޅުންގެ މަސްއޫލިއްޔަތުތައް ޙަވާލުކޮށް، އެބޭފުޅުންގެ ޚިޔާލުފުޅާއި މަޝްވަރާއާ އެކީގައި ކަންތައްތައް ގެންދިޔުމާއި، ގަވާއިދުން ވަޒީރުންގެ މަޖިލިސް ބައްދަލުވެ، ވަޒީރުންގެ މަޖިލީހުން ޤައުމާބެހޭ މުހިންމު ކަންތައްތައް ނިންމުމާއި، ރައްޔިތުންގެ މަޖިލީހުގެ ދައުރު ފުޅާކޮށް، ރައްޔިތުންގެ މަޖިލީހަށް މުހިންމު ޤާނޫނުތަކާއި އަދި އެނޫންވެސް މައްސަލަތައް ހުށަހަޅައި، މަޖިލީހުގެ ލަފައާއި އިރުޝާދުގެ މަތިން ކަންތައް ގެންދިޔުމާއި، ރާއްޖޭގެ ޢަދާލަތުގެ ނިޒާމު އިޞްލާޙު ކުރުމާއި، މިހެންގޮސް ވަރަށްގިނަ ކަންތައްތަކެއް މިވޭތުވެދިޔަ 28 އަހަރު ދުވަހުގެ ތެރޭގައިވެސް ވަނީ ކުރެވިފައި. އެހެން ނަމަވެސް، ތަފާތަކީ އޭރު އަޅުގަނޑުމެންގެ ތަޢްލީމީ ފެންވަރާއި، އަޅުގަނޑުމެންގެ ފުދުންތެރިކަމުގެ ފެންވަރާ މިހާރާ ތަފާތުވާކަން. މިހާރު ޒަމާނީ މިނިވަން ޑިމޮކްރަސީއެއްގެ ކޮޅުމަތި އަޅުގަނޑުމެންނަށް ފެނިފައި މިވަނީ. އަދި އެކަމަށް މަގުފަހިކުރުމުގެ ގޮތުން، އިޞްލާޙީ ޕްރޮގްރާމެއް އަޅުގަނޑު ހުށަހަޅައިގެން މިއުޅެނީ. މިހާރު އަޅުގަނޑުމެންގެ ވިސްނުމާއި، ތަޢްލީމާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ފުދުންތެރިކަން އެހިސާބަށް ދިޔައީމަ.

އެހެންވީމާ، މިއީކީ ކުއްލިއަކަށް ފެށި ކަމެއް ނޫނޭ ދަންނަވާލަން ބޭނުންވަނީ. މިކަމަކީ ވަރަށް ކުރިއްސުރެ އެކަމަށްޓަކައި އަޅުގަނޑު މަސައްކަތް ކުރަމުން އަންނަ ކަމެކޭ. އެހެން ނަމަވެސް ކަންތައްތައް ކުރިއަށްދާނީ، އެކަމަށް ތައްޔާރުވެވިގެން، އެކަމަށް ރޭވިގެން، އެކަމުގެ އަސާސްތައް ބިނާކުރެވިގެން ކަމަށްވާތީ، އެވާހަކަ އަޅުގަނޑު ދަންނަވާލީ.

