އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައި.އޯ.އައި.ޖީ) ގައި ރާއްޖެ ތަމްސީލުކޮށް ކުޅުންތެރިން ހޯދި ރީތި ނަމާއި ކާމިޔާބީ ކުލަގަދަކޮށް ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ދިވެހި ޓީމުތަކާއި ކުޅުންތެރިންނަށް މަރުޙަބާ ދަންނަވައިފިއެވެ.

ޢިއްޒުއްދީން ފާލަން ސަރަހައްދުގައި މިއަދު ހަވީރު ބޭއްވެވި މަރުޙަބާ ކިޔުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމާއި ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމާއި، ރައްޔިތުންގެ މަޖްލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި 2023 ވަނަ އަހަރުގެ އައި.އޯ.އައި.ޖީ ގެ ބިޑް ރާއްޖެއަށް ކާމިޔާބުކުރެވިފައިވާތީ، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވަނީ ގޭމްސްގެ ދިދަ ރައީސުލްޖުމްހޫރިއްޔާގެ އައްޕުޅަށް އަރުވާފައެވެ.