بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.


އުރީދޫ މޯލްޑިވްސްގެ ސީ.އީ.އޯ މިސްޓަރ ނަޖީބް ޚާން، ދައުލަތުގެ ވަޒީރުން، އުރީދޫ މޯލްޑިވްސްގެ ކުޅަދާނަ މުވައްޒަފުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


ދިވެހީންނާއިގެން ޑިޖިޓަލް ޖަޒީރާ ރާއްޖެއަކަށް ދިޔުމަށް، އުރީދޫން ފަށާފައިވާ ދަތުރުގައި، މިއަދު އަޅުގަނޑުމެންނަށް މި އާދެވުނީ މުޅިން އައު މަންޒިލަކަށް. މި މަންޒިލުން އަޅުގަނޑުމެންނަށް ތަޞައްވަރު ކުރެވެނީ، ޑިޖިޓަލް ވިއުގައިގެ ތެރޭގައި، ގަނެވިއްކުމުގެ ވިޔަފާރީގައި ދިވެހިން އަވަދިނެތި އުޅޭ މަންޒަރު. އާދެ! އޮންލައިން ބާޒާރެއްގެ ތެރެއަށް ދިވެހި ވިޔަފާރިތައް މޫލައިގެން ދާނެ ގޮތް.


މިރޭ މި އިފްތިތާޙްކުރި މޫލީ ޕްލެޓްފޯމަކީ، އިލެކްޓްރޯނިކް ވިޔަފާރިއަށް ފަހި މާޙައުލަކަށް ވާނެކަމަށް އަޅުގަނޑު އުންމީދުކުރަން. ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ ތެރޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ، ކުދި އަދި މެދު ފަންތީގެ އިލެކްޓްރޯނިކް ވިޔަފާރިތައް ހިންދެމިލުމަށް، ވަރަށް ބޭނުންތެރި ޕްލެޓްފޯމަކަށްވާނެ ކަމަށް އަޅުގަނޑު ދެކެން.


މީގެ ކުރިންވެސް އުރީދޫންވަނީ، ރާއްޖޭގެ މުވާޞަލާތީ ޚިދުމަތްތަކަށް ވަރަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައި. އަދި ވަރަށް ބޮޑެތި ކުރިއެރުންތަކެއް، މި ދާއިރާއިން ގެނެސްދިން. ޓޫ-ޖީ އެޖް، ތްރީ-ޖީ އަދި ފޯރ-ޖީގެ ޓެކްނޮލޮޖީ، އެންމެ ފުރަތަމަ ރާއްޖެއަށް ތަޢާރަފްކޮށްދިނީވެސް އުރީދޫ. އަދި މުޅި ރާއްޖެއަށް އެންމެ ފުރަތަމަ ފޯރ-ޖީގެ ޚިދުމަތް ފެތުރިގެންދިޔައީވެސް އުރީދޫ ނެޓްވޯކްގެ ތެރެއިން.


ސީ.އީ.އޯ ނަޖީބް ޚާންގެ ވާހަކަފުޅުން، އަޅުގަނޑަށް އެނގުނީ، މިރޭ މި ތަޢާރަފްކުރި މޫލީ ޕްލެޓްފޯމަކީވެސް ރާއްޖޭގެ ކޮންމެ ގޭބިސީއެއްގައި، އޭގެ ބޭނުން ހިފޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެއްކަން. އެހެންކަމުން، މިފަދަ ބޭނުންތެރި ވަސީލަތެއް ތަޢާރަފްކުރެއްވިކަމަށްޓަކައި، އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓަށާއި ހީވާގި މުވައްޒަފުންނަށް، ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.


އެނގިވަޑައިގަންނަވާނެ، މީގެ އެތައް އަހަރެއް ކުރިން، ދިރިއުޅުމުގެ ޑިޖިޓަލް ވައްޓަފާޅިއަކަށް، ދިވެހިން ބަދަލުވާން ފަށައިފި. އަޅުގަނޑުމެންގެ އަސާސީ ކިތަންމެ ކަމެއް މިހާރު ޑިޖިޓަލްވެއްޖެ. ސްކޫލް މަދަރުސާތަކުގައި އެ އަންނަނީ، ޑިޖިޓަލް ލައިބްރަރީތައް ހުޅުވަމުން. ކިޔަވައިދިނުމަށް ޑިޖިޓަލް ކްލާސްރޫމްތައް ބޭނުންކުރަން ފަށައިފި.


