މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި، މަގުމަތީގައި ދުއްވާއެއްޗެހި ދުއްވުމުގައި އެކަކު އަނެކަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ދަރިވަރުންނަށް އަމާޒުކޮށްގެން މިއަދު ފެށި "ރޯޑް ސޭފްޓީ ކެމްޕޭން" އިފްތިތާޙްކުރުމަށް ހިރިޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވައި މަގުމަތީގެ ޤަވާއިދުތަކަށް އަހުވެރިކުރުވުމުގެ މަޤުޞަދުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ކުރިއަށްގެންދާ "ރޯޑް ސޭފްޓީ ކެމްޕޭން" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވެގެން ދިޔުމަކީ މުޅި މުޖުތަމަޢަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވާފައެވެ. މި ގޮންޖެހުންތަކުން އަރައިގަނެ ސަރުކާރުން ފަށާފައިވާ މި ޕްރޮގްރާމް ކާމިޔާބުކުރެވެން އޮތީ މަގުމަތީގެ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދީ، އެންމެން އެއްބާރުލުންދީގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ދަރިވަރުންނަށް ފިލާވަޅުތަކެއް ނަގައިދެވޭނީ ކްލާސްރޫމްގެ ތެރެއިން އެކަނި ނޫން ކަމަށާއި މިއަދު ހިނގަމުން މިދާ ޙަރަކާތަކީ ވެސް ކްލާސްރޫމުން ބޭރުގައި ދަރިވަރުންނަށް ދަސްކޮށްދެވޭ ވަރަށް މުހިންމު ފިލާވަޅެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރަނގަޅު ޖީލެއް ބިނާކޮށް މުޖުތަމަޢު އަމާން ތަނަކަށް ހެދުމަށްޓަކައި ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާ މުދައްރިސުން ކުރާ މަސައްކަތް ފާހަގަކުރައްވައި، ދަރިވަރުންނާއި ރައްޔިތުންގެ ނަމުގައި މުދައްރިސުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ނޭޝަނަލް ރޯޑް ސޭފްޓީ އެކްޝަން ޕްލޭނެއް އެކުލަވާލައި ސަރުކާރުން ކުރިއަށް ގެންދާ ރޯޑް ސޭފްޓީ ކެމްޕޭނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި މަގުމަތީގެ ޤަވާއިދުތަކަށް ރައްޔިތުން އަޙުލުވެރިކުރުވުމުގެ ގޮތުން ނޭޝަނަލް ރޯޑް ސޭފްޓީ އެކްޝަން ޕްލޭނާ އެއްގޮތަށް ހިންގާ ދިގުމުއްދަތުގެ ކެމްޕޭނެކެވެ.