އާދެ! ދެން ވަޙީދުއްދީންގެ ފަހުން ވާހަކަފުޅު ދެއްކެވީ ހަމަ އެވަރުގެ ނުވަތަ އެއަށްވުރެ މާ ޒުވާން ބޭފުޅެއް. މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް ޙުސައިން ސަޢީދު. ވަރަށް އަގުހުރި ވާހަކަފުޅުތަކެއް ދައްކަވާލަދެއްވި. އެންމެ ފުރަތަމަ، އަތޮޅުވެރިކަން އޭނާއާ ޙަވާލުކޮށްފައި، އޭނާއާ އަޅުގަނޑު ދެއްކި ވާހަކަތަކުގެ ތެރެއިން ބައެއް ވާހަކަ ވިދާޅުވެދެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި އޭނާ އެވިދާޅުވި ވާހަކަފުޅުތަކުގެ އިތުރުންވެސް، އަޅުގަނޑު ބައެއް ވާހަކަ ދެންނެވިން. އެހެން ނަމަވެސް، އެހުރިހާ ވާހަކައެއް މިތާނގައި ކޮންމެހެން ދަންނަވާކަށް އަޅުގަނޑު ބޭނުމެއް ނޫން. އަޅުގަނޑު އެއްވެސް ބޭފުޅަކާ އަތޮޅުވެރިކަން ޙަވާލުކުރަންޏާ، އެކަން މިއައީ ކުރަމުން. އަތޮޅުވެރިންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ ކޮބައިތޯ، އެބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަދެވޭތޯ ބަލަން. އަދި އެވާޖިބުތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެއްވުމަށް އެބޭފުޅުންނަށް ނަޞޭޙަތްތެރިވެ އިލްތިމާސްވެސް ކުރަން. އަދި އެއްވެސް ދަތިކަމެއް ދިމާވެއްޖިއްޔާ އަތޮޅުތަކާބެހޭ ވުޒާރާ ހިންގަވަން ހުންނެވި ބޭފުޅެއްގެ މަޝްވަރާ ހޯއްދެވުމަށާއި، އަދި ސީދާ ރައީސްގެ އެޕޮއިންޓްމަންޓަކަށް ބޭނުންފުޅުވެއްޖިއްޔާ، އެޕޮއިންޓްމަންޓަކަށް އެދިވަޑައިގެން، ވަޑައިގެން އެވާހަކަ ވިދާޅުވާށާއި، މިހުރިހާ ގޮތަކުން ކަންތައް ކުރައްވާނެ ގޮތުގެ އިރުޝާދު އަޅުގަނޑު އެބޭފުޅުންނަށް ދެމުން ގެންދެވޭތޯ އޮންނާނީ ބަލާފައި. ވަރަށްގިނަ އަތޮޅުވެރިން ކަންތައް ކުރައްވަމުން ގެންދަވާފައިވަނީ ހަމަ އެގޮތަށް. އެހެންވީމާ، މިފުރްޞަތުގައި އަލްފާޟިލް ޙުސައިން ސަޢީދަށާއި، އަދި އެހެން ހުރިހާ އަތޮޅުވެރިންނަށް، އަޅުގަނޑު އެ ދަންނަވާ ގޮތުގެ މަތިން އެބޭފުޅުން ރައްޔިތުންގެ ފައިދާއާއި ތަރައްޤީއާއި ހަމަޖެހުމާއި ކުރިއެރުމަށްޓަކައި ކަންތައްތައް ކޮށްދެއްވަމުން ގެންދަވާތީ، އެހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ! އަތޮޅުތައް ތަރައްޤީ ކުރުމަކީ، ވަރަށް މުހިންމު ކަމެއް. އެންމެ ފުރަތަމަ އަޅުގަނޑު ރައީސްކަމާ ޙަވާލުވި ދުވަހުން ފެށިގެން އެކަމަށް ވަރަށްބޮޑު އިސްކަމެއް މިއައީ ދެމުން. އެންމެ ފުރަތަމަވެސް ރާއްޖެތެރެ އިޞްލާޙުކޮށް ތަރައްޤީ ކުރުމުގެ ޕްރޮގްރާމްގެ ނަމުގައި 1979 ވަނަ އަހަރު ފެށި ޕްރޮގްރާމެއް ވަރަށްގިނަ ދުވަސްތަކެއް ވަންދެން ހިނގަމުން ވަނީ ގޮސްފައި. އޭރު އަޅުގަނޑަށް އެންމެބޮޑު އެހީތެރިކަމެއް ދެއްވި ބޭފުޅަކު މިރޭ މިޖަލްސާގައި އެބަ އިންނެވި. އާދެ! އެއީ އަތޮޅުތަކާބެހޭ ވުޒާރާ ވަރަށްގިނަ ދުވަހު ހިންގަވައިދެއްވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދު. ވަރަށް އިޚްލާޞްތެރި، ވަރަށް ޤާބިލް ބޭފުޅެއް. ވަރަށްގިނަ އަހަރުތަކެއް ވަންދެން ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ކަންތައްތައް ވަރަށް ރަނގަޅަށް ބަލަހައްޓަވައިދެއްވި. ހުރިހާ އަތޮޅަކަށް ވަރަށްގިނައިން ޒިޔާރަތް ކުރައްވައި، ހުރިހާ ރަށަކަށްވެސް ވަރަށް ގިނައިން ޒިޔާރަތް ކުރައްވައި، އެރަށްރަށުގެ ރައްޔިތުން އެދޭ ކަންތައްތަކާއި، އަދި އެއަތޮޅުތަކުގެ ރައްޔިތުން ބޭނުންވާ ކަންތައްތަކާއި، އެމީހުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި، މިކަންކަން ބައްލަވައި، ވަރަށް ރަނގަޅަށް ކަންތައްތައް ހަމަޖައްސަވައިދެއްވަމުން ގެންދެވި. އެހެންވީމާ، އަތޮޅުވެރިންގެ ވާހަކަ ދެއްކޭ ވަގުތެއްގައި، އަލްއުސްތާޛު ޢަބްދުﷲ ޙަމީދު މިދާއިރާއަށް ކޮށްދެއްވާފައިވާ އިޚްލާޞްތެރި ޚިދްމަތްތަކުގެ މަތިން ހަނދާންކޮށް، އެމަނިކުފާނަށް ޝުކުރު ދެންނެވުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ! އައްޑުއަތޮޅަށް ޒިޔާރަތް ކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއްކަން ހަމަގައިމުވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑު އައިސް ތިޔަބޭފުޅުންނާ ބައްދަލުކޮށް ދައްކާ ވާހަކައިންނާއި، ކަންތައްތައް ވަމުންދާގޮތުން. އެންމެފަހުން އަޅުގަނޑަށް މިއަތޮޅަށް ޒިޔާރަތް ކުރެވުނީ، 2003 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި. ގާތްގަނޑަކަށް މީގެ ހަތަރު އަހަރު ކުރިން. މިއަތޮޅުގެ ތަރައްޤީއަށް ހިންގާ މުހިންމު ބައެއް މަސައްކަތްތައް ފަށައިދިނުމުގެ އުފާ އެފަހަރު އަޅުގަނޑަށް ލިބުނު. މިފަހަރު މިކުރާ ދަތުރުގައިވެސް ވަރަށް މުހިންމު ދެމަޝްރޫޢެއް މިއަތޮޅުގައި މިއަދު އިފްތިތާޙު ކޮށްދިނުމަކީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް ކަމުގައި ވެގެންދިޔަ.

އާދެ! އެވާހަކަ ބައެއް ބޭފުޅުން މީގެކުރިން ވިދާޅުވެއްޖެ. އޭގެތެރެއިން އެއްމަޝްރޫޢަކީ އައްޑޫ މަސްވެރިކަމުގެ އެކުވެނި އިފްތިތާޙު ކޮށްދިނުމާއި، މިފްކޯގެ ފަރާތުން ޤާއިމު ކުރައްވާ މަސްވެރިކަމުގެ ޞިނާޢީ މަރްކަޒުގެ ބިންގާ އަޅައިދިނުން.

