بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

އާދެ، މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. މިއަދު މިހާރު އަޅުގަނޑު އައިސް މިހުރީ ތިޔަބޭފުޅުންގެ އިނގުރައިދޫގައި. މާޅޮސްމަޑުލު އުތުރުބުރިއަށް ކުރާ ދަތުރެއްގައި. މި އަތޮޅުގެ މީހުންއުޅޭ ހުރިހާ ރަށަކަށް ދިޔުން އެއީ މިދަތުރުގެ މަޤްޞަދަކީ. މިދަތުރުތަކުގެ ބޭނުމަކީ އިނގުރައިދޫގެ ރައްޔިތުންނަށްވެސް މިހާރު އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖެތެރޭގެ ރައްޔިތުންނާ ސީދާ އަޅުގަނޑު ބައްދަލުވުން. އަދި ރައްޔިތުންނަށް ކުރިމަތިވާ ދަތިތައްވެސް އޮޅުންފިލުވައި އެކަންތައްތައް ހަމަޖެއްސުމުގައި ސަރުކާރުން ވެވެން އޮންނާނީ ކޮންކޮން އެހީއެއްތޯ ބަލައި، އެ އެހީތައް ރައްޔިތުންނަށް ލިބޭގޮތް ހަމަޖައްސައިދިނުން.

އެންމެފުރަތަމަ، އަޅުގަނޑު ފާޅުކުރަންޖެހޭ ޝުޢޫރަކީ ޝުކުރުގެ ޝުޢޫރު. އާދެ، އިނގުރައިދޫއަށް މިއަދު އަޅުގަނޑު އައުމަށް ހަމަޖެހިފައިވާތީ، އިނގުރައިދޫ ވަރަށްބޮޑަށް ޒީނަތްތެރި ކުރައްވައި ވަރަށް ފުރިހަމަ ގޮތެއްގައި މި ޖަލްސާ ފުރިހަމަ ކުރުމުގެ އިންތިޒާމު ހަމަޖައްސަވާފައިވާތީ، އިނގުރައިދޫގެ ވެރިންނަށާއި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ޝުކުރުގެ ޝުޢޫރު. އާދެ، މިއަދު އަޅުގަނޑަށް މިލިބުނީ ވަރަށްވެސް ހޫނުތަރުޙީބެއް. އެކަމަށްޓަކައި މިރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

ޝައްކެއްނެތް، އިނގުރައިދޫއަކީ މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކުގެ ތެރެއިން ވަރަށް މަޝްހޫރު ރަށެއް. މިރަށުގެ ރައްޔިތުންނަކީ ވަރަށް ޚާއްޞަ މަސައްކަތެއްކުރާ ވަރަށް މަސައްކަތްތެރި ހީވާގި މަސައްކަތްތެރި ބައެއް. ކުރިއްސުރެ އިނގުރައިދޫއަކީ، ވަޑާމަށް މަޝްހޫރު ރަށެއް. މިހާރުވެސް މިރަށުގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކީ މިދެންނެވި މަސައްކަތްކޮށްގެން ދިރިއުޅެމުންދާ ބައެއް. އަދި އެކުރާ މަސައްކަތުގެ ސަބަބުން ރަށަށް އިތުރު ތަރައްޤީއާއި ތަނަވަސްކަން ހޯދައިދިނުމުގެ އިތުރަށް ރަށަށް ރީތި ނަމެއްވެސް ހޯދައިދޭ ބައެއް. މިރަށުގެ މިދެންނެވި މަސައްކަތްތެރިން އެމީހުންގެ މަސައްކަތްތައް ހަމަޖެހިފައިވާގޮތުން ގިނައިން އުޅެންޖެހެނީ ރަށުން ބޭރުގައި. އެހެންކަމުގައިވިޔަސް، އެމީހުންގެ ފަރާތުން ރަށަށް ލިބެމުންދާ ދިރުމަކީ އަޅުގަނޑު ހިތުން ތިޔަހުރިހާ ބޭފުޅުންވެސް ރަނގަޅަށް ވަޒަންކުރައްވާނެ ދިރުމެއް. އެހެންކަމަށްވުމާއެކު، އިނގުރައިދޫގެ މަސައްކަތްތެރިންނަށް ޚާއްޞަކޮށް މިކުރާ ވަޑާމުގެ މަސައްކަތްކުރާ އެންމެންނަށް އިޚުލާޞްތެރިކަމާއެކު ހެޔޮއެދުންތައް ފާޅުކުރުމަކީ އަޅުގަނޑުގެ ވަރަށްޚާއްޞަ އުފަލެއްކަމުގައި ދެކެން.