އަމިއްލަ ރަށުގައި ތިބެގެން، ދުނިޔޭގެ ބާޒާރުގައި ރަށު ފަތުރުވެރިކަން ވިއްކުމަށް، އައިލެންޑްސް ޑޮޓް އެމްވީގެ ނަމުގައި ވެބް ޕޯޓަލްއެއްވެސް ތަޢާރަފްކުރެވިއްޖެ. އެއީ، ރަށުން ލިބެން ހުންނަ ހުރިހާ ޚިދުމަތްތަކަކާއި ވަސީލަތްތައް، ރަށު ކައުންސިލް މެދުވެރިކޮށް އިސްތިހާރު ކުރެވޭނެ ޕްލެޓްފޯމެއް.

ދިވެހި މަސްވެރިންނަށްޓަކައި، މަސްދޯނި އެކައުންޓް ތަޢާރަފްކުރެވިއްޖެ. މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓާއެކު، ބޭންކުގެ ޚިދުމަތްތައް މިހާރު އެހެރީ، މަސްދޯނީގެ މަސްވަތާ ހަމައަށް ތިރިކުރެވިފައި. ޓެކްސީގެ ޚިދުމަތް ހޯދުމަށްވެސް، މޯބައިލް އެޕްލިކޭޝަންތައް މިހާރު އެހެރީ ފައްކާކުރެވިފައި. އޮފީސްތަކާއި ކުންފުނިތަކުގެ ޚިދުމަތްތައް، ސްމާރޓް ފޯނުގެ ޒަރީޢާއިން ހޯދޭނެ ގޮތްތައް އެ އަންނަނީ ހަމަޖެހެމުން.


އެފަދަ އެޕްލިކޭޝަންތަކާއި ވެބްޕޯޓަލްތައް ކިތަންމެވަރަކަށްވެސް، އަޅުގަނޑުމެންނަށް ތަޢާރަފް ކުރެވިދާނެ. އަސާސީ ކިތަންމެ ޚިދުމަތެއް، އަތުގެ އިނގިލި ކުރިއާ ހަމައަށް ގެނެވިދާނެ. ނަމަވެސް، ޑިޖިޓަލް ޓެކްނޮލޮޖީގެ ފުރާނައަކީ އިންޓަރނެޓް. އަދި، ޓެކްނޮލޮޖީގެ ދުނިޔޭގައި، ހުރިހާ ޤައުމުތައް، އެއް ދުލަކުން ވާހަކަދައްކާ ބަހުރުވައަކީވެސް އިންޓަރނެޓް.


އެހެންވީމާ، ޢާންމު ރައްޔިތުން އިންޓަނެޓަށް ކުރަންޖެހޭ ހޭދަ ކުޑަކުރެވިގެން ނޫނީ، ޑިޖިޓަލް ޓެކްނޮލޮޖީގެ ޙަޤީޤީ މަންފާއެއް ނުލިބޭނެ. އަޅުގަނޑުމެން މިއަދު ވިސްނަންވީ، ހަމައެކަނި ވިޔަފާރީގެ ފައިދާއަކަށް ނޫން. ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އުރީދޫގެވެސް އަމާޒަކީ ހަމަ އެއީ.


މިހާރަށް ވިސްނާނަމަ، އިންޓަރނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީއަކީ، އޭގެ ޒާތުގައިވެސް އަސާސީ ޚިދުމަތެއް. އެއާ ނުލައި ދިރިނޫޅެވޭ ވަރަށް، ޒުވާނުންނާ ގުޅިފައިވާ އެއްޗެއް. އެހެންވީމާ، އިންޓަރނެޓްގެ އަގުތައް، އަތްފޯރާފަށަށް ތިރިކޮށްގެން ނޫނީ، އަޅުގަނޑުމެން މި ދާން ބޭނުންވާ، ޑިޖިޓަލް ޖަޒީރާ ރާއްޖޭގެ އައްސޭރި އަތެއް ނުވާނެ.


މި ޒަމާނުގައި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޓެކްނޮލޮޖީ. ވަކިން ޚާއްޞަކޮށް، ޑިޖިޓަލް ޓެކްނޮލޮޖީގެ ދައުރު މާ ބޮޑު. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް، މުވާޞަލާތީ ކަންކަމަށްފަހު، ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން އެންމެ ބޮޑަށް ހިފަނީ، ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގައި. އާދެ! އިންސާނުން ބިނާކުރުމަށް.


ޑިޖިޓަލް ޓެކްނޮލޮޖީއަށް ދިވެހިން ފަރިތަވެފައި ތިބި މިންވަރަށް ބަލާއިރު، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް، ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރުމަކީ، ޚިދުމަތްދޭ ފަރާތްތަކަށްވެސް ވަރަށް ބޮޑު މަންފާއެއް ކުރާނެ ކަމެއް. އެއީ ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓަކަށް ވާނެކަން ޔަޤީން.


