ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅު ނިންމަވާލައްވަމުން ހދ. ހަނިމާދޫ ރަށު ކައުންސިލަރުންނާއި، އެރަށުގެ ޒުވާނުންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ޙައްލު ހޯއްދެވުމަށް މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ހަވީރު ހަނިމާދޫ އެއަރޕޯޓްގައި ބޭއްވެވި މި ދައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. އެގޮތުން، ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ހަނިމާދޫ އެއަރޕޯޓު ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ބަދަލުވި ނަމަވެސް އެފެންވަރުގެ ވަޞީލަތްތައް އެއަރޕޯޓުގައި ތަރައްޤީވެފައި ނެތްތަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން މަގުހެދުމުގެ މަޝްރޫޢާއި، ބަނދަރު ހެދުމުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށާއި، ހޮސްޕިޓަލާއި، އެއަރޕޯޓްގެ މުވައްޒަފުން މަދުވުމުން ދިމާވާ ދަތިތައް ފާހަގަކުރެއްވިއެވެ. ކައުންސިލަރުންގެ ވާހަކަފުޅުގައި ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތަކާއި، ސަރުކާރުން މިހާރުން މިހާރަށް ޙައްލުކޮށްދެވެން އޮތީ ކޮންކަންތައްތަކެއްތޯ ބަލައި ތަރައްޤީގެ ދުރު ރާސްތާ ޕްލޭނެއް އެކަށައަޅައިގެން އެ ޕްލޭނާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ކައުންސިލަރުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން މިހާރު ވާނީ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކަށައެޅުމުގެ މަސައްކަތް ފަށާފައިކަމަށާއި، ރަށު ކައުންސިލްތަކާއި، މިނިސްޓްރީތަކާއި ސަރުކާރު ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކޮށްލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް އިއްޔެ ފެށްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފައެވެ.