بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު، ދައުލަތުގެ ވަޒީރުން، މަޓީގެ ޗެއަރމަން މުޙައްމަދު ޢުމަރު މަނިކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ އިސް ބޭފުޅުން އަދި ހީވާގި މުވައްޒަފުން، ލޮބުވެތި ރައްޔިތުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

 

މިރޭގެ މި ޙަފްލާއާ އަޅުގަނޑުމެން މި ބައްދަލުކުރަނީ، ވަރަށް އުފާވެރި އިޙްސާސްތަކަކާއެކު. އާދެ! އެއީ ރައްޔިތުން ގެނައި، ހެޔޮ ބަދަލުގެ ނަތީޖާ، އަޅުގަނޑުމެންނަށް ފެންނަން ފަށައިފި ކަމުގެ އިޙްސާސްތަކާއެކު. އަޅުގަނޑު ދަންނަވަން މިއުޅެނީ، ރާއްޖެއަށް މިއައި ހެޔޮ ބަދަލުގެ ސަބަބުން، ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވެ، އިންވެސްޓަރުންގެ މެދުގައި އިތުބާރު އުފެދެމުން އަންނަ ވާހަކަ.


ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ފަތުރުވެރިކަމަށް، މި އަހަރުގެ މިހާތަނަށް، ވަރަށްބޮޑު ކުރިއެރުމެއް ލިބިއްޖެ. މިދިޔަ އަހަރާ އަޅައިބަލާއިރު، މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް، ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު ވަނީ 18.7 އިންސައްތަ އިތުރުވެފައި.


ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު އިތުރުވުމާ ގުޅިގެން، މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، ފަތުރުވެރިކަމުން ލިބުނު އާމްދަނީ، 1.1 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ.


ހަމައެއާއެކު، ބޭރުގެ އިންވެސްޓަރުންގެ މެދުގައި މިހާރު ވަނީ ރާއްޖެއާމެދު އިތުބާރާއި ޔަޤީންކަން އުފެދިފައި. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރުމަށް، މި އަހަރުގެ ޖަނަވަރީން ފެށިގެން މިއަދާ ހަމައަށް، ބޭރުގެ 28 ހުށަހެޅުމެއް ސަރުކާރަށް ލިބިފައި އެބައޮތް.


އޭގެ ތެރެއިން 23 އިންވެސްޓްމެންޓަކަށް ހުއްދަ ދޭން ސަރުކާރުން ނިންމާފައިވާއިރު، 17 އިންވެސްޓްމެންޓެއް މިހާރު ވާނީ ރަޖިސްޓްރީ ކޮށްދީފައި. އަދި މި މުއްދަތުގެ ތެރޭގައި ދުނިޔޭގެ 13 ޤައުމަކުން ރާއްޖޭގައި އިންވެސްޓް ކޮށްފި. މިއީ ރާއްޖޭގައި ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޞުލްޙަޔާއި ހަމަޖެހުން ޤާއިމުވުމުގެ ނަތީޖާ.


އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި، ތަރައްޤީ ކުރުމުގެ ބުރަ އުފުއްލަވާ ހުރިހާ ބޭފުޅުން އެ ކުރައްވާ މަސައްކަތުގެ އަގު ވަޒަންކޮށް، ޝުކުރު ދަންނަވަން. އަދި މި ދާއިރާގައި ޙަރަކާތްތެރިވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކުބާދީ ދަންނަވަން.


ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި، ރާއްޖޭގެ ފަތުރުވެރިކަން މިހާރު ވަނީ، ވަރަށް މަތީ މަޤާމެއް ޙާޞިލުކޮށްފައި. އެކަމުގެ ހުރިހާ ފަޚުރަކާއި ޝަރަފެއްގެ ޙައްޤުވެރީންނަކީ، މި ޞިނާޢަތު ކޮޅަށް ޖެހުމުގައި، އެކި މަރުޙަލާތަކުގައި މަސައްކަތްކުރި ހުނަރުވެރި ދިވެހިން. ޖަޒީރާވަންތަ ފަތުރުވެރިކަމުގެ ނަމޫނާއެއްގެ ގޮތުގައި ދުނިޔެ ބަލައިގެންފައިވަނީ، އަޅުގަނޑުމެން ދިވެހީންގެ އަމިއްލަ އުފެއްދުމެއް.