އާދެ! މިއަތޮޅަކީ މަސްވެރިކަމުގެ ގޮތުން މިހާރު ވަރަށް ބޮޑަށް ތަރައްޤީވެފައިވާ އަދި ތަރައްޤީވަމުންދާ އަތޮޅެއް. އަދި މިތާނގައި ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅުވި ފަދައިން، މިއަތޮޅުގެ ރައްޔިތުން މިކަން އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތްތަކާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާކަމާއި، އެކަންކަން ބޭނުންފުޅުވާ ކަމަށް އޮތީ ވިދާޅުވެފައި. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި، މިއަދު މިފެށުނު މަޝްރޫޢުގެ ސަބަބުން އެބޭފުޅުން އެވިދާޅުވި ކަންތައްތަކަށް ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބޭނެ. އާދެ! މިމައިދާނަކީވެސް އަޅުގަނޑުމެން އަބަދު މަސައްކަތްކުރަންޖެހޭ މައިދާނެއް. އެއީ އެއްދުވަހުން އަނެއް ދުވަހަށް ކުރިއަރަންޖެހޭތީ. އެހެންވީމާ، ހަމަ އެއްފަހަރާ ކޮށްލާ ކަމަކުން އަޅުގަނޑުމެން ބޭނުންވާ ހުރިހާ އުންމީދުތަކެއް ޙާޞިލެއް ނުވާނެ. މިއަދު މިބިންގާ އެޅުނު ނުވަތަ އިފްތިތާޙު ކުރެވުނު މަސްވެރިކަމާބެހޭ މަސައްކަތުގެ ސަބަބުންވެސް، މިއަތޮޅަށާއި މިއަތޮޅުގެ ރައްޔިތުންގެ ތަނަވަސްކަމަށާއި، އަދި މުޅި ރާއްޖޭގެ އިޤްތިޞާދަށް ވަރަށްގިނަ ފައިދާތަކެއް ކުރާނެކަމާމެދަކު ޝައްކެއްނެތް.

އަނެއް މަޝްރޫޢަކީ، އެމް.ޓީ.ސީ.ސީ.ގެ އައްޑުއަތޮޅު ސަރަޙައްދީ އޮފީސް ހުޅުވައިދިނުމާއި، އެކުންފުނިން އަތޮޅުތަކަށް ފޯރުވައިދޭ ފެރީގެ ޚިދްމަތް، ރަސްމީގޮތުން އިފްތިތާޙުކޮށްދިނުން. އާދެ! އަޅުގަނޑު ހަނދާންވާގޮތުގައި، ސަޢުދީގެ ވާހަކަފުޅުގައިކަންނޭނގެ ވިދާޅުވީ އެއްގަމާއި ކަނޑުގެ ދަތުރުފަތުރު ކުރުމުގެ މަގު ތަންކޮޅެއް ފަސޭހަވެ، ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް އެކަން ހަމަޖެހިގެން ދިޔުމަކީ، އަތޮޅުގެ ރައްޔިތުން ވަރަށް ބޭނުންވާ ކަމެކޭ. ޝައްކެއްނެތް އެއީ ވަރަށްބޮޑު ތެދުފުޅެއް. އެހެންވީމާ، މިއަދު މި އިފްތިތާޙު ކުރެވުނު ދެވަނަ މަޝްރޫޢުގެ ސަބަބުންވެސް، އެކަން ކުރިއަށްދާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ޔަޤީން ކުރަން.

ޙަޤީޤަތުގައި ތިޔަ ހުރިހާ ބޭފުޅުން ދެއްކެވި ވާހަކަފުޅު އަދި ޚާއްޞަކޮށް، އައްޑުއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ ދެއްކެވި ވާހަކަފުޅުގައިވެސް، އެވިދާޅުވީ، ހަމަ ރައްޔިތުންގެ ޙަޤީޤީ ބޭނުންތަކެއްގެ ވާހަކަ. ކުރިއަށްދާ ދިޔުމުގައި ރައްޔިތުން ބޭނުންވާނެ ކަންތައްތަކެއްގެ ވާހަކަ. އެއީ، އެކަންތައްތައް ފުއްދައިދެވޭތޯ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭނެ ކަންތައްތަކެއް.

އާދެ! މީގެކުރިންވެސް ހަމަ އެގޮތަށް ކަންތައްތައް ވަމުންދިޔައީ. އަދި ދެންމެ އަތޮޅުވެރިޔާގެ ވާހަކަފުޅުގައި އެވިދާޅުވިފަދައިން، އެއްކަމެއް ޙާޞިލުވީމާ ދެން އަޅުގަނޑުމެން ބޭނުންވާނީ، އިތުރު ކަންތައްތައް ޙާޞިލު ކުރަން. އެއީ އިންސާނީ ޠަބީޢަތު. އެއީ ހަމަ ރަނގަޅު ކަމެއް. އެއީ ގޯސްކަމެއް ނޫން. އެހެންވީމާ، ދެންހުރި ކަންތައްތަކާ ދޭތެރޭގައި ވިސްނާލަން އެބަޖެހޭ. އެކަންތައްތައް ޙާޞިލު ކުރެވޭނެ ގޮތްތައް ހޯދަން އެބަޖެހޭ. އެބޭފުޅުން އެވިދާޅުވި ކަންތައްތަކަކީ، ވަރަށް ބޮޑެތި ކަންތައްތަކެއް. އެހެންވީމާ، އެކަންތައްތައް އެގޮތުގެ މަތިން ހަމަޖައްސައި، އެކަން ކާމިޔާބު ކުރުމަށް، ދުވަސްތަކެއް ބޭނުންވާނެކަން އަޅުގަނޑު ހިތުން ތިޔަ ހުރިހާ ބޭފުޅުންވެސް ޤަބޫލު ކުރައްވާނެ. އެހެން މިދެންނެވީ، އެއިން ކޮންމެ ކަމަކީ ވަރަށް މަތީ ޢަދަދަކަށް ފައިސާވެސް ބޭނުންވާނެ ކަމަކަށްވާތީ. އަޅުގަނޑުމެން މިއަހަރަށް މިފާސްކުރި ބަޖެޓަކީ، ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ފާސްކުރެވުނު އެންމެބޮޑު ބަޖެޓު. 12 ބިލިޔަން ރުފިޔާގެ ބަޖެޓެއް.

