بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޢަލީ، ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ ވަޙީދު، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަދި ހިރިޔާ ސްކޫލާއި އަދި ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހައި މުދައްރިސުން، އަދި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު އެންމެ ފުރަތަމަވެސް ހަމަ ދަންނަވާލަން އޮތީ، ޤައުމަކަށް ހެޔޮ ބަދަލެއް، ރަނގަޅު ބަދަލު ގެނައުމުގެ އެންމެ ބޮޑު އަސްލަކަށް ވެގެންދަނީ ދަރިވަރުން. އާދެ، ޤައުމަށް ރީތި ނަން ހޯދުމުގެ އެންމެ ބޮޑު އަސްލަކަށްވެސް ވެގެންމިދަނީ ހަމަ ލޮބުވެތި ދަރިވަރުން. އާދެ، މިއަދު މި ފުރުޞަތުގައި އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ފާހަގަކޮށްލަން ބޭނުންވޭ، ދިވެހިރާއްޖޭގެ ލޮބުވެތި ދަރިވަރުންތަކެއް، އާދެ، ހަމަ ތިޔަފަދަ ދަރިވަރުންތަކެއް ކަމަށްވާ، ދީމާ، ރަފާ އަދި ނަބީހާ މިއަދު ދިވެހި ޤައުމަށް ހޯދައިދެއްވާފައިވާ އަގުބޮޑު، އާދެ، އެ ރީތި ނަމަށްޓަކައި އެ ފަރާތްތަކަށާއި، އަދި ތިޔަ އެންމެހައި ލޮބުވެތި ދަރިވަރުންނަށް މަރުޙަބާއާއި ޝުކުރު ދެންނެވުން.

އާދެ، އެއްވެސް ޝައްކެއްނެތް، މީގެ ކޮންމެ ކާމިޔާބީއެއްގެ، ކޮންމެ ރީތި ނަމެއްގެ ފަހަތުގައި، އެތައް ސަތޭކަ ބަޔަކު މަސައްކަތްކުރޭ. ވަކިން ޚާއްޞަކޮށް، ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި، ޤައުމަށް ރީތި ނަން ހޯދައިދީ، އަމާންކަން ގެނައުމަށްޓަކައި، ރަނގަޅު މުޖުތަމަޢެއް ބިނާކުރުމަށްޓަކައި، އެ ޤައުމެއްގެ މުދައްރިސުން، އާދެ، އެގޮތުން ދިވެހިރާއްޖޭގެ ލޮބުވެތި މުދައްރިސުން، ރެޔާއި ދުވާލު އެ ކުރައްވާ މަސައްކަތްތައް އަޅުގަނޑުމެން ފާހަގަކޮށް، ހުރިހާ ދަރިވަރުންގެ ނަމުގަޔާއި އަދި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ ނަމުގައި، ޚާއްޞަކޮށް، ދިވެހި މުދައްރިސުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އެއްވެސް ޝައްކެއްނެތް. ދަރިވަރުންނަށް ފިލާވަޅުތަކެއް ހަމައެކަނި ނަގައިދެވެނީކީ، ކުލާސް ރޫމް ތެރެއިންނެއް ނޫން. އާދެ، އަޅުގަނޑުމެން މިއަދު އެންމެހައި މުދައްރިސުންނާއި، ޚާއްޞަކޮށް، މިއަދު މުދައްރިސުން ވިސްނާލަންވީ އެއްކަމަކީ، ކުލާސް ރޫމްގެ ބޭރުން، އާދެ، ދަރިވަރުންނަށް ދަސްކޮށްދެވޭ ހިޑްން ކަރިކިޔުލަމްގެ މުހިންމުކަމުގެ މައްޗަށް. އާދެ، މިއަދުވެސް ހިނގަމުންމިދާ މި ހަރަކާތަކީ ނުވަތަ މި ކަންތައްތަކަކީ މިއީ، ކުލާސް ރޫމްގެ ބޭރުން ދަރިވަރުންނަށް ދަސްކޮށްދެވޭނެ ކަންތައް. އާދެ، ގިނަ ކަންތައްތަކެއް މިއަދު އަޅުގަނޑުމެންގެ އަމާޒުގައި ކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ފޯކަސް، އެ ކަންތައްތަކެއްގެ މައްޗަށް ބަހައްޓަން އެބަޖެހޭ.

