بســم اللّـه الرّحمـن الرّحيــم

ފާޠިމަތު އަޝްފާ – ޗެނަލް 13:

މަނިކުފާނު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ޖޮއިންޓް ކޮމިޝަންގެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވި ކަންތައްތައް ތަންފީޒު ކުރުމާ ގުޅޭގޮތުން ސްރީލަންކާގެ ހެލްތް މިނިސްޓަރާ މަޝްވަރާ ކުރެއްވިންތޯ؟ އަދި ޞިއްޙީ ދާއިރާ މިހާރު ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ހިނގަމުންދާތީ، މިމަޝްވަރާތަކުން ކޮންކަހަލަ ކުރިއެރުންތަކެއްތޯ ލިބޭނީ؟ އެކި ދާއިރާތަކުން ޚާއްޞަ ޑޮކްޓަރުން ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

މީގައި ޙަޤީޤަތުގައި ތިކަމާ ގުޅިގެން އަޅުގަނޑު ކުރި ދަތުރެއް ނޫން. އެހެން ނަމަވެސް، ދަތުރުގެ ހަވާސާގެ ތެރެއިން، ރަސްމީ ބައްދަލުވުމުގެ ހަސާވާގެ ތެރެއިން އަޅުގަނޑު ހެލްތް މިނިސްޓަރާ ބައްދަލުކުރިން. އަޅުގަނޑު މިކޮޅުން ދިޔައިރު ހަމަ ހެލްތް މިނިސްޓަރު އަޅުގަނޑާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިގެން ދިޔައީ. ދެން އަޅުގަނޑުމެންގެ މީގެ ބޭނުމަކަށްވީ، މިވަގުތު އައި.ޖީ.އެމް.އެޗް. އަށް އެންމެ ބޮޑަށް ބޭނުންވެފައި ހުރި ދާއިރާތަކުން ޑެޕިއުޓޭޝަން ބޭސިސްގައި، އޭގެ މާނައަކީ ތިންމަސް ދުވަސް ނޫނީ ހަތަރުމަސް ދުވަހު މިކޮޅުގައި މަސައްކަތް ކޮށްފައި ގޮސްފައި އަނެއްކާވެސް ތިންމަސް ދުވަސް ނޫނީ ހަތަރުމަސް ދުވަހު މަސައްކަތް ކުރާގޮތަށް، އެންމެ މުހިންމު ދާއިރާގެ ޑޮކްޓަރުން ހޯދަން ބޭނުންވެގެން ކުރި މަސައްކަތް މިއީ. ދެން އިރާދަކުރެއްވިއްޔާ، ހަމަ ވަރަށް ފަސޭހައިން އެކަން ގަބޫލުކުރެއްވި. ސްރީލަންކާއަށްވެސް މިއީ އެންމެ ފަސޭހަ ދުވަސްވަރެއް ނޫން. އެއީ ސްރީލަންކާގެވެސް ވަރަށްގިނަ މިކަހަލަ ޑޮކްޓަރުން ހަމަ އެކި ޤައުމުތަކަށް ދަތުރުކުރަމުންދަނީ. އެންމެބޮޑު މައްސަލައަކީ، އައި.ޖީ.އެމް.އެޗް.ގައި ހަމަ ވަރަށް ރަނގަޅު ސަރޖަނުން އެބަތިބި. އެހެންނަމަވެސް އެނަސްތިޓިސްޓުން ނެތިގެން އޮޕަރޭޝަން ތިއޭޓަރ ބޭނުމެއް ނުހިފޭ. އެއީ އޮތޮޕެޑިކް ސަރޖަރީއަށް ބެއްޔަސް އަދި އެހެން ކަހަލަ ސަރޖަރީތަކަށް ބެލިނަމަވެސް. އެހެންވީމާ، މިހާރު ސްރީލަންކާ ސަރުކާރުން އެއްބަސްވެވަޑައިގެންފައި އެއޮތީ އަޅުގަނޑުމެންނަށް ތިން އެނަސިސްޓުން މިގޮތަށް ޑެޕިއުޓޭޝަންގެ ރޮޓޭޝަނަލް ބޭސިސްގައި، ނޫނީ ޑެޕިއުޓޭޝަންގެ ބޭސިސްއިން އަޅުގަނޑުމެންނަށް ދެއްވާނެ ކަމަށް. ދެން ހަމަ އެގޮތަށް ގައިނީ ޑޮކްޓަރުން އަޅުގަނޑުމެންނަށް ދެއްވާނެ ކަމަށް. ދެން ނިއޯނޭޓަލިސްޓުން، އެއީ އެންމެ ތުއްތުކުދިން، ދުވަސްނުފުރާ ވިހާ ތުއްތުކުދިންގެ ޚާއްޞަ ޑޮކްޓަރުން. އެހެންވީމާ ނިއޯނެޓިލިސްޓުންވެސް. މިއީ އަޅުގަނޑުމެން އެދުނު ދާއިރާތަކުގެ ތެރޭގައި އެންމެ މުހިންމު ދާއިރާތައް މިއީ. ދެން އިރާދަކުރެއްވިއްޔާ، މިހަފްތާގެ ދެދުވަހެއްގެ ތެރޭގައި، ބުދަހާ ތަނުގައި، އަޅުގަނޑުމެންގެ ޑެލިގޭޝަނެއް ސްރީލަންކާއަށް ދާނެ. އެއީ އެއްކަންތައް. އެހެންވީމާ، މި ޚާއްޞަ ސްޕެޝަލިސްޓުން، ނޫނިއްޔާ މިދެންނެވި ޑޮކްޓަރުން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ލިބޭނެ. ހަމަ ދަންނަވާލާނަން އަނެއްކާވެސް މިއީކީ އައި.ޖީ.އެމް.އެޗް.ގައި ދެއަހަރު ވަންދެން މަސައްކަތް ކުރައްވާކަށް ނޫން، ޑެޕިއުޓް ކުރެވިގެން ގެނެވޭ ބޭފުޅުން މިއީ މުއްދަތަކަށް މަސައްކަތް ކުރައްވާފައި، އެބޭފުޅުން އެކޮޅަށް ވަޑައިގެންފައި، އަނެއްކާވެސް އެހެން ބަޔަކު މިކޮޅަށް އަންނަނީ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ މިހާރު މިއޮތް ނީޑަށް އެޑްރެސް ކުރެވޭނެ. ޑޮކްޓަރުން ނުލިބިގެން އުޅޭ ބޭނުންތަކަށް އެޑްރެސް ކުރެވޭނެ، އަޅުގަނޑުމެންނަށް އެހެން ގޮތްތަކެއް އިރާދަކުރެއްވިއްޔާ ހަމަޖެހެންދެންވެސް. އެއީ އެއްބައި.