މިއީ ހަމަގައިމުވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. މި ޞިނާޢަތުގައި 40 އަހަރަށްވުރެ ގިނަ އަހަރުވީ ދިވެހީން އެބަތިބި. އެމީހުންގެ މުޅި ދިރިއުޅުން ޤުރްބާންކުރީ ފަތުރުވެރިކަން ދިރުވައި އާލާކުރުމުގައި. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން، ދުނިޔޭގެ ފެންވަރުގެ ވިޔަފާރި މަރުކާއަކަށް ހަދައިދިން މީހުންގެ އަގު، ފުރިހަމައަށް ވަޒަންނުކުރެވޭކަން، އަޅުގަނޑު ހިތާމައާއެކު ފާހަގަކުރަން.


އަލަށް މި އެކުލަވައިލެވޭ ފަސް އަހަރުގެ މާސްޓަރ ޕްލޭންގައި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ހުރި ގޮންޖެހުންތަކާއި، ދަތިތަކާއި، މި ދާއިރާއަށް ހުނަރުވެރި މުވައްޒަފުން ހޯދުމާއި، ރާއްޖެއަކީ ފަތުރުވެރިންނަށް އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމާއި، ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާވެގެންދާއިރު، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އަމާޒުހިފުން، އެ މާސްޓަރ ޕްލޭންގައި ހިމެނިފައިވާނެ.


ފަތުރުވެރި މުވައްޒަފުންގެ ދަފްތަރު އެކުލަވައިލުމުގެ މަސައްކަތް، އަޅުގަނޑު މި ދެންނެވި ޕްލޭންގެ ދަށުން ކުރިއަށް އޮތް ހައެއްކަ މަސްތެރޭގައި، އިރާދަކުރެއްވިއްޔާ ނިމިގެންދާނެ. އޭރުން ފަތުރުވެރި މުވައްޒަފުންގެ ޙާލަތު ދެނެގަނެވި، އެމީހުންގެ ޚިދުމަތުގެ އަގު ވަޒަންކުރުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ.


މި ޖަޒީރާތަކުގެ މެހްމާންދާރީއަށް އެދިގެން އަންނަ ކޮންމެ ފަތުރުވެރިއަކަށް، ރާއްޖެއަކީ، އެމީހުންގެ ޤައުމަށްވުރެވެސް އަމާން ތަނެއްކަން އިޙްސާސްކޮށްދިނުމަކީ، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް. އެ ސިޔާސަތުގެ ދަށުން، ގެސްޓްހައުސް ހިންގާ ރަށްރަށުގައި، ސޭފްޓީ ބޯޑް ބެހެއްޓުމުގެ މަސައްކަތް މިހާރުވެސް ވާނީ ފަށާފައި. އަދި މި އަހަރުގެ ތެރޭގައި، ޓޫރިސްޓް ސްކައުޓުން ތަމްރީނުކޮށް، އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން، އެ ޚިދުމަތް ދޭން ފެށޭނެ.


ދެމެހެއްޓެނިވި ފަތުރުވެރިކަމަކަށް އަޅުގަނޑުމެން އަމާޒު ހިފާއިރު، އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ތިމާވެށި ޙިމާޔަތް ކުރުމަށް. މިދިޔަ ސަރުކާރުގައި ރިޒޯޓް ހަދަން ދޫކުރި ރަށްރަށުގެ ތެރެއިން، ގއ. އޮޑެގައްލާ އަދި ބ. އިންނަފުށީގައި ރިޒޯޓް ތަރައްޤީ ކުރަން ހެދި ލީސް އެގްރީމެންޓް، މި ސަރުކާރުން އުވައިލަން ނިންމީ، މި ދެންނެވި ސަބަބުތަކަށްޓަކައި.


ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ތަރައްޤީ ކުރެވޭނީ، ފަތުރުވެރި ދިވެހި މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއަހައިގެން. އެމީހުންގެ އެންމެ ބޮޑު ޝަކުވާއަކީ، މަޤާމުގެ ނިސްބަތުން ބަލާއިރު، ބިދޭސީންނާއި ދިވެހިންނާ ދެމެދު، ބައެއް ރިޒޯޓްތަކުގައި މުސާރައިގެ ތަފާތުކުރުން ގެންގުޅުން. އަނެއްކަމަކީ، ފަތުވެރިކަމުގެ މަތީ ވަޒީފާތައް، ދިވެހީންނަށް ލިބުން މަދުވުން.


ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރިޔަސް، އެންމެންގެވެސް ކަންބޮޑުވުން މި އުފެދެނީ، ޖީބަށް ވަންނަ މިންވަރާ ގުޅިގެން. ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ޖަމުޢިއްޔާއިން މި އަހަރަށް ކަނޑައެޅި ޝިޢާރުވެސް އަމާޒުކޮށްފައިވަނީ، މި ދެންނެވި ކަންބޮޑުވުންތައް ޙައްލުކުރުމަށް ވިސްނައިގެން. އެ ޝިޢާރަކީ؛ "ފަތުރުވެރިކަމާއި ވަޒީފާތައް: ބާއްޖަވެރި ކުރިމަގެއް އެންމެންނަށް."


އަޅުގަނޑުމެން އަބަދުވެސް މި ބުނަނީ، މުޖްތަމަޢުގެ ތިޔާގިކަން އިތުރުވެގެންދާނީ، ވަކިވަކި ފަރުދުންގެ ޖީބަށް އެނގުން ވެގެންނޭ. ޢާއިލާތަކަށް އުފާވެރިކަން ލިބޭނީ، ފަތުރުވެރި މުވައްޒަފުންނަށް ލިބޭ އެއްޗެއް އިތުރުކުރެވިގެންނޭ. އެހެންވީމާ، މި ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތުގެ ނާރެހަކީ، ސީދާ ރައްޔިތު މީހާގެ ޖީބު.


މި ރާއްޖޭގައި މަދުން ނަމަވެސް، ސަގާފީ އަދި އާސާރީ ބިނާތައް އެބަހުރި. ދިވެހީންގެ ސަގާފީ އެތައް ކުޅިވަރުތަކެއް އެބަހުރި. ދިވެހީންގެ ފަންނީ ހުނަރުތަކާއި، ޚާއްޞަ މަސައްކަތްތައް އެބަހުރި. ފަތުރުވެރިކަމުގެ ޞިނާޢަތާ ލާމެހިގެންދާނެ ގޮތަކަށް، އެކަންކަން ދިރުވައި އާލާކުރެވިއްޖެނަމަ، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، ރައްޔިތުން ބާރުވެރިވެގެންދާނެ.


މުޅި ރާއްޖެއަށް ބަލާއިރު، ފަތުރުވެރިކަމުގައިވެސް، މި ރާއްޖޭގެ ބޭނުންކުރެވޭ ބަޔަށްވުރެ، ނުކުރެވޭ ބައި އަދިވެސް މާ ބޮޑު. ރާއްޖޭގެ ކަނޑޫފާތަކާއި، ކުޅިތަކާއި ޗަސްބިންފަދަ ތަންތަނަކީ، މި ރާއްޖޭގެ ޤުދްރަތީ ތަރިކަ. އެފަދަ ތަންތަން ސަރުކާރުން ޙިމާޔަތް ކުރާނީ، އެތަންތަނުން ލިބެން އޮތް އެންމެ ބޮޑު މަންފާއެއްވެސް ލިބޭނެގޮތަށް ބަލައިގެން.


ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި، ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއިންވެސް، 35000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ. ނަމަވެސް އެ ވަޒީފާތަކުން ދިވެހިންނަށް މަންފާއެއް ކުރާނީ، އެ ވަޒީފާތަކަށް ޤާބިލް ދިވެހިންތަކެއް ތަމްރީނުކޮށް، މި ޞިނާޢަތަށް އަހުލުވެރި ކުރެވިގެން. އެއީ ފަތުރުވެރިކަމާ ގުޅޭ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ވަރަށް މުހިންމު މަސައްކަތެއް.


ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އެކަށައެޅޭއިރު، ހުރިހާ އަތޮޅަކަށް ބެހިފައިވާ، ދެމެހެއްޓެނިވި ފަތުރުވެރިކަމަކަށް، މި ޞިނާޢަތުގެ މިސްރާބު ބަދަލުވެގެންދާނެ. ބޮޑު ތިލަދުންމަތިން ފެށިގެން އައްޑުއަށް ފަތުރުވެރިކަން ފުޅާވެގެންދާއިރު، ވަކިވަކި ފަރުދުންގެ ޖީބަށް ވަންނަ ޑޮލަރު، ވަރަށް ބޮޑަށް އިތުރުވެ، ޢާއިލާތަކަށް އުފާވެރިކަން ލިބިގެންދާނެ.


އިތުރު ރިޒޯޓްތަކާއި ގެސްޓްހައުސްތައް ހުޅުވެމުންދާއިރު، ބައިނަލްއަޤްވާމީ ބާޒާރުގައި ރާއްޖެ އިޝްތިހާރު ކުރުމަށްވެސް، ސަރުކާރުން މި އަންނަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުން. އެކަމަށްޓަކައި ބޮޑު ބަޖެޓެއް ކަނޑައަޅައި، ކަމާގުޅޭ މުއައްސަސާތައް ގުޅިގެން، މިހާރުވެސް އެ އަންނަނީ މަސައްކަތް ކުރަމުން.


ނަމަވެސް، ފަތުރުވެރިކަން ކުރިއަރަމުންދާ މިންވަރާ ގާތަށްވެސް، ވައިގެ ބަނދަރު ތަރައްޤީވެފައި ނެތުމަކީ ވަރަށްބޮޑު ގޮންޖެހުމެއް. އެކަން ޙައްލުކުރުމަށްޓަކައި، ހުޅުލޭ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ވާނީ ވަރަށް ބޮޑަށް ހަލުވިކުރެވިފައި. އަދި މިހާރު ހަދަމުން އަންނަ ރިޒޯޓްތައް ނިމެންވާއިރަށް، ސަރަޙައްދީ އެއަރޕޯޓްތައް ހުޅުވުމަށްވެސް، ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން.


ސަރުކާރަށް މިވީ ކުރު މުއްދަތުގެ ތެރޭގައި، ފަތުރުވެރިކަމަށް ހެޔޮ ބަދަލުތަކެއް އައި ފަދައިން، ރައްޔިތުންނަށްވެސް ވަރަށްބޮޑު ކުރިއެރުންތަކެއް ލިބިއްޖެ. އެންމެބޮޑު ކުރިއެރުމަކީ، އެއްވެސް ރައްޔިތެއްގެ ޙައްޤެއް، ސަރުކާރުން ނިގުޅައިނުގަންނާނެ ކަމުގެ ޔަޤީންކަން ލިބުން. އަޅުގަނޑުމެން މިއަދު މި އިޙްސާސްކުރާ ހަމަޖެހުމާއި އަމާންކަމުގެ ސިއްރަކީ އެއީ.


މި ސަރުކާރު ފެށުނު ފަހުން، ދައުލަތުގެ މާލީ ހިސާބުތައް، އަޅުގަނޑުމެން މި އަންނަނީ މަހަކު އެއްފަހަރު ޢާންމު ކުރަމުން. ދައުލަތަށް ލިބޭ އާމްދަނީއާއި، ކުރެވޭ ޚަރަދުތައް، ރައްޔިތުންނަށް މިހާރު ދާނީ އޮޅުންފިލަމުން. ސަރުކާރުން ހިންގާ މަޝްރޫޢުތައް، ރައްޔިތުންނަށް ހާމަވެ، ހެޔޮ ވެރިކަމެއްގެ އިޙްސާސް މިހާރު ކުރެވޭނެ.