ރާއްޖެތެރެ ތަރައްޤީކުރުމަށްޓަކައި ރައްޔިތުންގެ އެއްބާރުލުމަށްވަނީ ވަރަށްބޮޑަށް ބޭނުންވެފައި. ރާއްޖެތެރޭގެ ކަންތައްތައް ހުރިނެތްގޮތްބަލައި ރާއްޖެތެރެ އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ވަރަށްމުހިންމު މަޝްރޫޢެއް ރާވައިގެން މިހާރު ހިންގަވަމުން ގެންދާތާ ދުވަސްކޮޅެއްވެއްޖެ. ގާތްގަނޑަކަށް ހަތަރު އަހަރު މިވަނީ. މިމަޝްރޫޢުގެ ދަށުން ތަފާތު ގިނަ ކަންތައްތަކެއް ރާއްޖެތެރޭގައި މިހާރުވަނީ ފެށިފައި. ހަމަ ގާތްގަނޑަކަށް ކޮންމެ ރަށެއްގައިވެސް ތަރައްޤީގެ މަސައްކަތްތައް ދަނީ ވެވެމުން. އެންމެބޮޑު އެއް މަސައްކަތަކީ ރާއްޖެތެރޭގެ ދަރިންނަށް ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ސަރުކާރުން ހޯދައިދިނުމަށްޓަކައި ކުރެވޭ މަސައްކަތް. އާދެ، މިހާރު ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ޚަރަދުގައި ހިނގާ މަދަރުސާއެއް ހިނގަމުން އެބަދޭ. އޭގެއިތުރަށްވެސް، ސަރުކާރުން އެކިގޮތްގޮތުން ބޭރުގެ ފަރާތްތަކާ ގުޅައިގެން އެހީ ހޯދައިގެން އިތުރު މަދަރުސާތަކެއްވެސް ބައެއް އަތޮޅުތަކުގައި ދަނީ ޢިމާރާތް ކުރެވެމުން. އަދި ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި މެދުނުކެނޑި ހިނގަމުން އައިސްފައިވާ މަދަރުސާތަކަށާއި، މަކްތަބުތަކަށް ސަރުކާރުން އެހީވެދޭ އުސޫލެއްވެސްވަނީ ހަމަޖެހިފައި. ބައެއް މަދަރުސާތަކަށް މިދެންނެވި އެހީތަކުގެ އިތުރަށް ސަރުކާރުން މުދައްރިސުންވެސް ހޯދައިދޭ ނުވަތަ މުދައްރިސުން ހޯދައިދެވެން ނެތިއްޖެ ހިނދެއްގައި މުދައްރިސުންގެ މުސާރަ ހަމަޖައްސައިދޭ. މިގޮތުން ތަޢުލީމު ކުރިޔަށް ގެންދިއުމަށްޓަކައި ނުވަތަ ރާއްޖެތެރޭގެ ދަރިންނަށް އެކަށީގެންވާ ތަޢުލީމެއް ލިބުމުގެ ފުރުޞަތު ސަރުކާރުން ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ގިނަގުނަ. ކުރަމުންގެންދާ ޚަރަދުވެސް އެހާމެ ބޮޑު.

އާދެ، މިރަށުގައިވެސް އޭގެ ހެކިތައް ތިޔަބޭފުޅުންނަށް ތިޔަ ފެނިވަޑައިގަންނަވަނީ. މިރަށުގައި ހުރި މަކުތަބު އެއީ، ސަރުކާރުން އެހީވެދޭ މަކުތަބެއް، ދިހަ އަހަރުވުމުގެ ސަބަބުން. މި މަކުތަބުގެ ކުދިން މިހާރު މިތިބީ މިޖަލްސާގައި. އެންމެ ކުރީ ސަފުތައް ފަޅުފިލުވާލައިދެނީ އެކުދިން. އެކުދިން އެއީ، އަޅުގަނޑުމެންގެ މުސްތަޤުބަލް އެބައެއްގެ އަތްމަތީގައިވާ ކުދިން. އެހެންވީމާ، އެކުދިންނަށް އެކަށީގެންވާ ތަޢުލީމެއް ހާސިލުކޮށްދެވޭތޯ އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަންވާނެ. ތިޔަހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ތަނެއް ތަރައްޤީވުމުގެ އެންމެބޮޑު ސިއްރަކީ އެތަނެއްގައި ތަޢުލީމު އެކަށީގެންވާ ގޮތަކަށް ފެތުރުންކަން. ތަޢުލީމާނުލައި އެއްވެސް ޤައުމެއް ދުނިޔޭގައި ކުރިޔަކަށް ނުދާނެ. ތަޢުލީމު ހާސިލުކޮށްދެނީ، އެތަޢުލީމު ލިބޭ ބަޔަކީ ޤައުމަށް ޚިދުމަތްކުރާނެ ބައެއް ކަމުގައި ހެދުމަށްޓަކައި. އެކުދިންނަށް ތަންދޮރު އޮޅުންފިލުވައިދީ، އެކުދިންގެ ދީނާ ދުނިޔޭގެ ވާޖިބުތައް އެކުދިންނަށް ހާމަކޮށްދީ، އަދި އެކުދިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު އެކުދިންނަށް އަންގައިދީ، އެމަސްއޫލިއްޔަތު އުފުލުމަށް އެކުދިން ތައްޔާރު ކުރުމަށްޓަކައި. އެހެންވީމާ، މިއަދު ކިތަންމެ ޅަޢުމުރުގެ ކުޑަކުދިންކޮޅެއް ކަމުގައި މިކުދިންވިޔަސް، މާދަމާ އެކުދިންވާނީ ރަށުގެ ތަރައްޤީގެ މަސްއޫލިއްޔަތު އުފުލާ ޒުވާނުން ކަމުގައި. އެހެންވީމާ، އެކަމަށްޓަކައި އެކުދިން ތައްޔާރުކުރުން އެއީ ހަމައެކަނި ސަރުކާރުން ކުރަންޖެހޭނެ ކަމެއް ނޫން. އޭގެއިތުރަށް އެއީ ރައްޔިތުންވެސް އެކަމުގައި ވަރަށްބޮޑު ބައެއް އަދާކުރައްވަން ޖެހޭނެކަމެއް.