އަޅުގަނޑުމެން ބޭނުންވަނީ އަމާން ޤައުމެއް. ކުރިއަރާފައިވާ ޤައުމެއް. އެކަކު އަނެކަކަށް އިޙްތިރާމުކުރާ ޤައުމެއް. ރަނގަޅު ނަތީޖާ ހޯދާ ޤައުމެއް. ނަމޫނާ ޤައުމެއް. އެ ކަންތައްތައް ހާސިލުކުރެވެން އޮތީ، މިއަދު މުޅި ދިވެހިރާއްޖޭގެ ހުރިހާ އެންމެން، އާދެ، ވަކިން ޚާއްޞަކޮށް، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ލޮބުވެތި ބެލެނިވެރިންނާއި، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތަކާ ގުޅިގެންކަން.

އާދެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންމެ ބޮޑު ސަމާލުކަމެއް، އެންމެ ބޮޑު ފޯކަސްއެއް ހުރީ އެއްވެސް ޝައްކެއްނެތްގޮތުގައި، ތަޢުލީމީ ނިޒާމާ ދިމާއަށް. ތަޢުލީމީ ނިޒާމު ރަނގަޅު ކުރުމަށް، ހަރުދަނާ ދަރިންތަކެއް ޤައުމުގައި އުފެއްދުމުގެ ވިސްނުންފުޅަކީ އެއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ވަޢުދު.

އާދެ، މުދައްރިސުން މެދުކެނޑުމެއްނެތި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް، ސްކޫލުތަކުގެ ވަސީލަތްތައް އިތުރުކޮށް، ދަރިވަރުންނަށް ރަނގަޅު ފުރުޞަތުތައް ހޯދައިދެއްވައި، މުދައްރިސުންގެ އަގު ވަޒަންކޮށް، އާދެ، މުދައްރިސުންނަށް ވޭތުވެދިޔަ އަހަރުތަކުގައި ގެއްލިފައިވާ ޙައްޤުތައް ހޯދައިދެއްވުމަކީ އެއީ ދިވެހިރާއްޖޭގެ އަދުގެ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދު. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ދަތިތަކުން އަރައިގަނެ، އެއްކޮށް އުޅޭ ޤައުމެއްގެ ގޮތުގައި ބަދަލުކޮށްލާނީ އެންމެން އެކުއެކީގައި.

އާދެ، ދެންމެ ތަޢާރަފުގައި ގްރޭޑް 9ގެ ދަރިވަރު، މަރިޔަމް އަފާ ނިޒާމުގެ ކުރު ތަޢާރަފުގައި އެ ފާހަގަކޮށްލެއްވި ގޮތަށް އަދި އަޅުގަނޑުމެންނަށް ދެންމެ ވީޑިއޯ ޕްރެޒެންޓޭޝަންގައި ފެނިގެން ދިޔަގޮތަށް މިއަދު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށްބޮޑު މައްސަލައެއް، މަގުމަތީގައި ހިނގަމުންދާ ނުރައްކާތެރި އެކްސިޑެންޓްތަކަކީ. އަޅުގަނޑުމެންނަށް އެ ކަންތައްތައް ތަފާތު އެކި ތަންތަނުން، އާދެ، ތަފާސް ހިސާބުތަކުން އަޅުގަނޑުމެން ކަންބޮޑުވާ މިންވަރަށް ފެނިގެން އެބަދޭ. މިއީ މިއަދު ދިވެހިރާއްޖޭގައި ކޮންމެ ރައްޔިތަކުމެ، އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކު ވަރަށްބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް.

