بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުންގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ އަދި ދިވެހިރާއްޖޭގެ ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، ސްކޫލްގެ ޕްރިންސިޕަލް ޢަލީ އަޙްމަދު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ، ކައުންސިލް މެންބަރުން، ސްކޫލްގެ ހީވާގި މުވައްޒަފުން، އަދި ސްކޫލްގެ އެންމެހައި ދަރިވަރުންނާއި ބެލެނިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ، ސްކޫލަށް ފުރިގެން މިދިޔަ ރަންޔޫބީލް، އާދެ، މި މުނާސަބަތުގައި، ސްކޫލުގައި މަސައްކަތްކުރައްވާ އެންމެހައި ހީވާގި މުވައްޒަފުންނާއި، ސްކޫލުގެ އެންމެހައި ދަރިވަރުންނާއި، އަދި ރަށުގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް މަރްޙަބާއާއި ތަހުނިޔާ ދެންނެވުން.

އާދެ، އެއްވެސްޝައްކެއްނެތް، މިރަށުގެ ރައްޔިތުން ތަޢުލީމަށް ދޭ ސަމާލުކަން، ދޭ އަހައްމިއްޔަތުކަން އަޅުގަނޑުމެންނަށް މިއަދު ވަރަށް ބޮޑަށް ސާފުވެގެން ގޮސްފި. އާދެ، މިއަދު މިރަށު ގޮނޑުދޮށަށް އަޅުގަނޑުމެންނަށް އާދެވުމުން އަޅުގަނޑުމެންނަށް އެ ފެނިގެންދިޔަ މަންޒަރަކީ، ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑުމެން އެކަމުގެ އަގު ވަރަށް ބޮޑަށް ވަޒަންކޮށް، މިރަށުގެ ހުރިހާ ރައްޔިތުންނަށް، ތިޔަބޭފުޅުން ކުރައްވާފައިވާ މަސައްކަތަށް ޝުކުރު އަދާކުރާކަމެއް. ޝުކުރިއްޔާ، މިރަށުގެ އެންމެހައި ލޮބުވެތި ރައްޔިތުން.

އާދެ، މިރަށަކީ މިރަށުގެ ތަޢުލީމީ ޙަޔާތަށް ބަލާއިރު ދިގު ތާރީޚެއް އޮތް ރަށެއް. އާދެ، އެއްވެސް ޝައްކެއްނެތް، ތަޢުލީމު ކުރިއެރުވުމަށްޓަކައި، ތިމަންނާމެނަށް އެނގިފައި ހުރި އެއްޗެއް، އެހެން ފަރާތްތަކަށް އުނގަންނައި ދެއްވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް، ވޭތުވެދިޔަ އެތައް އަހަރުތަކެއްގައި މިރަށުގައިވަނީ ކުރެވިފައި. އާދެ، އަޅުގަނޑަށް އަޑުއިވިގެން މިދިޔައީ، އަދި މުޅިން 50 އަހަރެއްވެސް ނޫންކަމަށް، އެއަށްވުރެ މާދުރު ހިސާބަކަށް ވަނީ ތިޔަބޭފުޅުންގެ ޚިދުމަތްތައް ގޮސްފައި. ޙަޤީޤަތަކީ އަޅުގަނޑުމެންނަށް ކުރެވޭ އެންމެ ހެޔޮ، އެންމެ ރަނގަޅު ޢަމަލަކަށް މިވަނީ، އަޅުގަނޑުމެންނަށް ދަސްވެފައިހުރި އެއްޗެއް، އާދެ، އެމީހަކަށް އެނގިފައިހުރި އެއްޗެއް އެހެންމީހަކަށް އުނގަންނައިދިނުން.

އާދެ، އަޅުގަނޑު ދަންނަވާނީ، މިރަށުގެ މަޝްހޫރު އާދެ، ދެންމެ އަޅުގަނޑުމެންނަށް އަޑުއިވިގެން މިދިޔަ، އެދުރު ކަލޭފާނު އާދެ، އެހިސާބުން ފެށިގެންވެސް މިއަދާ ހަމައަށް މިރަށުގެ އެތައް ދަރީންނެއް، އެތައް ބަޔަކުވަނީ، މުޅި އަތޮޅުގެ ނުވަތަ މުޅި މި ބޮޑު ތިލަދުންމައްޗާއި މި ސަރަޙައްދުގެ އެތައް ބަޔަކަށް މި ޚިދުމަތްތައް ދީފައި. މިއީ މިއަދު ދިވެހި ސަރުކާރާއި އަދި މުޅި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުން މިކަން ފާހަގަކޮށް، އެ މަސައްކަތް ކުރެއްވި، އެ ޚިދުމަތްތައް ކުރެއްވި އެންމެހައި ފަރާތްތަކަށް ނުހަނު އިޚުލާޞްތެރިކަމާއެކު ޝުކުރުއަދާކުރަންޖެހޭ ކަމެއް.

އާދެ، ނޮޅިވަރަންފަރު ސްކޫލް ފާހަގަކުރެވިގެންދަނީ ވަރަށް ގިނަ ގޮތްގޮތުން. އަޅުގަނޑުމެންނަށް އަޑުއިވިގެން މިދިޔައީ، ވޭތުވެދިޔަ އަހަރުތަކުގައި އާދެ، ނަތީޖާ އަބަދުވެސް މައްޗަށް ޖައްސަމުން އައި ސްކޫލެއްގެ ގޮތުގައި. އަދި ވޭތުވެދިޔަ އަހަރު އަޅުގަނޑުމެންނަށް މި ފެނިގެން ދިޔައީ، މުޅި ޤައުމުގައި ފާހަގަކޮށްލެވޭ ފަދަ ރަންވަނަތަކެއް އާދެ، އޯ ލެވެލް އިމްތިޙާނުގައި ޓޮޕް ޓެންގެ ތެރޭގައިވެސް މިރަށު ސްކޫލްގެ ދަރިވަރުން ހިމެނިފައިވާ ތަން. އާދެ، މިއިން ދައްކައިދެނީ އަމާޒަކާ އެކުގައި މަސައްކަތްތަކެއް ކުރެވޭކަން. އެއްވެސް ޝައްކެއްނެތް، ރަނގަޅު ނަތީޖާއެއް މި ހާސިލު ކުރެވެނީ ވަރަށް ގިނަ ބަޔަކު އެކުގައި ކުރެވޭ މަސައްކަތުން. އާދެ، މި ހާސިލުކުރަމުންދާ ނަތީޖާތަކާއި، އަދި ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތުގެ އަގުވަޒަންކޮށް، ވަކިން ޚާއްޞަކޮށް، މުދައްރިސުންނަށް އަޅުގަނޑު ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މިއަދު ދުނިޔެއަށް މި އަންނަމުންދާ ބަދަލުތަކާއެކު، އަދި އަޅުގަނޑުމެންވެސް ދިވެހި ޤައުމު ގެންދަން ބޭނުންވާ ހިސާބު، މި ކަންތައްތަކަށް އަޅުގަނޑުމެން ވިސްނައި، ތަޢުލީމީ ކަންތައްތައް އިތުރަށް ހަރުދަނާކުރަން އެބަޖެހޭ. އާދެ، ޅަފަތުގެ ތަޢުލީމުން ފެށިގެން، އަޅުގަނޑުމެން ގަދައަޅައި މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އާދެ، މިއަދުގެ ސަރުކާރުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު ސަމާލުކަމެއް، ވަރަށް ބޮޑު އިސްކަމެއް މި ސަރުކާރުން ދެއްވާ އެއްކަމަކީ، ތަޢުލީމީ ދާއިރާ ފުޅާކޮށް، ތަޢުލީމީ ނިޒާމް ވަރުގަދަކުރުން. އާދެ، މިގޮތުން ކުރެވިފައިވާ މަސައްކަތްތަކުގެ ވާހަކަ، މި ސްޓޭޖުގައި މީގެ ކުރިންވެސް ދެއްކިއްޖެ. އެ ހުރިހާ ވާހަކަތަކެއް އަޅުގަނޑު ތަކުރާރުކުރާކަށް ނެތިން. އެހެންނަމަވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން އޮތީ، އަޅުގަނޑުމެން ތަރައްޤީވެފައިވާ ޤައުމެއް ބޭނުންކަމަށްވަންޏާ، އަޅުގަނޑުމެންޖެހޭ ރަނގަޅު ދަރިންތަކެއް އުފައްދަން. އެފަދަ މަސައްކަތަކީ އެއީ، ސަރުކާރާއި އެންމެހައި ރައްޔިތުން ގުޅިގެންނޫނީ، އަޅުގަނޑުމެންނަށް ކާމިޔާބު ނުކުރެވޭނެ ކަންތައްތައް. އާދެ، މިއަދު ސަރުކާރުން މިއަހަރު އެކަނިވެސް، މި ފަށްޓާފައިވާ މަސައްކަތަކީ، އާދެ، އެކަންތައް ކާމިޔާބު ކުރުމުގައިވެސް އަޅުގަނޑުމެން އެންމެން އެކުގައި ކުރަންޖެހޭ މަސައްކަތެކޭ.

