بســم اللّـه الرّحمـن الرّحيــم

އަޅުގަނޑު މީޑިއާގެ ބޭފުޅުން މެދުވެރިކޮށް، ދިވެހި ރައްޔިތުންނާ މިއަދު މި ބައްދަލުކުރަނީ، މުޚާޠަބު ކުރަނީ، މިހާރު ރާއްޖޭގައި ހިނގައިގެން މިދިޔަ ކަންތައްތަކާ ބެހޭގޮތުން ބައެއް މަޢުލޫމާތު ދިވެހި ރައްޔިތުންނާ ޙިއްޞާކުރަން.

އާދެ، ދިވެހިރާއްޖޭގެ ނައިބު ރައީސް އިއްޔެ ޗައިނާގެ ދަތުރުފުޅު ނިންމަވާފައި މާލެ ވަޑައިގެންނެވިތަނުން ނައިބު ރައީސް ވަނީ ހައްޔަރުކުރެވިފައި. ޤައުމެއްގެ ނައިބު ރައީސް ހައްޔަރުކުރެވިގެން ދިޔައިމާ، ރައްޔިތުންނަށް އޮޅުންފިލުވައިދޭންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ.

އާދެ، ހަމައެއާއެކީ ދަންނަވާލަން ބޭނުންވަނީ، ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު، ދިވެހިރާއްޖޭގައި ހިނގައިދިޔަ ހިތްދަތި ޙާދިޘާއަކީ ބަޔަކު ރާވައިގެން ގަސްދުގައި ދިން ވަރުގަދަ ޢުދުވާނީ ޙަމަލާއެއް ކަމަށް މިހާރު ކަށަވަރު ކުރެވޭތީއާއެކީ، މިހާރު ހިނގަމުންދާ ތަޙުޤީޤާ ބެހޭވެސް ކޮންމެވެސްވަރެއްގެ މަޢުލޫމާތު، ތަޙުޤީޤަށް ހުރަސްނޭޅޭ މިންވަރަކަށް އަޅުގަނޑު ދިވެހި ރައްޔިތުންނާ ޙިއްޞާކޮށްލަން ބޭނުމޭ.

އަޅުގަނޑު ޕޮއިންޓް ފޯމަށް ބައެއް ވާހަކަތައް ދަންނަވާލާނަން. އަޅުގަނޑު ދަންނަވާލާ ވާހަކަތަކުގެ ތެރޭގައި ދަންނަވަން އަޅުގަނޑު ބޭނުންވާ ކަންތައްތައް ތަރުތީބުން މި ދަންނަވާލަނީ. ފުރަތަމަ ކަމަކީ، އަޅުގަނޑުގެ ސަރުކާރުގައި ނިންމާފައި އޮންނާނީ، ވަޒީރުންނާއި ފުލުހުންގެ މުއައްސަސާއާ ދޭތެރޭގައި އެއްވެސް ކަހަލަ ގާތް ގުޅުމެއް ނުބޭއްވުމަށް. އަދި ހަމައެހެންމެ، ނައިބު ރައީސަކީވެސް ފުލުހުންގެ މުއައްސަސާއަކާ އެއްވެސް ކަހަލަ ގުޅުމެއް އޮންނަ ފަރާތެއްގެ ގޮތަކު ނޫން ހަމަޖެހިފައި އޮތީކީ. ފުލުހުންގެ މުއައްސަސާއަކީވެސް، އެމް.އެން.ޑީ.އެފް އަކީވެސް ޕްރޮފެޝަނަލްކޮށް ހިނގާ ދެތަނުގެ ގޮތުގައި ބާއްވަން އެއީ، އަޅުގަނޑު ޒަޢާމަތާ ޙަވާލުވީއްސުރެ، އެކަން ނިންމާފައި އޮތްގޮތް. އެތަންތަނުން ކުރަންޖެހޭ ކަންތައްތައް އެތަންތަނުން ކުރަމުން ގެންދާނީ، އެތަންތަން ބަލަހައްޓަން ތިބި ވެރިންގެ ނިންމުމުގެ މަތިން. އަދި ރައީސަށް ރިފަރ ކުރަންޖެހޭ ކަމެއް، އޭގެފަހުން ރިފަރ ކުރާނީ ރައީސަށް.

އެހެން ނަމަވެސް މި ޙާދިޘާ ހިނގާދިޔުމާ ގުޅިގެން، ތަޙުޤީޤު ކުރަމުން އައިސް، މިއަދާ ހަމަޔަށް އައިއިރު، ކަންކަން ހިނގާފައި އޮތްގޮތަށް ރިޢާޔަތް ކުރާއިރު، އަޅުގަނޑަށް ފެނިގެން ދިޔައީ، އަޅުގަނޑު ޙައިރާންވާ ކަހަލަ ގޮތަކަށް ކަންތައްތައް ހިނގާފައި އޮތްތަން. މުޅި ފުލުހުންގެ މުއައްސަސާއަކީ ނައިބު ރައީސްގެ ނުފޫޒާއި ބާރު ވަރަށް ބޮޑަށް ފެތުރިފައި އޮތް ތަނެއް ގޮތަށް އަޅުގަނޑަށް ފާހަގަކުރެވިގެންދިޔައީ. މިއީކީ އެކަން އެގޮތަށް އޮންނަން އަޅުގަނޑު އެދޭ ގޮތެއް ނޫން. އެކަން ވެފައި އޮތް ގޮތެއް ކަމަށް އަޅުގަނޑުމެންނަށް މިހާރު ފެނިގެން މިދަނީ، ފުލުހުންނަށް ބޭނުންވާ އެކިއެކި ރަސްމީ ނުރަސްމީ ވަސީލަތްތައް، ނައިބު ރައީސް ވަނީ ފުލުހުންނަށް ފަހިކޮށްދެއްވާފައިވާތަން، ސަރުކާރުގެ ބަޖެޓުން ބޭރުން. މިއީ، އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެއް. ދެން އަޅުގަނޑަށް ފާހަގަކުރެވިގެންދިޔައީ، މި ތަޙުޤީޤު ކުރަމުން ދިޔައިރު، ތަޙުޤީޤަކީ ފުލުހުން ކުރާ ތަޙުޤީޤަކަށް ވެގެންދިޔައިރު، ތަޙުޤީޤުގެ އެކިކަހަލަ ކަންތައްތަކުގައި، ދަތިތަކާއި ހުރަސްތަކާ ކުރިމަތިލާންޖެހުން.

މީގެތެރޭގައި، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ތަޙުޤީޤުގެ ބޭނުމުގައި ހައްޔަރު ކުރެވިފައި ތިބި އެކިއެކި ފަރާތްތައް، ހައްޔަރު ކުރެވިފައި ތިބި ގޮތާ ބެހޭގޮތުންވެސް ސުވާލުތައް އުފެދެމުންދާތަން. އަދި އަޅުގަނޑަށް ފެނިގެންދިޔައީ، ތަޙުޤީޤުކުރާ ފަރާތްތަކުން އަޅުގަނޑަށް މަޢުލޫމާތު ދެމުން ގެންދިޔައީ، ތަޙުޤީޤަށް ހުރަސްއެޅޭ އެތަކެއް ކަންތައްތަކެއް މެދުވެރިވަމުންދާކަމަށް. އޭގެތެރޭގައި، ހެކި ނައްތައިލަން ވަރަށްގިނަ މަސައްކަތް މިވަނީ ކުރެވިފައި. ތަންތަން ސާރޗް ކުރަން، ބަލައި ފާސްކުރަން ކޯޓުގެ އަމުރު ހިފައިގެން ދިޔައިމާ، އެތަންތަނުން ބަލައި ފާސްކުރުމުގެ ދަތިތަކެއް ފުލުހުންނަށް މެދުވެރިކުރުވާފައި ހުރި ތަން. ބަލައި ފާސްކުރަންދަނީ ތަޙުޤީޤާއި އަދި ތަޙުޤީޤުގެ ބޭނުމަށް ހައްޔަރު ކުރެވިފައި ތިބި މީހުންނާ ގުޅުންހުރި ތަންތަނަށް. އެހެންވީމާ، އެތަންތަނަށް ދާއިރު، ފުލުހުންނަށް، ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ދަތިވާގޮތަށް ކަންތައްތައް ކުރެވިފައި ހުރީ. އަދި މިތަންތަނަށް ދާއިރު، މިތަންތަނާ މީގައި އިންވޯލްވާ ފަރާތްތަކާ ހުރި ގުޅުން މިހާރު މީޑިއާގެ ފަރާތުން ދިވެހި ހުރިހާ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ. ހިތާމަޔަކީ މި ތަޙުޤީޤަށް ހުރަސްއަޅަން މި ދިމާވަނީ ކީއްވެގެންތޯ؟ މި ތަޙުޤީޤަށް ހުރަސްއަޅަން ދިމާވާ ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑަށް ގަބޫލުކުރެވެނީ، ތަންތަން ބަލައި ފާސްކުރަން ދާއިރު، އެތަންތަނުގެ ވެރިފަރާތްތަކަށް ތަންތަން ބަލައި ފާސްކުރަން ދާކަން މިއޮންނަނީ ދުރާލައި އެނގިފައި. މިކަހަލަ ކަންތައްތަކެއް ދިމާވީމާ، އަޅުގަނޑުމެންނަށް ތަޙުޤީޤު ކުރާ ފަރާތްތަކަށް ކަށަވަރުވެގެން މިދިޔައީ، މި ތަޙުޤީޤަކީ އެހާ ފަސޭހައިން، އެހާ އަވަހަށް ނިންމޭނެ ތަޙުޤީޤަކަށް ނުވާނެ ކަމަށް. އެވިޑެންސްގެ ގޮތުގައި ލިބެންހުރި، ނޫނިއްޔާ ލިބޭނެ ވަރަށްގިނަ އެވިޑެންސް މިވަނީ ނެތި ގޮސްފައި.

ހަމައެއާއެކީ، ދަންނަވާލަން އޮތް އަނެއް ވާހަކައަކީ، މިހާރު ތަޙުޤީޤުގެ ބޭނުމަށް ހައްޔަރު ކުރެވިފައި ތިބި މީހުންނަކީ، ހައްޔަރު ކުރަން ޖެހިގެން ހައްޔަރު ކުރެވިފައި ތިބި މީހުން. އެ ހައްޔަރު ކުރަންޖެހުނު ސަބަބުތައް، މީޑިއާގައި ކޮންމެވެސްވަރަކަށް އެބަހުރި އައިސްފައި. އެހެންނަމަވެސް، އޭގެ ކޮންމެވެސްވަރެއްގެ ތަފްޞީލެއް އަޅުގަނޑު ދަންނަވާނަން. މި ޙާދިޘާ ހިނގުމާ ގުޅިގެން، ލޯންޗް ބަލައި ފާސްކުރަން އެރި މީހުން، ކުރަންނުޖެހޭ ކަންތައްތަކެއް ކޮށްފައި ހުރި ކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ. ތަޙުޤީޤަށް ގަބޫލުކުރެވޭ. އެހެންވެގެން، ލޯންޗް ބަލައި ފާސްކުރަން އެރި މީހުންނާ ދޭތެރޭގައި ފުލުހުން ސުވާލު އެ ކުރަނީ. އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް އެ ގެނައި ސިފައިންނަކީ، ސިފައިން އެވަގުތު ލޯންޗް ބަލައި ފާސްކުރަން ކުރަންޖެހޭ ކަންތައްތަކަށްވުރެ އިތުރު ކަންތައްތައް ކުރީމާ، ކީއްވެގެންތޯ އިތުރު ކަންތައްތައް ކުރަންޖެހުނީ، ސުވާލު ކުރުމަށް. ލޯންޗުގައި ހުރި ފޮރެންސިކް މަޢުލޫމާތު ނެގުމާއި، ލޯންޗު ބަލައި ފާސްކުރުމަކީ ފުލުހުން ކުރަންޖެހޭ ކަމެއް. އެއީ އެއްގޮތަކަށްވެސް އެ ލޯންޗަށް އެރި ސިފައިންގެ ދެމީހުން ކުރަންޖެހޭ ކަމެއް ނޫން. ލޯންޗް އޮތީ ސަލާމަތުންތޯ، ނޫނީ ދެވަނަ ގޮވުމެއް ގޮވާފާނެތޯ ބެލުމަކީ، ހަމައެކަނި އެމީހުން ކުރަން އެރި ކަންތައް. އެހެން ނަމަވެސް، އެނޫން އެހެން ކަންތައްތައް ކުރީމާ، ފުލުހުންގެ ސުވާލުތައް އަމާޒުވެގެން މިދަނީ، އެ ދެމީހުންނާ ދޭތެރޭގައި. އެންމެ ފުރަތަމަ ހައްޔަރު ކުރެވުނު ދެމީހުންނަކީ މި ދެމީހުން.

ހަމައެއާއެކީ، މި ދެމީހުން މަސައްކަތްކުރާ ޑިޕާޓްމަންޓްގެ އިތުރު މީހަކު ރާއްޖެއިން ބޭރުގައި ހުރެފައި އައުމުން، އޭނާވެސް ވަނީ ހައްޔަރު ކުރެވިފައި. މި ހައްޔަރު ކުރެވުނު މީހުންނާއި ނައިބު ރައީސްގެ އަރިހުގައި އުޅޭ މީހުން ނޫނީ ބޮޑީގާޑުންގެ ގޮތުގައި ތިބި މީހުންނާ ގުޅުންތަކެއް ހުރިކަން، ފުލުހުންގެ ތަޙުޤީޤުތަކަށް ސާބިތުވަމުންދަނީ. އެ ސާބިތުވާ މީހުން، ނޫނީ އެގޮތަށް ފެންނަ މީހުން، ފުލުހުން އެދަނީ ހައްޔަރު ކުރަމުން. ހައްޔަރުކޮށް ސުވާލު ކުރަމުން. މީގެ އެންމެ އުނދަގޫ ކަމަކަށް ދިމާވަނީ، ފުލުހުން ހައްޔަރުކުރާ މީހުންނާ ސުވާލުކުރީމާ، ރަސްމީ މަސައްކަތުގެ ތެރެއިން ޖަވާބުދެވޭ ކަންތައްތަކަށް ޖަވާބުދޭން އިޢުތިރާޒު ކުރާތީ. ސިފައިން، ފުލުހުން ރަސްމީ މަސައްކަތުގައި އެކުރި ކަމެއްގެ މަޢުލޫމާތު، ތަޙުޤީޤުގައި ދެވެންވާނެ. މިއީކީ މަދަނީ ޙައްޤެއްގެ ގޮތުގައި އޮންނަ ރައިޓް އޮފް ސައިލަންސް، ނޫނިއްޔާ ހަނުހުރުމުގެ ޙައްޤު އިޚްތިޔާރު ކުރެވޭނެ ކަމެއް ކަމުގައި އަޅުގަނޑެއް ގަބޫލެއްނުކުރަން. ރަސްމީ މަސައްކަތުގެ ތެރެއިން އެމީހުން ކުރި ކަމެއް، ނުކޮށް ދޫކޮށްލި ކަމެއް ކިޔައިދެވެންވާނެ. ފޮރުވާނެ އެއްޗެއް ނެތް ކަމަށްވަންޏާ ބުނެދެވެންވާނެ. އެހެން ނަމަވެސް، ތަޙުޤީޤަށް އެންމެ ބޮޑަށް މިހާރު އުނދަގޫވެގެންދާ ކަމަކީ، ރަސްމީ މަސައްކަތުގެ ގޮތުން މި މީހުން ކުރި ކަންތައްތަކުގެ ވާހަކަ، މި މީހުން ކިޔައިދޭން އިޢުތިރާޒު ކުރާތީ.