އާދެ، މިއަތޮޅުގައިވެސް ތަޢުލީމުގެ ކަންތައްތައް އެކަށީގެންވާ ދަރަޖައަކަށް ކުރިޔަށް އެބަދޭ. އަޅުގަނޑު ކުރިން އިޝާރާތް ކުރިފަދައިން މިއަތޮޅުގައި، މިއަތޮޅު މީދޫގައި އަތޮޅު ތަޢުލީމީ މަރުކަޒު ސަރުކާރުގެ ފަރާތުން ހަދައި، އެމަރުކަޒު ހިންގަމުން އެބަގެންދޭ. އޭގެއިތުރަށް ވަރަށްގިނަ ރަށްރަށުގައި އެރަށްރަށުގެ މަކުތަބަށް ސަރުކާރުން އެކިބާވަތުގެ އެހީވެދޭގޮތަށް ހަމަޖެހި، އެ އެހީތައްވެސް ލިބެމުންދޭ. އަދި މިއަތޮޅަކީ ސަރުކާރުން ކުރި މަސައްކައްކަތެއްގެ ސަބަބުން ބޭރުގެ ޖަމްޢިއްޔާއެއްގެ ފަރާތުން މިއަތޮޅުގައި ޚާއްޞަ ތަރައްޤީގެ މަސައްކަތްތަކެއް ހިންގަމުން ގެންދާ އަތޮޅެއް. އާދެ އެޖަމްޢިއްޔާ އަކީ [އައިހެޕް]. އޭގެ ވާހަކަ ތިޔަ ހުރިހާ ބޭފުޅުން އައްސަވާނެ. އެ ޖަމުޢިއްޔާގެ ފަރާތުންވެސް ސަރުކާރު މެދުވެރިވެގެން، މިރަށަށް އެހީތަކެއް ލިބެމުން އެބަދޭ. އެއީ، މިރަށުގެ ބައެއްގެ ހިންމަތުން. އާދެ، މިރަށުގެ އެކުވެރިންގެ ޖަމުޢިއްޔާގެ ފަރާތުން ރާނާފައި އެހުރި މަކުތަބުގެ ޢިމާރާތް، އައިހޭޕްގެ ފަރާތުން އެތަން ހިޔާކޮށް އެނިމުނީ. އަދި އެތަނަށް ބޭނުންވާ ދޮރުފަދަ ތަކެތިވެސް އެފަރާތުން ދެނީ. އެހެންވީމާ، މިއީ ވަރަށް ގިނަ ފަރާތެއްގެ އެއްބާރުލުން އޭގައި އެކުލެވިގެން ކުރިޔަށްދާ ވަރަށް މުހިންމު މަސައްކަތެއް. ސަރުކާރުގެ އެހީ އެބަލިބޭ. މިރަށުގެ ރައްޔިތުންގެ އެހީ، އެކުވެރިންގެ ޖަމުޢިއްޔާގެ އެހީ، އަދި ސަރުކާރު މެދުވެރިވެގެން އައިހޭޕްގެ އެހީ. އެހެންވީމާ، މިކަހަލަ ކަންތައްތައް ކުރިޔަށް ގެންދިއުމުން ރަށަށްލިބޭނެ ތަރައްޤީއާއި ރަށަށް ފަހުން ލިބޭނެ ކުރިއެރުން އަޅުގަނޑުހިތުން އެއީ މިރަށުގެ ހުރިހާ ރައްޔިތުންނަށްވެސް ރަނގަޅަށް ވަޒަން ކުރެއްވޭނެ ކަމެއް.

އާދެ، ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގައި ތަޢުލީމު ދިނުމުގެ އިތުރަށް ކިތަންމެކަމެއް ހަމަޖެހިފައިވޭ. ކޮންމެރަށަކަށްވެސް އެންމެ ބޭނުންވެފައިވާ ކަންތައްތައް ކޮށްދޭގޮތަށް އެމަޝްރޫޢު ހަމަޖެހިފައިވަނީ. ބައެއް ތަންތާނގައި މިސްކިތް އަލުން ޢިމާރާތްކޮށް ހެދުން ނުވަތަ މިސްކިތް ބާވެފައިވާނަމަ، މިސްކިތް އާކޮށްދިނުން. ބައެއް ރަށްރަށުގައި ރަށުއޮފީސް ޢިމާރާތްކޮށްދިނުން. ނޫނީ އޮފީހަކީ ބާވެ ހަލާކުވެފައިވާ ތަނަކަށް ވާކަމަށްވަންޏާ، އެ ފުދޭ ވަރަކަށް މަރާމާތު ކޮށްދިނުން. މިރަށުގައިހުރި މިސްކިތްއެއީ، އެހެން ރަށްރަށާ އަޅާބަލާއިރު ރަނގަޅު މިސްކިތެއް. ބޮޑުމިސްކިތެއް. ދާދިފަހުން ހެދިފައިވާ ތަނެއް. އެހެންވީމާ، މިރަށަށް އިތުރު މިސްކިތެއް ބޭނުންވާނެކަމަކަށް ނުފެނޭ. މިރަށަށް ބޭނުންވާނެ ކަމަކީ ފަޅުތެރެ ފުންކުރުން. މިރަށުގެ ފަޅަކީ ވަރަށް ތިލަފަޅެއް. ވަރަށް އުނދަގޫގޮތަކަށް އޮންނަ ފަޅެއް. އަޅުގަނޑު ދެންމެ މިރަށަށް މިފޭބި ފޭބުމުގައިވެސް އެކަން ވަރަށް ރަނގަޅަށް އިހުސާސް ކުރެވިއްޖެ. މިރަށުގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކީ މަސްވެރިކަންކުރާ ބަޔަކަށްވެފައި، އަބަދު އެމީހުން ލަފާ ފުރަންޖެހޭނެތީ މިކަމަކީ މިރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމެއްކަން އަޅުގަނޑަށް ރަނގަޅަށް އެނގޭ. އެހެންވުމުގެ ސަބަބުން، އަޅުގަނޑު ކުރިން މިދެންނެވި މަޝްރޫޢުގައި މިރަށުގެ ފަޅުކޮނުން ހިމެނިފައިވާ، ފަޅުކޮނުމަށް ސަރުކާރުން ފައިސާވެސް އެބަ ޚަރަދުކުރޭ. އެފައިސާ ބޭނުން ކުރައްވައިގެން ރަށުގެ ރައްޔިތުން އެމަސައްކަތްވަނީ ކޮންމެވެސް ވަރަކަށް ކުރައްވާފައި. އެހެންނަމަވެސް، އެ މަސައްކަތް އަދި ނިމުމަކަށް ނުދޭ. ކޮންމެއަކަސް، މިދެންނެވި ކަހަލަ މަސައްކަތްތައް ކުރުން އެއީ ރާއްޖެތެރެ މިހާރު އޮތް ފެންވަރުން އެއަށްވުރެ މަތީ ފެންވަރަކަށް ގެންދިއުމަށްޓަކައި ކޮންމެހެން ބޭނުންވާ ކަމެއް. އެހެންވީމާ، އަޅުގަނޑު މިދެންނެވި ރާއްޖެތެރެ އިސްލާޙުކުރުމުގެ މަޝްރޫޢު ސަރުކާރުން ރާވައިގެން އެހާ ބޮޑެތި ޚަރަދުކޮށްގެން އެމަޝްރޫޢު ކުރިޔަށް އެގެންދަނީ.