އާދެ، އަޅުގަނޑު ހަމަ ފާހަގަކޮށްލަން، ހިލޭ ފަސްޓް ޑިގްރީ، އަދި، ލޯން ސްކީމް. ވަރަށް ލުއި ގޮތަކަށް، ދިގު މުއްދަތަކަށް، މުއްދަތު އިތުރުކުރެވިގެން ދެއްކޭގޮތަށް ތަޢާރުފުކުރެވިގެން ދިޔަ ލޯން ސްކީމާއި، އަދި ވަކިން ޚާއްޞަކޮށް ނާސްތާ ޕްރޮގްރާމް މިއީ، އަޅުގަނޑުމެން ހަމަ ފާހަގަކުރަންޖެހޭ ކަންތައްތައް. އާދެ، ތަޢުލީމީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ވާހަކަ ދައްކާއިރު، މިއަދު އަޅުގަނޑު އެއްބޭފުޅެއްގެ ނަން ފާހަގަކޮށްލަންޖެހޭ. އާދެ، މި ތަޢުލީމީ ނިޒާމު ހަރުދަނާކޮށް، ވަރުގަދަކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ކުރީގެ ތަޢުލީމީ ވަޒީރު ޑޮކްޓަރ މުޞްޠަފާ ލުޠުފީ ކުރައްވާފައިވާ މަސައްކަތްތަކާއި، އަދި މިއަދުވެސް ކުރައްވަމުން ގެންދަވާ މަސައްކަތް، ވަކިން ޚާއްޞަކޮށް އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކޮށް، އެމަނިކުފާނަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރަން ބޭނުން.

އާދެ، ތަޢުލީމަކީ އަޅުގަނޑުމެން ވިސްނަން އެބަޖެހޭ އެއީ، ހަމައެކަނި ސްކޫލްގެ ކުލާސްރޫމް ތެރޭގައި ދެވޭ އެއްޗެއް ނޫން. ސްކޫލް، ކުލާސްރޫމްގެ ބޭރުގައިވެސް ދަރިވަރުންނަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެން އުނގަންނައިދޭން އެބަޖެހޭ. އަޅުގަނޑުމެންގެ ވިސްނުން ބަހައްޓަން އެބަޖެހޭ، މިއަދުގެ ދަރީންނަކީ، މަދަރުސީ ދައުރު ނިމިގެން އަމިއްލަ ޙަޔާތެއް ފެށްޓުމަށް ނިކުންނައިރު، މަސައްކަތްތެރިކަމަށް އަހުލުވެރިވެފައިވާ، ދިރިއުޅުމަކަށް ތައްޔާރުވެފައިވާ ބަޔަކަށް ހަދަން. އާދެ، މިކަންތައް ކުރެވެން އޮތީވެސް އަޅުގަނޑުމެން ތަޢުލީމަށާއި، އަޅުގަނޑުމެން ދަރިވަރުންނަށްދޭ ސަމާލުކަން އިތުރުކޮށްގެން. އަޅުގަނޑު ހަމަ މި ފުރުޞަތުގައި، ވަކިން ޚާއްޞަކޮށް، ޓީޗަރުންނަށް ދަންނަވާލަން އޮތީ، ކްލާސްރޫމް ތެރޭގައި، އަދި އެނޫން ގޮތްގޮތުންވެސް ކުދިންނަށް އިތުރު ސަމާލުކަމެއް ދެއްވާށޭ. އާދެ، އެކި ހުނަރުތައް ދަސްކޮށްދިނުމާއި، އެކި ފިލާވަޅުތައް ދިނުމުގައި އިތުރު ސަމާލުކަމެއް ތިޔަބޭފުޅުން ދެއްވާށޭ. މިއަދު އަޅުގަނޑުމެން މި ދައްކާ ވާހަކައަކީ، ދުނިޔޭގެ އެހެނިހެން ޤައުމުތަކާ އެއްހަމައަކަށް އަޅުގަނޑުމެންގެ ޤައުމު އަރައިގެންދާންޖެހޭ ވާހަކަ. އަޅުގަނޑުމެން ތަރައްޤީ ބޭނުންވާ ވާހަކަ. މިކަންތައް އަޅުގަނޑުމެންނަށް ކުރެވޭނެ ހަމައެކަނި ގޮތަކަށް މިވަނީ، މި ދެންނެވިގޮތަށް މާދަމާ، މި ޤައުމާ ހަވާލުވުމަށްޓަކައި ރަނގަޅު ޖީލެއް އުފައްދައިގެން.