ދެން އަނެއް ކަމަކީ، ހަމަ މިފަހަރުވެސް ޖޮއިންޓް ކޮމިޝަންގައި އަޅުގަނޑުމެންނަށް އެހާބޮޑަށް ކަވަރ ނުކުރެވި އަދި އޭގެ ޙައްލެއް އަޅުގަނޑުމެންނަށް ނުފެނިފައި އޮތް މައްސަލައެއް، އާސަންދަ ލިބުމުގައި، ސްރީލަންކާގައި މިވަގުތު އެމްޕެނަލް ކުރެވިގެން އަޅުގަނޑުމެންގެ އާސަންދަ ބަލައިގަންނަނީ ހަތަރު ހޮސްޕިޓަލަކުން. މީގެއިތުރަށް އިތުރު ހޮސްޕިޓަލް ހަމަޖެއްސުމަށް. ދެން އެކަންވެސް އަޅުގަނޑުމެންނަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި. އިރާދަކުރެއްވިއްޔާ މިދާ ޓީމު ގޮސްފައި އިތުރު ހޮސްޕިޓަލްތަކާއެކީ އެމްޕެނަލް ކުރުމުގެ އެގްރީމަންޓްތަކެއް، ނޫނިއްޔާ މިކޮޅުން މިދޭ އާސަންދަ ބޭނުންހިފޭނެ އެގްރީމަންޓްތަކެއްގައި ސޮއިކުރެވޭނެ.

ތިންވަނަ ކަމަކަށް ޞިއްޙީ ދާއިރާގައި، އަޅުގަނޑުމެން ނެގީ އާސަންދައިގައި އަޅުގަނޑުމެންގެ ބަލިމީހުން ގޮސްފައި، ޕޭޝަންޓުން ގޮސްފައި އެކޮޅުގައި ޚިދްމަތް ލިބިގެން އަންނައިރު، އަގުތަކެއް މިހުންނަނީ އަޅުގަނޑުމެންނަށް އެނގޭކަހަލަ ގޮތަކަށް ނޫން. ދެން ބައެއްފަހަރު ތަންކޮޅެއް ދަތިވާގޮތަށް މިކަން އެބަދޭ. ދެން އަޅުގަނޑުމެން މިފަހަރު މިދާ ޓީމުން މިދެންނެވި އެމްޕެނަލް ކުރެވިފައި ހުރި ހޮސްޕިޓަލްތަކާއެކީ އަގުތަކަކަށް އެއްބަސްވެވޭނެ. އެއީ ސަރޖަރީ ކަމަށްވިޔަސް، އެހެން ބޮޑެތި ތަންކޮޅެއް ދިގުލައިގެންދާ ފަރުވާއެއް ކަމުގައިވީނަމަވެސް، އާސަންދައިގެ ޚިދްމަތް ލިބޭ ފަރުވާތަކަށް ޚިދްމަތުގެ އަގުތަކެއް ހަމަޖެހިގެންދާނެ. އޭރަށް ދެން ސަރުކާރަށް ނޫނީ އާސަންދައިގެ ބަޖެޓަށް ވަރަށްބޮޑުތަނެއް ލުއިވެގެންދާނެ ކަމަށް އުންމީދު ކުރެވެނީ.

