ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލަރުންނާއި މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލު އިދާރާގައި މިއަދު ބޭއްވެވި މިބައްދަލުވުމުގައި ކައުންސިލަރުން ވަނީ އެއަތޮޅުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމާއި ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. އެގޮތުން، ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރެވިފައި ނެތުމަކީ އަތޮޅުގެ ތަރައްޤީއަށް ލިބިފައިވާ ވަރަށް ބޮޑު ހީނަރުކަމެއްކަމަށާއި، އެއީ މުޅި އަތޮޅުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުންކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީގައި މި ސަރުކާރުން އެއްވެސް ރަށެއް އަދި އަތޮޅެއް ތަފާތު ނުކުރައްވާނެކަމަށާއި، ހދ. އަތޮޅުގެ ކައުންސިލުން އެދިވަޑައިގެންފައިވާގޮތަށް މިއަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް އަލިއަޅުއްވާލައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ޤާނޫނު ތަންފީޒުވެގެން ދިޔުމުން ކައުންސިލްތަކުން އެ އަތޮޅެއްގެ ނުވަތަ އެ ރަށެއްގެ އިޤުތިޞާދު ކުރިއެރުވުމަށް ގިނަ ގުނަ ފުރުޞަތުތަކެއް ފަހިވެގެން ދާނެކަމުގައެވެ.