ސީޝެލްސްގެ ރައީސް ޑެނީ ފޯރގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން މިހިނގާ އޮގަސްޓްމަހުގެ 2 އިން 4 އަށް ސީޝެލްސްއަށް ވަނީ ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްއަށް ކުރެއްވި މިދަތުރުފުޅަކީ ރާއްޖޭގެ އެންމެ އިސްވެރިޔަކު ސީޝެލްސްއަށް ކުރެއްވި ފުރަތަމަ ފުރަމަނާ ދަތުރުފުޅެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުން ސީޝެލްސްއަށް ކުރެއްވި މިދަތުރުފުޅަކީ އިންޑިޔާ ކަނޑުގެ ކުޑަ، ޖަޒީރާ މި ދެޤައުމުގެ ގުޅުން މިހާރަށްވުރެ މަތީ ހަރުފަތަކަށް ގެންދިއުމަށް ދެ ޤައުމުން ވަރަށްބޮޑު އިސްކަމެއް ދޭކަން ހާމަވެގެންދާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުން ވަނީ ޖޮއިންޓް ކޮމިޝަނެއް ޤާއިމުކުރުމަށް އެއްބަސްވެފައެވެ. އަދި މުހިންމު ބައެއް އެއްބަސްވުންތަކުގައި ދެ ޤައުމުން ވަނީ ސޮއިކުރައްވާފައެވެ. މީގެ ތެރޭގައި:-

· ރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި ސީޝެލްސްގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒްއާ ދެމެދު ސޮއިކުރެވުން އެއްބަސްވުން

· ފަތުރުވެރިކަން ތަރައްޤީކުރުމާ ބެހޭގޮތުން ދިވެހި ސަރުކާރާއި ސީޝެލްސް ސަރުކާރާ ދެމެދު ސޮއިކުރެވުނު އެއްބަސްވުން

· ތިމާވެއްޓަށް އަންނަ ބަދަލުތަކާބެހޭ ދާއިރާއިން ދިވެހި ސަރުކާރާއި ސީޝެލްސް ސަރުކާރާ ދެމެދު ސޮއިކުރެވުނު އެއްބަސްވުން

· ނޫ އިޤްތިޞާދުގެ ދާއިރާއިން ދިވެހި ސަރުކާރާއި ސީޝެލްސް ސަރުކާރާ ދެމެދު ސޮއިކުރެވުނު އެއްބަސްވުން

· ކުޅިވަރުގެ ދާއިރާއިން އެއްބާރުލުންދިނުމަށް ދިވެހި ސަރުކާރާއި ސީޝެލްސް ސަރުކާރާ ދެމެދު ސޮއިކުރެވުނު އެއްބަސްވުން

· ވޮކޭޝަނަލް ޓްރެއިނިންގ އަދި ޔޫތު ޑިވެލޮޕްމަންޓްގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ދިވެހި ސަރުކާރާއި ސީޝެލްސް ސަރުކާރާ ދެމެދު ސޮއިކުރެވުނު އެއްބަސްވުން

ދެޤައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުންތަކަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް ވަރަށް ބޮޑު ބާރަކަށްވާނެ ކަމެއްކަން ދެބޭފުޅުންވެސް ފާހަގަކުރައްވާފައިވެއެވެ. މިގޮތުން މިހާރުވެސް ވިޔާފާރީގެ ރޮނގުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ބައެއް މުޢާމަލާތްތައް ހިންގަމުންދާކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ދެ ޤައުމަކީވެސް ދުނިޔޭގެ މަޤުބޫލު ދެ މަންޒިލުކަމުން މި ދާއިރާއިން ދެ ޤައުމުން އެއްބާރުލުން އިތުރުކުރުމާއި، ޚާއްޞަގޮތެއްގައި މީހުން ބިނާކުރުމާއި ވަސީލަތްތައް ޤާއިމު ކުރުމުގައި އެއްބާރުލުން އިތުރުކުރުމާމެދު ދެ ލީޑަރުން އެއްބަސްވެ ވަޑައިގެންނެވިއެވެ.