ފުލުހުންނަށް މި ކޮށްދެވިފައި ހުރި ކަންތައްތަކާ ބެހޭގޮތުން ނޫނީ ފުލުހުންގެ ބޭނުންތަކަށް ނައިބު ރައީސް ކޮށްދެއްވާފައި ހުރި ކަންތައްތަކާ ބެހޭގޮތުން، ކިހިނެއްތޯ ފައިސާ ލިބިފައިވަނީ؟ އެއީ ބަލަންޖެހޭ ކަމެއް ކަމަށް ފުލުހުންގެ ތަޙުޤީޤުން ވަނީ އެކަށައަޅާފައި. ފުލުހުންގެ ތަޙުޤީޤުން ފުލުހުން ބޭނުންވީ އެމް.އެމް.ޕީ.އާރު.ސީ އޮފީސް ބަލައި ފާސްކުރަން. އެމް.އެމް.ޕީ.އާރު.ސީ އޮފީސް ބަލައި ފާސްކުރަން ބޭނުންވި ސަބަބަކީ، އޭގެކުރިން ފުލުހުންގެ ތަޙުޤީޤަށް މަޢުލޫމާތު ލިބިފައި ހުރިގޮތުން، އެމް.އެމް.ޕީ.އާރު.ސީ.ގެ ތެރެއިން ވަރަށްގިނަ ކަންތައްތައް، ފުލުހުންގެ މުއައްސަސާއަށް ކޮށްދީފައި ހުރީމާ. އެހެންވީމާ، ފުލުހުން، ކޯޓު އޯޑަރއެއް ހޯދައިގެން، އެމް.އެމް.ޕީ.އާރު.ސީ.ގެ ވެރިޔަކަށް، ނޫނީ އެމް.ޑީ.އަކަށް ހުންނެވި ޢަބްދުﷲ ޒިއަތުގެ ގެޔަށް ޒިޔާރަތްކުރި. ޢަބްދުﷲ ޒިއަތު ދިރިއުޅުއްވާ ގޭގެ ތެރެއިން ފުލުހުންގެ ރަސްމީ ބޭނުންތަކަށް ބޭނުންވާ އެއްޗެހީގެ ރިކްއެސްޓް ސިޓީތައް، އެގޭތެރެއިން ވަނީ ހޯދާފައި. ތަޙުޤީޤުކުރާ މީހުންނަކަށް މިއީ އެކަށީގެންވާ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވޭ. ރަސްމީ ރިކްއެސްޓްތަކެއް، ފުލުހުންގެ ލެޓަރހެޑްގައި، ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އެއްޗެހި ހޯދަން ބޭނުންވެގެން ފޮނުވާ ލިޔުންތައް، ޢަބްދުﷲ ޒިއަތު ގޭގައި ހުންނަންޖެހޭނެ ކަމަކަށް ފުލުހުންނެއް ގަބޫލެއްނުކުރޭ. އެ ހުންނަންޖެހޭނީ އެމް.އެމް.ޕީ.އާރު.ސީ.ގެ ތެރޭގައި ކަމަށް ގަބޫލުކުރެވި، ޢަބްދުﷲ ޒިއަތު ޙާޒިރުކޮށް، ޢަބްދުﷲ ޒިއަތާ ސުވާލުކުރީމަ، ޢަބްދުﷲ ޒިއަތު ކޮންމެވެސްވަރަކަށް ޖަވާބުތަކެއް ދެއްވި. އެހެން ނަމަވެސް، އެމް.އެމް.ޕީ.އާރު.ސީ. އަށް ރަށްރަށް ދޫކޮށްގެން، ފަޅުތައް ދޫކޮށްގެން ލިބޭ ފައިސާ ލިބެނީ ކިހާވަރަކަށްތޯ، އަދި އެ ފައިސާއިން ބޭނުންކުރައްވަނީ ކިހިނެއްތޯ؟ ސުވާލުކުރީމަ ޖަވާބު ދެއްވާކަށް ބޭނުންފުޅެއްނުވި.

މީގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަނުހުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިކަހަލަ ޙާލަތްތަކުގައި ވަޒީފާގެ ގޮތުން އެ މަޢުލޫމާތު ތަޙުޤީޤަށް ދޭންޖެހޭ މީހުންނަކަށް އިޚްތިޔާރު ކުރެވޭނެ ޙައްޤެއް ނޫން. ސަރުކާރުގެ މުއައްސަސާއެއްގެ ނޫނީ ސަރުކާރުގެ އޮފީހެއްގެ ވެރިޔަކަށް ހުންނެވި ބޭފުޅެއް ޢަބްދުﷲ ޒިއަތު އެއީ. ޢަބްދުﷲ ޒިއަތު، އެތަނަށް ވަންނަ ފައިސާއާއި، އެ ފައިސާ ބޭނުންކުރައްވާ ގޮތް، ފުލުހުންގެ ތަޙުޤީޤަށް ވިދާޅުވެދެއްވަން ދެކޮޅު ހެއްދެވީމަ، އެއީ ކޮންމެވެސް ކަންތައްތަކެއް ފޮރުވަންޖެހޭ ކަމެއް ކަމަށް، ފޮރުވަން ޖެހިގެން ފޮރުވަނީ ކަމަށް ފުލުހުން ގަބޫލުކުރީ. މިވާހަކަ ނައިބު ރައީސް ސިންގަޕޫރުގައި ހުންނަވަނިކޮށް، އަޅުގަނޑު ނައިބު ރައީސަށް ދެންނެވިން. އަދި އޭގެކުރިން ޒިއަތު އެދިވަޑައިގަންނަވައިގެން، އަޅުގަނޑު ރައީސް އޮފީހުން ޢަބްދުﷲ ޒިއަތާ ބައްދަލުކުރިން. އަޅުގަނޑު ދެންނެވިން، ފުލުހުންގެ ތަޙުޤީޤަށް ފުރިހަމަ އެއްބާރުލުން ދެއްވާށޭ! އަޅުގަނޑު ކައިރީ [އާނއެކޭ] ވިދާޅުވި. އަދި ފުލުހުންގެ ތަޙުޤީޤަށް ޒިއަތުގެ އެއްބާރުލުން ލިބިވަޑައިނުގަތީމަ، އަޅުގަނޑު ނައިބު ރައީސަށް ދެންނެވިން، [މިހެން ދިމާވެއްޖޭ، ޒިއަތަށް ދަންނަވާށޭ، ފުލުހުންނަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތު، ފުލުހުންނަށް ދެއްވާށޭ.] ނައިބު ރައީސް އަޅުގަނޑަށް ކަށަވަރުކޮށްދެއްވި، އެ މަޢުލޫމާތުތައް ނައިބު ރައީސް، ޒިއަތު މެދުވެރިކޮށް ފުލުހުންނަށް ދެއްވާނެ ކަމަށް. އެހެން ނަމަވެސް، ޢަބްދުﷲ ޒިއަތު ހައްޔަރު ކުރަންޖެހުނު ދުވަހު ހައްޔަރު ކުރީ ހަނު ހުންނަވައިގެން. އެއާބެހޭ އެއްވެސް މަޢުލޫމާތެއް ދެއްވާކަށް އެއްބަސްވެވަޑައެއްނުގެންނެވި. މީގައި ފުލުހުން ބަލަން ބޭނުންވީ، އެމް.އެމް.ޕީ.އާރު.ސީ.ގެ ކީއްވެގެންތޯ، ފުލުހުންނަށް ބޭނުންވާ، ރަސްމީ ބޭނުންތަކަށް ބޭނުންވާ އެއްޗެހި ހޯދަން އެމް.އެމް.ޕީ.އާރު.ސީ. އަށް ރިކްއެސްޓް ދާންވީ؟ ފުލުހުންނަކީ ބަޖެޓެއް ލިބިގެން ބަޖެޓުން މަސައްކަތްކުރާ ބައެއް. އެހެންވީމާ، އެމް.އެމް.ޕީ.އާރު.ސީ.އާއި ފުލުހުންނާ އަދި ނައިބު ރައީސާއި ފުލުހުންނާ މިއޮންނަ ގުޅުމެއް، ތަޙުޤީޤުން އިތުރަށް ބަލަން ބޭނުންވި.

މިކަންތައްތަކުގެ މަޢުލޫމާތު އަދި ވަނީ ނުލިބި. ދެން ޚުދު އަޅުގަނޑު އެކިފަހަރު މަތިން މިހާރު ނައިބު ރައީސަށް ދަންނަވައިފިން. ކޮންމެ ފަހަރަކު ނައިބު ރައީސް ޖަވާބު ދެއްވާފައި އޮތީ، އެމް.އެމް.ޕީ.އާރު.ސީ. އަށް ވަދެފައި ހުރި ހުރިހާ ފައިސާއެއްގެ ތަފްޞީލު އަޅުގަނޑަށް ދެއްވާނެ ކަމަށް. އަދި މިއަދާ ހަމަޔަކަށް އެއްވެސް ތަފްޞީލެއް އަޅުގަނޑަށް ނުލިބޭ. އެހެންނަމަވެސް، ޓުއަރިޒަމް މިނިސްޓްރީއަށް މިވަގުތު ލިބެންހުރި މަޢުލޫމާތާއި، އެމް.އެމް.ޕީ.އާރު.ސީ.ގެ ތެރެއިން މިވަގުތު ލިބެންހުރި މަޢުލޫމާތާއި، މީރާއަށް ވަދެފައި ހުރި ފައިސާގެ މަޢުލޫމާތާއި، އެމް.އެމް.ޕީ.އާރު.ސީ.ގެ ރަސްމީ އެކައުންޓްގައި، ބޭންކް އޮފް މޯލްޑިވްސް އެކައުންޓްތަކުގައި ހުރި ފައިސާގެ މަޢުލޫމާތު މިހާރުވަނީ ލިބިފައި. އެހެން ނަމަވެސް، އެ ދިރާސާކުރުމާއެކީ އެ ތަޙުޤީޤަށް ބޭނުންވާ ލިޔުންތައް ތަޙުޤީޤަށް ފޮނުވުމުގެ މަސައްކަތް އަޅުގަނޑު މިކުރަނީ.

މިއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ނައިބު ރައީސަކު މިގޮތަށް އެކަހެރިކޮށް، ނައިބު ރައީސަކު ހައްޔަރު ކުރަންޖެހޭ ކަމަށްވަންޏާ އަދިވެސް އިތުރު ބައެއް ކަންތައްތައް ސާފުކޮށްދޭންޖެހޭނެއޭ. މި މަސައްކަތް ފެށިގެން، މި ތަޙުޤީޤުގެ މަސައްކަތް ފެށިގެން މިއަދާ ހަމަޔަށް އައިއިރު، ނައިބު ރައީސްގެ ފަރާތްޕުޅަކުންނެއް، އަޅުގަނޑަކަށް މިކަމާބެހޭ އެއްވެސް އެއްބާރުލުމެއް ލިބިފައެއްނުވޭ. އަޅުގަނޑާ ވަރަށް ދުރުކޮށް ނައިބު ރައީސް މަސައްކަތް ކުރައްވާފައި ހުރީ. އަޅުގަނޑު އެހި ސުވާލަކަށް ވެއްޖިއްޔާ، އެ ސުވާލެއްގެ ޖަވާބު ދެއްވާ. އަޅުގަނޑު ނައިބު ރައީސަށް އެކިފަހަރު މަތިން އިލްތިމާސް ކޮށްފިން. ނައިބު ރައީސްގެ ރިސޯސަސް މެދުވެރިކުރައްވައިގެން، މި ތަޙުޤީޤަށް ބޭނުންވާ އެއްބާރުލުން ހޯއްދަވައިދެއްވާށޭ. އަޅުގަނޑަށް ކަށަވަރުކޮށްދެއްވާ އެއްބާރުލުން ހޯއްދަވައިދެއްވާނެ ކަމަށް. އެހެން ނަމަވެސް، އަޅުގަނޑަށް ފެނިގެން މިދަނީ، ތަޙުޤީޤުގެ ތެރޭގައިވެސް ނައިބު ރައީސްގެ ދަށުން މަސައްކަތްކުރާ މީހުން ތަޙުޤީޤަށް އެއްބާރުލުން ނުދޭތަން. މި މަސައްކަތުގެ ތެރޭގައި، މިކަމާ ގުޅިގެން އަޅުގަނޑު އެންމެ ކަންބޮޑުވި ކަމަކީ، މިހުރިހާ މަސައްކަތެއް ހިނގަމުންދިޔައިރު، މި ތަޙުޤީޤުގެ މަސައްކަތް ނިމި، މިކަން ކުރި ބަޔަކީ ކޮންބައެއްކަން، މިއީ ކޮންމެ ދިވެހި ރައްޔިތަކަށް އެނގެންޖެހޭ ކަމަކަށް ވެގެންދާއިރު، އަދި ޚުދު އެކަމަކީ ނައިބު ރައީސްވެސް އެދިވަޑައިގަންނަވާ ކަމަކަށް ވެގެންދާއިރު، އަޅުގަނޑުގެ މަސައްކަތް، މިކުރާ މަސައްކަތް ތަޙުޤީޤުގައި ޙަޤީޤަތާ ހަމަޔަށްދާން މިކުރާ މަސައްކަތް، ޑިސްޓްރެކްޓްވާނެ ވަރަށްގިނަ ކަންތައްތައް، ނައިބު ރައީސްގެ ފަރާތްޕުޅުން ވެގެން އެބަދޭ.

އޭގެތެރެއިން އެންމެބޮޑު ކަމަކަށް ވެގެންދިޔައީ، ސިޔާސީގޮތުން އެމް.ޑީ.ޕީ.އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއްގެ މަސައްކަތް ކުރެއްވި ތަން. މީގެތެރޭގައި، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީ.ޕީ.އެމް.ގެ މެންބަރުންނާވެސް ނައިބު ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައި. އެ މެންބަރުން ވަކިން ވަޑައިގެން އަޅުގަނޑާ ކޮންފައިޑް ކުރައްވާފައި މިއޮތީ. އަޅުގަނޑަކަށް ނުވިސްނޭ، އަޅުގަނޑުގެ އަމިއްލަ ނައިބު ރައީސް، އަޅުގަނޑުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއްގައި ބައިވެރިވާންޖެހޭ ހަމަ އެއްވެސް ސަބަބެއް އޮތް ކަމަކަށް. މިއުޅެނީ އަޅުގަނޑަށް ދެވުނު ޙަމަލާއަކުން އެ ތަޙުޤީޤުގައި އެކަން ކުރީ ކޮންބައެއްތޯ އަޅުގަނޑު ދެނެގަންނަން. އެކަން ކުރާއިރު، އަޅުގަނޑު މީގެ ޙަޤީޤަތާ ހަމަޔަށް ދާން މިކުރާ މަސައްކަތުގައި، އަޅުގަނޑު މިކުރާ މަސައްކަތުން ނޫނިއްޔާ އަޅުގަނޑު މި ދަތުރުކުރާ މިޞްރާބުން އަޅުގަނޑު ކައްސާލަން ކުރެވޭ ބޮޑު ކަމަކަށް ވެގެންނޫނީ ނުދާނެ، އަޅުގަނޑުގެ މައްޗަށް މިހާރު އިތުބާރު ނެތް ކަމުގެ މައްސަލައެއް ވަނުން އެއީކީ. އެ މަސައްކަތުގައި ނައިބު ރައީސް، އެމް.ޑީ.ޕީ.ގެ ބައެއް މެންބަރުންނާ ގުޅިގެން މަސައްކަތް ކުރައްވާ ކަމަށް އަޅުގަނޑަށް މިހާރު ކަށަވަރުވެއްޖެ. ޚުދު އަޅުގަނޑުގެ، ޕީ.ޕީ.އެމް.ގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާ މިވާހަކަފުޅު ވަނީ ނައިބު ރައީސް ދައްކަވާފައި. އެހެންވީމާ، އަޅުގަނޑަށް ގަބޫލުކުރެވެނީ، މިކަންކަމަށް ބަލާއިރު، ނައިބު ރައީސް މިހާރު އެ މަސައްކަތް ކުރައްވަނީ، އަޅުގަނޑާއެކީ، އަޅުގަނޑާއި މި ސަރުކާރުން ދަތުރުކުރާ މިޞްރާބުގައި ނޫން ކަމަށް.

ނައިބު ރައީސް އެކަހެރި ކުރަންޖެހުނު ސަބަބަކީ، އަޅުގަނޑު ދަންނަވާލާނަން، މިކަހަލަ ބޮޑެތި މައްސަލަތައް، ނައިބު ރައީސްގެ މައްޗަށް ތުހުމަތުވެ އަދި ތަޙުޤީޤުގައި މި ހިނގާ ކަންތައްތަކުގެ ތެރޭގައި، ނައިބު ރައީސާ ގުޅުންހުރި ފަރާތްތަކުން މި ކޮށްފައި ހުރި ކަންތައްތަކުގެ ތެރޭގައި، އޭގެ ޙަޤީޤަތާ ހަމަޔަށް ދާން ދަތުރުކުރަން މަސައްކަތް ކުރާއިރު، މިހާ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ވަގުތެއްގެ ތެރޭގައި، ނައިބު ރައީސް އެކަހެރި ކުރަންޖެހުނު ސަބަބަކީ، ތަޙުޤީޤަށް މިހާރު ގޭގެ ބަލައި ފާސްކުރިއިރު، ހައްޔަރު ކޮށްފައި ތިބި މީހުންގެ ގޭގެ ބަލައި ފާސްކުރިއިރު، ބޮން ހަދާނެ ސާމާނު، ބައެއް ގޭގެއިން ވަނީ ފެނިފައި. މިއީ ތަޙުޤީޤަށް ފެނިފައި ހުރި ސާމާނު. އެ ފެނުނު އެއްޗެހި ވަނީ، މިހާރު އިމްޕައުންޑް ކުރެވިފައި ނޫނިއްޔާ ގެންދެވިފައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި ވަނީ. މިއީ މިހާރު ހައްޔަރުވެފައި ތިބި މީހުންގެ ގޭގެ ބަލައި ފާސްކުރިއިރު ފެނިފައި ހުރި އެއްޗެހި.