އާދެ، މަގުމަތީގެ އެކްސިޑެންޓްތަކަކީ އެއީ ކޮންމެވެސް އެކަކުގެ، ކޮންމެވެސް މީހެއްގެ އިހުމާލުން ދިމާވާ ކަމެއް. އަޅުގަނޑުމެން އަމިއްލައަށް ކުރާ ކަންތަކަކީ އެއީ، އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންނަށް ރަނގަޅު ކުރެވޭނެ ކަންތައްތައް. ބައެއް ފަހަރު އަޅުގަނޑުމެން ވިސްނާލަންވާ ވަރަށް ވިސްނައިނުލެވި، އަޅުގަނޑުމެންނަށް ފަރުވާކުޑަކުރެވުމުގެ ސަބަބުން ދިމާވަމުންދާ ކަންތައްތައް، އާދެ، އެ ރިޕޯޓުގައިވެސް ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެނގިގެން ގޮސްފި. ކުޑަކުޑަ މި ޤައުމުގައި، މި ކުޑަ ރަށްރަށުގައި މި ހިނގަމުންދާ އެކްސިޑެންޓްގެ ސަބަބުން ދުނިޔެ ދޫކޮށްލާ ޒުވާނުންގެ އަދަދު އަދި މުޅި ޢުމުރަށް ތަފާތު އެކި ކަންތައްތައް ތަހައްމަލު ކުރަންޖެހޭ ޒުވާނުންގެ އަދަދު އެއީ އަޅުގަނޑުމެން އެކަމަކަށް ހިތާމަކުރާ ކަންތައްތައް.

އެހެންވީމާ، މިއަދު އަޅުގަނޑު ވަކިން ޚާއްޞަކޮށް، ހުރިހާ ދަރިވަރުންނާއި، އަދި މުޅި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ގޮވާލަން އޮތީ ސަރުކާރުން ފަށާފައި މިވާ މި ޕްރޮގްރާމް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވެން އޮތީ، ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން ގެއިން ނުކުންނަ ހިސާބުން ފެށިގެން، އަޅުގަނޑުމެން ދާން ބޭނުންވާ މަންޒިލާ ހަމައަށް ދެވެންދެން، ޚާއްޞަ ސަމާލުކަމެއް، އާދެ، މަގުމަތީގައި ހިނގާ މީހުން، ދުއްވާ މީހުންނަށް އަދި ދުއްވާ މީހުން، ހިނގާފައި އުޅޭ ފަރާތްތަކަށް އެ ސަމާލުކަން ދީގެންނޭ.

އާދެ، ދިވެހިރާއްޖޭގެ މި މާލެއާއި، ހުޅުމާލެ، އައްޑޫސިޓީ އަދި ލާމު އަތޮޅު، ފުވައްމުލައް، ރާއްޖޭގެ ބޮޑެތި ރަށްތަކުގައި ވަރަށްގިނަ އެކްސިޑެންޓްތައް ހިނގަމުން އެބަދޭ. އާދެ، އެއްވެސް މަޔަކަށް، ބައްޕައަކަށް ކުޅަދާނަވާނޭ ކަމެއް ނޫން، މިފަދަ ހާދިސާއެއްގައި، އެ މީހެއްގެ ދަރި ދުނިޔެ ދޫކޮށްލާފައި ދާ މަންޒަރު އަދި މުޅި ޢުމުރަށް ނުކުޅެދުންތެރިކަން ތަހައްމަލު ކުރަންޖެހޭ ޒުވާނަކަށް އެ ދަރި ބަދަލުވެގެން ދިޔުމަކީ.

އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިންވެސް، އެންމެހައި ލޮބުވެތި ދަރިވަރުންނާއި، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ނަސޭހަތްތެރިވާން އޮތީ، މަގުމަތީގައި ހިނގާ ބިނގާވެ އުޅުމާއި، ދުއްވުމުގައި އަޅުގަނޑުމެން އިތުރު ސަމާލުކަންދެމާ ހިނގާށޭ. އަޅުގަނޑުމެންގެ ރަށްތަކަކީ ކުދިކުދި ރަށްތަކެއް. ރަށެއްގެ އެއްކޮޅުން އަނެއްކޮޅަށް އަޅުގަނޑުމެން ހިނގާފައި ދާންވީ ނަމަވެސް، ފަނަރަވަރަކަށް މިނިޓުން އާންމުކޮށް އެބަ ދެވޭ.

އެހެންވީމާ، އަޅުގަނޑުމެން މިއަދު މަގުމަތީގައި ބޮޑަށް ހިނގާފައި އުޅުމަށްވެސް އަޅުގަނޑުމެން އިސްކަންދޭން އެބަޖެހޭ. އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ދާދި އިހަށްދުވަހު، އާދެ، އަޅުގަނޑުމެންނަށް ހަވީރުގެ ވަގުތުތަކުގައިވެސް މާލޭގެ މަގުމަތީގައި ހިނގާފައި އުޅުމުގެ ނަސީބު ލިބުމުން، އަޅުގަނޑުމެންނަށް މުޅި މާލެ ވެގެންދިޔައީ، އުފާވެރި ތަނެއްގެ ގޮތުގައި. އަދި މިއަދުވެސް އަޅުގަނޑުމެންނަށް އެކި ފަރާތްތަކުން، އާދެ، ބެލެނިވެރިންވެސް އެދި ގޮވަމުންދަނީ، މިގޮތަށް ގިނަގިނައިން މާލެއާއި ރަށްތަކުގައި މިކަހަލަ މާހައުލެއް ތިމަންނާމެންނަށް ގިނަގިނައިން ލިބޭނެގޮތް، ދަރިންނާއެކު އުފާވެރި ވަގުތުތައް، އާއިލީ ވަގުތުތައް ހޭދަކުރުމުގެ ފުރުޞަތު ތިމަންނާމެންނަށް ހޯދައިދޭށޭ.

އާދެ، އަޅުގަނޑު ވާހަކަކޮޅު ނިންމާލުމުގެ ކުރިންވެސް، އެންމެހައި ދަރިވަރުންނާއި އަދި ޚާއްޞަކޮށް، މުދައްރިސުންނަށް ޔަގީންކަން ދޭންއޮތީ، ދިވެހި ސަރުކާރުގެ އެންމެ އިސް ސަމާލުކަމެއް އޮތީ، އާދެ، ނޭޝަން ފަސްޓް ވާގޮތަށް، އެޑިޔުކޭޝަން ފަސްޓް ޕޮލިސީއަކީ އެއީ މުޅި ސަރުކާރުގެ އަމާޒޭ. އިރާދަކުރެއްވިއްޔާ، އަހަރުތަކެއް ވަންދެން އަދި އަޑުނޭހި އޮތް ނަމަވެސް، މިއަދު ދިވެހި ސަރުކާރުން ވަކިން ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ދެއްވާ ސަމާލުކަމާ އެކީގައި، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ދިމާވެފައި ހުރި ގޮންޖެހުންތައް، އަޅުގަނޑު ކުރިންވެސް ދެންނެވިގޮތަށް، އަޅުގަނޑުމެން ޙައްލުކުރާނީ، ދިވެހިރާއްޖޭގެ ރައްޔިތުން އެންމެން އެކުގައި ގުޅިގެން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ކުރާ ހެޔޮ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަދި ދިވެހިރާއްޖޭގެ މަގުތަކަކީ، ދިވެހީންނަށް، ދިވެހި ރައްޔިތުންނަށް، ދިވެހި ޒުވާނުންނަށް އަމާން ތަނެއްގެ ގޮތުގައި ލެއްވުން އެދި ދުޢާ ކުރަމުން. ދިވެހިރާއްޖެއާއި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.