އާދެ، އެއްވެސްޝައްކެއްނެތް، ކިޔެވުމުގެ ތެރެއިންވެސް އަޅުގަނޑުމެންނަށް ދަސްވާ އެންމެ ރީތި ކަންތައްތަކަށް މިވަނީ، އެކަކު އަނެކަކަށް އަޅައިލުން. އިޙްތިރާމް ކުރުން. އަނެކާގެ ޙައްޤުގެ މައްޗަށް ވިސްނައި، ތިމަންނާގެ ޙައްޤުވާގޮތަށް، އަނެކާގެވެސް ޙައްޤެއްވާކަން ދަނެގެން، އެފަދަ މާޙައުލެއްގައި ދިރިއުޅެން ދަސްކުރުން. މިއަދު އަޅުގަނޑު ކުރީގައި މި ދެންނެވިގޮތަށް އަޅުގަނޑުމެން ދަރިވަރުންނަށް ދަސްކޮށްދޭން މިޖެހެނީ، ވަށާޖެހިފައިވާ ތަޢުލީމީ ނިޒާމެއްގެ ތެރެއިން މިކަހަލަ ކަންތައްތައް. އާދެ، އަޅުގަނޑުމެން މުޅި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބަލައިފިކަމަށްވަންޏާ، ވަރަށް ތޫނުފިލި، ވަރަށް ވިސްނުންތެރި، ވަރަށް ހުނަރުވެރި ބައެއް ދިވެހި ރައްޔިތުންނަކީ. ދިވެހީންނަކީ އިނގިރޭސިވިލާތުގައި ކިޔެވިނަމަވެސް، އޮސްޓްރޭލިޔާއިން ކިޔެވި ނަމަވެސް، އެމެރިކާގައި ކިޔެވި ނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ، އެ ކިޔަވާ ތަނަކުން ރަން ވަނަތަކެއް ހާސިލުކުރާ ބައެއްކަން. އެހެންވީމާ، މިއަދު އަޅުގަނޑުމެންގެ ޤައުމު، އަޅުގަނޑުމެންގެ ދަރިން، އަޅުގަނޑުމެން އެކުގައި އެއް އަމާޒަކަށް މަސައްކަތްކޮށްފި ކަމަށްވަންޏާ، އެއްވެސްޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ އެންމެހައި ރައްޔިތުން ބޭނުންވާ ލަނޑުދަނޑިތައް އަޅުގަނޑުމެންނަށް ހާސިލުކުރެވޭނެ.

އާދެ، އަޅުގަނޑުމެންގެ ތެރޭގައި ވިސްނޭ ކޮންމެ މީހަކުވެސް ކުރާނެކަމަކީ، ތިމާގެ ރައްޓެއްސެއް ނުވަތަ އަނެއް މީހަކަށް ރަނގަޅު ނޫންކަމެއް އާދެ، އެންމެ ރަނގަޅަށް ކަމެއް ނުކުރެވިއްޖެކަމަށްވަންޏާ، އެކަމެއް އެމީހަކަށް ކިޔައިދިނުން. އަޅުގަނޑުމެން މިއަދު އެބަޖެހޭ، މީހުން އަބަދު ބްލޭމް ކުރުން ނުވަތަ އަނެއްމީހާއަށް ކަންތައްތައް ނުވާކަން ދެއްކުމުގެ ބަދަލުގައި ތިމަންނާއަށް އެނގިފައިހުރި އެއްޗެއް ކިޔައިދީ، މީހުން ރަނގަޅުކުރާ ބަޔަކަށްވާން. އަޅުގަނޑުމެންގެ ޚިޔާލު ތަފާތު ވިސްނުންތަކެއް އަދި ހުރިނަމަވެސް، ޤައުމަށް ޚިދުމަތްކުރުމުގައި، ޤައުމަށް ރަނގަޅު ކަންތައްތަކަށް އެދުމުގައި، ތަޢުލީމީ ދާއިރާ ކުރިއެރުވުމުގައި އަޅުގަނޑުމެންގެ ދަރީންނަށް، ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމަށްޓަކައި، އަޅުގަނޑުމެން އެއް އަމާޒަކަށް މަސައްކަތްކުރަންޖެހޭ.