އާދެ، ތަޢުލީމުގެ ވާހަކަ ދެންމެ އަޅުގަނޑު މިދެންނެވީ. ހަމައެއާ ގުޅިގެން އަސާސީ ތަޢުލީމުގެ ވާހަކަވެސް ދަންނަވާލަންޖެހޭ. އަސާސީ ތަޢުލީމަކީ ވަރަށް މުހިންމު މަޝްރޫޢެއް. އެއީ، އަޅުގަނޑުމެންގެ ތެރެއިން މަދަރުސާއަށް ދިއުމުގެ ފުރުޞަތު ލިބިފައިނުވާ މީހުންނަށް ތަޢުލީމުގެ ފުރުޞަތެއް، ކޮންމެވެސް މިންވަރެއްގެ ފުރުޞަތެއް ސަރުކާރުން ހޯދައިދިނުމަށްޓަކައި ފަށައިގެން ގެންދާ މަޝްރޫޢެއް. އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ މީހުންނަކީ މަދަރުސާއަކަށް ދިއުމުގެ ފުރުޞަތު ލިބިފައިވާ ބައެއްނޫން. އެއީ ކުރިން ކަންތައްތައް ހަމަޖެހިގެން ހިނގަމުން އައިސްފައިވާގޮތުން އަޅުގަނޑުމެންނަށް އެ ފުރުޞަތު ލިބިފައިނުވަނީ. އެހެންވީމާ، އެގޮތަށް އެ ފުރުޞަތު ލިބިފައިނުވާ މީހުންނަށް އެމީހުންގެ އަމިއްލަ ޖީބުން އެއްވެސް ޚަރަދެއް ކުރަންނުޖެހި، ސަރުކާރުން އެ ރާވައިދީފައި، އެ މީހުންނަށް އެއީ ލިޔަންކިޔަން ނުދަންނަ ބައެއް ކަމަށްވަންޏާ، ލިޔަންކިޔަން ދަސްކޮށްދޭން ނުވަތަ އެމީހުންނަކީ ލިޔަންކިޔަން ދަންނަބައެއް ކަމުގައިވިޔަސް އިތުރަށް ކޮންމެހެން ބޭނުންވާ މަޢުލޫމާތުތަކެއް ހުރުމާއެކު، އެ މަޢުލޫމާތުތައް އެމީހުންނަށް ދަސްކޮށްދިނުން. އެއީ، ދީނާބެހޭ މަޢުލޫމާތު ކަމުގައިވިޔަސް ނުވަތަ ޞިއްޙަތާބެހޭ މަޢުލޫމާތު ކަމުގައިވިޔަސް އަޅުގަނޑުމެންގެ ރާއްޖެއާބެހޭ، ތިމާވެށްޓާބެހޭ މަޢުލޫމާތު ކަމުގައިވިޔަސް، ނުވަތަ ހިސާބުޢިލްމު ކަމުގައިވިޔަސް މިހުރިހާ ބާވަތެއްގެ މަޢުލޫމާތުތައް އަޅުގަނޑުމެންނަށް އެނގެންޖެހޭ، އެދެވޭ ރަނގަޅު ދިރިއުޅުމެއް އުޅުމަށްޓަކައި. އެހެންވީމާ، އެމަޢުލޫމާތުތަކުގެ ތެރެއިން ކޮންމެހެން، ކޮންމެ އިންސާނަކަށް، ކޮންމެ ދިވެއްސަކަށް، ބޭނުންވާ މިންވަރަށް މަޢުލޫމާތު ދިނުމަށްޓަކައި އަސާސީތަޢުލީމުގެ މަޝްރޫޢު ރޭވިގެން ހިނގަމުންދަނީ. އެ މަޝްރޫޢަށް އެދެވޭ ތަރުޙީބެއް ލިބިއްޖެނަމަ، އޭގެފައިދާ ރައްދުވާނީ ހަމަ އެކުލާސްތަކަށް ހާޒިރުވާ މީހުންނަށް. މިރަށަކީ ލިޔަންކިޔަން ނުދަންނަ މީހުން ގިނަ ރަށެއްކަމުގައި ފާހަގަކުރެވޭ. ފަނަރަ އަހަރުންމަތީގެ 110 މީހުން ތިބިކަމަށް އަޅުގަނޑު އަތުގައި މިއޮތް ފޯމުގައި އެބައޮތް. އެއީ، ރަނގަޅު އަދަދެއް ކަމަށްވަންޏާ އެއީ، ވަރަށް ހިތާމަކުރަންޖެހޭ ކަމެއް، އެހާގިނަ އަދަދެއްގެ، ލިޔަންކިޔަން ނުދަންނަ ބަޔަކު ރަށެއްގައި ތިބުން އެއީ. ގިނަ ރަށްރަށުގައި ތިބެނީ ފަސްމީހުން ދިހަމީހުން. އެކަހަލަ ގޮތަކަށް. އެހެންވީމާ، މިހާ މަތީ އަދަދަކަށް މީހުން ތިބޭ ކަމަށްވަންޏާ އެއީ ވަރަށް އަވަހަށް ފިޔަވަޅުތަކެއް އަޅައިގެން އެކަން ރަނގަޅު ކުރަން ޖެހޭނެކަމެއް. އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ، އިރުޝާދަކީ ސަރުކާރުން މިހާރު މިރަށުގެ ރައްޔިތުންނަށް މިފުރުޞަތު ދީފައިވާތީ، މިފުރުޞަތުގެ ބޭނުން ހިއްޕަވައިގެން އަވަހަށް ކޮންމެމީހަކުވެސް ލިޔަންކިޔަން ނުދަންނަ މީހަކުވިއްޔާ ލިޔަންކިޔަން ދަސްކުރުން. އަދި ލިޔަންކިޔަން ދަތަސް، އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން ދީނާބެހޭ މަޢުލޫމާތު، ހިސާބާބެހޭ މަޢުލޫމާތު، ޞިއްޙަތާބެހޭ މަޢުލޫމާތު، އެމީހާއާ އެކަށީގެންވާ ވަރަށް ނޭނގެންޏާ، އެކުލާސްތަކަށް ގޮސްގެން އެ މަޢުލޫމާތުތައް ހޯދުން. އޭރުން އެއިން އެލިބޭ ފައިދާ ލިބޭނީ ހަމަ އެމީހާއަށް. އެހެންމީހަކަށް ނޫން.