މިބަޖެޓު މިހާ ބޮޑުވީވެސް ރައްޔިތުންގެ ބޭނުންތަކަށް އެއިން ޚަރަދު ކުރަން ބޭނުންވާތީ. އެންމެ އަތޮޅެއް ނޫން. ރާއްޖޭގައި 20 އަތޮޅު ހިމެނޭ. މީހުން އުޅޭ 198 ރަށް އެބައޮތް. އަދި އޭގެއިތުރުން މާލެވެސް އެބައޮތް. ވަރަށްބޮޑު ރަށެއް. މިހުރިހާ ތަންތަނަށް ބޭނުންވާ ޚިދްމަތްތަކާއި، މިހުރިހާ ތަންތާނގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތަކާއި، ފަސޭހަތަކާއި ވަސީލަތްތައް ޤާއިމު ކުރުމަށްޓަކައި، ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ޚަރަދު ކުރެވޭނީ، އަޅުގަނޑުމެންނަށް އާމްދަނީވެސް ލިބޭ މިންވަރަކުން. އެއީ، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް. އަޅުގަނޑުމެން އަދި ކިތަންމެ ބޭނުންވިޔަސް، އަޅުގަނޑުމެން އަތުގައި އެކަން ކުރާނެ މާލީ ތަނަވަސްކަން ނެތިއްޔާ، އެކަން ކުރެވޭނެ މަގެއް ނޯންނާނެ. އެހެންވީމާ ތަފާތު ކަންތައްތަކެއް ފަށައިގެން ހިންގަމުން މިގެންދަނީ. އަދި ދެންމެ އެވިދާޅުވިފަދައިން، މިއަތޮޅުގައި މިހާރު ފަތުރުވެރިކަންވެސް އިރާދަކުރެއްވިއްޔާ ވަރަށް ބާރަށް ފެށިގެން ހިނގަމުންދާނެ. އާދެ! ހެރެތެރޭގެ ވާހަކަވެސް ވިދާޅުވެއްޖެ. އަދި ވިލިނގިލިވެސް ހެދެމުން އެދަނީ. އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، މިއަންނަ އަހަރު ވިލިނގިލި އިފްތިތާޙު ކުރެވޭނެ. އެގޮތަށް އެމީހުން ބުނެފައި އޮތީ. މިއަންނަ އަހަރުގެ ފެބްރުއަރީ މަހުގައި އިފްތިތާޙު ކުރާނަމޭ. އަދި ހެރެތެރޭގެ މަސައްކަތް ޢަފީފާއި ޞާލިޙާއި އެބޭބޭފުޅުން ވަރަށް ބާރަށް ކުރައްވަމުން އެބަގެންދަވާ. އަދި އަލްފާޟިލް މުޙަންމަދު ޢުމަރު މަނިކުވެސް މިކަމުގައި ތެރޭގައި ވަރަށް ބޮޑަށް ޝާމިލްވެގެން އުޅުއްވާ. މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން. މިނިސްޓަރ ޝައުޤީ އެއިންނެވީ. އެހެންވީމާ، މިހުރިހާ ބޭފުޅުން މިމަސައްކަތް ވަރަށް ބާރަށް އެބަކުރައްވާ. އެހެންވީމާ، މިކަމުގެ ފައިދާވެސް އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ. އަތޮޅަށް އެކަންޏެއް ނޫން. މުޅި ރާއްޖެއަށް. އަދި ދެންމެ އެބޭފުޅުން އެވިދާޅުވިފަދައިން، އަތޮޅުގައި ތިބެގެން ވަޒީފާ އަދާކުރުމަކީ، އަތޮޅުގެ ގިނަބަޔަކު ވަރަށް ބޮޑަށް އެދޭކަމެއް ކަމަށް އެވިދާޅުވި ވިދާޅުވުމަށްވެސް މިކަމުން ޙައްލެއް އަންނާނެ.

މިހުރިހާ މަޝްރޫޢުތައް ފެށިގެން ހިނގަމުން ދިޔައީމަ ވަރަށްގިނަ ބަޔަކަށް އިރާދަކުރެއްވިއްޔާ ވަޒީފާ ލިބޭނެ. އެމީހުން، އެމީހުންގެ އަމިއްލަ ވަޒަނުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުޞަތު އެމީހުންނަށް ލިބިގެންދާނެ. އެހެންވީމާ، މިކަންކަން މިހެންވުމަކީ، އަޅުގަނޑު ހިތުން އެބޭފުޅުން އެވިދާޅުވާ އުންމީދުތައް ޙާޞިލުވުމަށް މަގުފަހިވެގެންދާނެ ކަމެއް.