އަޅުގަނޑުމެން ދައުލަތް ހިންގުމާ ޙަވާލުވިއިރު، ފަތުރުވެރިކަމުން ދައުލަތަށް ލިބުނު ފައިސާތައް، ވަކި ބަޔަކު ދިޔައީ ނާޖާއިޒު ގޮތުގައި ބޭނުންކުރަމުން. ފަތުރުވެރިކަމަށް އިންވެސްޓް ކުރި އަނެއްބަޔަކު ތިބީ، ސަރުކާރުން ކުރި ޖޫރިމަނާތަކާހެދި ދަރަނިވެރިވެ، ގޮތް ހުސްވެފައި. ރިޒޯޓް ހަދަން ދޫކުރި 70 ވަރަކަށް ރަށް، ނުނިމި އޮންނަތާ އެތައް އަހަރެއް ވެއްޖެ.


އަޅުގަނޑުމެންނަށް މިވަގުތަށް މުހިންމީ، ބަޔަކު ކުށްވެރިކޮށް ޖޫރިމަނާ ކުރުމެއް ނޫން. ދެވެން އޮތް ލުޔެއް ދީގެންވިޔަސް، ވީހާ އަވަހަކަށް އެ ރަށްތައް ހުޅުވޭނެގޮތްވުން މާ މުހިންމު. ފަތުރުވެރިކަން ކުރިއެރުވޭނީ، މި ޞިނާޢަތުގައި ޙަރަކާތްތެރިވާ ވިޔަފާރިވެރިންނަށް، މިހާރު ދިމާވާ ދަތިތައް ޙައްލުކޮށްދީ، ލުއި ގޮތްތައް ހޯދައިދީގެން. އަޅުގަނޑުގެ އަމާޒަކީ ސަރުކާރާއި، ފަތުރުވެރި ވިޔަފާރިވެރިން ގުޅިގެން، މިކަންކަން ޙައްލުކޮށް މި ޞިނާޢަތު ކުރިއެރުވުން.


އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން އަދި އެއް ވާހަކައެއް ދަންނަވާލަން ޤަޞްދު ކުރަން. އެއީ ރަށު ފަތުރުވެރިކަން ތަރައްޤީކޮށް ފުޅާކުރުމަށް، މުޅިން އައު ނިންމުމެއް އަޅުގަނޑުމެން މިއަދު ނިންމި ވާހަކަ. މީހުން ދިރިއުޅޭ، ބިން ބޮޑެތި ރަށްރަށުގައި، ރަށު ފަތުރުވެރިކަން ތަރައްޤީ ކުރުމަށްޓަކައި، ބީލަމުގެ އުޞޫލުން ބިންތަކެއް ދޫކުރުމަށް އަޅުގަނޑުމެން މިއަދު ވާނީ ނިންމާފައި.


މިވަގުތު އަޅުގަނޑުމެން މި ނިންމީ 11 ރަށަކުން ބިން ދޫކުރުމަށް. އެއީ ހއ. ފިއްލަދޫން ދައްޕަރު ސަރަޙައްދު، ހއ. އުލިގަން، އަދި ހއ. ކެލާގެ އިތުރުން، އައްޑޫ ސިޓީގެ 6 ރަށަކާއި، ލ. ގަމާއި، ފުވައްމުލަކު ތުނޑީ ސަރަޙައްދު. މާތް ﷲގެ ވާގިފުޅާއެކު، މިއީވެސް އަޅުގަނޑުމެންގެ ޤައުމީ ތަރައްޤީއަށް މުހިންމު މަސައްކަތަކަށް ވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން.


އަޅުގަނޑުގެ ދުޢާއަކީ، މި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް، ސަރުކާރާއި ރައްޔިތުން ގުޅިގެން މިކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި ކާމިޔާބު ދެއްވުން. ދިވެހިރާއްޖެއަކީ އަބަދުވެސް ޞުލްހަވެރި ރައްޔިތެއް ދިރިއުޅޭ، މި ރާއްޖެއަށް ޒިޔާރަތްކުރާ މެހުމާނުންނަށް ރައްކާތެރި އަމާން ޤައުމެއް ކަމުގައި ލެއްވުން. ދިވެހީންނަށް އަބަދުމެ ކާމިޔާބާއި ހެޔޮ ގޮތްތައް މިންވަރު ކުރައްވާށި! އާމީން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.