އާދެ، އަޅުގަނޑުގެ ނަޞޭޙަތަކީ އެއީ. އަޅުގަނޑު ޔަޤީންކުރަން ކުރިޔަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މިއަދަދު ވަރަށް ބޮޑުތަން ކުޑަވެގެންދާނެ ކަމަށް. އާދެ، އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީކުރަން މަސައްކަތްކުރާއިރު، އަދި އަޅުގަނޑުމެންގެ އިޤްތިޞާދީ ފެންވަރު އެއްދުވަހުން އަނެއްދުވަހަށް މައްޗަށް ގެންދަން މަސައްކަތްކުރާއިރު އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ އަޅުގަނޑުމެންނަކީ ކޮން ބައެއްކަން. އެންމެ ފުރަތަމަ އަޅުގަނޑުމެންނަކީ، ދިވެހިން. ދިވެހި ޤައުމުގެ ރައްޔިތުން އަދި އެއަށްވުރެ ކުރިން އަޅުގަނޑުމެން ހަނދާންކުރަން ޖެހޭނެ، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންކަން. އިސްލާމްދީނަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްކެވުމަށްޓަކައި اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ދެއްވާފައިވާ މަތިވެރި ނިޢުމަތް. އެއަށްވުރެ ވަކި މަތިވެރި ބޮޑު ނިޢުމަތެއް ނޯންނާނެ. އިސްލާމްދީނުގެ ހިދާޔަތް އެއީ އެންމެ މަތިވެރި ނިޢުމަތް. އެ ނިޢުމަތް އަޅުގަނޑުމެންނަށް މިވަނީ ﷲ ދެއްވާފައި. އެހެންވީމާ، އެނިޢުމަތުގެ ބޭނުންކުރަން އަޅުގަނޑުމެންޖެހޭނެ. އެ ނިޢުމަތަށް ޝުކުރުވެރިވާންޖެހޭނެ. ނިޢުމަތަށް ޝުކުރުވެރިވުމަކީ ދީނުގައި އަންގަވާފައިވާ ގޮތަށް އުޅުން. ހުރިހާކަމެއްގައިވެސް، އަޅުގަނޑުމެންގެ އަމާޒުފަތްގަނޑަކީ ދީނުގައި އެކަމަކަށްޓަކައި ކަނޑައަޅުއްވާފައިވާ ގޮތްކަން ދަނެގެން އެގޮތަށް ޢަމަލުކުރަމުން ގެންދިއުން.

