بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رســول اللّـه صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ޑޮކްޓަރ އިބްރާހީމްދީދީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވަޒީރު، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެއްވެސް ޝައްކެއްނެތް. ޞިއްޙީ ޚިދްމަތަކީ އެއީ، ދިވެހިރާއްޖޭގެ ރައްޔިތަކަށްވެސް، ކޮންމެ މީހަކަށްވެސް އެންމެ މުހިންމުވާނެ ކަންތައްތައް. މިއަދު ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން މި ގެންދަނީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް، މާލެ، ހުޅުމާލެ، އަދި މުޅި ދިވެހި ޤައުމުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށްވެސް ރަނގަޅު ޚިދްމަތްތަކެއް ފޯރުކޮށްދެވޭތޯ.

އާދެ، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ. ޑޮކްޓަރ އިބްރާހީމްދީދީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން، ވަރަށް ގިނަ ރައްޔިތުންނަށް ގިނަގުނަ ޚިދްމަތްތަކެއް ކޮށްދެއްވައިފި. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މެދުކެނޑުމެއްނެތި، ފެންވަރު ރަނގަޅު ޚިދްމަތެއް ކޮށްދެއްވާކަމީ، އެއީ އަޅުގަނޑުމެން މިއަދު ހަމަ ވަރަށް ބޮޑަށް ފާހަގަކޮށް، އަދި އެ ކުރައްވާ ބުރަ މަސައްކަތްތައް އަޅުގަނޑުމެންގެ އަމިއްލަ ނަމުގައާއި، އަދި މުޅި ދިވެހި ސަރުކާރުގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި، ފާހަގަކޮށް އަޅުގަނޑު ހަމަ ޝުކުރު ދަންނަވަން.

އާދެ، މީގައި އަޅުގަނޑުމެން ބަލަންޖެހެނީކީ ތަނުގެ ސައިޒަކަށް ނޫން. ތަން ކުޑަވެދާނެ. އެކަމަކު، ތަނުން ދެވޭ ޚިދްމަތް ރަނގަޅު، ފެންވަރު ރަނގަޅު ޚިދްމަތެއް ދެވޭ ކަމަށްވަންޏާ، އަޅުގަނޑަށް ހީވަނީ، އެއީހެން އަޅުގަނޑުމެން ބަލަންޖެހޭނެ ކަމަކީ. އަޅުގަނޑު ހަމަ މި ފުރުޞަތުގައި ދަންނަވާލަން އޮތީ، ޤައުމެއްގެ ރައްޔިތުންނަށް ފުރިހަމަ ޚިދްމަތްތަކެއް ދެވިގެންދާނީ، ލިބިގެންދާނީ، މުޅި ސަރުކާރާއެކު އަމިއްލަ ފަރާތްތަކުންވެސް ކުރައްވާ މަސައްކަތުން. އަޅުގަނޑުމެން ފާހަގަކުރަންޖެހޭ، ދިވެހިރާއްޖޭގެ ކޮންމެ ދާއިރާއެއްގައި، އެއީ ޞިއްޙީ ދާއިރާ ކަމުގައިވީނަމަވެސް، އަދި ތަޢުލީމީ ދާއިރާ ކަމަށްވިޔަސް، ސަރުކާރާއެކު ވަރަށް ގިނަ ބައެއްގެ މަސައްކަތްތައް ހިމެނިގެންދޭ. އަޅުގަނޑުމެންނަށް މި ލިބޭ ކާމިޔާބީއެއް، ލިބޭ ހިތްހަމަޖެހުމެއް މި ލިބިގެން ދަނީ، ގިނަ ބައެއްގެ މިފަދަ މަސައްކަތުން. އަޅުގަނޑު ހަމަ ފާހަގަކުރަން، ދިވެހިރާއްޖޭގެ އެކި ރަށްތަކުގައާއި، މާލެ، ހުޅުމާލެ ހިމެނޭގޮތަށް ވަރަށް ގިނަ ޚިދްމަތްތަކެއް މިގޮތުން ދެވިގެން އެބަދޭ. ދިވެހި ސަރުކާރުން އިރާދަކުރެއްވިއްޔާ، އަބަދުވެސް މަސައްކަތް ކުރަމުންދާނީ، ރައްޔިތުންނަށް ލުއި ފަސޭހަ ކަންތައް ހޯދައިދިނުމަށްޓަކައި. މި ސަރުކާރުން އައިސްފައި މިއޮތީ، ހަމަ އެންމެ ބޭނުމެއްގެ މައްޗަށް. އެއީ، ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމަށް. އޯގާތެރިކަމާއެކު ކޮންމެ ދިވެހި ރައްޔިތެއްގެވެސް އަޑުއަހައިގެން ކަންތައްތައް ކުރުމަކީ، އެއީ މިއަދު އިރާދަކުރެއްވިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙުގެ، މި ސަރުކާރުން ކަންތައްތައް ކުރަމުންދާނެ ގޮތް.

އަޅުގަނޑު ހަމަ މި ފުރުސަތުގައި އިތުރަށް ދަންނަވާލަން އޮތީ، ފަރުވާ ދިނުމުގައި، ޚިދްމަތްތައް ދިނުމުގައި ވަކިން ޚާއްޞަކޮށް، މިފަދަ ބޭނުމެއްގައި ޖެހިގެން، އަދި ބަލިވެގެން އަންނަ މީހާއަށް އޯގާތެރިކަމާއެކު ހޮސްޕިޓަލުތަކުންވެސް، ކްލިނިކްތަކުންވެސް ކަންތައްތައް ކޮށްދޭން އެބަޖެހެޔޭ. އެއީ، އަޅުގަނޑު ގަބޫލުކުރަނީ، އެއީ ބަލީގެ އެއްބައި. އާދެ، ފަރުވާގެ އެއްބައި އެއީ. ހިތްހަމަޖެހުމާއެކު، އޯގާތެރިކަމާއެކު، ކުލުނާއެކު މީހަކާ ދޭތެރޭގައި ކަންތައްތައް ކޮށްދެވޭ ކަމަށްވަންޏާ، ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ.

އެހެންވީމާ، މިއަދު އަޅުގަނޑު ހަމަ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދްމަތްތެރިންނަށް، ޞިއްޙީ ޚިދްމަތްތައްދޭ ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވާލަން އޮތީ، މި ކަންތައްތަކަށް އިތުރަށް ސަމާލުވެ، މީހުން ހިތްހަމަޖެހޭފަދަ ޚިދްމަތްތަކެއް، ފަރުވާތަކެއް ދިނުމަށްޓަކައި އަޅުގަނޑުމެން ކުރިއަށްވުރެ ބޮޑަށް ގަދައަޅައި މަސައްކަތް ކުރަން އެބަޖެހެޔޭ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު މާ ދިގުނުކޮށް، އެހެންނަމަވެސް، އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، ދިވެހި ސަރުކާރުން އަބަދުވެސް، ދިވެހިރާއްޖޭގެ ކޮންމެ މީހަކުވެސް އެކުރާ މަސައްކަތެއް، އަޅުގަނޑުމެން އެކަންތައް ވަރަށް ބޮޑަށް ފާހަގަކުރަމޭ. އަދި އަޅުގަނޑުމެން ގަބޫލުކުރަނީ ރާއްޖޭގެ ތަރައްޤީ، ރާއްޖޭގެ ހަމަޖެހުން، އަޅުގަނޑުމެންނަށް ލިބެން އޮތީ އެންމެން އެކުގައި ގުޅިގެން ކުރާ މަސައްކަތުންނޭ.

އަދިވެސް އެއްފަހަރު ހަމަ ދިވެހި ސަރުކާރުން މިބާވަތުގެ ކޮންމެ ކަމަކަށް ދެވެން އޮތް އެންމެހައި ފުރުޞަތުތައް ފުޅާކުރުމަށްޓަކައި ދެވެން އޮތް ކޮންމެ އެއްބާރުލުމެއް ދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދެމުން. އަދި، ވަކިން ޚާއްޞަކޮށް ޑޮކްޓަރ އިބްރާހީމްދީދީ އެ ކުރައްވާ މަސައްކަތް، މެދުކެނޑުމެއްނެތި ކުރައްވަމުން ގެންދަވާ މަސައްކަތަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް، މިފަދަ ކަމެއްގައި، ވަކިން ޚާއްޞަކޮށް، ޞިއްޙީ މިކަހަލަ ކަމެއް ހުޅުވުމުގެ މި ރަސްމިއްޔާތުގައި އަޅުގަނޑަށް ބައިވެރިވުމުގެ ފުރުޞަތު ލިބުނުކަމީ. އެކަމަށްޓަކައި، ޑޮކްޓަރ ޑީޑީއަށް ޝުކުރު ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.