މުޖްތަމަޢުގެ ތިޔާގިކަން އިތުރުވެގެންދާނީ، ވަކިވަކި ފަރުދުންގެ ޖީބަށް އެނގުންވެ، ފަތުރުވެރި މުވައްޒަފުންނަށް ލިބޭ އެއްޗެއް އިތުރުކުރެވިގެންކަމަށާއި، އެހެންކަމުން މި ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތުގެ ނާރެހަކީ، ސީދާ ރައްޔިތު މީހާގެ ޖީބުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ފަތުރުވެރިކަމުގެ ދުވަހުގެ ޙަރަކާތްތައް އިފްތިތާޙްކުރުމަށް ޖަޒީރާ ރާއްޖެ- މަގޭ ރާއްޖޭގެ ނަމުގައި މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންމެވެ.

މިރަސްމިއްޔަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ތަފާސްހިސާބުތަކަށް ބައްލަވާއިރު، ރާއްޖޭގެ ފަތުރުވެރިކަމަށް، ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެކަމަށާއި، މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް، ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު ވަނީ 18.7 އިންސައްތަ އިތުރުވެފައިކަން ފާހަގަކުރެއްވިއެވެ.

"ހަމައެއާއެކު، ބޭރުގެ އިންވެސްޓަރުންގެ މެދުގައި މިހާރު ވަނީ ރާއްޖެއާ މެދު އިތުބާރާއި ޔަޤީންކަން އުފެދިފައި. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމަށް، މިއަހަރުގެ ޖެނުއަރީން ފެށިގެން މިއަދާ ހަމައަށް، ބޭރުގެ 28 ހުށަހެޅުމެއް ސަރުކާރަށް ލިބިފައި އެބައޮތް. އޭގެ ތެރެއިން 23 އިންވެސްޓްމެންޓަކަށް ހުއްދަ ދޭން ސަރުކާރުން ނިންމާފައިވޭ. މިއީ ރާއްޖޭގައި ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޞުލްޙަޔާއި ހަމަޖެހުން ޤާއިމްވުމުގެ ނަތީޖާ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފަތުރުވެރި މުވައްޒަފުންގެ ދަފްތަރު އެކުލަވައިލުމުގެ މަސައްކަތް، ކުރިއަށް އޮތް ހައެއްކަ މަސްތެރޭގައި، ނިމިގެންދާނެކަމަށާއި، އޭރުން ފަތުރުވެރި މުވައްޒަފުންގެ ޙާލަތު ދެނެގަނެވި، އެމީހުންގެ ޚިދުމަތުގެ އަގު ވަޒަންކުރުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ފަސް ވަނަ މާސްޓަރ ޕްލޭނަށް އަލިއަޅުއްވާލައްވާފައި ވެއެވެ. އެގޮތުން، މި މާސްޓަރ ޕްލޭން އެކަށައެޅޭއިރު، ހުރިހާ އަތޮޅަކަށް ބެހިފައިވާ، ދެމެހެއްޓެނިވި ފަތުރުވެރިކަމަކަށް، މި ޞިނާޢަތުގެ މިސްރާބު ބަދަލުވެގެންދާނެކަމަށާއި، ބޮޑު ތިލަދުންމަތިން ފެށިގެން އައްޑޫއާއި ހަމައަށް ފަތުރުވެރިކަން ފުޅާވެގެންދާއިރު، ވަކިވަކި ފަރުދުންގެ ޖީބަށް ވަންނަ ޑޮލަރު، ވަރަށް ބޮޑަށް އިތުރުވެ، ޢާއިލާތަކަށް އުފާވެރިކަން ލިބިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި، ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއިންވެސް، 35000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ. ނަމަވެސް އެ ވަޒީފާތަކުން ދިވެހިންނަށް މަންފާއެއް ކުރާނީ، އެ ވަޒީފާތަކަށް ޤާބިލް ދިވެހިންތަކެއް ތަމްރީންކޮށް، މި ޞިނާޢަތަށް އަހުލުވެރި ކުރެވިގެން. އެއީ ފަތުރުވެރިކަމާ ގުޅޭ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ވަރަށް މުހިންމު މަސައްކަތެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ފަތުރުވެރިކަން ކުރިއެރުވޭނީ، މި ޞިނާޢަތުގައި ޙަރަކާތްތެރިވާ ވިޔަފާރިވެރިންނަށް، މިހާރު ދިމާވާ ދަތިތައް ޙައްލުކޮށްދީ، ލުއި ގޮތްތައް ހޯދައިދީގެންކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރުގެ އަމާޒަކީ ސަރުކާރާއި، ފަތުރުވެރި ވިޔަފާރިވެރިން ގުޅިގެން، މިކަންކަން ޙައްލުކޮށް މިޞިނާޢަތު ކުރިއެރުވުންކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރަށު ފަތުރުވެރިކަން ތަރައްޤީކޮށް ފުޅާކުރުމަށްޓަކައި މީހުން ދިރިއުޅޭ، ބިން ބޮޑެތި ރަށްރަށުގައި، ރަށު ފަތުރުވެރިކަން ތަރައްޤީކުރުމުގެ ގޮތުން، ބީލަމުގެ އުޞޫލުން ބިންތަކެއް ދޫކުރުމަށް ސަރުކާރުން މިއަދު ނިންމާފައިވާކަން އިޢުލާން ކުރެއްވިއެވެ.

"މިވަގުތު އަޅުގަނޑުމެން މި ނިންމީ 11 ރަށަކުން ބިންތަކެއް ދޫކުރަން. އެއީ ހއ. ފިއްލަދޫން ދައްޕަރު ސަރަޙައްދު، ހއ. އުލިގަން، އަދި ހއ. ކެލާގެ އިތުރުން، އައްޑޫ ސިޓީގެ 6 ރަށަކާއި ލ. ގަމާއި ފުވައްމުލަކު ތުނޑީ ސަރަޙައްދު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ވަނީ އިފްތިތާޙުކޮށްދެއްވައިފައެވެ. މީގެއިތުރުން މިރޭ އިފްތިތާޙް ކުރި "ވޯޓަރ ސޭފްޓީ ޕްރޮގްރާމް" އިފްތިތާޙް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މިރޭގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ދަފުތަރު އިފްތިތާޙް ކުރުންވެސް އޮތެވެ. މިނަންބަރު ފުރިހަމަ ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.