އިސްލާމްދީނަކީ ހަމައެކަނި އަޅުކަންކުރުމުގެ ދީނެއްނޫން. ތިޔަހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އިސްލާމްދީނުގައި އޮތީ ހަމައެކަނި ނަމާދުކުރުން، ރޯދަހިފުން، ޙައްޖުވުން، ޒަކާތްދިނުން މިކަންކަމެއް ނޫން. އޭގެއިތުރަށް އިންސާނީ ޙަޔާތުގެ ކޮންމެކަމެއް އެދީނުގައި އެކުލެވިގެންވޭ. އިޤްތިޞާދީ ތަރައްޤީ، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުން، ހަނގުރާމައާއި ޞުލްޙަ، އަދި ޤާނޫނުތައް ހިންގުން، ޝަރީޢަތްކުރުން، އެހެންގޮސް ވިޔަފާރީގެ ހުރިހާ ބާވަތެއްގެ މުޢާމަލާތު. މިހެންގޮސް އިންސާނީ ދިރިއުޅުމަށް ބޭނުންވާ އެއްވެސްކަމެއްނެތް، ދީނުގައި ހިމެނިފައިނުވާ. އިސްލާމްދީނަކީ މިހުރިހާކަމެއް اللّـه سبحـانـه وتعـالى އިރާދަކުރައްވައި ޢާންމު އުސޫލުތަކެއްގެ މަތިން އިންތިޒާމު ކުރުމަށްޓަކައި ފޮނުއްވާފައިވާ ދީނެއް. އެ ދީނުގެ ހިދާޔަތު ލިބިގެން އަޅުގަނޑުމެން މިތިބީ. އެހެންވީމާ، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައިވެސް ބަލަންވާނީ އެ ދީނުގައި އެކަމަކަށް ކަނޑައަޅުއްވާފައިވާ މަގުން އަޅުގަނޑުމެންނަށް ހިނގަމުންދެވޭތޯ. އެ މަގުން އެއްކިބާވުން އެއީ، ވާނީ ވަރަށް ދެރަކަމަކަށް. އެއީ، އަޅުގަނޑުމެންނަށް ލިބިފައިވާ ނަޞީބުގެ އެއްބައި މުޅިން ދޫކޮށްލެވުނީކަމަށް. އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ، އިސްލާމްދީނުގައި ވާގޮތަށް ހުރިހާ ކަމެއްވެސް ކުރެވޭތޯ އަޅުގަނޑުމެން ބަލަމުން ގެންދިއުން. ދީނުގައި ކަންތައްތައް ކަނޑައަޅުއްވައިފައިވާ ގޮތް ގިނަމީހުންނަށް އެނގޭނެ. މީހުން މަގުން އެއްކިބާވެގެންދަނީ އެ ދީނުގައި އެކަން އޮތްގޮތް ނޭނގޭތީއަކީ ނޫން. ވައްކަން ކުރާ މީހުން ވައްކަން ކުރަނީ ވައްކަންކުރުން އެއީ ޙަރާމްކަމެއްކަން ނޭނގޭތީއަކީނޫން. އަދި އެނޫން ނުބައި ޢަމަލުތައް ކުރާމީހުން އެކަންތައް ކުރަނީވެސް އެކަންތައް ނޭނގިގެނެއްނޫން. އެހެންނަމަވެސް، އެމީހުންގައިހުރި ކޮންމެވެސް ނޭދެވޭ ސިފަތަކެއްގެ ސަބަބުން. އެހެންވީމާ، މިކަންތައްތައް އަޅުގަނޑުމެން ރަނގަޅަށް ދަނެގެން ދީނުގައި އަންގަވާފައިވާގޮތަށް ކޮންމެކަމެއްވެސް ކުރެވޭތޯ ބަލަންވާނެ. މުޖުތަމަޢެއްގައި ދިރިއުޅޭއިރު، އެންމެބޮޑަށް ބަލަންވާނީ ދޭދޭ މީހުންގެ މެދުގައި އޮންނަ ގުޅުމާ ދޭތެރޭގައި.

އަޅުގަނޑުމެންނަކީ މުސްލިމުން. އެއްޖަމާޢަތެއްގެ އަހުލުވެރިން. އެހެންވީމާ، ކޮންމެމީހަކުވެސް، އެހެންމީހުން ދެކެންވާނީ ތިމާގެ އަޚުންކަމުގައި. ތިމާގެ އެއްބަނޑުއެއްބަފާ ބައެއް ކަމުގައި. އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީވެސް އެއްބަނޑުއެއްބަފާ ބައެއްގެ މެދުގައި އޮންނަންޖެހޭފަދަ އެކުވެރިކަމާއި އޯގާތެރިކަމުގެގުޅުން. އެއީ އަޅުގަނޑުމެންގެ ދީނުގައި އަންގަވާފައިވާ ގޮތް. [إِنَّمَا الْمُؤْمِنُونَ إِخْوَة] [ހަމަކަށަވަރުން މުއުމިނުންނަކީ އަޚުންތަކެކޭ.] [المسلم من سلم المسلمون من لسانه ويده.] ކީރިތި ރަސޫލާގެ ޙަދީޘެއް. އެ ޙަދީޘްގައި އެ އަންގަވަނީ [ފުރިހަމަ މުސްލިމަކީ އެމީހާގެ ދުލާއި އަދި އަތުން، އެހެންމީހަކަށް ގެއްލުމެއް ނުލިބޭ މީހާއޭ.] އެމީހާގެ ހުރިހާ ނުބަޔަކުން، އެ ނުބަޔަކީ، އެމީހާ ބުނެއުޅޭ ބަހަކުން ލިބޭ ނުބައެއް ކަމުގައިވިޔަސް، ނުވަތަ އެމީހާ ޢަމަލުކުރާ ގޮތަކުން އެހެން މީހުންނަށް ލިބޭ ނުބައެއް ކަމުގައިވިޔަސް، އެނުބައިން އެހެން މީހުން ސަލާމަތް ވެފައިވާމީހާ، އެއިއްޔޭ މުސްލިމަކީ. އެހެންވީމާ، ފުރިހަމަ މުސްލިމަކަށް ނުވެވޭނެ އަޅުގަނޑުމެން ދައްކާ ވާހަކައިން، އަޅުގަނޑުމެން ބުނާ ބަހަކުން އެހެން މުސްލިމުންނަށް އެއްވެސްކަހަލަ އަނިޔާއެއް، ގެއްލުމެއް ލިބޭކަމުގައި ވަންޏަކާ. ހަމައެފަދައިން، އަޅުގަނޑުމެން ކުރާ ޢަމަލަކުން އެހެން މުސްލިމުންނަށް އޭގެ ނުބައި އަސަރު ފޯރާކަމަށްވަންޏާ، އަޅުގަނޑުމެން އެއީ ފުރިހަމަ މުސްލިމުން ކަމުގައެއް ނުވާނެ. އެއީ ރަސޫލާ އަންގަވާފައިވާގޮތް.

އެހެންވީމާ، މިކަންކަން އަޅުގަނޑުމެން ރަނގަޅަށް ދަންނަންވާނެ. އަޅުގަނޑުމެންކުރާ އެއްވެސްކަމަކުން އެހެންމީހަކަށް ނުބައެއް ލިބިގެނެއް ނުވާނެ. އަޅުގަނޑުމެންގެ އަމިއްލަ ޙައްޤުތަކަށް ރައްކާތެރިވާހެން ހަމަ އެހެންމީހުންގެ ޙައްޤުތަކަށްވެސް ރައްކާތެރި ވާންވާނެ. އަޅުގަނޑުމެންގެ ގޯތިގެދޮރަށް އަޅުގަނޑުމެން ޙުރުމަތްތެރިކޮށް ހިތާހެން، އެހެންމީހުންގެ ގޯތިގެދޮރަށްވެސް ޙުރުމަތްތެރިކޮށް ހިތަންވާނެ. އަޅުގަނޑުމެންގެ އަމިއްލަ މުދަލަށް އަޅުގަނޑުމެން ފަރުވާތެރިކަން ބަހައްޓާފަދައިން، އެހެން މީހުންގެ މުދަލަށްވެސް ފަރުވާތެރިކަން ބަހައްޓަންވާނެ. އެއީ އިސްލާމީ އުޞޫލަކީ. އެނޫންގޮތަކަށް ކަންތައްކުރުން އެއީކީ އިސްލާމީ އުޞޫލެއް ނޫން. އިސްލާމީ އުޞޫލާ މުޅިންތަފާތު ގޮތެއް. އިސްލާމީ އުޞޫލާ އެއްގޮތަށް ކަންތައްކޮށްގެން ނޫނީ އަޅުގަނޑުމެންގެ ދިރިއުޅުން މިއަދަށްވުރެ ރަނގަޅުވާކަށް ނޯންނާނެ. އަޅުގަނޑުމެން ކުރާ އެއްވެސް ކަމެއްގައި اللّـه سبحـانـه وتعـالى ބަރަކާތެއް ނުލައްވާނެ. އާދެ، އެގޮތްގޮތް އަޅުގަނޑުމެން ރަނގަޅަށް ހަނދާން ކުރަންވާނެ. އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ އިނގުރައިދޫގެ ރައްޔިތުންވެސް މިދެންނެވި ނުކުތާތަކަށް ވަރަށްބޮޑަށް ވިސްނަވައި، ރައްޔިތުންނާ ވެރިން އެކުވެރިވެގެން، އެކަތިގަނޑަކަށްވެގެން ރަށް ކުރިއެރުވުމަށް މަސައްކަތް ކުރައްވަމުން ގެންދެވުން. އަދި މިރަށުގައިވެސް ހަމަޖެހުމާއި އެކުވެރިކަމުގެ ގުޅުންތައް ބަދަހި ކުރެއްވުން. ދިރިއުޅުން ތަރައްޤީކުރުމަށްޓަކައި ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރަމުން ގެންދެވުން. ދިރިއުޅުން ތަރައްޤީކުރެއްވުމަށްޓަކައި ކުރެވެންއޮތް ހުރިހާ މަސައްކަތެކޭ ދަންނަވާއިރު އަދި އަޅުގަނޑު އެއްނުކުތާއަކަށް އަލި އަޅުވާލަން ބޭނުންވޭ. އެއީ މިއަހަރަކީ ދަނޑުވެރިކަމާއި، ގަސްގަހާގެހި އިންދުމުގެ އަހަރުކަމަށް ސަރުކާރުންވަނީ އިޢުލާނުކޮށް އެގޮތަށް ހަމަޖައްސާފައި. އެހެންވީމާ، މިއަހަރުގެ ތެރޭގައި އެރޮނގުން ވަރަށްގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަން އެބަޖެހޭ.