ލޯންޗްގައިވެސް ބޭނުންކޮށްފައިވަނީ ބޮމެއް ކަމަށް މިހާރުވަނީ ސިލޯނުގެ ފޮރެންސިކް އެކްސްޕާރޓުން ނިންމާފައި. އެހެންވީމާ، މުޅި މާލޭގެ ސަލާމަތަށް އަޅުގަނޑަށް މަޖުބޫރު ވަނީ ގޭގެ ބަލައި ފާސްކުރަން. އަދި ކިރިޔާވެސް ޝައްކެއްވާ ގެއެއް ވެއްޖިއްޔާ، ބަލައި ފާސްކުރަން އަޅުގަނޑަށް މަޖުބޫރު އެބަވޭ. އެކަން ކުރުމުގައި ފަސޭހަވާނެ ކަމަށް އަދި މި ސުވާލުތަކުގެ ޖަވާބު، ނައިބު ރައީސް ދެއްވަންޖެހޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. ތަޙުޤީޤުގައި އަޅުގަނޑުވެސް ސުވާލަށް ޖަވާބު ނުދޭނެ ހަމަ އެއްވެސް ސުވާލެއް ނޯންނާނެ. އެހެންވީމާ، ނައިބު ރައީސާ ބެހޭގޮތުން ވަރަށްގިނަ ކަންތައްތަކެއް، މީގެ ތެރެއަށް އަންނާތީ، ނައިބު ރައީސް އެބަޖެހޭ، ތަޙުޤީޤަށް ޖަވާބުދާރީވެވަޑައިގަންނަވަން. ދެން އެހެން ނަމަވެސް، މީގައި ބޭނުންކޮށްފައި، ލޯންޗްގައި ބޭނުންކޮށްފައި މިހިރީ ބޮމަކަށްވެފައި، އަދި ބަންދުކުރެވިފައި ތިބި މީހުންގެ ގޭގެ ސާރޗް ކުރިއިރު، ހޯދައި ބެލިއިރު، ފާސްކުރިއިރު، ބޮން ހަދަން ބޭނުންކުރާ ސާމާނު އެ ގޭގެއިން ފެނިފައި ހުރީމަޔާއެކީ، މިއީ ދިވެހި ރައްޔިތުންނަށް ނުރައްކާތެރި ޙާލަތެއްގައި އޮތް ވަގުތެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވުނީ. އަދި ތަޙުޤީޤު ކުރައްވާ ބޭފުޅުންނަށްވެސް ގަބޫލު ކުރެއްވުނީ. އެ ސަބަބަށްޓަކައި ނައިބު ރައީސް އެކަހެރިކޮށްފައި ބަހައްޓައިގެން، މި ތަޙުޤީޤުގެ ކަންތައް ކުރިއަށް ގެންގޮސް ނިންމަން މަޖުބޫރުވީ.

ހަމަ އެ ސަބަބަށްޓަކައި ފުލުހުންގެ ތެރޭގައި އެހާ ބޮޑަށް، މިދެންނެވި ގޮތަށް، ފައިސާގެ ކަންކަމާއި އަދި ނައިބު ރައީސް އެ ކުރައްވާފައި ހުރި މަސައްކަތްތައް، ފުލުހުންގެ ތެރޭގައި ރަސްމީކޮށްނާއި ނުރަސްމީކޮށް، ފުލުހުންގެ މުއައްސަސާ އިން ހޯދަމުންދާތީ، އަޅުގަނޑަށް ގަބޫލުކުރެވުނީ، އެތަނުގެ އިސްފަރާތް، ނޫނިއްޔާ އިސް މެނެޖްމަންޓްގައި އިސްކޮށް ހުންނެވި ކޮމިޝަނަރ އޮފް ޕޮލިސްވެސް ދެން މަޤާމުން ދުރަށް ވަޑައިގަންނަވަންޖެހޭ ކަމަށް. އެއީ، އެ މަޤާމުގައި ހުންނަވާ ބޭފުޅަކު، ފުލުހުންގެ މުއައްސަސާ ތެރެއަކަށް މިކަހަލަ ނުފޫޒެއް ވަންނަން ޖާގަދީގެން ނުވާނެ. އެހެން ނަމަވެސް، އެ ޖާގަ އެވަނީ ދެވިފައި. އެ ސަބަބަށްޓަކައި އަޅުގަނޑު ނިންމީ، ދެން އެ މަޤާމު ފުރުއްވާކަށް އޭނަ ކޭޕަބަލް ނޫންކަމަށް، ނޫނީ ޤާބިލު ނޫންކަމަށް. ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރަން ޖެހުނީވެސް މިދެންނެވި ސަބަބަށްޓަކައި. ނައިބު ރައީސް ފުލުހުންގެ މުއައްސަސާގެ މައްޗަށް ބާރު ފޯރުއްވާފައި އޮތް މިންވަރުން.

މިކަން ދިމާވިއިރު، ސިފައިންގެ ތެރޭގައިވެސް ކަންތައްތައް ހުރީ ދާދި މިކަހަލަ ގޮތަކަށް. ސިފައިންގެ ތެރޭގައި، މިކަހަލަ ކަމަކަށް ބަލާއިރު، އެންމެ ވަރުގަދަ 3 ޑިޕާޓްމަންޓާ ޙަވާލުވެ ހުންނެވީ އެއް ބޭފުޅަކު. އެބޭފުޅަކު އެވަނީ އެންމެ ކުރީކޮޅު ހައްޔަރު ކުރެވިފައި. ސިފައިން ގޭގައި ހައްޔަރު ކުރެވިފައި. އެއީ ފަޔާޒް. އެސް.ޕީ.ޖީ ނޫނިއްޔާ ރައީސްގެ ސެކިއުރިޓީއަށް، ޓީމުގެ ހެޑް ކުރައްވަނީ، ނޫނީ އެ ޑިޕާޓްމަންޓް ހެޑް ކުރައްވަނީ ފަޔާޒް. އަޅުގަނޑަށް އިތުބާރު ކުރެއްވޭ ބޭފުޅަކަށްވާތީ، ސިފައިންގެ އޯޑިނަންސް، ނޫނިއްޔާ ހަތިޔާރާބެހޭ ގުދަނާއި، އެކްސްޕްލޯސިވްސް ހުންނަ ގުދަން ޙަވާލުވެ ހުންނަވަނީވެސް ފަޔާޒް. އަދި ގޮވާތަކެތި ހުރިތޯ، ނެތްތޯ ބެލުމާއި، ގޮވާ ތަކެތި ހުރެއްޖެއްޔާ ނައްތާލަން މި އޮންނަ އީ.އޯ.ޑީ ޑިޕާޓްމަންޓަކީވެސް ޚުދު ފަޔާޒްގެ ބެލުމުގެ ދަށުގައި ހުންނަ ޑިޕާޓްމަންޓެއް. އެހެންވީމާ، ނަޞީބު ދިމާކުރި ގޮތުން، މި 3 ޑިޕާޓްމަންޓްވެސް އެވަގުތު ޙަވާލުވެ ބަލަހައްޓަވަން ހުންނެވީ ފަޔާޒް. އެހެންވެގެން ފަޔާޒް ހައްޔަރު ކުރެވިފައި އެވަނީ.

ދެން ލޯންޗަށް އެރި މީހުންނާއި، މިކަމާ ގުޅިގެން ހައްޔަރު ކުރެވިފައި ތިބި މީހުން ހައްޔަރު ކުރީކީ، އެންމެ ފުރަތަމަ ހައްޔަރު ކޮށްފައި އެވަނީކީ، ނައިބު ރައީސަކާ ގުޅުމެއް ހުރެގެނެއް ނޫން. އެންމެ ފުރަތަމަ ހައްޔަރުކުރި މީހުން ހައްޔަރުކޮށްފައި އެތިބީ، ލޯންޗަށް އަރައިގެން، ހައްޔަރުކުރި މީހުން ހައްޔަރުކޮށްފައި އެވަނީ، ލޯންޗަށް އަރައިގެން އެމީހުން ކުރަންނުޖެހޭ ކަންތައްތަކެއް ކުރިކަމަށް ފުލުހުންގެ ތަޙުޤީޤަށް ގަބޫލުކުރެވޭތީ. ދެން އެމީހުންނާއި އޭގެފަހުން އެސްޓެބްލިޝް ކުރެވުނު ލިންކެއް، ނައިބު ރައީސާ އޮތް ގުޅުން އެއީ.

ފުލުހުންގެ އިންޓެލިޖެންސް މަޢުލޫމާތު މިވަނީ ޖުލައި މަހުން ފެށިގެން ރައީސަށް ލިބުން ހުއްޓިފައި. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް އެނގޭގޮތުން ވެއްޖިއްޔާ، ފުލުހުންގެ އިންޓެލިޖެންސްގެ މަޢުލޫމާތު، ނައިބު ރައީސް ގެންދެވީ އެއްކުރައްވަމުން. ރަސްމީކޮށް، ނުރަސްމީކޮށް އެއްކުރައްވަމުން. އެހެން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާއަށް ލިބެންވާ އިންޓެލިޖެންސް، ރަސްމީކޮށް މިވަނީ ލިބުން ހުއްޓިފައި. އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އިންޓެލިޖެންސް ޗީފަކަށް، ފުލުހުންގެ އިންޓެލިޖެންސް ޗީފަކަށް ހުރި މީހަކު މިވަނީ އެހެން ދިމާއަކަށް، އެހެން މަޤާމަކަށް ބަދަލުކުރެވިފައި. ދެން ވަޑައިގެންނެވި ޑިޕާޓްމަންޓް ހެޑް ކުރެއްވި ބޭފުޅާއާ ހަމައިން ރައީސަކަށް އިންޓެލިޖެންސް މަޢުލޫމާތެއް ނުލިބޭ. ފުލުހުންގެ ވެރިންނާ ބައްދަލުކުރިއިރު، އަޅުގަނޑު ދެންނެވިން، އަޅުގަނޑެއް ގަބޫލެއް ނުކުރާނަމޭ، ދިވެހިރާއްޖޭގައި މިވަރު ކަމެއް ހިނގާއިރު، ފުލުހުންގެ އިންޓެލިޖެންސަށް ނޭނގި ހިނގާފާނެ ކަމަކަށް. މިއަދުވެސް އަޅުގަނޑެއް ގަބޫލެއް ނުކުރަން، އެކަން ހިނގާފާނެ ކަމަކަށް، ފުލުހުންނަށް ނޭނގި.

ފުލުހުންގެ އިންޓެލިޖެންސަށް މި އެސްކޭޕްވާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. މިކަހަލަ މައްސަލަތަކެއް މިހިރީ، އިއްތިފާޤެއްތޯ ބަލާއިރު، މިއަދު ފަހަތުން ގޮސް މިކަންކަން ހިނގާފައި ހުރި ގޮތަށް ބަލާއިރު، ތަޙުޤީޤު ޓީމަކަށްވެސް، އިންކުއަރީ ކޮމިޝަނަކަށްވެސް އަދި އަޅުގަނޑަކަށްވެސް ގަބޫލެއް ނުކުރެވޭ، މިއީ އިއްތިފާޤުތަކެއް ކަމަކަށް. މިއީކީ އެއްގޮތަކަށްވެސް އިއްތިފާޤެއް ނޫން. މިކަހަލަ ސަބަބުތަކެއް ހުރީމަ، ނައިބު ރައީސް މަޤާމުގައި ހުންނެވި ނަމަވެސް، ނައިބު ރައީސްގެ މަޤާމުގެ ޒިންމާ އުފުއްލެވުމުން އެއްކިބާކޮށްފައި، ނައިބު ރައީސް އެކަހެރިކޮށް ބަހައްޓައިގެން، މި ތަޙުޤީޤު ކުރިއަށް ގެންދިޔުމަކީ، ކޮންމެހެން ކުރަން ޖެހިއްޖެ ކަމެއް ކަމަށް އިންކުއަރީ ކޮމިޝަނަށް، ފުލުހުންގެ ތަޙުޤީޤުކުރާ ޓީމުތަކަށް އަދި ޚުދު އަޅުގަނޑަށްވެސް ކަށަވަރުވީމަ، ނައިބު ރައީސް އެކަހެރިކުރީ.

ދެން އަޅުގަނޑު ދަންނަވާލާނަން، އަޅުގަނޑުގެ ސަރުކާރަކީ އެއްގޮތަކުން ވެއްޖިއްޔާ ވަރަށް އިވެންޓްފުލް ސަރުކާރެކޭވެސް ދަންނަވާނަން. އެއީ، ބައެއް ބޭފުޅުން މީޑިއާގައި ކުރައްވަމުން، އުފައްދަވަމުން ގެންދަވާ ސުވާލުތަކަށް، ދިވެހި ރައްޔިތުންނަށް ޖަވާބު އެރުވުމަށްވެސްޓަކައި. ޝައްކެއްވެސްނެތް. މިވީ ކުރު ދެއަހަރުގެ މުއްދަތުގެ ތެރޭގައި، ދެ ނައިބު ރައީސުންނާ ދޭތެރޭގައި ވަރަށް ދެރަކޮށް މި ދިމާވީ. އެއީ ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް. ދެ ނައިބު ރައީސުންވެސް ރައީސަށް އަދި ސަރުކާރަށް އެންމެ ބޮޑަށް ނައިބު ރައީސުންގެ ބޭނުންވީ ވަގުތު، އެބޭފުޅުންގެ ޙަރަކާތްތެރިކަމެއް ފެނިފައެއް ނެތް. އެމް.ޑީ.ޕީ.ގެ މުޒާހަރާތަކާއި އަދި އިދިކޮޅު ފަރާތްތައް ގުޅިގެން ކުރި މުޒާހަރާތައް ކުރަމުންދިޔައިރު، ކުރީގައި ހުންނެވި ނައިބު ރައީސްގެ އެއްވެސްކަހަލަ އެއްބާރުލެއްވުމެއް ސަރުކާރަށް ލިބިފައެއްނުވޭ. އަދި އޭރުގެ ނައިބު ރައީސް ޑޮކްޓަރ ޖަމީލް އެ ކުރެއްވި މަސައްކަތުގެ ތެރޭގައި، ޑޮކްޓަރ ޖަމީލް ކުރައްވާފައި ހުރި ކަންތައްތަކުގައި، ޑޮކްޓަރ ޖަމީލް މަޤާމުން ވަކިކޮށްފައި އޮތީކީ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށްފައެއް ނޫން. އަދި މިހާރުވެސް މި ނައިބު ރައީސާ ދޭތެރޭގައި، މިހާރުގެ ނައިބު ރައީސް އަޙްމަދު އަދީބާ ދޭތެރޭގައި މި އެޅުނު ފިޔަވަޅަކީވެސް ހަމައެކަނި އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށްފައި އެޅި ފިޔަވަޅެއް ނޫން. ދައުލަތުން ކުރާ މަސައްކަތް، އެއަށްވުރެ މާ ހަރުދަނާކޮށް ކުރާނީ. އަދި އަމުދުން އަޅުގަނޑު ބަލަހައްޓާ ކަމެއް ކަމަށްވަންޏާ، އެއަށްވުރެ ހަރުދަނާކޮށް އަޅުގަނޑު ކުރާނަން.

އެހެންވީމާ، މިއީކީ ލިޔެލާފައި އޮތް އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް، ދެބޭފުޅުންކުރެ ބޭފުޅަކު އެކަހެރި ކުރެވުނީކީ، އެ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓަކަށް ބަލައިގެނެއް ނޫން. އޭރު ޑޮކްޓަރ ޖަމީލް ކުރައްވަމުން ގެންދެވި ކަންތައްތަކުގެ ތެރޭގައި، ވަރަށްގިނަ ތަފްޞީލުތައް އޭރުވަނީ ދެވިފައި. އަދި ޚުދު ރައްޔިތުންގެ މަޖިލީހަށް ޙާޒިރުވެވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވަން ދެންނެވީމަ، އެކަން އެމަނިކުފާނު ކުރައްވަން އިޚްތިޔާރެއް ނުކުރެއްވި. ޙާޒިރުވެވަޑައިގެން ޖަވާބުދާރީވެވަޑައިގެންނެވިނަމަ، މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގެންނެވިނަމަ، މެންބަރުންނަށް ފަސޭހަފުޅުވީސްކަންނޭނގެ. އެހެން ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެވެސް ތާއީދު ނުލިބުނީ އެ ސަބަބަށްޓަކައި. އެހެންވީމާ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އޮންނަގޮތުން، ތާއީދު ނުލިބިއްޖެ ކަމަށްވަންޏާ، އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި، މަޤާމުން ވަކިކުރެވޭނެ. އެހެން ނަމަވެސް، ތާއީދު ހޯއްދަވަން މަސައްކަތް ކުރެއްވުން، ނޫނިއްޔާ ކުށުން ބަރީޢަވުމުގެ މަސައްކަތް ކުރެއްވުމަކީ، އޭރުވެސް ނައިބު ރައީސަށް އޮތް ފުރްޞަތެއް. ދެން ވެދާނެ، ގަބޫލު ކުރެއްވިދާނެ، ޕީ.ޕީ.އެމް.ގައި ގިނަ މެންބަރުން ތިބީ ރައީސް ޔާމީން ބުނާގޮތް ހަދަން ކަމަށް. އެހެން ނަމަވެސް، މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ނައިބު ރައީސާ ކުރެވޭ ސުވާލުތަކާއި، ނައިބު ރައީސް ޖަވާބު ދެއްވާގޮތް ފެނުމުން މަޙްރޫމް ވެގެންދިޔައީ، ނައިބު ރައީސް މަޖިލީހަށް ޙާޒިރުވެވަޑައިނުގަތީމަ. އެހެންވީމާ، ހަމަބުއްދިއަކުން ވިސްނާ މީހަކު ގަބޫލުކުރާ ގަބޫލުކުރުންތަކަށް ޖާގަ، އޭރުވެސް ލިބިފައެއްނުވޭ. އެހެންވީމާ، އޭރުގެ ނައިބު ރައީސް، ރައީސްކަން ބޭނުންފުޅުތޯ، ނޫންތޯ؟ އެ ސުވާލުގެ ޖަވާބު އަޅުގަނޑު އަރުވާކަށް ބޭނުމެއްނެތް. އަޅުގަނޑަށް އެނގޭ ކަމަކީ، ސަރުކާރަށް އެންމެ ބޮޑަށް ދަތިވެގެން ދިޔައިރު، އޭރުގެ ނައިބު ރައީސްގެ ފަރާތްޕުޅުން ސަރުކާރަކަށް އެއްބާރުލުމެއް، ރައީސަކަށް އެއްބާރުލުމެއް ނުލިބޭކަން. އަދި ހަމައެހެންމެ، މިހާރުގެ ނައިބު ރައީސްވެސް، ރައީސަށް އެންމެ ދަތިވި ދުވަހު، ރައީސަކަށް އެއްބާރުލުން ލިބިފައެއްނުވޭ. ވަރަށް އެކަހެރިކޮށް، މިދިޔަ ދުވަސްތަކުގެ ތެރޭގައި، ނައިބު ރައީސް އުޅުއްވާފައި ހުރީ. ނައިބު ރައީސާ ދޭތެރޭގައި، މިހާރުގެ ނައިބު ރައީސާ ދޭތެރޭގައި ކުރެވޭ ބައެއް ތުހުމަތުތައް، އަޅުގަނޑު މި ދަންނަވާލީ.

