ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ. ދޮންފަނު ކައުންސިލާއި އެރަށުގެ މުއައްސަސާ ތަކުގެ އިސް ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ދޮންފަނު  ސްކޫލުގައި މިއަދު ބޭއްވެވި މިބައްދަލުވުމުގައި ކައުންސިލަރުންނާއި މުއައްސަސާތަކުގެ ވެރިން ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމާއި ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ރަށުގެ ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތަކާއި ނަރުދަމާއާއި ޞިއްހީ ދާއިރާގައި ހުރި ބައެއް ގޮންޖެހުން ތަކާއި އަދި ރަށްގިރުމުގެ ސަބަބުން ދިމާވަމުންދާ މައްސަލަތައް ކައުންސިލާއި މުއައްސަސާތަކުގެ ވެރިން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދޮންފަނު ކައުންސިލާއި މުއައްސަސާތަކުގެ ވެރިން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތަކާއި ބައެއް މަޝްރޫޢު ތަކުގެ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެއްވޭ ތާރީޚުތައް ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. މީގެއިތުރުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންވެސް ކައުންސިލަރުންނާއި ޙިއްޞާކުރެއްވިއެވެ. އަދި ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.