މި ކުންފުންޏަކީ، އާދެ! އުރީދޫއަކީ، މެދުއިރުމައްޗާއި އުތުރު އެފްރިކާ، އަދި ދެކުނު އިރުމަތީ އޭޝިޔާގައި، ޖުމްލަ 10 ޤައުމެއްގައި ޚިދުމަތް ދޭ، ބައިނަލްއަޤްވާމީ ބޮޑު ކުންފުންޏެއް. ނަމަވެސް، މޯބައިލް ޓެކްނޮލޮޖީގެ ދާއިރާއިން އަލަށް އުފަންވާ ކޮންމެ ޚިދުމަތެއް، ޤަޠަރަށް ފަހުގައި، އުރީދޫން ދެން ތަޢާރަފްކުރާ ޤައުމަކީ، ބައި މިލިއަންވެސް ހަމަނުވާ މި ދިވެހިރާއްޖެ.


މި ރާއްޖެއަށް އުރީދޫން އެހާ ބޮޑު އިސްކަމެއް ދެނީ، ކީއްވެތޯ ވިސްނައިލުން ވަރަށް މުހިންމު. އާދެ! އެއިން އަންގައިދެނީ، ދިވެހީން ޑިޖިޓަލް ޓެކްނޮލޮޖީއަށް ފަރިތަވެފައިވާ މިންވަރު. ދިވެހިން ޒަމާނީ ޓެކްނޮލޮޖީއަށް ބޭނުންޖެހިފައި ތިބި މިންވަރު. އަދި ދިވެހިރާއްޖެއަކީ ރަނގަޅު އަގުގައި ޓެކްނޮލޮޖީ ވިއްކަން ފަސޭހަ ބާޒާރެއްކަން.


އުރީދޫއަކީ، ރާއްޖޭގައި ކާމިޔާބުކަމާއެކު ފޮރިން އިންވެސްޓްމެންޓްތައް ހިންގޭނެ ކަމުގެ ނަމޫނާ ކުންފުންޏެއް. އެފަދަ ކިތަންމެ އިންވެސްޓްމެންޓެއް މިހާރުވެސް ރާއްޖޭގައި އެބަ ހިންގާ. އަދި އެ އިންވެސްޓްމެންޓްތަކުން ލިބޭ ފައިދާއަށްވުރެ، ރާއްޖެއަށް ލިބޭ މަންފާ ވަކިން ކުޑަނޫންކަން، އުރީދޫން އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިއްޖެ. މިއަދުވެސް އަޅުގަނޑުމެން މިތިބީ ފޮރިން އިންވެސްޓަރުންނަށް މަރުޙަބާ ކިޔަން ތައްޔާރަށް.


އުރީދޫން ތަޢާރަފްކުރި ޚިދުމަތްތަކުން އަޅުގަނޑުމެންނަށް އެނގެނީ، ޒަމާނީ ޓެކްނޮލޮޖީއާ ފައިހަމަވާނެ ގޮތަށް އިންސާނުން ބިނާކުރުމަކީ، ރާއްޖޭގައި ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއްކަން. އެހެންވީމާ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށް، ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން އިންވެސްޓް ކުރުމަކީ، ވަރަށް ބޭނުންތެރި ކަމެއް. އަދި މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތުވެސްމެ.


މީހުން ބިނާކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫން. އެކަމުގައި އަމިއްލަ ކުންފުނިތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް، ވަރަށް މުހިންމު ދައުރެއް އަދާކުރެއްވޭނެ. މިހާރުވެސް އެ ދައުރު އަދާކުރަމުން އެބަދޭ. އެހެން ނަމަވެސް، އެ ދައުރު މިހާރަށްވުރެ ފުޅާކޮށް، އިޖްތިމާޢީ ޒިންމާގެ ދަށުން ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެވޭނެ ކަމަށް އަޅުގަނޑު ދެކެން.


އުރީދޫގެ ފަރާތުން، ރާއްޖޭގެ މުވާޞަލާތީ ދާއިރާއަށް ދެމުން އަންނަ ޚިދުމަތްތަކަށް، އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން. މި ކުންފުންޏަށް އަޅުގަނޑު އަބަދުވެސް އެދެނީ، ކުރިއެރުމާއި ކާމިޔާބު. އަދި ޤައުމުގެ ތަރައްޤީއަށްޓަކައި މީހުން ބިނާކުރުމުގެ މަސައްކަތުގައި މާތް ﷲ ބަރަކާތްލައްވައި، އުފާވެރި ތަނަވަސް ދިރިއުޅުމެއް، އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.