ޒަމާނުއްސުރެ ރާއްޖެއަކީ ދަނޑުވެރިކަން ކުރަމުން އަންނަ ރާއްޖެއެއް. ގަސްގަހާގެހި އިންދައިގެން އެތަކެތިން ލިބޭ ފައިދާއެއް އެތައްބައެއްގެ ދިރިއުޅުން ހަމަޖައްސަމުން ގެންދިޔަ ރާއްޖެއެއް. އަޅުގަނޑުމެންގެ ރާއްޖޭން ވަރަށްގިނަ ބާވަތުގެ ލަކުޑިއާއި އެނޫންވެސް އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޭނުންވާ ތަކެތި ލިބެންހުރި ރާއްޖެއެއް. މިހާރަކަށްއައިސް އެތަކެތި އަޅުގަނޑުމެންނަށް ލިބޭގޮތެއްނުވޭ. އެއީ ސަބަބަކީ، ވޭތުވެދިޔަ އެތަކެއް އަހަރުތަކެއްގެ ތެރޭގައި ވިހިތިރީސް އަހަރުދުވަހުގެ ތެރޭގައި ގަސް އިންދުމަށާއި، ދަނޑުވެރިކަމަށް އެއްވެސް ސަމާލުކަމެއް ނުދެވި އޮތްކަން. އަޅުގަނޑުމެން ބޭނުންވި އިރެއްގައި ބޭނުންވާ ގޮތަކަށް ރުއްގަސް ގެންދިޔައީ ކަނޑަމުން. އޭގެ ބަދަލުގައި އެއްވެސްކަހަލަ ގަހެއް، ރުކެއް، އިންދަމުންނެއް ގެންދެވިފައެއްނެތް. އެހެންވުމުގެ ސަބަބުން، މިއަދު ރާއްޖެ މިއޮތީ އެގޮތުން ވަރަށްބޮޑަށް ފަޤީރުވެފައި. އެއީ، އަޅުގަނޑުމެންނަށް ހެދިފައިވާ ވަރަށްބޮޑު ގޯހެއް. އެ ގޯސް ރަނގަޅުކުރުމަށްޓަކައި މިހާރު އަޅުގަނޑުމެން އިތުރު މަސައްކަތްތަކެއް ކުރަންވެއްޖެ. މިހާރުކުރާ މަސައްކަތުގެ ނަތީޖާ ފެންނާނީ މީގެ އެތައް އަހަރެއް ފަހުން. ފަހަރެއްގައި އަޅުގަނޑުމެންނަށް އެ ނަތީޖާ ނުފެނި އަޅުގަނޑުމެންގެ ދަރިންނަށް ފެންނަގޮތްވެސް ވެދާނެ. އެހެންވިޔަސް، ރަނގަޅު ނޫންތޯ؟ އަޅުގަނޑުމެންގެ ތެރެއިން ކޮންމެމީހަކުވެސް އެދޭނީ އެމީހާގެ ދަރިންނަށްވެސް ރަނގަޅު ދިރިއުޅުމެއް ފެންނަގޮތްވުން. އެއީ ބޭނުންވާނެ ގޮތަކީ. މިހާރު ރާއްޖެއިން ރުއް ލަކުޑި ފުދޭވަރަށް ލިބެންނެތަސް، މީގެ ދިހައަހަރު ފަހުން ނުވަތަ ފަނަރައަހަރު ފަހުން ނުވަތަ ވިހިއަހަރު ފަހުން އަޅުގަނޑުމެން މިކުރާ މަސައްކަތެއްގެ ސަބަބުން ރުއް ލަކުޑި ލިބޭގޮތް ވެއްޖެއްޔާ އެ ކުރިޔަށް އޮތްތާނގައި ދިރިއުޅޭ ބަޔަކަށް އެވާނީ ވަރަށް ބޮޑު ފަސޭހައަކަށް. އަޅުގަނޑުމެންނަށް، އެމީހުންނަށް ކޮށްދެވުނު ވަރަށްބޮޑު ހެވަކަށްވާނީ. އެގޮތް އަޅުގަނޑުމެން ދަނެގެން، އަދި އަޅުގަނޑުމެންގެ މި ޢުމުރުގައިވެސް އަޅުގަނޑުމެން މިހާރު މިކުރާ މަސައްކަތުގެ ނަތީޖާވެސް ފެނިދާނެ.

އާދެ، މިދެންނެވީ ދަނޑުވެރިކަމުގެ މަސައްކަތް އެއީ ދުވަހުން ދުވަހަށް އޭގެނަތީޖާ ފެންނަމުންދާ އެއްޗެއް. މިރުސް އިންދުން، ކަރާ، ބަރަބޯ އަދި އެނޫންވެސް ބާވަތްބާވަތުގެ ކާބޯތަކެތީގެ މަސައްކަތްކުރުން، އެއީހަމަ ދުވަހުންދުވަހަށް، އަހަރުން އަހަރަށް، މަހުން މަހަށް، އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ފެންނާނޭ އެއްޗެއް. އެމަސައްކަތްވެސް ކުރެވިގެންދަނީ. އަދި އަހަރެމެން މިހާރު ކުރާ މަސައްކަތެއްގެ ސަބަބުން ތަންކޮޅެއްފަހުން އޭގެނަތީޖާ ފެންނަކަހަލަ މަސައްކަތް، ރުއްގަސް އިންދުމުގެ މަސައްކަތްވެސް މިހާރު ކުރެވިދާނެ. އެހުރިހާ ކަމެއް މިހާރު އަޅުގަނޑުމެން ކުރަންވެއްޖެ. އެހެންނޫނިއްޔާ، އަޅުގަނޑުމެންގެ ރާއްޖެ ދާނީ އެއްދުވަހުން އަނެއްދުވަހަށް ފަޤީރުވަމުން، ހުސްވަމުން. ރާއްޖެއިން ލިބޭނެ އެއްވެސް އެއްޗެއް ނޯންނާނެ. އެހެންވީމާ، ދިރިއުޅުން ތަނަވަސް ކުރުމަށްޓަކައި މަސައްކަތްކުރުން، އެއީ އަޅުގަނޑުމެންގެ އަތްމަތީގައި އޮތްކަމެއް. މަސައްކަތް ނުކުރާބަޔަކު ތަރައްޤީއެއް ނުވާނެ. ކުރިޔަކަށް ނުދާނެ. އެމީހުންގެ ތަނަވަސްކަން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެއް ނުދާނެ. އެހެންވީމާ، މަސައްކަތްތެރިކަމަށް ސަމާލުކަންދެއްވުމާއި، ތަޢުލީމު ފެތުރުމަށް ސަމާލުކަން ދެއްވުމާއި، ރަށުގައި އެކުވެރި އެއްބާރުލުމުގެ އުޞޫލުތަކާއި ރޫޙު ދެމެހެއްޓެވުމަށް މަސައްކަތްކުރެއްވުމާއި، ރަށާއި، ޤައުމު ތަރައްޤީކުރުމަށްޓަކައި މަސައްކަތް ކުރެއްވުމާއި، މިކަންކަމާ ދޭތެރޭގައި އިނގުރައިދޫގެ ރައްޔިތުންވެސް ފިސާރި ރަނގަޅަށް ވިސްނަވައި، އެގޮތުގެމަތިން ޢަމަލުކުރައްވަމުން ގެންދަވާނެކަމަށް އަޅުގަނޑު ޔަޤީންކުރަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ އަދިވެސް އެއްފަހަރު އިނގުރައިދޫގެ ވެރިންނަށާއި ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން.

والسّلام عليكم ورحمـة اللّـه وبركاته.