އާދެ! މިއަތޮޅަށް ވަރަށްގިނަ ކަންތައްތައް ވަމުން މިދަނީ. ސަރުކާރުން ވަރަށްގިނަ މަޝްރޫޢުތައް ރާވާ މިއަތޮޅުގައި ހިންގަމުން މިގެންދަނީ. ސަބަބަކީ، މިއަތޮޅަކީ ރާއްޖޭގައި އޮތް އާބާދީ އެންމެބޮޑު އަތޮޅު ކަމަށްވެފައި، ކުރިއެރުމުގެ މަގުތައް ފަސޭހަ އަތޮޅަކަށްވާތީ. ބިންވެސް ބޮޑު އަތޮޅެއް. އެހެންވީމާ، އެކިއެކި އިޤްތިޞާދީ މަސައްކަތްތަކާއި، ވިޔަފާރީގެ މަސައްކަތްތައް ކުރުމަށްޓަކައި، ބޭނުންވާ ކަންތައްތަކެއް އެހުންނަނީ. އެއީ ފުދޭވަރަކަށް އާބާދީއެއް އޮތުމާއި، ބިން އޮތުމާއި، އެހެން ގޮތްގޮތުންވެސް އެރަށްރަށުގައި އެކަން ކުރެވޭނެ ވަސީލަތްތައް ޤާއިމުވެފައި އޮތުން. އެހެންވީމާ، އައްޑުއަތޮޅުގައި މިކަހަލަ ކަންތައްތައް ފެށިގެން މިދަނީ.

ޙަޤީޤަތުގައި ސަރުކާރުގެ ކުރިމަތީގައި ހުރިހާ އަތޮޅުވެސް ހަމަ އެއްވަރު. ރާއްޖޭގެ ހުރިހާ އަތޮޅެއްވެސް އެއްވަރު. ރާއްޖޭގެ ހުރިހާ ރަށެއްވެސް އެއްވަރު. ސަރުކާރުން ދެއަތޮޅަކާ ދޭތެރޭގައި އެއްވެސް ތަފާތެއް ނުކުރާނެ. ކޮށްގެން ނުވެސްވާނެ. ދެރަށެއްގެ ދެމެދުގައިވެސް ތަފާތެއް ނުކުރާނެ. ކޮށްގެން ނުވެސްވާނެ. އެހެން ނަމަވެސް، މިދެންނެވި ޙަޤީޤަތަށް ބަލާފައި، ކަންތައް ކުރެވޭނީ، ކަންތައް ކުރެވެން ހުންނަ ތަންތާނގައި ކަމަށްވާތީ، އާބާދީ ބޮޑެތި ތަންތާނގައި، އަދި ބިން ބޮޑެތި ތަންތާނގައި އަދި އެހެން ވަސީލަތްތައްވެސް ހުންނަ ތަންތާނގައި ބޮޑެތި މަޝްރޫޢުތައް ފަށައިގެން ހިންގާގޮތަށް ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކަންތައްތައް ވަމުންދަނީ. އަޅުގަނޑު ހިތުން އެއީ ދިވެހިރާއްޖޭގެ ރައްޔިތުންވެސް ގަބޫލު ކުރައްވާނެ ކަމެއް.

އަޅުގަނޑު މިއަދު އައްޑުއަތޮޅަށް އައިސް، އައްޑުއަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރުމުން، އަދި މިތާނގައި މިރޭ މިދެކެވުނު ވާހަކަތަކުން، ކުރިންވެސް މިދެންނެވި ފަދައިން، މިއަތޮޅުގެ ރައްޔިތުން އެދިވަޑައިގަންނަވާ ވަރަށްގިނަ ކަންތައްތަކުގެ ވާހަކަ އިވިގެން ހިނގައްޖެ. އެކަންތައްތަކަކީ، އެކަންކަމަށްޓަކައި ސަރުކާރުން ވިސްނުން ބަހައްޓާނެ ކަންތައްތަކެއް. އަދި ސަރުކާރުގެ ވަސީލަތްތަކާއި، އަޅުގަނޑުމެންގެ ތަނަވަސްކަން ހުރި މިންވަރަކުން އިރާދަކުރެއްވިއްޔާ ޙާޞިލު ކުރެވޭތޯ މަސައްކަތްވެސް ކުރަމުން ގެންދާނެ ކަންތައްތަކެއް. ދެން ކުރިންވެސް ދެންނެވި ގޮތަށް އަޅުގަނޑުމެންގެ ވަސީލަތްތައް ތަނަވަސްވެގެންދިޔަ މިންވަރަކުން މިކަންތައްތައް ވަމުންދާނެ ކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.

އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން އިޝާރާތް ކުރެއްވި ސިޔާސީ އިޞްލާޙީ ޕްރޮގްރާމަށް ކުރިންވެސް ކުޑަވަރެއްގެ އެއްޗެއް ދަންނަވާލެވިއްޖެ. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވާ އިތުރު ވާހަކައެއްވެސް އެބައޮތް. އެއީ، މާތްﷲގެ ވާގިފުޅާއެކު، ދިވެހި ސަރުކާރުން ފަށައިގެން މިހާރު ހިންގަމުން މިގެންދާ ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމަކީ، ވަރަށްގިނަ ކަންތައްތަކެއް އޭގައި އެކުލެވިގެން ހިނގަމުންދާ ޕްރޮގްރާމެކޭ ދަންނަވާލުން. އާދެ! އޭގެތެރޭގައި، އަޅުގަނޑުމެންގެ ޤާނޫނުއަސާސީ އިޞްލާޙު ކުރުމާއި، އަދި ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކޮށް ރަނގަޅު ކުރުމާއި، އަދި ހިޔުމަން ރައިޓްސް، އިންސާނީ ޙައްޤުތައް ހަރުދަނާކޮށް، ފުޅާކޮށް، އިންސާނީ ޙައްޤުތައް ރައްކާތެރި ކުރެވޭނެ ގޮތަށް ކަންތައްތައް ރާވައި ހިންގުމާއި، ހިޔުމަން ރައިޓްސް ކޮމިޝަނެއް އުފައްދައިގެން، އެކޮމިޝަނަށް ޤާނޫނީ ބާރުދީގެން ހިންގަމުން ގެންދިޔުމާއި، ޚަބަރުފަތުރާ ވަސީލަތްތަކުގެ މިނިވަންކަން ފުޅާކުރުމާއި، މިހެންގޮސް ކުރަންޖެހޭ ވަރަށްގިނަ ކަންތައްތަކެއް، މި އިޞްލާޙީ ޕްރޮގްރާމްގައި ހިމެނިފައިވޭ. އަދި އިޞްލާޙީ ޕްރޮގްރާމްގެ ކަންތައްތައް ގެންދާނެގޮތުގެ މަގުޗާޓެއްވެސް ވަނީ ސަރުކާރުން އިޢްލާނުކޮށްފައި. އެޗާޓުގައިވާ ތާރީޚުތަކަށް އެކަންތައްތައް ނިންމޭތޯ މިގެންދަނީ މަސައްކަތް ކުރަމުން.

