03 ޤާނޫނަކަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ 3 ބިލެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި ތިން ބިލުގެ ތެރެއިން ދެ ބިލަކީ މިއަހަރުގެ ޖުލައި މަހުގެ 24 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިން ފާސްކުރެއްވި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނަށް 2 ވަނަ އިޞްލާޙުގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލެވެ. މީގެ އިތުރުން މިއަދު ތަސްދީޤުކުރެއްވި އަނެއް ބިލަކީ މިއަހަރުގެ ޖުލައި މަހުގެ 31 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނައި 5 ވަނަ އިޞްލާޙާއެކު ފަރުޟް ޙައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން އެ އަހަރަކު ޙައްޖަށް ދިޔުމަށް ދައްކަންޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ޢަދަދަށްވާ ފައިސާގެ 80 އިންސައްތަ ދޫކުރެވޭގޮތަށް ހަމަޖެހިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނަށް 2 ވަނަ އިޞްލާޙުގެނައުމުގެ ބިލުގައި އިސްލާހުކޮށްފައިވާ ބައިތަކުގެ ތެރޭގައި އިސްލާމީ ޔުނިވަރސިޓީގެ އިސް އޮފިސަރުންނާ ގުޅޭ މާއްދާއަކާއި ޗާންސެލަރ އާއި ވައިސް ޗާންސެލަރ އަދި ޑެޕިއުޓީ ވައިސް ޗާރސެލަރއާ ބެހޭ ބައެއް މާއްދާތައް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނަށް 2 ވަނަ އިޞްލާޙުގެނައުމުގެ ބިލުގައި އިސްލާހުކޮށްފައިވާ ބައިތަކުގެ ތެރޭގައި ޔުނިވަރސިޓީ ކައުންސިލުގެ މެންބަރުންނާ ގުޅޭގޮތުން ހުރި ބައެއް މާއްދާތަކަށް އިޞްލާހު ގެނެސްފައިވެއެވެ.

މި ތިންބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން މި ބިލުތައް ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.