ދެން ހަމަ އެއާއެކީ ދަންނަވާލަންޖެހެނީ، 2 ޑިފެންސް މިނިސްޓަރުންވެސްވަނީ މަޤާމުން ދުރުކުރެވިފައި. 2 ޑިފެންސް މިނިސްޓަރުން މަޤާމުން ދުރުކުރުމަކީ، ކޮންމެހެން ސިޔާސީގޮތުން މީހަކަށް އަދަބު ދިނީކަމަށް ގަބޫލުކުރާނެ ޖާގައެއް ނެތް. މިއީވެސް މީޑިއާގައި ބައެއް ބޭފުޅުން އުފައްދަވާ ސުވާލަށް އަޅުގަނޑު ޖަވާބު އެރުވުމުގެ ގޮތުން ދަންނަވާ ވާހަކައެއް. ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާއި ގޮވާ ތަކެއްޗަކީ،
އެ ގޭގައި ހުރި ތަކެތި. ޝަރީޢަތުގައި އެމަނިކުފާނު ޖެހޭނެ، އެއީ އެމަނިކުފާނުގެ ތަކެތި ނޫންކަން އަދި އެ ގެއަށް ވަން ގޮތެއް އެނގިވަޑައިނުގަންނަވާކަން ސާބިތުކޮށްދެއްވަން. އެކަމަކު ފުލުހުން ގޮސް، އެ ގެ ރެއިޑްކޮށް، ބަލައި ފާސްކުރިއިރު، އެ އެއްޗެހި ހުރެއްޖެ ކަމަށްވަންޏާ، ރައީސަކަށް ހުންނަ މީހަކަށް އިޚްތިޔާރެއްނޯވޭ، ކުރެވޭނެ، ކޮށްދެވޭނެ ކަމެއް ނޯންނާނެ. ރައީސަކަށް ހުންނަ މީހަކު ޖެހޭނީ، އެ މައްސަލަ ތަޙުޤީޤުކޮށް އަދި އެ މައްސަލަ ކޯޓަށްދާން އެކަން ދޫކޮށްލަން. އެއީ، ޤާނޫނީ ހަމަޔަކީ. އަޅުގަނޑަކަށް އިޚްތިޔާރެއް ނޯންނާނެ، އަޅުގަނޑު ބޭނުންވާ މިކަހަލަ ބައެއް ބޮޑެތި ކަންތައް ހިފަހައްޓާފައި، އަނެއްބައި ކަންތައްތައް ކޯޓަށް ފޮނުވުމުގެ އިޚްތިޔާރެއް އަޅުގަނޑަކަށް ނޯންނާނެ. އެހެންވީމާ، އަޅުގަނޑު އެކަން ދޫކޮށްލީ ކޯޓަށް. އެއީ އާދައިގެ ކަމަކަށް ނުވާތީ. އެހެންވީމާ، އޭރުގެ ޑިފެންސް މިނިސްޓަރާ ދޭތެރޭގައި ސިޔާސީގޮތުން ކުރި ކަމެއް ނޫން އެއީކީއެއް.

ކޯޓަށް މައްސަލަ ވަދެގެން އުޅުނީމަ، މިނިސްޓަރ ނާޒިމް ވަނީ މަޤާމުން ވަކިކޮށްފައެއް ނޫން. އެ މައްސަލައާ ގުޅިގެނެއް ނޫން، މިނިސްޓަރ މަޤާމުން ވަކިކުރީކީ އެއްގޮތަކަށްވެސް. މިއަދު ދިވެހި ރައްޔިތުންނާ އެކަން އަޅުގަނޑު ޙިއްޞާކުރާނަން. އެކަމުގެ ތެރޭގައި ނާޒިމް ކަންތައްތައް ކުރެއްވީކީ، ރައީސްގެ އިތުބާރު އޮތް ވަޒީރަކު، ރައީސާ ދޭތެރޭގައި ކަންތައް ކުރަންޖެހޭ ގޮތަކަށެއް ނޫން. މިކަން ހިނގައިގެން އުޅެނިކޮށް، އެއްދުވަހެއްގެ ހެނދުނު، އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، އެކަން ހިނގިތާ ތިންވަނަ ދުވަހުގެ ހެނދުނު، ޚުދު އަޅުގަނޑު ދިޔައީ ނާޒިމް ކުރެއްވި ޝަކުވާއާ ގުޅިގެން ފުލުހުންގެ ޓީމް، އެތަނަށް ވަން ޓީމާ ސުވާލުކުރަން. އެޓީމްގެ ތެރޭގައި ސްވޮޓްގެ މީހުން، އެޓީމްގެ ތެރޭގައި ފޮރެންސިކް މީހުން، އެ ޓީމްގައި ޤާނޫނީ މީހުން ހިމެނޭ. އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، ފަނަރަވަރަކަށް މީހުންނަށްވުރެ މަދުނޫން ޓީމެއް ނާޒިމްމެން ގެޔަށް ރެއިޑްކުރަން ދިޔައީ. އަޅުގަނޑު ކައިރީގައި ޑިފެންސް މިނިސްޓަރ ވިދާޅުވީ، ތިމަންނަޔާ ދޭތެރޭގައި ވަރަށް އިހާނެތިކޮށްނޭ ކަންތައް ކުރީ. ތިމަންނަޔަށް ވަރަށް އަނިޔާވާގޮތަށޭ ކަންތައް ކުރީ. ވަރަށް އިހާނެތިކޮށްނޭ ތިމަންނަޔާ ދޭތެރޭގައި ކަންތައްކުރީ. އެހެންވީމާ، އަޅުގަނޑު ބަލަން ބޭނުންވީ، އަޅުގަނޑުގެ ޑިފެންސް މިނިސްޓަރާ ދޭތެރޭގައި، މަޤާމުގައި ހުންނަވަނިކޮށް، އެހާ އަނިޔާވެރިކޮށް، ޑިފެންސް މިނިސްޓަރުކަން އެނގުނީމަވެސް ފުލުހުން އެހާ އަނިޔާވެރިކޮށް ކަންތައްކުރީ ކީއްވެގެންތޯ، އަޅުގަނޑު ކަށަވަރުކުރަން ބޭނުންވީ. އަޅުގަނޑު އެމީހުންނާ ސުވާލުކުރިން. އަޅުގަނޑު ބޭނުން ހުރިހާ ސުވާލެއް އަޅުގަނޑުކޮށް، އަޅުގަނޑަށް ބޭނުންވާ މަޢުލޫމާތު، އަޅުގަނޑަށް ލިބުނު. އަޅުގަނޑަށް މަޢުލޫމާތު ލިބުނުގޮތުން ވެއްޖިއްޔާ، ނާޒިމްކަން އެނގުނު ހިސާބުން އެމީހުން ނާޒިމާ ދޭތެރޭގައި ކަންތައްތައްކުރީ ވަރަށް އިޙްސާންތެރިކަމާއެކީ. އެއްވެސްކަހަލަ ގޮތަކަށް، ނާޒިމް ބިރުފުޅުގަންނަ ގޮތަކަށް ކަމެއް ކޮށްފައެއްނެތް.

އަޅުގަނޑު ފުލުހުންނާ ބައްދަލުކޮށް، އެ މަސައްކަތް ކުރަމުން ދިޔައިރު، އަޅުގަނޑުގެ ޑިފެންސް މިނިސްޓަރު ކަން ކުރެއްވި ގޮތް މިއަދު މި ދަންނަވާލަނީ. އަޅުގަނޑުގެ ޑިފެންސް މިނިސްޓަރު، ސިފައިންގެ އިސް ހުރިހާ އޮފިސަރުންނާ އޭރު ބައްދަލުކުރެއްވި. ބައްދަލުކުރައްވާފައި މިކަމާ ބެހޭގޮތުން ނާޒިމަށް ފެނިވަޑައިގަންނަވާ ވާހަކައެއް ދައްކަވަމުން، ސިފައިންގެ އިސް އޮފިސަރުންގެ ތެރޭގައި ލޭ ކެއްކެވުމުގެ މަސައްކަތްތަކެއް ނާޒިމް ކުރެއްވީ. އަދި ކުރައްވާފައި ވިދާޅުވި، [ކަލޭމެން ދާށޭ މި މައްސަލައިގައި ރައީސާ ކޮންފްރޮންޓް ކުރަން.] މިއީ އަޅުގަނޑުގެ އިތުބާރު، މިނިސްޓަރާ ދޭތެރޭގައި ގެއްލުނު ހިސާބަކީ. މިނިސްޓަރު ނުޖެހޭ، އަޅުގަނޑާ ކޮންފްރޮންޓް ކުރާކަށް، ސިފައިންގެ އިސް އޮފިސަރުންތަކެއް ފޮނުވާކަށް. ނާޒިމްގެ ޝަރީޢަތް ނިމެންދެން، އެޔާ ދޭތެރޭގައި ގޮތެއް ނުނިންމައި، މަޤާމުން ވަކިނުކޮށް ބަހައްޓާނަމޭ ހިތައި އަޅުގަނޑު ހުރީ. އެހެން ނަމަވެސް، ސިފައިންގެ އިސް އޮފިސަރުން އެއްކުރައްވާފައި، ދެއްކެވި ވާހަކަފުޅުގެ ތެރޭގައި، މިކަމާ ގުޅިގެން ކަލޭމެން ދާށޭ ރައީސާ ކޮންފްރޮންޓް ކުރަން، އެ ވިދާޅުވި ހިސާބުން އަޅުގަނޑު ގަބޫލުކުރީ، އަޅުގަނޑުގެ މިނިސްޓަރާ ދޭތެރޭގައި އަޅުގަނޑު އެހާ ރަނގަޅަށް ކަންތައް ކުރަމުންދިޔައިރު، ނާޒިމް ކުރައްވަންޖެހޭ ކަމެއް ނޫން، ސިފައިންގެ އިސް އޮފިސަރުން އަޅުގަނޑާ ކޮންފްރޮންޓް ކުރަން ދާން ވިދާޅުވުން އެއީ. އެހާ ހިސާބުން ނާޒިމްގެ މައްޗަށް އަޅުގަނޑުގެ އިތުބާރު ގެއްލުނީ. އެއީ، ނާޒިމް މަޤާމުން ވަކިކުރި ސަބަބަކީ. އެއްގޮތަކަށްވެސް އެގެއިން ފެނުނު ފިސްތޯލައެއްގެ މައްސަލައަކު ނޫން ނާޒިމް ވަކިކުރީކީ. އެހެން ނަމަވެސް، ފިސްތޯލައާއި އެ ފެނުނު ގޮވާތަކެއްޗާ ގުޅިގެން ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި، މިކަންކަން މެދުވެރިވީ. އެހެންވީމާ، އަޅުގަނޑާ ކޮންފްރޮންޓް ކުރަން ސިފައިންގެ އިސް އޮފިސަރުންނަށް ނާޒިމް ނަޞޭޙަތް ދެއްވައި، އެކަން ކުރަން އެމީހުންނަށް މަޝްވަރާ ދެއްވީމަ، އަޅުގަނޑު ގަބޫލުކުރީ، އަޅުގަނޑުގެ އިތުބާރު، ދެން އެ މިނިސްޓަރަކަށް ނެތްކަން. ނާޒިމަށް މިކަން އެނގިވަޑައިގަންނަވާނެ. އެކަމަކު އެބޭބޭފުޅުންނަށް އޮންނަ އިޙްތިރާމެއްގެ ސަބަބުން މިކަހަލަ ވާހަކަ އަޅުގަނޑު ނުދައްކަނީ. އެހެން ނަމަވެސް، އަޅުގަނޑު އެ ވާހަކަ ނުދެއްކީމަ، އޭގެ އިދިކޮޅަށް، އެކި ވާހަކަތައް ނުކުންނާތީ، މިއަދު އެކަމުގެ ޙަޤީޤަތް އޮތްގޮތް އަޅުގަނޑު ހިތަށްއެރީ ދިވެހި ރައްޔިތުންނަށް ހާމަކޮށްދޭނަމޭ.

އެންމެފަހުން މަޤާމުން ވަކިކުރި ޑިފެންސް މިނިސްޓަރު. ޝައްކެއްވެސްނެތް، ޑިފެންސް މިނިސްޓަރުންނަކީ ރައީސް ވަރަށް އިތުބާރު ކުރާ މިނިސްޓަރުންނަށް ވާންވާނެ. އެންމެފަހުން ހުންނެވި ޑިފެންސް މިނިސްޓަރުވެސް މަޤާމުން ވަކިކުރަން ޖެހުނު ސަބަބަކީ، މި ތަޙުޤީޤުގެ ކަންތައްތައް ކުރަމުންދިޔައިރު، ސިފައިންގެ އެކި ފެންވަރުގެ މީހުންނާ ދޭތެރޭގައި، ތަޙުޤީޤުން މި ތަޙުޤީޤުގެ ނަޒަރަކުން ނޫނިއްޔާ ޝައްކުގެ ނަޒަރުން ބަލަމުން މިދިޔައީ. އެންމެ އިސް އޮފިސަރަކަށް ހައްޔަރުކުރީ ކުރިން ފަޔާޒް. އެއީ ސިފައިންގެ ކާނަލްއެއް. އޭނާއަކީ އޭރުގެ ޑިފެންސް މިނިސްޓަރުގެ ކަޒިންއެއް. ދެބެންގެ ދެދަރި މީހެއް. މި މަސައްކަތް ދިޔަގޮތަކީ، މިކަންކަން ކުރަމުން ދިޔައިރު، ހަވާގެ ގޮތުގައި މި ގެނެވޭ ބަޑިބޭހުގެ ސާމާނަކީ، ޒަމާނުއްސުރެ ސިފައިންގެ ބެލުމުގެ ދަށުން ސިފައިން ގެނެސް އިމްޕޯޓްކުރާ އެއްޗެއް. އެހެން ނަމަވެސް، އޭރުގެ ޑިފެންސް މިނިސްޓަރުވަނީ އަމިއްލަފުޅަށް އެކަން ބަދަލުކުރައްވާފައި. ރައީސާވެސް މަޝްވަރާ ކުރައްވާފައެއް ނޫން. އަދި ސިފައިންގެ ވެރިންނާވެސް މަޝްވަރާ ކުރައްވާފައެއް ނޫން. އެހާ ވަރުގަދައަށް ހިފަހައްޓަމުން އައި އުޞޫލެއް، އޭނަވަނީ އެމް.އެމް.ޕީ.އާރު.ސީ އަށް އަމިއްލައަށް އިމްޕޯޓް ކުރެވޭގޮތަށް ހުއްދަ ދެއްވާފައި. އެ ހުއްދަ ދެއްވާފައި އޮތްއިރު، އަޅުގަނޑު އަތުގައި މިހާރު ޔައުމިއްޔާ އެބައޮތް. އޭގެފަހުން ސިފައިންގެ ވެރިންނަށް މިކަން އެނގިގެން، ޖަލްސާއެއްގައި އެމަނިކުފާނާ ސުވާލުކުރީމަވެސް، އެމަނިކުފާނު ވިދާޅުވީ، އެއީ އެމަނިކުފާނު ދެއްވި ހުއްދައެއް ކަމަށް. ޑިފެންސް މިނިސްޓަރުގެ ޙައިޘިއްޔަތުން ދެއްވި ހުއްދައެއް ކަމަށް. މިހާރު އެ ގެނެވުނު ހަވާ ޝިޕްމަންޓެއްގެ ވާހަކަ، މީޑިއާގެ ތެރޭގައިވެސް ވަރަށް ބޮޑަށް އެބައުޅޭ. އެ ހަވާ ޝިޕްމަންޓާއި، އެ ހަވާ ޝިޕްމަންޓް ފާސްކުރެވުނުގޮތާއި، ފާސްކުރެވުނު މިންވަރުގެ ސުވާލުތައް އެބަ އުފެދޭ. އަދި އެ ގެނެވޭ ހަވާ ޝިޕްމަންޓަކީ، އޭގައި ހުންނަ ބަޑިބޭހުން ގޮވާތަކެތި އުފެއްދިދާނެ އެއްޗެއްކަމާ ދޭތެރޭގައި ދެބަހެއް ނުވާނެ އެއްވެސް މީހަކު. އެހެންވީމާ، އެ ހަވާ ޝިޕްމަންޓްގެ ތެރޭގައި ދެންހުރީ ކޯއްޗެއް ކަމެއް، އެހާ ރަނގަޅަށް ބަލައި ފާސްކުރެވުނު ކަމެއް އެނގޭކަށެއް ނެތް.