އަޅުގަނޑުގެ އިޚްލާޞްތެރި އެދުމަކީ، ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް، މަގުޗާޓުގައިވާ ގޮތަށް ނިމިގެންދިޔުން. އެހެން ކަންތައްތައްވެސް މަގުޗާޓުގައިވާ ގޮތުގެ މަތިން ނިމެމުންދާ ފަދައިން، އަޅުގަނޑު ދެކޭގޮތުގައި މިމަސައްކަތްވެސް މިއަހަރުގެ މެއިމަހުގެ ނިޔަލަށް ނިންމުމަކީ ވަރަށް މުހިންމު ކަމެއް. އެއީ، ޤާނޫނުއަސާސީ އިޞްލާޙުވެގެން، އޭގެ މައްޗަށް ބިނާކޮށް، ތަފާތު އެހެން ޤާނޫނުތަކެއްވެސް ހަދަންޖެހޭތީ. އަދި އެހެން ވަސީލަތްތަކެއްވެސް ޤާއިމު ކުރަން ޖެހޭތީ. އެއީ، ސަރުކާރުން ޚިޔާލު ކޮށްފައި އޮތް ގޮތުގައި، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު، 2008 ވަނަ އަހަރު ރާއްޖޭގައި ހުރިހާ ސިޔާސީ ޕާޓީއެއް ވާދަކުރާ އިންތިޚާބެއް ބޭއްވޭނެ. ރައީސް ކަމުގެ އިންތިޚާބު މިދެންނެވީ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ އަދި މިއަންނަ އަހަރު އަންނަން އޮތް އިންތިޚާބެއް ނޫން. މިއަންނަ އަހަރު އަންނަން އޮތް އިންތިޚާބަކީ، ރާއްޖޭގެ ވެރިކަމުގެ އިންތިޚާބު. އެ އިންތިޚާބަށް ހުރިހާ ޕާޓީތަކުން ކުރިމަތިލެވޭގޮތަށް، އެކަން ރާވާ ހިންގުމަކީ، ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް. އަޅުގަނޑު ބޭނުންވާ ކަމެއް އެއީ. އެހެންވީމާ، އެގޮތުގެ މަތިން އެކަންތައް ކުރެވޭނީ، މިއަހަރު މިދެންނެވި ތާރީޚަށް، ޤާނޫނުއަސާސީ ފާސްވެގެން. އޭގެމައްޗަށް ހަދަންޖެހޭ ޤާނޫނުތަކެއް ހެދިގެން. އަދި އޭގެތެރެއިން އެންމެ މުހިންމު އެއްޤާނޫނަކީ، ރާއްޖޭގެ އިންތިޚާބާބެހޭ ޤާނޫނު. ދެން އަންނަ މަރްޙަލާއަކަށް ތައްޔާރުވުމަށްޓަކައި އެއަށް އަންނަންޖެހޭ ބަދަލުތައް އައިސްގެން، އާ ޤާނޫނެއް ހެދެން ޖެހޭނެ. އަދި ރައްޔިތުންގެ ހޭލުންތެރިކަން އުފައްދަން އެބަޖެހޭ، ކޮބައިކަން ގިނަ ޕާޓީތަކެއް ބައިވެރިވާ އިންތިޚާބެއްގައި ކަންތައް ގެންދަންވީ ގޮތަކީ. ރައްޔިތުންގެ ޙައްޤުތަކާއި، އެމީހުންނަށް ލިބިފައިވާ ފުރުޞަތުގެ ބޭނުންކުރާނެ ގޮތާއި، އަޅުގަނޑުމެން އެބަޖެހޭ މިކަމަށްޓަކައި ރައްޔިތުން ހޭލުންތެރިކުރުވަން. ހަމައެޔާއެކީގައި، މުސްތަޤިއްލު، މިހާރުވެސް މުސްތަޤިއްލު، އިލެކްޝަންސް ކޮމިޝަނަރ. އެހެން ނަމަވެސް ދެން އަންނަ ޤާނޫނުއަސާސީގެ ދަށުން އެބައިތައް އެއީ ވަރަށް ބޮޑެތި މުސްތަޤިއްލު މުއައްސަސާތަކަކަށް ވެގެންދަނީ. އެހެންވީމާ، އެބޭފުޅުން ކަންތައް ކުރައްވާނެގޮތާއި، މިހުރިހާ ކަމެއްވެސް ރާވައި ހިންގުމަކީ، އެއްދުވަހަކުން ކުރެވޭނެ ކަމެއް ނޫން. އެކަމަށްވެސް މުއްދަތެއް ބޭނުންވޭ.

