ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެއަތޮޅު ކުޅުދުއްފުށްޓަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ކުޅުދުއްފުށްޓަށް ފައިބާ ވަޑައިގަތުމާއެކު އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލާއި މިއަދު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން އެމަނިކުފާނުގެ މި ދަތުރުފުޅުގައި މާދަމާގެ ވަގުތެއްގައި ޖަލާލުއްދީން ސްކޫލަށާއި، ހދ. އަތޮޅު ތަޢުލީމީ މަރުކަޒަށާއި، އަފީފުއްދީން ސްކޫލަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލާ ބައްދަކުރައްވައި މަޝްވަރާ ކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.