ވަރަށް އަވަސް އަރުވާލާފައި ކްލިއަރ ކުރެވުނު ހަވާ ޝިޕްމަންޓެއް އެއީ. އެހެންވެގެން ސިފައިންގެ ޗީފާއި، ވައިސް ޗީފާއި އަދި އަޅުގަނޑާ މަޝްވަރާކޮށްފައި، އަޅުގަނޑުމެންނަށް ގަބޫލުނުކުރެވުނީ، މި ތަޙުޤީޤު އެހާ ފަސޭހައިން ގެންދެވިދާނެ ކަމަށް، ޑިފެންސް މިނިސްޓަރުގެ މަޤާމުގައި މޫސާ އަލީ ޖަލީލް ހުންނަވައިގެން. ކަނޑައެޅިގެން މޫސާ ޢަލީ ޖަލީލްގެ އެއްވެސް ކުށެއް ފެންނާކަށެއް ނެތް. އަދި މިއިން އެއްވެސް ކަމެއްގައި، މިދެންނެވީ މި ހިނގާދިޔަ ލޯންޗް އެކްސިޑެންޓްގައި، މޫސާ ޢަލީ ޖަލީލްގެ އެއްވެސްކަހަލަ ބައިވެރިވުމެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް އަދި ގަބޫލެއް ނުކުރެވޭ. އެހެން ނަމަވެސް، މިދެންނެވި ސަބަބުތައް މެދުވެރިވެފައި ހުރެފައި، މޫސާ ޢަލީ ޖަލީލްގެ ކަޒިންއަކަށް ހުރި މީހަކު، ދެބެންގެ ދެދަރި މީހަކު މީގެ އެންމެ އިސްމީހަކަށް ހުރެގެން، ހައްޔަރު ކުރެވިފައި ހުރީމަ، އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ، މިހާރު ދެން އެ މަޤާމުގައި މޫސާ ޢަލީ ޖަލީލް ހުންނެވީމަ، ތަޙުޤީޤަކަށް ފަސޭހައެއް ނުވާނެ ކަމަށް. މޫސާ އަލީ ޖަލީލަކީ އިންކުއަރީ ކޮމިޝަންގައިވެސް ތިއްބެވި ދެ ވަޒީރުންގެ ތެރެއިން އެއް ވަޒީރު. އެހާ ހިސާބުން އަޅުގަނޑު ނިންމީ، މޫސާ ޢަލީ ޖަލީލް ދޫކޮށްލަން. އެއީކީ އެއްގޮތަކަށްވެސް އެމަނިކުފާނުގެ މައްޗަށް ކުށެއް އޮވެގެން، ތުހުމަތެއް އޮވެގެނެއް ނޫން. އެހެން ނަމަވެސް، މި ހަވާ ޝިޕްމަންޓްގެ ކަންތައްތައް ދިޔަ ގޮތަކީ، ވަރަށް ގޯސްކޮށް ކުރެވިފައި ހުރި ކަމެއް. އެއީ ބަޑިބޭސް އަދި އެ ޝިޕްމަންޓްގައި ދެންހުރި އެއްޗިއްސަކީ ކޯއްޗެއް ކަމެއް ބަލައި ފާސްކުރެވިފައި އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. އަދި ސިފައިންވެސް މިއަދަކު ގަބޫލެއްނުކުރޭ. އެހެންވީމާ، މި ސަބަބުތައް ހުރެގެން، މިހާރުގެ ޑިފެންސް މިނިސްޓަރު މަޤާމުން އެވަނީ ވަކިކުރެވިފައި.

ދެން އަޅުގަނޑުގެ ސަރުކާރުން މުޅިއެކު ޖުމްލަ 8 ބޭފުޅުން މިވަނީ 2 އަހަރުގެ ތެރޭގައި ވަކިވެވަޑައިގެންފައި. އޭގެތެރޭގައި 2 ނައިބު ރައީސުން. މިހާރުގެ ނައިބު ރައީސް، އަދި ވަކިވީކީ ނޫން. އެހެން ނަމަވެސް، އެކަހެރި ކުރެވިފައި އެހެރީ. 2 ޑިފެންސް މިނިސްޓަރުން. އަދި 4 ވަޒީރުން މިވަނީ ވަކިކުރެވިފައި. އޭގެތެރެއިން 2 ވަޒީރުން މިވަނީ އަމިއްލަފުޅަށް އިސްތިޢުފާ ދެއްވާފައި. އެންމެފަހުން އިސްތިޢުފާ ދެއްވީ މުޙައްމަދު ޙުސައިން ޝަރީފް. މުޙައްމަދު ޙުސައިން ޝަރީފް ކުޑަދުވަސްކޮޅެއް ވަންދެން އޮފީހަށް ވަޑައިނުގަންނަވަން މަޑުކުރައްވަން ދެންނެވީމަ، އަމިއްލަފުޅަށް އިސްތިޢުފާ ދެއްވި ވަޒީރެއް. މިކަމާ މި ހިނގާ ތަޙުޤީޤާ އެއްވެސް ގުޅުމެއް ހުރެގެނެއް ނޫން އެއީކީ. އެއްވެސް ގުޅުމެއް ހުރެގެނެއް ނޫން. އެހެން ނަމަވެސް، އެހެން ކަންތައްތަކަކާ ގުޅިގެން މުޙައްމަދު ޙުސައިން ޝަރީފަށް ދަންނަވާލެވުނީ، އިހަށް އޮފީހަށް ވަޑައިނުގެން މަޑުކުރައްވާށޭ. އެއްގޮތަކަށްވެސް ރައީސްގެ ލޯންޗް ގޮއްވާލި މައްސަލައަކާ މުޙައްމަދު ޙުސައިން ޝަރީފާ ދޭތެރޭގައި އެއްވެސް ކަހަލަ ޝައްކެއް، ސުވާލެއް އުފެދޭތީކީ ނޫން.

ދެން މަޤާމުން އިސްތިޢުފާ ދެއްވި އަނެއް ވަޒީރަކީ، މިތާ ހުންނެވި އަނެއް މިނިސްޓަރ އަމީން. އަމީންވެސް މި ސަރުކާރާ ގުޅިވަޑައިގަތީ 3 ބޭފުޅަކު އެއްކޮށް. އެއީ ނައިބު ރައީސް ޖަމީލާއި، ޔޫތު މިނިސްޓަރ މަލީޙާއި އަދި މިތާނގެ މިނިސްޓަރ އަމީނާ. އެހެންވީމާ، ނައިބު ރައީސް މަޤާމުން ވަކިވެފައި، މަލީހު މަޤާމުން ދުރުކުރީމަ، އަމީނަށް ފަސޭހަފުޅުނުވީ މިތާ މަސައްކަތް ކުރައްވަން. އެއްގޮތަކަށްވެސް ސަރުކާރުން، ރައީސް ހިތްހަމަނުޖެހިގެން މަޤާމުން ވަކިވެވަޑައިގަތީކީ ނޫން. އެއީ އޭނަގެ އަމިއްލަފުޅު ނިންމެވުމެއް. ދެން އަނެއް ވަޒީރަކީ، ކުރީގެ ހެލްތް މިނިސްޓަރ ޑޮކްޓަރ ޝަކީލާ. ޑޮކްޓަރ ޝަކީލާގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނުލިބުނީ. އެއީކީ ރައީސް ސިޔާސީގޮތުން ކުރި ކަމެއް ނޫން. އެހެން ނަމަވެސް، ދަންނަވާލަން މިއުޅެނީ، 8 ބޭފުޅަކު މިވަނީ މަޤާމުން އެކި ސަބަބުތަކާހެދި ދުރުކުރެވިފައި، ވަކިކުރެވިފައި. މަޤާމުން ވަކިކުރެވުނު ވަޒީރަކީ މަލީޙު. އެއީވެސް އޭރު ސަރުކާރުން ބަލަމުންދިޔަ ބެލުންތަކަކާއި، ތަޙުޤީޤުކުރި ތަޙުޤީޤު ކުރުމަކާ މަލީހު މާބޮޑަށް ބެހިވަޑައިގެން، މަލީހު އަމިއްލަފުޅަށް އެކަންކަމާ ފެނިވަޑައިގަންނަވާ ގޮތެއް، އެ ތަޙުޤީޤު ކުރަމުން، ނޫނީ އެކަން ކުރަމުންދިޔަ ބަޔަކާ އިންޓަރވީން ކުރެއްވީމަ. އެކަން ބަލަންވެސް މިތަނުން ޙަވާލުކުރީ މިނިސްޓަރ އަމީނާ. އެހެންވީމާ، އެކަން ބަލާފައި އަޅުގަނޑަށް ރިޕޯޓް ލިބުނީމަ، އަޅުގަނޑު ގަބޫލުކުރީ، އެއީ މިނިސްޓަރަކަށް ހުންނަވައިގެން މަލީޙަށް ކުރެއްވޭނެ ކަމެއް ނޫންކަމަށް. އެހެންވެގެން މަލީހު މަޤާމުން ވަކިކުރަންޖެހުނީ. އޭރު އެއީ ނައިބު ރައީސްވެސް އިދިކޮޅު ފަރާތްތަކަށް ހިތްވަރު ދެއްވައިގެން، ކަންތައްތައް ކުރައްވާ ކަމުގެ ތުހުމަތު އަންނަމުންދިޔަ ދުވަސްކޮޅު. އެހެންވީމާ، ދަންނަވާލަން މިއުޅެނީ، ސިޔާސީގޮތުން ނަމަވެސް، ސިޔާސީ ނޫން ނަމަވެސް، 8 ބޭފުޅުން މިވަނީ ސަރުކާރާ ވަކިވެވަޑައިގެންފައި.

ދެންއޮތީ ނޫހުގައި އުފައްދާ ސުވާލު. ނޫނިއްޔާ ނޫހުގައި ބައެއް ބޭފުޅުން މަޤާމުން ވަކިވެވަޑައިގެން ތިއްބެވި ބޭފުޅުން އުފައްދަވާ ސުވާލު. ރައީސް ޔާމީނާ 2018 ގައި ވާދަކުރާނެ ހުރިހާ އެންމެން ނައްތާލަނީތޯ؟ އަދި ރައީސް ޔާމީން ނުނިންމާ، 2018 ގައި ވާދަކުރާކަށްވެސް. ފުރަތަމަ ކަންތައް. ދެވަނަ ކަމަކީ މިތަނުން އެއްވެސް މީހަކު ނައްތާލާކަށް ރައީސް ޔާމީން ކުރި ކަމެއް ނޯންނާނެ. މިތަނުން އެއްވެސް ބޭފުޅަކު. ސިޔާސީ އެއްވެސް ވާދަވެރިޔަކު ދުރަށްލާކަށް، ރައީސް ޔާމީން ކުރި އެއްވެސް ކަމެއް ނޯންނާނެ. އަދި ކުރެވުނު ކަމެއްވިއްޔާ ކުރެވިފައި އޮތީ، އެބޭފުޅެއްގެ ޢަމަލުތައް ހުރިގޮތުން ކޯޓުގެ ތެރެއިން، ދިވެހިރާއްޖޭގެ ޖުޑީޝަރީގެ ތެރެއިން އަޅާ ފިޔަވަޅެއްގެ މައްޗަށް ބިނާކޮށް، އެބޭފުޅަކާ ދޭތެރޭގައި ފިޔަވަޅު އެޅިފައި އޮތީ. އެހެންވީމާ، މިއީކީ ރައީސް ޔާމީން ސިޔާސީގޮތުން ކުރާ ކަންކަމެއް ނޫން.

ރައީސް ނަޝީދާ ދޭތެރޭގައި އެއޮތީ ޝަރުޢީ ޙުކުމެއް. ރައީސް ޔާމީނާ ވާދަކުރައްވާ ބޭފުޅަކަށް ވެދާނެ. އެހެން ނަމަވެސް، ރައީސް ޔާމީނާ ވާދަކުރާތީކީ ނޫން، ރައީސް ނަޝީދަށް ޙުކުމް އައިސްގެން އެއުޅެނީކީ. އަދި ރައީސް ނަޝީދުގެ މައްސަލަ ވެއްދީކީވެސް މި ސަރުކާރަކުންނެއް ނޫން. ކުރީގެ ސަރުކާރުން، ރައީސް ވަޙީދުގެ ސަރުކާރުން މައްސަލަ ވައްދާފައި އެއޮތީ. ތަކުރާރުކޮށް ރައީސް އޮފީހަށް އިލްތިމާސް ކުރައްވަމުން ރައީސް ނަޝީދު ގެންދެވީ، ތިމަންނަގެ މައްސަލަ އަވަހަށް ނިންމައިދޭށޭ. ސަބަބެއްވެސް އޮވެގެން. އެމަނިކުފާނުގެ މައްސަލަ އަވަހަށް ނިމިގެން، މުއްދަތުތަކެއް ފަހަނައަޅައިގެން، ނޫނީ މުއްދަތުން ބާކީ ވަކިވަރެއް އޮވެގެން ނޫނިއްޔަކާއެއް، އެ ޙުކުމެއް އައިސްގެން މުއްދަތުން ވަކިވަރެއް ބާކީއޮވެގެން ނޫނިއްޔަކާއެއް، 2018 ގެ އިންތިޚާބަކަށް އެމަނިކުފާނަކަށް ކުރިމައްޗެއް ނުލެއްވޭނެ. ހަމަ އެ ސަބަބަށްޓަކައި އެމަނިކުފާނު އިލްތިމާސް ކުރައްވަމުން ގެންދެވީ، މައްސަލަ އަވަހަށް ނިންމައިދެއްވާށޭ. އަޅުގަނޑަށް އެކަން ވިސްނޭތީ، ސިޔާސީގޮތުން އެމަނިކުފާނަށް ފުރްޞަތު އަރުވަން ބޭނުންވާތީ، 2018 ގައި ކުރިމަތިލެއްވުމުގެ ފުރްޞަތު އަރުވަން ބޭނުންވާތީ، ތަކުރާރު ކުރައްވަމުން ގެންދެވި އިލްތިމާސަށް އަޅުގަނޑު އިޖާބަދިނިން. އަޅުގަނޑުވެސް ދެންނެވިން، ކޯޓުތަކުގައި ދެންނެވިން. ރައީސް ނަޝީދު އެދިވަޑައިގަންނަވައޭ، ވީހާ އަވަހަކަށް މައްސަލަ ނިންމަވައިދެއްވަން. ކޯޓުތަކުން ކުރެއްވި ކަމެއް، ކޯޓުތަކުން އެ ކުރެއްވީ ވީހާ އަވަހެއް ކުރައްވަން. އެއީ، ރައީސް ނަޝީދުގެ އިލްތިމާސް. އޭގައި ސަރުކާރުގެ އަތެއް ނޫޅޭނެ. ސަރުކާރުން ބުނި އެއްޗެއް ނޯންނާނެ. އަދި ތިޔަބޭފުޅުން ގަބޫލުކުރައްވާ، ރައީސް ވަޙީދުގެ ސަރުކާރު ނިމިގެންދިޔައިރު، ކޯޓުތަކުގައި އޭރުގެ ހުރިހާ ހެކިންގެ ހެކިބަސް ނަގައި، ހުރިހާ ސްޓޭޓްމަންޓްތައް ހުރީ ނިންމާފައި. އެތައް ދުވަހެއް ފަހުން، މުޠާލިޢާ ކުރުމުގެ ގޮތުން، ސްޓޭޓްމަންޓްތަކުގެ ވާހަކަ، އަލުން ކޯޓުތަކުގައި ދެއްކުނީ. އެކަމަކު ކޯޓުތަކުން ހުރީ ސްޓޭޓްމަންޓްތައް ނަގައި ނިންމާފައި. އެހެންވީމާ، އެއީކީ އަވަސްއަރުވާލައިގެން ނިންމި ޝަރީޢަތެކޭ ބުނެވޭނެ އެއްވެސް ޖާގައެއް އޮތްހެނެއް އަޅުގަނޑަކަށް ހިއެއްނުވޭ. އެއީ، އަލަށް ނެގުނު ސްޓޭޓްމަންޓްތަކެއް އޮތްހެނެއް އަޅުގަނޑަކަށް ހިއެއްނުވޭ. އަވަސްކުރަން އެދިވަޑައިގަތީ ޚުދު ރައީސް ނަޝީދު. އެހެންވީމާ، ރައީސް ނަޝީދު ބޭނުންފުޅުވި ސަބަބު، އަޅުގަނޑު މިދެންނެވީ. 2018 ގައި ވާދަކުރެއްވެން އޮތީ، މިހާރު ޤާނޫނުތައް ހަމަޖެހިފައި ހުރިގޮތުން ވެއްޖިއްޔާ، އެމަނިކުފާނުގެ ޝަރީޢަތް ނިމި، އަވަހަށް ނިމި، އަދި ޙުކުމުން ބައެއް ތަންފީޛުވެގެން، މުއްދަތުގައި 2018ގެ އިންތިޚާބުގެ މޫސުމުގެ ކުރިން، ވަކި މުއްދަތެއް އޮއްވަ، ރައީސް ނަޝީދު އެބަޖެހޭ ސަލާމަތްވާން. އެހެންވީމާ، އެކަމަށް އެމަނިކުފާނު އެ ފުރްޞަތު ހޯއްދަވަން ބޭނުންފުޅުވީ. 2018 ގައި އަޅުގަނޑާ ވާދަކުރައްވަން ބޭނުންފުޅުވާތީ، އަޅުގަނޑުވެސް ހަމަ ބޭނުންވީ، އެ ފުރްޞަތު އެމަނިކުފާނަށް އަރުވަން. އެހެންވީމާ، އެއީކީ އަޅުގަނޑު ކޮށްގެން އުޅޭ ކަމެއް ނޫން.