އެހެންވީމާ، ދަންނަވަން މިއުޅޭ ވާހަކައަކީ، މިއަންނަ އަހަރު ހުރިހާ ޕާޓީތައް ވާދަކުރާ އިންތިޚާބެއް ބޭއްވޭނީ، މިއަހަރު ޤާނޫނުއަސާސީ އިރާދަކުރެއްވިއްޔާ ފާސްވެގެންނޭ. އެހެންވީމާ، އެކަމަށްޓަކައި ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާ ވާހަކައާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުން އެކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން، އެކަން އެގޮތަށް ގެންގޮސްދެއްވުން އެދޭ ވާހަކަ މިރޭ އަޅުގަނޑު ދަންނަވާލަން.

ދެން ދަންނަވާލަން އޮތް ވާހަކައަކީ، ރާއްޖޭގެ ސިޔާސީ މަސްރަޙަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، އެއްވެސް ހާލެއްގައި މިބަދަލުތަކުގެ ސަބަބުން ރާއްޖޭގައި ހަމަނުޖެހުމެއް އުފެދޭކަށް ނުވަތަ ބައިބައިވުމެއް އުފެދޭކަށް، އެއްވެސް މީހަކު ބޭނުމެއް ނުވާނޭ. ހަމަގައިމުވެސް ޤައުމަށް ހެޔޮއެދޭ އެއްވެސް މީހަކު ބޭނުމެއްނުވާނެ އެކަން އެގޮތަށްދާކަށެއް. އަޅުގަނޑުމެން ބޭނުންވަނީ، ވީހާ އަމާންކަމާއި އޮމާންކަމާ އެކީގައި އިޞްލާޙީ ބަދަލުތައް އަންނަން. ޤާނޫނީ އޮނިގަނޑުގެ ތެރެއިން މިކަން ގެނެވެން. އެއީ، އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް. އަޅުގަނޑުމެން އެކަން ކުރަންޖެހޭނީ އެގޮތަށް. ޤައުމުގައި ބައިބައިވުން އުފެދިގެން، ފިތުނަ އުފެދިގެން، ހަމަނުޖެހުންތަކެއް އުފެދިގެން ކަމެއް އިޞްލާޙެއް ނުވާނެ. އެއީ، އަޅުގަނޑުމެން ވަރަށް ބޮޑަށް ގަބޫލު ކުރަންޖެހޭ ޙަޤީޤަތެއް. ދުނިޔޭގެ އެހެން ޤައުމުތަކާ އަޅުގަނޑުމެންނާ ވަރަށް ތަފާތު. އަޅުގަނޑުމެންނަކީ މުސްލިމުން. ދިވެހި ރައްޔިތުންނަކީ ސައްތައިން ސައްތަ މުސްލިމް ބަޔެއް. ރާއްޖޭގައި އެހެން އެއްވެސް ދީނެއް ނެތް. ރާއްޖޭގައި އޮތީ ހަމައެކަނި މާތްވެގެންވާ އިސްލާމްދީން. ﷲ އަޅުގަނޑުމެންނަށް ހަދިޔާ ކުރެއްވި އެންމެބޮޑު ނިޢުމަތް ކަމަށްވާ، މާތްވެގެންވާ އިސްލާމްދީން.

"إِنَّ اّلدّينَ عِندَاّللّهِ الاِسْلام" (آل عمران: 19) "ހަމަކަށަވަރުން ﷲގެ ޙަޟުރަތުގައި ދީނަކީ އިސްލާމްދީނޭ."

"وَمَن يَبْتَغِ غَيْرَ الإِسْلاَمِ دِيناً فَلَن يُقْبَلَ مِنْهُ" (آل عمران: 85) "އިސްލާމްދީން ފިޔަވައި އެހެން ދީނެއް ޚިޔާރުކޮށް އެދެފި މީހާގެ ކިބައިން އެކަން ﷲ ޤަބޫލެއް ނުކުރައްވާނެއެވެ."

ވަރަށް ސާފުކޮށް ޞަރީޙަކޮށް އެނގެން އޮތް ކަމެއް. އަދި މުއުމިނުންނަކީ ކޮންކަހަލަ ބަޔެއްކަންވެސް ކީރިތި ޤުރްއާނުގައި ވަރަށް ރަނގަޅަށް ބަޔާން ކޮށްދެއްވާފައިވޭ.

"إِنَّمَا الْمُؤْمِنُونَ إِخْوَةٌ" (الحجرات: 10) "ހަމަކަށަވަރުން މުއުމިނުންނަކީ އަޚުންތަކެކޭ."

އަޚުންގެ މެދުގައި އޮންނަންޖެހޭނީ ހަމަޖެހުން. އަޚުންގެ މެދުގައި އޮންނަންޖެހޭނީ އެކުވެރިކަން. އަޚުންގެ މެދުގައި އޮންނަންޖެހޭނީ އެއްބައިވަންތަކަން. ޚިޔާލު ތަފާތުވިޔަސް، ބައިބައިވުމެއް އުފެދިގެނެއް ނުވާނެ. ޚިޔާލު ތަފާތުވިޔަސް ހަމަނުޖެހުމަކަށް ތަންދީގެނެއް ނުވާނެ.

އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމެއް. ވަސީލަތްތައް ވަރަށް މަދު ޤައުމެއް. ދުނިޔޭގެ އެހެން ތަންތާނގައި އަދި ކޮންމެވެސް ވަރަކަށް ހަމަނުޖެހުން އުފެދިގެން އެމީހުންނަށް އެކަންތައްތައް އެގޮތްމިގޮތުން ފޫބެއްދުނު ކަމުގައިވިޔަސް، ރާއްޖެކަހަލަ ކުޑަ ޤައުމަކަށް، އާބާދީ މަދު ޤައުމަކަށް، ވަސީލަތްތައްވެސް މަދު ޤައުމަކަށް، ބައިބައިވުމެއް އުފެދިގެން، ފިތުނައެއް އުފެދިގެން، އެކަން އެއްގޮތަކަށްވެސް އަޅުގަނޑުމެންނަކަށް ފުލެއް ނުބެއްދޭނެ. އެއީ ވާނެ ކަމެއް ނޫން. މިކަން ޖެހޭނެ އަޅުގަނޑުމެން އެންމެން ގަބޫލު ކުރަން. އަޅުގަނޑުމެންގެ ބޮޑެތި މީހުން، ހަރުމީހުން، ޒުވާނުން، އަންހެނުން، ފިރިހެނުން، ކުޑަކުދިން، އެންމެންވެސް މިޙަޤީޤަތް ގަބޫލުކުރަން ޖެހޭނެ.

އެހެންވީމާ، އަޅުގަނޑުގެ ވާހަކަ މިރޭ ނިންމާލާނީ، އެހެން ދަންނަވާލަމުން. ސަރުކާރުން ހުށަހަޅައިގެން އިޞްލާޙީ ޕްރޮގްރާމް ކުރިއަށް މިގެންދަނީ، ރާއްޖެއަށް ހަމަޖެހުމާއި، އުފާވެރިކަމާއި، ބާއްޖަވެރިކަން ގެނެސްދިނުމުގެ ބޭނުމުގަޔޭ. ރާއްޖެއަށް ހަމަޖެހުމާއި، އުފާވެރިކަމާއި، ބާއްޖަވެރިކަން ގެނެސްދެވޭނީ، އަމަންއަމާންކަންމަތީ ދެމިތިބެގެންނޭ. އަޅުގަނޑުމެންގެ މެދުގައި ބައިބައިވުމެއް އުފެދިގެނެއް ނޫނޭ. ތަޅާފޮޅުމެއް އުފެދިގެނެއް ނޫނޭ. އެކަންކަމަށް އަޅުގަނޑުމެން ރައްކާތެރިވާންޖެހޭނެ. އެއީ، އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއް ނޫނޭ. ތަނެއްގައި އެގޮތަށް ބަޔަކު ކަންތައް ކުރިޔަސް، އަޅުގަނޑުމެންގެ ރާއްޖެއަކު އެހެން ކޮށްގެނެއް ނުވާނެ. ކިތަންމެ ސަބަބަކާހުރެ. އެއްސަބަބަކީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާތީ ކުރިންވެސް ދެންނެވި ފަދައިން. މުސްލިމުން މާތްﷲ ލައްވަވާފައިވަނީ އަޚުންތަކެއްގެ ގޮތުގައި. އެކަމަށް އަޅުގަނޑުމެން ބޯލަނބަންޖެހޭނެ. އެއީ، ﷲގެ އަމުރުފުޅު. ﷲގެ އިރުޝާދު. އެކަން މުގުރާލާކަށް އަޅުގަނޑުމެން އުޅޭކަށް ނުވާނެ. ދެވަނަ ކަމަކީ، އަޅުގަނޑުމެންގެ ނިކަމެތިކަމާއި، އަޅުގަނޑުމެންގެ ޤައުމުގެ ނިކަމެތިކަމާއި، ކުޑަކަމާއި، މީސްކޮޅު މަދުކަން. މިކަންކަން މިހެން ހުރުމުން، އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ނެތި އަޅުގަނޑުމެންނަކަށް އެއްވެސް ކަމެއް ކާމިޔާބެއް ނުކުރެވޭނެ. މިއީ، އަޅުގަނޑުމެން ވަރަށް ރަނގަޅަށް ޤަބޫލުކުރަންޖެހޭ އަދި އަބަދުމެ ހަނދާން ބަހައްޓަންޖެހޭ ކަމެއް.

އާދެ! މިރޭގެ މިވާހަކައަށްފަހުގައި ހިތަދޫ ރައްޔިތުންނާއި، މިއަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލުންވެސް ހިމެނިފައިވާތީ، ދެން އަޅުގަނޑު މާގިނަ ވާހަކައެއް ދައްކާކަށް ނެތިން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ހެޔޮވިސްނުން ދެއްވުން. އަޅުގަނޑުމެންނަކީ، ހެޔޮބަސްއަހާ، ހެޔޮބަސް ޤަބޫލުކުރާ ބަޔަކު ކަމުގައި ލެއްވުން. އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ ޤައުމާއި މުޖްތަމަޢުގެ ފައިދާއަށްޓަކައި، މަސައްކަތްކުރާ ބަޔަކު ކަމުގައި ލެއްވުން. އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ އަމިއްލަ ހަނި މަޞްލަޙަތުތަކަށްވުރެ ޤައުމުގެ ޢާންމު ތަނަވަސް ފުޅާ މަޞްލަޙަތު އިސްކުރާ ބަޔަކު ކަމުގައި ލެއްވުން. އަޅުގަނޑުމެންނަކީ، އަބަދުމެ اللّـه سبحـانـه وتعـالى ނިޢުމަތްތަކުގެ މަތިން ހަނދާންކޮށް، އެ ނިޢުމަތްތަކަށް ޝުކުރުކުރާ ބަޔަކު ކަމުގައި ލެއްވުން. އަޅުގަނޑުމެންނަކީ، ހުރިހާ ކަމެއްގައިވެސް ޙިކުމަތްތެރިކަމާއި ބުއްދިވެރިކަމާއި ވިސްނުންތެރިކަމާ އެކީގައި ޢަމަލުކުރަމުންދާ ބަޔަކު ކަމުގައި ލެއްވުން.

އާދެ! އަޅުގަޑު އެދެނީ އައްޑު އަތެޅެ ލޮބޮވެތި ރައްޔަތުންނަށް އުފާފާގަތިކަމާއި ކުރިއެރުމާއި ތަރައްޤީ.

والســّلام عليــكم ورحـمــة اللّـه وبـركاتـه.