މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ބާއްވާ މޯލްޑިވްސް ކޮންޓެމްޕަރަރީ އާޓް އެގްޒެބިޝަން "އަންވެއިލިންގ ވިޝަން 2019" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ބައްލަވާލައްވައިފިއެވެ.

ނެޝަނަލް އާރޓްގެލެރީގައި ކުރިޔަށްދާ މި މައުރަޒު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ހަވީރު ކުރެއްވި ޒިޔާރަތުގައި މައުރަޒުގައި ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލެއްވުމުގެ އިތުރުން ބައެއް ކުރެހުންތެރިންނާ ބައްދަލުކުރައްވައި ކުރެހުންތަކާބެހޭ ގޮތުން މައުލޫމާތު ހޯއްދަވާފައިވެއެވެ.

ނެޝަނަލް އާޓްގެލަރީގައި މިމަހުގެ 3 ވަނަ ދުވަހުން 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި މަރުރަޒުގައި ރާއްޖޭގެ މަޝްހޫރު ބައެއް ކުރެހުންތެރިންނާ އަލަށް މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ޖުމްލަ 58 ކުރެހުންތެރިން ބައިވެރިވެއެވެ. ރާއްޖޭގެ ކުރެހުންތެރިންގެ ހުނަރު ދައްކާލުމަށް "އަންވެއިލިންގ ވިޝަން" ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށް ގެންދާ މި މައުރަޒު ބާއްވާތާ މިއީ ތިންވަނަ އަހަރެވެ.

މޯލްޑިވްސް އާޓިސްޓްސް ކޮމިއުނިޓީއިން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ މި މައުރަޒު ބަލާލުމުގެ ފުރުޞަތު މިމަހުގެ 7 ވަނަ ދުވަހާއި ހަމައަށް އާންމުކޮށް ވަނީ ހުޅުވާލާފައެވެ.