ދެން އޮތީ ޑިފެންސް މިނިސްޓަރުން މަޤާމުން ވަކިވުން. ނާޒިމްމެން ގެއިން ފެނުނު އެއްޗަކީ އަޅުގަނޑަކަށް ހަމަ އެއްވެސްގޮތަކަށް އެއާބެހޭ އެއްޗެއް ދަންނަވަން އެނގޭ ކަމެއް ނޫން. އެކަންޖެހޭނީ އެމަނިކުފާނު ކޯޓުގައި ސާބިތުކޮށްދެއްވަން. އެއީކީ އަޅުގަނޑާ ބެހޭ ކަމެއް ނޫން. އެކަމަކު ރައީސަކަށް ހުރެގެން، އަޅުގަނޑާ ހަމައަށް އެ މައްސަލަ އައިމަ، އެ މައްސަލަ ވަކިގޮތަކަށް ނިންމާކަށް އަޅުގަނޑު ލަފައެއް ނުދޭނަން. އަޅުގަނޑެއް ނުބުނާނަން، ތިޔަ މައްސަލަ ކޯޓުން ބޭރުގައި ނިންމާށެކޭ. އެ މައްސަލަ ދާންޖެހޭނީ ޕްރޮސެކިއުޓަރ ޖެނެރަލަށް. ތަޙުޤީޤަށްފަހު ޕްރޮސެކިއުޓަރ ޖެނެރަލަށް. ކޯޓަށް މައްސަލަ ވައްދަން ފެންނަ ކަމަށްވަންޏާ، އޭނަ އެ މައްސަލަ ވައްދާނީ. ކޯޓުން އެއާ ދޭތެރޭގައި ގޮތެއް ނިންމާނީ. ނާޒިމް ޖެހޭނީ، ނާޒިމްގެ މަޢުޞޫމްކަން، ކޯޓުގައި ސާބިތުކޮށްދެއްވަން. އެއީކީ ރައީސް ޔާމީން ކަމެއް ކުރަން އުޅޭތީ ނޫނީ ކުރަން ނޫޅޭތީ ކުރި ކަމެއް ނޫން.

ދެން އަދު މި ފެނިގެން މިއުޅޭ ކަންތައް. ކުރީގެ ނައިބު ރައީސް ވަކިވި ވަކިވުން. އެއީކީވެސް ރައީސް ޔާމީން ކުރި ކަމެއް ނޫން. އެހެން ނަމަވެސް، އޭގެތެރޭގައި ސިޔާސީ ކަންތައްތަކެއް ނެތެކޭ ނުދަންނަވާނަން. އެއީ، އޭރު ސަރުކާރަށް ބޭނުންވި އެއްބާރުލުން، އޭރުގެ ނައިބު ރައީސްގެ ފަރާތްޕުޅަކުންނެއް ލިބެމަކުންނެއް ނުދޭ. އޭގެތެރޭގައި ކަންތައްތަކެއް ހުރި. ސަބަބުތަކެއް އެބަހުރި. އެހެން ނަމަވެސް، ހަމަ އެ މަނިކުފާނުގެ ޝަރަފުގައި، އެމަނިކުފާނުގެ ޙައްޤުގައި އަޅުގަނޑު ބޭނުންނުވީ، އެއްވެސްކަހަލަ ބަދު ބަހެއް ދަންނަވަން. މިއަދުވެސް ބޭނުމެއް ނޫން ދަންނަވާކަށް. މިއަދުވެސް ބޭނުމެއް ނޫން ދަންނަވާކަށް. އެކަމަކު ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އެ މަނިކުފާނުގެ މަޢުޞޫމްކަން، ނޫނީ ކުށެއް ނެތްކަން ސާބިތުކޮށްދެއްވުމަށް އެމަނިކުފާނަށް ފުރްޞަތު އެބަލިބޭ، ޤާނޫނުއަސާސީގެ ދަށުން. އެ ފުރްޞަތު އެމަނިކުފާނު ދޫކޮށްލެއްވީ. ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން، މެންބަރުން ކުރާ ސުވާލު، މެންބަރުންނާ ކުރިމަތިލައްވަން ބޭނުންފުޅުނުވީ. ކުރިމަތިލައްވައިގެން، އެ ސުވާލުތަކަށް ޖަވާބު ދެއްވާގޮތުން، ހަމަގައިމުވެސް އަދި މަޖިލީހުން ސިޔާސީ ވޯޓެއް ނެގިނަމަވެސް، ދިވެހި ރައްޔިތުންނަށް އެނގޭނެ، އެމަނިކުފާނު ކުށްވެރިވޭތޯ، ނޫންތޯ. އެއީ، އަޅުގަނޑުމެންނަށް އެ ސުވާލުތަކާއި، ދެއްވާ ޖަވާބު އެނގޭނެތީ، ފެންނާނެތީ. އެކަމަކު އެ ފުރްޞަތުން އެމަނިކުފާނު އަމިއްލަފުޅަށް މަޙްރޫމްވެވަޑައިގަތީ. އެއީ އަޅުގަނޑު ކުރި ކަމެއް ނޫން. އެކަމަކު ކަންތައްތަކެއް ކުރައްވާފައި ހުރެއްޖެ ކަމަށްވަންޏާ، އިތުބާރު ނެތްކަމުގެ މައްސަލަ ދާނެ.

މިހާރު މި ހުންނެވި ނައިބު ރައީސް އެކަހެރި ކުރަން ޖެހުނު ސަބަބު، ވަރަށް ތަފްޞީލުކޮށް ދިވެހި ރައްޔިތުންނަށް އަޅުގަނޑު މި ދަންނަވައިދިނީ. މުޅި މާލޭގެ ސަލާމަތާއި، ރާއްޖޭގެ ރައްޔިތުންގެ ސަލާމަތަށްޓަކައި އަޅުގަނޑު އެބަޖެހޭ މިކަން ކުރަން. މިއީކީ ކަޓަރު އެޅީކީ ނޫން. މިއީ ބޮމެއް ގޮވީ. އެހެންވީމާ، މި ތަޙުޤީޤަށް ބަންދުކުރެވިފައި ތިބި މީހުންގެ ގޭގެ ބަލައި ފާސްކުރިއިރު، ބޮން ތައްޔާރުކުރާ ސާމާނު، އޭގެ ބައެއް ގޭގެއިން ފެނިފައި ހުރީމަ. އެހެންވީމާ، އަޅުގަނޑަށް މަޖުބޫރުވޭ، އަޅުގަނޑަށް މަޖުބޫރުވޭ، އެކަހެރިކޮށް ބަހައްޓައިގެން ތަޙުޤީޤު ކުރަން. އެކަމަކު އަދިވެސް އަޅުގަނޑު ކުށްވެރި ކުރަނީކީ ނޫން. އެހެން ނަމަވެސް، ތުހުމަތުތަކެއް ހުރި ކަމަށް ތަޙުޤީޤުކުރާ ޓީމުތަކަށް ގަބޫލުކުރެވޭތީ، މަޤާމުގައި ހުންނަވައިގެން، އޮފީހަށް ނުކުމެވަޑައިގަންނަވާ ކަމަށްވަންޏާ، މިކަން ކުރަން ދަތިވާނެތީ. ދަތިވާ ސަބަބު މިދަންނަވާލީ. އެހާ ބޮޑަށް ފުލުހުންގެ މައްޗަށް އެމަނިކުފާނުގެ ނުފޫޒު ފެތުރިފައި އޮތީމަ.

ދެން ތިއްބެވި އެހެން ސިޔާސީ ބޭފުޅުން، އެހެން ޕާޓީތަކުގެ ލީޑަރުން. އަޅުގަނޑެއް ނޫން އެމީހުން ހައްޔަރުކޮށްގެން މިއުޅެނީކީ. އެބޭފުޅުންގެ މައްސަލަތައްވެސް، ހަމަ ޖުޑީޝަރީގެ ތެރެއިން އެ ދިޔައީ. ޖުޑީޝަރީގެ ތެރެއިން އެބޭފުޅުންގެ އެއްވެސް ކަހަލަ ކުށެއް ނެތްކަން ސާބިތުކޮށްދެއްވަންވީ. އެހެންވީމާ، ސިޔާސީ މީހުން، އަޅުގަނޑާ ވާދަކުރާ މީހުން ހައްޔަރުކުރުމުގެ ފޯވައްސެއްގެ ތެރެއަކު ނޫން އަޅުގަނޑު މިއުޅެނީކީ.

ދެން މިއާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިހުރިހާ ކަމެއް ވެގެން ދިޔައީމަ، އަޅުގަނޑަށް ގަބޫލުކުރެވެނީ، މިއަދުގެ ޙަޤީޤަތް ގަބޫލުކުރަން އެބަޖެހޭކަން. މިއަދުގެ ޙަޤީޤަތަކީ، ރައީސް ޔާމީން ކިތަންމެ ބޭނުންވިނަމަވެސް، ބާރުތައް ބަހާލާފައި، އިޤްތިޞާދީ ކޮމިޓީއަކާއި، އިޖްތިމާޢީ ކޮމިޓީއަކާ، ދެ ޑިޕާޓްމަންޓް ގޮތަށް ބާއްވައިގެން، ދެމީހަކު ބަލަހައްޓާ ގޮތަށް، ރައީސާއި ނައިބު ރައީސް ބަލަހައްޓާ ގޮތަށް އޮތީމަ، އަދި ބާރުތަކެއް އެއްބޭފުޅަކަށް މާ ވަރުގަދައަށް ދެވުނީމަ، ނުކުންނަ މައްސަލަތަކެއް ނުކުތުމުގެ ޖާގަ އަދިވެސް އެބައޮތޭ. ނައިބު ރައީސް އަދީބް ސަރުކާރުގައި ހިމެނިވަޑައިގަތީ، ވަރަށް ބާރުއޮތް، އަދި ރައީސް ވަރަށް އިތުބާރުކުރާ، ކެބިނެޓް މިނިސްޓަރުކަން ކުރައްވާ ބޭފުޅެއްގެ ގޮތުގައި. ވަރަށްގިނަ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ވަސީލަތްތައް މިހިރީ ހަމަޖެހިފައި. އަދި ސްޕެޝަލް އިކޮނޮމިކް ޒޯން، ނޫނިއްޔާ އެސް.އީ.ޒެޑްގެ ޤާނޫނުގެ ދަށުންވެސް އެ ކޮމިޓީގެ ޗެއަރއަކީވެސް ނައިބު ރައީސް އަދީބް. އަދި ހަމައެހެންމެ، ނައިބު ރައީސަކީ އިކޮނޮމިކް ކައުންސިލްގެވެސް ކޯޗެއަރ. ފަހުން ހަމަޖެހިގެން ދިޔައީ ޗެއަރގެ ގޮތުގައި.

އެހެންވީމާ، އިޤްތިޞާދީ ބޮޑެތި ކަންތައްތައް، ބޭރުގެ ފަރާތްތަކާ ގުޅިގެން ނިންމާ ނިންމުމުގައިވެސް އަދީބްގެ ދައުރު ވަރަށް މުހިންމު. އަދި އެހެންމެ، އޭނަގެ ޚިދްމަތްތައްވެސް އަޅުގަނޑު ފާހަގަކުރަން. އެހެންވީމާ، ވަރަށް ބޮޑެތި ބާރުތަކާއި، ވަރަށް ބޮޑެތި އިތުބާރު އެއްބޭފުޅެއްގެ އަތްޕުޅުމައްޗަށް ލިބިގެން ދިޔައީ. ދިޔައީމަ ފުރްޞަތު އެބައޮތޭ އަޅުގަނޑު މިދަންނަވަނީ، މިކަހަލަ ކަންކަމަށް ޖާގަ އެބައޮތޭ. އެކަމަކު މިއަދު މިކަންކަން މިހެން ހިނގައިދިޔައީމަ، ރައީސަށް އެބަ މަޖުބޫރުވޭ، މިހުރިހާ ކަމަކީ ދެން ރައީސް އަމިއްލައަށް ބަލަހައްޓަންޖެހޭ ކަންތައްތައް ކަމަށް ވެއްޖެކަމަށް އަޅުގަނޑު ގަބޫލުކުރަން.

އެހެންވީމާ، މިއަދުން ފެށިގެން ސްޕެޝަލް އިކޮނޮމިކް ޒޯން، އެ ކޮމިޓީގެ ރައީސަކީވެސް އަޙްމަދު އަދީބެއް ނޫން. މަޤާމުން ވަކިވީ. އަދި އިކޮނޮމިކް ކޮމިޓީގެ ކޯޗެއަރ އަކީ ނޫނީ ޗެއަރއަކީވެސް އަޙްމަދު އަދީބެއް ނޫން. މަޤާމުން ވަކިވީ. އެ ދެމަޤާމަށް އަޅުގަނޑު މިއަދު ބޭފުޅުން ހަމަޖައްސާނަން. އަދި މި ދެ ކޮމިޝަނަކީވެސް ނޫނީ މި ދެކޮމިޓީއަކީވެސް ސީދާ އަޅުގަނޑު ބަލަހައްޓާ ދެ ކޮމިޓީ ގޮތަށް ހަދާނަން. އިޤްތިޞާދީ ކޮމިޓީވެސް މިއަދުން ފެށިގެން ޗެއަރ ކުރާނީ ރައީސް. އަދި އިޖްތިމާޢީ ކޮމިޝަންވެސް ނޫނީ އިޖްތިމާޢީ ކޮމިޓީވެސް މިއަދުން ފެށިގެން ޗެއަރ ކުރާނީ ރައީސް. އެހެންވީމާ، މީގެ ކުރީގެ ޒަމާންތަކެއް ކުރިން އޮތްގޮތަށް، މިހުރިހާ ކަމަކީ ސީދާ ރައީސް ބަލަހައްޓަންޖެހޭ ކަންތައްތައް ކަމަށް މިއަދު އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލު މިކުރެވުނީ، އަޅުގަނޑުގެ ދެ ނައިބު ރައީސުން މިހާތަނަށް ޢަމަލުކުރައްވާފައި ހުރިގޮތުން.

މިހުރިހާ ކަމަކާއެކީވެސް އަޅުގަނޑު ދިވެހި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ އަދި ދިވެހި ޒުވާނުންނަށްވެސް ބޭނުންވަނީ، މިހާރު މިވީގޮތުން ދެން ރައީސް މިހުރިހާ ކަމެއް ތަންކޮޅެއް ކައިރިން ބަލަހައްޓާނެއޭ. އެހެންވީމާ، ދިވެހިރާއްޖެއަށް އަންނަންހުރި ބޮޑެތި އިންވެސްޓްމަންޓްތައް، އިންވެސްޓްމަންޓް އައުމަކަށް އިރާދަކުރެއްވިއްޔާ އެއްވެސް ދައްޗެއް ނެތް. ދިވެހިރާއްޖޭގައި އަޅުގަނޑުމެން އެންމެ ބޮޑަށް މަސައްކަތް މިކުރަނީ، އެއަރޕޯޓާއި އަދި އަޅުގަނޑުމެންގެ ބްރިޖާ، މި ދެކަންތަކަށްވެސް، މި ދެ ޕްރޮޖެކްޓްގެ މަޝްރޫޢު، މި ދެ މަޝްރޫޢަށް ބޭނުންވާ ފައިސާވެސް އިރާދަކުރެއްވީތީ އެހެރީ ހަމަޖެހިފައި. އަދި ހަމައެހެންމެ އައިހޭވަންގެ މަޝްރޫޢާއި، ދެންހުރި ކަންތައްތައްވެސް އަޅުގަނޑުމެންގެ ތެރޭގައި ހަމަ ފައިސާ ހަމަޖެހިގެން މަސައްކަތްތައް ކުރަނީ. ވަކި ބޭފުޅަކު މަޤާމުން ވަކިވުމަކުން، ނޫނިއްޔާ އަޅުގަނޑުމެންނާއެކު ޚިދްމަތް ކުރައްވަން ނެތުމަކުންނެއް އިރާދަކުރެއްވިއްޔާ މިއަކަށް އުނިކަމެއް ނާންނާނެ.