ޒުވާނުން ތަރައްޤީކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް ދެޤައުމުގެ ޘަޤާފަތް ޙިއްޞާކުރުމަކީ ދެޤައުމުގެ އެކުވެރިކަމުގެ ގުޅުން ބަދަހިވުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމެއްކަން ދެ ލީޑަރުންވެސް ފާހަގަކުރެއްވިއެވެ. މިގޮތުން ސީޝެސްލްސްއިން ވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 25 އިން 31 އަށް އެޤައުމުގައި ބާއްވާ "ފެސްޓިވަލް ކްރިއޯލް"ގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ދީފައެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ރާއްޖެއިން ކުރި ބިޑް ކާމިޔާބުވެ އެ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާތީ އެކަމަށްޓަކައި ސީޝެލްސްގެ ރައީސް ރައީސް ޞާލިޙަށް މަރުޙަބާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި ކަމުގައި ސީޝެލްސްއިން ރާއްޖެއަށް ތާއީދުކުރައްވައި، ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސީޝެލްސްގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ކުދިޤައުމުތައް ތަމްޞީލުކުރާ ޖަމާޢަތްތައް ކަމަށްވާ " ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް" އާއި "އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް"ގައި ދެ ޤައުމުވެސް ހިމެނޭއިރު މޫސުމަށް އަންނަ ބަދަލުތަކަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކުރިމަތިވާ މައިގަނޑު އެއް ގޮންޖެހުންކަން ފާހަގަކުރައްވައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމާ ބެހޭގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި އަޑުއުފުލުމުގައި ގުޅިގެން މަސައްކަތް ކުރުމަށް ވެސް ދެ ލީޑަރުން އެއްބަސްވެ ވަޑައިގެންނެވިއެވެ. އަދި މިއަންނަ ސެޕްޓެންބަރުމަހު އެމެރިކާގެ ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ ކުލައިމެޓް އެކްޝަން ސަމިޓް އަދި ހައިލެވެލް ރިވިއު އޮފް ދަ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް އެކްސެލެރޭޓެޓް މޮޑާލިޓީޒް އޮފް އެކްޝަން (ސަމޯއާ) ޕާތުވޭގައި މާޢުނަވީ ނިންމުންތަކެއްގެ މައްޗަށް އެއްބަސްވުމުގެ މުހިންމުކަން ދެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

ދެޤައުމަކީވެސް އުފެދުމުގައި ވަށައިގެން ކަނޑު ހިމެނޭ ޖަޒީރާ ދެ ޤައުމުކަމަށްވެފައި ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ ކުރިއެރުންތައް ހޯދުމުގައި ކަނޑުފަޅުގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި، ނޫއިޤްތިޞާދުގެ ދާއިރާއާ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި ނޫ އިޤްތިޞާދުގެ ތަސައްވުރު ބައިނަލްއަޤްވާމީ މައިދާނުގައިވެސް ކުރިއެރުވުމަށް މަސައްކަތްކުރުމަށް ދެ ލީޑަރުން އެއްބަސްވެ ވަޑައިގެންނެވިއެވެ.

ދެ ބޭފުޅުންވެސް ވަނީ އިންޑިޔާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމުގައި، ޚާއްޞަކޮށް މެރިޓައިމް ސެކިއުރިޓީ، ކައުންޓަރ ޓެރަރިޒަމް އަދި ކައުންޓަރ ޕައިރަސީފަދަ މައްސަލަތަކުގައި ދެޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންފަދަ ޕްލެޓްފޯމުތަކުގައި ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވަޑައިގެންފައެވެ.

މި ކަންކަމުގެ އިތުރުން ދެ ޤައުމުން ވަނީ އދ ގައި ދެޤައުމުންވެސް ސަމާލުކަންދޭ ކަންތައްތައްކަމަށްވާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލައާ، އިންސާނީ ޙައްޤުތަކާއި، ދެމެހެއްޓެނިވި ތަރައްޤީގެ އެޖެންޑާ 2030، ތަންފީޒުކުރުމުގައި އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވެވަޑައިގެންފައެވެ. މީގެއިތުރުން ސީޝެލްސްގެ ރައީސް ވަނީ ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުމަށް ތާއީދުކުރައްވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސީޝެލްސްއަށް މިކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގެންނެވި ދިވެހި ވަފުދަށް އެޤައުމުގެ ރައީސް ޑެނީ ފޯރ އާއި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުން ބެހެއްޓެވި ގާތްކަމާއި އަދާކުރެއްވި މެހުމާންދާރީއަށް ރައީސް ޞާލިޙް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ސީޝެލްސްގެ ރައީސަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވެސް ދަޢުވަތު ދެއްވާފައެވެ. ސީޝެލްސްގެ ރައީސް ވަނީ މި ދަޢުވަތު ޤަބޫލުފުޅު ކުރައްވާފައެވެ.