އާދެ، މިއަދު އަޅުގަނޑު މިރަށަށް އައުމަށްފަހު، ސްކޫލްގެ އިސްބޭފުޅުންނާއި، އަދި ކައުންސިލް މެންބަރުންނާވެސް ބައްދަލުވި. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔައީ، ގިނަ ކަންތައްތަކެއް އެބަހުރި ބޭނުންވާ. ގިނަ ގޮންޖެހުންތަކެއް އެބަހުރި. ސްކޫލަށް އެކަނި ބަލައިލިނަމަވެސް، ވަރަށް ގިނަ ކަންތައްތަކެއް ރަނގަޅުކުރަން ޖެހިފައިވާކަން އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ. އާދެ، އަޅުގަނޑު މިއަދު ވަކިން ޚާއްޞަކޮށް، ސްކޫލުގެ އެންމެހައި ފަރާތްތަކަށާއި، އަދި ބެލެނިވެރިންނަށް އަޅުގަނޑު މިއަދު ދޭންއޮތް ޔަޤީންކަމަކީ، ﷲ އިރާދަކުރެއްވިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން، އާދެ ރައީސުލްޖުމްހޫރިއްޔާ އެ ދެއްވާ ސަމާލުކަމުގެ ތެރެއިން، ވޭތުވެދިޔަ އަހަރުތަކުގައި ދޫކޮށްލެވިފައިހުރި ކަންތައްތައް ރަނގަޅުކުރުމަށްޓަކައި އަޅުގަނޑުމެން ގަދައަޅައި މަސައްކަތްކުރާނަމޭ. އާދެ، އަދި މި ނޫނަސް މިރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް، އިރާދަކުރެއްވިއްޔާ ސަރުކާރުން ކުރަމުންދާނެކަމުގެ ޔަޤީންކަންވެސް އަޅުގަނޑު ތިޔައެންމެހައި ބޭފުޅުންނަށް އަރުވަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު ވަކިން ފާހަގަކޮށްލަން ބޭނުންވޭ، އާދެ، މި ސްކޫލަށް ވަރަށް ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތްތަކެއް ކޮށްދެއްވި، އާދެ، ޙުސައިން ޢަބްދުﷲ، ޢަބްދުއްޝުކޫރު އަދި މުޚްލިޞާ ޢަލީ. އާދެ، ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު އަޅުގަނޑުވެސް ވަޒަންކޮށް، އަޅުގަނޑުގެ ނަމުގައާއި އަދި ތިޔަ އެންމެހައި ބޭފުޅުންގެ ނަމުގައި އެ ތިން ބޭފުޅުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު ޔަޤީންކުރަނީ، ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކުގައި މިކުރެވޭ މަސައްކަތުން އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމު ވަރުގަދަވެ، އަޅުގަނޑުމެން ދިވެހީންނަކީ، އެއްބައެއްގެ ގޮތުގައި މަސައްކަތްކުރާ ބަޔަކަށްވެ، މިއަދުގެ ޅަފަތުގެ ޖީލު، ޤައުމު ހިންގާފަދަ ވަރުގަދަ ބައެއްގެ ގޮތުގައި މާދަމާ ބަދަލުވެގެންދާނެކަމަށް.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެން ކުރާ މަސައްކަތުގައި ބަރަކާތްލައްވައި، އަދި އެޑިޔުކޭޝަން މިނިސްޓްރީއާއި، ސްކޫލްތައް ގުޅިގެން މިކުރެވޭ މަސައްކަތުގައި އިތުރު ކާމިޔާބު މިންވަރުކުރެއްވުން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.