ދެންހަމަ އެޔާއެކީ ދަންނަވާލަން ބޭނުންވަނީ، ޒުވާނުންނަށް މި ބޭނުންވާ ކަންތައްތައްވެސް އިރާދަކުރެއްވިއްޔާ ހަމަ ކުރިއެކޭ އެއްގޮތަށް ހަމަ ހިނގާނެ. އޭރުވެސް ޒުވާނުންގެ ކަންތައްތައް ރަސްމީކޮށް ހިނގަމުންދިޔައީ، ޔޫތު މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން. އެހެންނަމަވެސް، ޒުވާނުންގެ އެކިއެކި ގްރޫޕްތަކަށް ބޭނުންވާ ފައިސާއާއި، ބޭނުންވާ ކަންތައްތައް ހަމަޖެއްސުމުގައި، އަޅުގަނޑުމެން އޭރު ދިޔައީ، ވައިސް ޕްރެޒިޑެންޓް އަދީބްގެ ތެރެއިން، ނޫނިއްޔާ އޭރު ޓުއަރިޒަމް މިނިސްޓަރު ގޮތުގައި ހުންނެވި އަދީބްގެ ތެރެއިން ހަމަޖެހެމުން ދިޔައީ. އެއަށް އަޅުގަނޑުމެން ގޮތްތަކެއް ރާވަންޖެހޭނެ. އެހެން ނޫނިއްޔާ ސަރުކާރުން ރަސްމީކޮށް ބަޖެޓުން ކުރާ ހުރިހާ ކަމެއް ކުރުމުގައި، ހަމަ އެއްވެސް ކަހަލަ ހުރަހެއް ނެތް. އެއްވެސް ދަތިކަމެއް ނޯންނާނެ.

އެހެންވީމާ، މި ގެނެސްދެވުނު ވާހަކަކޮޅު ދިވެހި ރައްޔިތުންނަށް، ހަމަ ނިންމާލުމާއެކީ އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ސަރުކާރުގެ ތެރޭގައި، ރައީސަށް ދެން އިތުރަށް ކަންތައްތަކެއް ވިސްނަން މަޖުބޫރުވެއްޖެއޭ. އަދި އެ ވިސްނާ ވިސްނުމުގެ ތެރޭގައި، ދެން ރައީސް އެބަޖެހެއޭ، ހުރިހާ ދާއިރާއެއް ހިނގާގޮތް، ރައީސް އަމިއްލައަށް ބަލަން. އެ ބަލާ ބެލުމުގެ ތެރޭގައި، ކުރިއާ ޚިލާފަށް، ރައީސް ޖެހޭނީ ޙަރަކާތްތެރިވާން. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ލިޔާޤަތާއި ޤާބިލިއްޔަތު ތަންދިން މިންވަރަކުން އަޅުގަނޑު މިކަންކަން ކުރާނަން. އަޅުގަނޑު، އަޅުގަނޑުގެ ކެބިނެޓާއެކީ މަސައްކަތް ކުރަނީ، ވަކިމީހަކު ހުރެގެން، ވަކިމީހަކު ގޮސްގެން، އަޅުގަނޑުމެން ކުރާ މަސައްކަތަކަށް އަނަރޫފަ ކަމެއް ލިބޭނެ ކަމަށް ވިސްނައިގެނެއް ނޫން. އިރާދަކުރެއްވިއްޔާ އެ ކެޕޭސިޓީ، އަޅުގަނޑުމެންގެ ކެބިނެޓްގައި، އަދި ރިޔާސަތުގައި އެބަހުރި. އަޅުގަނޑުމެން މަސައްކަތް ކުރާނަން. އަޅުގަނޑުމެންނާއެކީ މަސައްކަތް ކުރެއްވި އެއްބޭފުޅަކު މިހާރު ޚިދްމަތުން ބޭރުގައި ހުންނަވަން ޖެހުނީމާ، އަޅުގަނޑު ހިތާމަކުރަން. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ އެއީ ފޫނުބެއްދޭވަރުގެ ގެއްލުމަކަށް ވެގެނެއްނުދާނެ. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކަށަވަރުކުރާނަން.

ދެން އަޅުގަނޑު ދެތިން ސުވާލެއް، ހަމަ ތިޔަބޭފުޅުންނަށް ފުރްޞަތު އަރުވާނަން.

އިބްރާހީމް މުޢާޒު – ޕީ.އެސް.އެމް:

އަޅުގަނޑު މަނިކުފާނަށް ދެތިން ސުވާލެއް ދަންނަވާލާނަން. އަޅުގަނޑުގެ އެންމެ ފުރަތަމަ ސުވާލަކީ، ސަރުކާރު ހިންގުމުގެ ނިޒާމަށް މިހާރު ބަދަލުތަކެއް އަންނަމުންދާއިރު، ކުރިއަށް އޮތް ތަނުގައި އެއްވެސް ކަހަލަ ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެތޯ؟ އާދެ، ދެވަނަ ސުވާލަކީ، މިފަދަ ދަނޑިވަޅަކީ، މި ރާއްޖެއަށް ބޮޑެތި އިންވެސްޓްތައް މިޞްރާބު ޖަހާފައިވާ ދަނޑިވަޅެއް. މިކަމުގެ ސަބަބުން މި ދަނޑިވަޅުގައި ރައްޔިތުންގެ ވިސްނުން ކޮންގޮތަކަށްތޯ ބަހައްޓަންޖެހޭނީ؟ ހަމައެހެންމެ މިވަގުތު ނައިބު ރައީސް އަދީބް ތަޙުޤީޤަށް ކިހާވަރަކަށް އެއްބާރުލުންދެއްވާތޯ؟ ޝުކުރިއްޔާ!

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

އަޅުގަނޑަށް ހީވަނީ ފުރަތަމަ ދެ ސުވާލަށް އަޅުގަނޑު ޖަވާބު ދީފިންވެސްކަންނޭނގެ.
އެ ދެ ސުވާލަކީ، އިންވެސްޓަރުން ދެކެނީ ކިހިނެއްތޯ؟ އިންވެސްޓަރުން ދެކޭގޮތުގައި ހަމަ އަދި އެއްވެސް ކަހަލަ ބަދަލެއް ރާއްޖެއަކަށް ނާދޭ. އިންވެސްޓަރުން ކަންބޮޑުވަންޏާ، ކަންބޮޑުވާނެ ކަމަކީ ދިވެހިރާއްޖޭގެ ހަމަޖެހުން. އެއީ ބޮމެއް ގޮއްވާލައިގެން މިއުޅެނީ. އޭގައި އިންވެސްޓަރުން ފިޖެޓީވާނެ، ނަރވަސްވާނެ، ކަންބޮޑުވާނެ. އެހެން ނަމަވެސް، މި މައްސަލަ ބަލައި ތަޙުޤީޤުކޮށް، މިކަމުގެ ޙަޤީޤަތާ ހަމައަށް ދެވިއްޖެ ކަމަށްވަންޏާ، ކޮންމެވެސްވަރެއްގެ ހަމަޖެހުމެއް އަންނާނެ. އެހެންވީމާ، އެއީ އަޅުގަނޑުވެސް ކަންބޮޑުވާ ކަމެއް. އެއީ އެއް ސަބަބު. އެއީ އެއް ސަބަބު، މީގެ އަޞްލާ ހަމަޔަށް އަޅުގަނޑުމެން ވާސިލުވާންޖެހޭ.

ދެން ސަރުކާރަށް ބަދަލުތަކެއް އަންނަމުންދާއިރު، ކުރިއަށް އޮތް ތަނުގައި ބަދަލުތައް އަންނާނެހޭ؟ ސަރުކާރަށް ބަދަލުތަކެއް އަންނަމުންދާ ކަމަށްވަންޏާ، ކުރިއަށް އޮތް ތަނުގައިވެސް ބަދަލުތަކެއް އަންނާނެ.

ދެން އޮތީ ފަހު ސުވާލު. ނައިބު ރައީސްގެ ފަރާތުން، ނައިބު ރައީސްގެ ލޯޔަރުންގެ ޓީމް ވިދާޅުވި، އެއްބާރުލުން ދެއްވާނަމޭ. އެހެންވީމާ، އަޅުގަނޑު އެދެނީ، ނައިބު ރައީސް އެއްބާރުލުން ދެއްވުން. ނައިބު ރައީސް އެއްބާރުލުން ދެއްވާއިރު، ތަޙުޤީޤުގައި ކުރާ ހުރިހާ ސުވާލަކަށް އެއްވެސް ފޮރުވުމެއްނެތި، އެއްވެސް ތަންކޮޅެއް ހިފެހެއްޓުމެއްނެތި އެއްބާރުލެއްވުން ދެއްވުމަކީ، އަޅުގަނޑު އެދޭ ކަންތައް. އަދި އެމަނިކުފާނުގެ ނަންފުޅުވެސް މިކަންތަކުން ކްލިއަރވެގެން ދާނީ އޭރުން.

ފަޒީނާ އަޙްމަދު – ހަވީރު ނޫސް:

އަޅުގަނޑުގެ ސުވާލަކީ، ރައީސް ތަފްޞީލުކޮށް ވިދާޅުވެދެއްވައިފި. ފުލުހުންގެ މުއައްސަސާއަށް ނައިބު ރައީސްގެ ނުފޫޒު އޮތް މިންވަރު. ކީއްވެގެންތޯ ނައިބު ރައީސް އެވަރަށް ނުފޫޒު ފޯރުވުމަށް މަނިކުފާނު ފުރްޞަތު ދެއްވީ؟ އަޅުގަނޑުގެ ފުރަތަމަ ސުވާލު. ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ނައިބު ރައީސްގެ މައްޗަށް މިހާރު ބޮޑެތި ތުހުމަތުތަކެއް މިވަނީ ކޮށްފައި. ހައްޔަރު ކުރެވިފައި. އެހެން ކަމަށްވާނަމަ، މަޖިލީހުގެ ތެރެއިން އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަނިކުފާނު ވިދާޅުވާނަންތޯ؟ އެއީ އަޅުގަނޑުގެ ދެވަނަ ސުވާލު.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ދެވަނަ ސުވާލަށް ފުރަތަމަ ޖަވާބު ދޭނަން. ނައިބު ރައީސްގެ މައްސަލަ އެއޮތީ ތަޙުޤީޤު ކުރުމުގެ ތެރޭގައި. ނައިބު ރައީސް ތަޙުޤީޤަށް އެއްބާރުލުން ދެއްވައިގެން، ތަޙުޤީޤުން ނިންމާ ގޮތެއްގެ މައްޗަށް މެނުވީ، ނައިބު ރައީސާ ދޭތެރޭގައި އިތުބާރު ނެތްކަމުގެ މައްސަލައެއް، އަޅުގަނޑާ ހަމަޔަކުންނެއް މޯޝަންއެއް ނުފަށްޓާނަން. އެހެންވީމާ، ނައިބު ރައީސް ތަޙުޤީޤަށް އެއްބާރުލުން ދެއްވާ މިންވަރާއި، ތަޙުޤީޤުން ނައިބު ރައީސާ ކުރިމަތިކުރާ ކަންތައްތަކުގައި، ނައިބު ރައީސަށް ޖަވާބުދާރީވެވެވަޑައިގެންނެވޭ މިންވަރުން އެކަން ނިންމާނީ.

ދެން ފުރަތަމަ ސުވާލަކީ، ކީއްވެގެންތޯ ނައިބު ރައީސަށް ހުރިހާ އިޚްތިޔާރެއް ދިނީ. ނައިބު ރައީސަށް އިޚްތިޔާރު ދެނީ، އަޅުގަނޑު ކުރާ މަސައްކަތް، އަޅުގަނޑުވެސް ލުއިކުރުމަށް. އަދި ސަރުކާރު ހިންގުން ހަރުދަނާ ކުރުމަށް. ސަރުކާރު ހިންގުން އަވަސްކުރުމަށް. ކުރީގެ ނައިބު ރައީސަށްވެސް ވަރަށްގިނަ ފުރްޞަތު އެރުވިން. މި ނައިބު ރައީސަކަށްވެސް އަޅުގަނޑެއް ފުރްޞަތެއް ނާރުވަން، ފުލުހުންގެ ތެރޭގައި، ފުލުހުންގެ މުއައްސަސާއަށް މިވަރުގެ ނުފޫޒު ފޯރުވާކަށް. އެއީ، ގަވާއިދާ ޚިލާފަށް ކުރައްވާފައި ހުރި ކަމެއް. އެކަމަށް ފުރްޞަތު ދެއްވީ، އޭރު ފުލުހުންގެ ތެރޭގައި އިސްކޮށް ތިއްބެވި ބޭފުޅުން. އެއީ، ރައީސަށް އެނގިގެން ހިނގާފައި އޮތް ކަމެއް ނޫން. ރައީސަށް އެކަން އެނގުނީ، މިކަން ހިނގާ ގޮސް، މި ތަޙުޤީޤުގެ ތެރޭގައި ލިބޭ މަޢުލޫމާތުގެ މައްޗަށް، އެ މަޢުލޫމާތުތައް ރިވިއު ކުރާއިރު، ރައީސަށް އެކަން ކަށަވަރުވި. އެހެންވީމާ، އެއީކީ ރައީސް ދިން އިޚްތިޔާރެއް ނޫން. ނޫނީ ރައީސް ކޮންޑޯންކުރި، ޓޮލަރޭޓްކުރި ކަންތައްތަކެއް ނޫން އެއީ. އެހެންވީމާ، އޭރު ފުލުހުންގެ މުއައްސަސާ އިސްކޮށް ހިންގަވަން ތިއްބެވި ބޭފުޅުން، އެ ޖާގަ ދެއްވައިގެން ނުވާނެ. އެ ޖާގަ ދެއްވީ އެބޭފުޅުން، ރައީސެއް ނޫން.

ފަޒީނާ އަޙްމަދު – ހަވީރު ނޫސް:

ރައީސް ތިޔަ ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ވާހަކަ އެކަނި. އެކަމަކު އަޅުގަނޑުމެންނަށް އަޑުއިވިގެން ދަނީ، މިނިވަން އެހެން ހުރިހާ މުއައްސަސާތަކެއްގެވެސް ނައިބު ރައީސްގެ ނުފޫޒު ނުވަތަ އެ ކޮމިޝަންތައް ހިނގަންވާ މިނިވަންކޮށް ނުހިނގާ ކަމަށް. މަނިކުފާނު ގަބޫލުކުރައްވަންތޯ، އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހަށް ބަލައިލި ކަމުގައިވިޔަސް، މެންބަރުންނަށް ފައިސާގެ ނުފޫޒުތަކެއް ފޯރާކަމަށް އަޑުތަކެއް އިވެނީ. އެކަމުގައި މަނިކުފާނު ކީކޭތޯ ވިދާޅުވަނީ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

މިނިވަން މުއައްސަސާތަކެއް ނޫން ދޮއެއްތޯ ތިއީ؟ މިނިވަން މުއައްސަސާތަކުގައި މަސައްކަތް ހިނގަންވާނީ، މިނިވަން މުއައްސަސާތަކުން މަސައްކަތް ކުރަންވާގޮތަށް. މިނިވަން މުއައްސަސާތަކަށް މަސައްކަތް ނުކުރެވިގެން، އެބޭފުޅުންގެ ޝަކުވާ އަދި އަޅުގަނޑާ ހަމައަށް އައިސްފައެއް ނެތް. އަދި ނައިބު ރައީސް އެތަނަށް ނުފޫޒު، އެ މިނިވަން މުއައްސަސާތަކުގައި އޮތް ވަކި މައްސަލައަކަށް ނުފޫޒު ފޯރުއްވާކަމުގެ އެއްވެސް ޝަކުވާއެއް އަދިވެސް މިހާތަނަކަށްވެސް ނާދޭ. ނައިބު ރައީސް ބަންދުކުރިފަހުންވެސް ނޫނިއްޔާ މި މައްސަލަ ޖެހުނު ފަހުންވެސް ނާދޭ.

ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހުރިހާ ސަރުކާރަކުންވެސް ނޫނިއްޔާ ހުރިހާ ޕާޓީތަކަކުންވެސް، އެ ޕާޓީގެ ކެޕޭސިޓީ ހުރި މިންވަރަކުން، ނޫނިއްޔާ އެ ޕާޓީގައި ތިބި ތަނަވަސް މީހުންގެ ފައިސާ ހުރި މިންވަރަކުން ލިބޭ ފައިސާއަކުން އެހީތެރިވާނެ. އެމީހުންނަށް ހުރި ދަތިތަކުގައި އެހީތެރިވާނެ. އެކަމަކު މެންބަރުންނަށް ދެއްވާފައި ހުރީ، ނޫނިއްޔާ ވަކިވަކި މެންބަރުންނަށް ދެއްވާފައި ހުރީ ކިހާ ފައިސާއެއްތޯ މިއުޅެނީ ނޭނގިގެން. އެ ހޯދުމަށްޓަކައި އެމް.އެމް.ޕީ.އާރު.ސީ އަށް ފައިސާ ވަންނަގޮތާއި، ފައިސާ ޚަރަދުވެފައި ހުރި ގޮތް، ހޭދަކޮށްފައި އޮތް ގޮތުގެ ތަފްޞީލު ހޯދަން ބޭނުންވެގެން މިއުޅެނީ.

އަޙްމަދު ޢާޒިފް – ސަން އޮންލައިން:

އަޅުގަނޑުވެސް ތިން ސުވާލެއް އެބައޮތް. ފުރަތަމަ ސުވާލެއްގެ ގޮތުން، ރައީސް ފާހަގަކުރައްވައިފި، ނައިބު ރައީސްގެ ނުފޫޒު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތެރޭގައި އޮތް މިންވަރު. ދެން އެކަމާ ގުޅިގެން މިހާރު ރައީސް އެވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް މަޤާމުތަކަށް ބަދަލުގެންނަވާފައި. ރައީސް ގަބޫލުފުޅު ކުރައްވަންތޯ، އޭގެ އިތުރުންވެސް އިތުރު ބަދަލުތަކެއް، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގެންނަވަންޖެހޭ ކަމަށް.

ދެން ދެވަނަ ސުވާލެއް ގޮތުން، ދެ ވުޒާރާއެއްގެ ވަޒީރުން މިވަނީ ހުސްވެފައި. ދެން އެ މަޤާމުތަކަށް ކިހާ ދުވަހެއްގެ ތެރޭގައި ބޭފުޅުން ޢައްޔަނު ކުރެވިދާނެތޯ؟

ދެން ތިންވަނަ ސުވާލެއް ގޮތުން، އެސް.އީ.ޒެޑާއި އައިހޭވަން އަކީ، މި ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ އެންމެބޮޑު ތަރައްޤީގެ މަޝްރޫޢުތައް. ރާއްޖެއަށް ވަރަށް ބޮޑެތި ތަރައްޤީއެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ފާހަގަކުރައްވާ މަޝްރޫޢުތަކެއް. މި ދެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ކިހާ ދުވަހެއްގެ ތެރޭގައި ފެށިގެންދާނެ ކަމަށް ގަބޫލުކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

މީގައި ފުލުހުންގެ މުއައްސަސާއަށް އިތުރު ބަދަލު އަތުވެދާނެތޯ، ދޮއެއްތޯ؟ ފުލުހުންގެ މުއައްސަސާއަށް އިތުރު ބަދަލު އައުމަކީ ނުވާނެ ކަމެކޭވެސް ދަންނަވާކަށް ނެތިން. އެކަމަކު މިވަގުތަކު އަޅުގަނޑާ ހަމައަކަށް އެކަހަލަ އިތުރު މައްސަލައެއް އައިސްފައެއް ނެތް. މިހާރު އެތަނާ ޙަވާލުވެވަޑައިގެން އެ ހުންނެވީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް. އޭނަ ބައްލަވާ ބެއްލެވުމުގެ ތެރޭގައި، އަނެއްކާވެސް ތަޙުޤީޤަށް ހުރަސްއެޅޭ ކަންތައްތަކެއް، ނޫނިއްޔާ ތިޔަ ވިދާޅުވި ކަހަލަ އަސަރުތަކެއް ފެތުރިގެން، އޭގެ ނާޖާއިޒު، ނޫނީ އޭގެ އުނދަގޫތަކެއް އެ މުއައްސަސާއަކަށް ވާކަމަށްވަންޏާ، އެ މައްސަލަ އަޅުގަނޑާ ހަމަޔަށް އަންނާނެ. އެ އަތުވެއްޖެ ކަމަށްވަންޏާ، މުޅި މުއައްސަސާ ސަލާމަތްކޮށް، މުޅި މުއައްސަސާއަކީ އަނެއްކާވެސް ދިވެހިންގެ އިތުބާރު އޮތް ތަނަކަށް ހެދުމަށްޓަކައި ކުރަން ޖެހިއްޖެ ކޮންމެ ކަމެއް، މި ރައީސް ކުރާނެ.

ދެން ދެ ވުޒާރާއެއް ހުސްވެފައި އޮތީމަ. ދެ ވުޒާރާއެއް ނޫން ދޮއެއްތޯ. އަޅުގަނޑުގެ މި ދެ އަހަރުގެ ތެރޭގައި، 8 ބޭފުޅެއްގެ ވާހަކަ މި ދެންނެވީ. މިވަގުތުން މިވަގުތަށް ދެ ވުޒާރާ އެބަހުރި. އެހެންވީމާ، އިރާދަކުރެއްވިއްޔާ ހަމަ ވަރަށް އަވަހަށް މި ބަލަނީ، ދެ ވުޒާރާއަށްވެސް ވަޒީރުން ލެއްވޭތޯ.

ނައިބު ރައީސް މީގެކުރިން ޓުއަރިޒަމް މިނިސްޓްރީ ބަލަހައްޓަވަމުން ގެންދެވީ. އެހެން ނަމަވެސް، ނައިބު ރައީސަށްވެސް އެނގިވަޑައިގަންނަވާނެ، އެތަނަށް ވަޒީރަކު ވަޑައިގަންނަވާނެކަން. ދެން އަޅުގަނޑުގެ ޙައްޖު ދަތުރުވެސް އޮތުމާއި، އަދި އޭގެފަހުން އ.ދ.ގެ ދަތުރުވެސް އޮތީމަޔާއެކީ، އަޅުގަނޑަށް އެކަން ނުވެގެން ދިޔައީ. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެ ދާއިރާވެސް އަދި ޑިފެންސް މިނިސްޓަރުގެ ދާއިރާވެސް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފުރޭތޯ ބަލާނަން. ބޭފުޅުން ހަމަޖެއްސޭތޯ ބަލާނަން.

އެސް.އީ.ޒެޑާއި ދެން އައިހޭވަން މަޝްރޫޢަކީ، ޝައްކެއްވެސްނެތް، ވަރަށް ބިޔަ ބޮޑު މަޝްރޫޢު ދޮއެއްތޯ. އެކަމަކު އެއަށްވުރެ ކުރިން، އަޅުގަނޑުމެންނަށް މިހާރުން މިހާރަށް ބޭނުންވާ ކަންތައްތަކުގެ ތެރޭގައި، ސަރުކާރުން މިހާރު އިސްކަންދޭ ކަންތައްތައް އަޅުގަނޑު ދަންނަވާލާނަން. މިހާރުން މިހާރަށް އަޅުގަނޑަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި މިއޮތީ ބްރިޖް ނިންމުން. ހަމައެޔާއެކީ އެއަރޕޯޓް ނިންމުން. އެ ދެ މަޝްރޫޢުގެ ހުރިހާ ފައިސާއެއް އިރާދަކުރެއްވިއްޔާ އެހެރީ ކޮމިޓްވެފައި. އެހެންވީމާ، އެ ދެ މަޝްރޫޢުގެ މަސައްކަތް ނިންމޭތޯ މި ބަލަނީ، 2017ގެ ނިޔަލަށް. ނޫނީ 2018ގެ މެދާ ހިސާބަށް ދާންވާއިރަށް ނިންމޭތޯ.

އެހެންވީމާ، އެޔާއެކީ ކުރާ މަސައްކަތް، އެސް.އީ.ޒެޑްގައި ދެންހުރި ބޮޑެތި މަޝްރޫޢުތައް ގެނައުން. އޭގެތެރޭގައި އެންމެބޮޑު މަޝްރޫޢަކަށް، ޝައްކެއްވެސްނެތްގޮތުގައި ވެގެންދާނީ އައިހޭވަން. އެހެންނަމަވެސް، އައިހޭވަންގެ މަސައްކަތަކީ، އަޅުގަނޑަށް މިހާރު އިކޮނޮމިކް ކައުންސިލުން ވާހަކަ ދައްކަވާފައި އޮތް ގޮތުން ވެއްޖިއްޔާ، އެހިސާބުގެ ބައެއް ތަންތަން އެބަ ހިއްކަންޖެހޭ. އެއަށް ބޭނުންވާ ސާމާނު، އެ ކެޕޭސިޓީ އެމް.ޓީ.ސީ.ސީ އަށް އަޅުގަނޑުމެން އިތުރުކޮށްދިނުމަށްޓަކައި، އެމް.ޓީ.ސީ.ސީ އިން ގެންނަން ބޭނުންވާ ޑްރެޖަރު ގެނައުމުގެ، ނޫނިއްޔާ ކަޓަރ ޑްރެޖަރު ގެނައުމުގެ ޑައުން ޕޭމަންޓްވެސް މިހާރު އެވަނީ ހަދާފައި. އަޅުގަނޑުމެން އެތަންތަން ހިއްކާފައި، އެތަންތަނަށް މީހުން ގެންނަން އުޅެފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އެތަންތަން، އެ މަޝްރޫޢު ހިންގަން ފަސޭހަވެގެންދާނެ. މިއީ، ވަރަށްބިޔަ މަޝްރޫޢެއް. މި މަޝްރޫޢު ނަގާކަށް އެއްވެސް އެއްފަރާތަކުން އަތުވެދާނެކަމާ ދޭތެރޭގައި އަޅުގަނޑު ޝައްކު. އެހެން ނަމަވެސް، ބިން ހިއްކާފައި، މިކަން ކުރާ ކަމަށްވަންޏާ، އެކިއެކި ބައި ނެގުމަށް، އެކިއެކި ރަނގަޅު ފަރާތްތައް ގެނެވޭނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީ، އަޅުގަނޑުމެން އެ މަސައްކަތް އެގޮތަށް މިކުރަނީ. އައިހޭވަން މުހިންމު. އަދި އެޔާއެކީ، އެސް.އީ.ޒެޑުން އަންނަ އެހެން މަޝްރޫޢުތައްވެސް މުހިންމު.

އެކަމަކު ހަމަ އެޔާއެކީވެސް ދަންނަވާލަން ބޭނުންވަނީ، ހަމަ ދިވެހިރާއްޖެއަށް ވަރަށް މުހިންމު މަޝްރޫޢެއް، ދިވެހިރާއްޖެއަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެގޮތް ހަމަޖެހުންވެސް އެއީ. މިފަހަރު އަޅުގަނޑު ސަޢޫދީ ޢަރަބިއްޔާއަށް، މި ޙައްޖުވުމުގެ ގޮތުން މިކުރި ދަތުރުގައި، ހަމަ ޙައްޖުވުމަށްފަހު، އަޅުގަނޑު ހަމަ ރަސްމީ ވާހަކަތައް ދެއްކިން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރިފައިނަރީ، ސިންގަޕޫރު ރިފައިނަރީތަކުން އަޅުގަނޑުމެންނަށް އެއްބަސްވެއްޖެ، އަޅުގަނޑުމެން ހޯދާ ކުރޫޑު ސާފުކޮށްދެން. ސަޢޫދީ ޢަރަބިއްޔާގެ ރަންކޯއިން މިހާރު އެއޮތީ އަޅުގަނޑުމެންނަށް ކުރޫޑު ވިއްކާނެ ކަމަށް އެއްބަސްވެފައި. އެހެންވެއްޖެ ކަމަށްވަންޏާ، މި މަސައްކަތް ފެށުނީމަ، އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖޭގެ މި ހަކަތަ ވަރަށް ބޮޑުތަން އަގުހެޔޮވެގެންދާނެ.

އެހެންވީމާ، މި ހުންނަނީ ފެށިފައި، ނޫނީ ފެށެންވެފައި ހުރި ބޮޑެތި މަޝްރޫޢުތައް. އެކަމަކު މިވަގުތު ސަރުކާރުން އެހެން އެއްވެސް މަޝްރޫޢަކަށްވުރެ ބޮޑަށް އިސްކަންދޭ ދެ މަޝްރޫޢަކީ، ބްރިޖްގެ މަޝްރޫޢު. ހަމައެޔާއެކީ އެއަރޕޯޓްގެ މަޝްރޫޢު. އެ ދެ މަޝްރޫޢުގެ ހުރިހާ ފައިސާއެއް، އިރާދަކުރެއްވިއްޔާ ހަމަޖެހިގެން، މަސައްކަތްތައް ކުރެވެމުންދާ ވާހަކަ އަޅުގަނޑު މި ދަންނަވާލީ. ދެން އައިހޭވަންއަކީވެސް މުހިންމު ކަމެއް، އެހެން ނަމަވެސް.

ފަހު ސުވާލު ހަމަ ނިންމާލުމަށް.

ރިޝްފާ – ވާނުވާ އޮންލައިން:

ސޯޝަލް މީޑިއާގައި ދައުރުވާ ގޮތުގައި، ނައިބު ރައީސް ރާއްޖެއިން ބޭރުގައި ހުންނެވިއިރުވެސް ވަނީ އިންޒާރުގެ މެސެޖްތަކެއް ލިބިފައި، ހައްޔަރު ކުރާނެ ކަމަށް. މިއީ ކިހާވަރެއްގެ ޙަޤީޤަތެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ދެން ތިއީ ސޯޝަލް މީޑިއާ ދޮއެއްތޯ. އެ ޤާނޫނީ ޓީމުން އެ ވިދާޅުވަނީ، ސޯޝަލް މީޑިއާއިން ބުނާ އެއްޗެއް ނޫންތޯ؟ ކާކުތޯ އިންޒާރު ކުރާނީ ހައްޔަރުކުރާނެ ކަމަށް. ކާކުތޯ އިންޒާރު ކުރާނީ؟ ޤާނޫނީ ޓީމުން ވިދާޅުވާންވީ ނޫންތޯ، ކާކުތޯ އިންޒާރު ދިނީ. އަދި އެ އިންޒާރެއް ބިނާވަނީ ކޯއްޗަކަށްތޯ. ގައިމުވެސް ދިވެހިރާއްޖޭގައި ފެންނަން އޮތް ޙަޤީޤަތަކީ، އިއްޔެ ނައިބު ރައީސް ވަޑައިގެންނެވިއިރު، ނައިބު ރައީސް ވަނީކީ އާރބިޓްރަރީ ހައްޔަރުކޮށްފައެއް ނޫން. ހަމަ ކޯޓުން ކޯޓު އޯޑަރު ހޯދައިގެން، ޝައްކުކުރެވޭ، ތަޙުޤީޤަށް ބޭނުންވާ މަޢުލޫމާތުތަކެއް ސާފުކުރަންޖެހޭތީ، އެ ހުށަހެޅި ކަންތައްތައް ކޯޓުގެ ފަނޑިޔާރަށް ގަބޫލުކުރެއްވޭތީ، ކޯޓުން އެވަނީ ކޯޓު އަމުރެއް ދީފައި. އެހެންވީމާ، ނުޖެހޭ އިންޒާރު ދޭކަށް. ނުޖެހޭ ބިރުދައްކާކަށް. އެއްގޮތަކަށްވެސް ނުޖެހޭ. އެއްގޮތަކަށްވެސް ނުޖެހޭ. ދެން ނައިބު ރައީސަކީ އޭގެކުރިންވެސް ވިދާޅުވަމުން ގެންދެވި، ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިންވެސް ޕަބްލިކްގައި، މީޑިއާގައި ވިދާޅުވި، މި ތަޙުޤީޤު، ހޯދަންޖެހޭ ހުރިހާ ހޯދުންތައް ހޯދުމަށް، ތިމަންނަ އެންމެ ބޮޑަށް އެދޭ ކަންތަކޭ. އަދި އެއްބާރުލުން ދެއްވާނެ ކަމަށް މިއަދުވެސް އެ ވިދާޅުވަނީ. އެހެންވީމާ، އެ ވާހަކަ ވިދާޅުވުމުން، ހަމަ އެ ލޯޔަރުންގެ ޓީމް އެވާހަކަ ވިދާޅުވުމުން، އިންޒާރު ކުރި ވާހަކައާއި، ބިރުދެއްކި ވާހަކަ ދެއްކެވީމަ، އަޅުގަނޑަކަށް މި ދެވާހަކަ ދިމައެއްނުވޭ. އެހެންވީމާ، ބިރު ދައްކާކަށް ނުޖެހޭ އެއްވެސް ބޭފުޅަކަށް ދޮއެއްތޯ. އެބޭފުޅަކަށް އެނގިވަޑައިގަންނަވާ މަޢުލޫމާތެއް، ތަޙުޤީޤުން ސުވާލުކުރީމަ ދެވެންވާނެ.

އެހެންވީމާ، ޒިއަތުވެސް މަޤާމުގެ މަސްއޫލިއްޔަތު އުފުއްލަވާއިރު، އެތަނަށް ވަންނަ ފައިސާ ވަންނަނީ ކިހިނެއްތޯ، ކޮން މިންވަރަކަށްތޯ، ކޮން ބޭނުމެއްތޯ ކުރަން ބުނީމަ، ހަނުހުރީމަކާ ރަނގަޅެއްނުވޭ. އެހެންވީމާ، ނައިބު ރައީސަށް، އޭނަގެ ހަނުހުރުން، ހަނު ނުހުންނަ ގޮތަށް ބަދަލުކުރެއްވެންޖެހޭނެ. އެއީ، ތަޙުޤީޤަށް އެއްބާރުލުން ދިނުމަކީ. އެކަމެއް އަޅުގަނޑަކަށް އަދި ފެނިގެނެއް ނުދޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.