ދެން ތަންކޮޅެއް ދިގުލައިގެން ހިނގައިދާނެ ކަމެއް ހަމަ މަޝްވަރާ ކުރެވުނު. އެހެން ނަމަވެސް، އޭގެ ތަފްޞީލު މަޝްވަރާތައް ހަމަޖެހިގެންދާނީ ތަންކޮޅެއް ފަހުން ކަމަށް ގަބޫލުކުރެވެނީ. އެއީ، ސިލޯނުގެވެސް ހަމަ ވަރަށްގިނަ ރައްޔިތުން މި މާލޭގައި، ނޫނީ ރާއްޖޭގައި ދިރިއުޅެމުންދާތީއާއި، އަދި ރާއްޖޭގެ މި އާސަންދައިގެ ޚިދްމަތްތައް ސިލޯނަށް ވަރަށް ބޮޑަށް ބަދަލުވެގެންދާތީއާއެކީ، އަޅުގަނޑުމެން މި ބޭނުންކުރާ ފައިސާ، ދިވެހި ރުފިޔާ، މިކޮޅުގައި ސްރީލަންކާ ރުފިޔާ ބަދަލުކުރުމުގެ އެގްރީމަންޓެއް ކުރެވިދާނެތޯ. ދެން އެއީ އެހެން ނަމަވެސް، ސްޓަޑީ ކުރާ ކަމެއްގެ ގޮތުގައި. ދެން އެހެން ނަމަވެސް، މިކަން ހަމަޖެހިއްޖެ ކަމަށްވަންޏާ، ދައުލަތުގެ ބަޖެޓަށް ވަރަށްބޮޑުތަން ލުއިވެގެންދާނެ. ބޭރުފައިސާ ޚަރަދު ކުރުމުގެ ލުއިތަކެއް އަޅުގަނޑުމެންނަށް ލިބިގެންދާނެ. އެހެން ނަމަވެސް، އަޅުގަނޑު ހަމަ އުފާވި، މިދެންނެވި ގޮތަށް ސްޕެޝަލިސްޓުން މިހާރުން މިހާރަށްވެސް އަޅުގަނޑުމެންނަށް ހަމަޖައްސައިދެއްވަން އެއްބަސްވެވަޑައިގަތީމަ. ދެން ހަމަ އެގޮތަށް، އާސަންދައިގެ އިތުރު، އާސަންދަ ބަލައިގަންނާނެ، ނޫނީ އާސަންދައިގެ ޚިދްމަތް ލިބިގެންދާނެ އިތުރު ހޮސްޕިޓަލް އެމްޕެނަލް ކުރެވޭތީވެސް ހަމަ ވަރަށް ރަނގަޅު ކަމެއް އެއީ ހަމަ ދިވެހިންނަށް.

ދެން ތިންވަނަ ކަމަކަށް މިގޮތަށް ޚިދްމަތުގެ އަގުތައް ހަމަޖެހިގެންދާނެ. އެހެންވީމާ، އެގޮތުން، ސްރީލަންކާގެ މިދަތުރުގައި ހަމަ އެދެވޭ ކަންތައްތަކެއް އަޅުގަނޑުމެންނަށް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވެނީ.

ޢަބްދުﷲ މުޢާޒު – އެމް.ބީ.ސީ:

މަނިކުފާނު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅަށްފަހު ސިންގަޕޫރަށްވެސް ވަޑައިގެންނެވި. ދެން ދެ ޤައުމުގެ އިސްވެރިންނާއެކު ކުރެވުނު މަޝްވަރާތަކުގައި ލިބުނު ކާމިޔާބީތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

އާދެ، ސިންގަޕޫރަށް މިކުރެވުނު ދަތުރަކީ އަޞްލުގައި އެކަހަލަ ރަސްމީ ދަތުރެއް ނޫން އިނގޭތޯ. ސިންގަޕޫރަށް މިކުރެވުނު ދަތުރަކީ، ސިންގަޕޫރުގެ ބޮޑުވަޒީރު ތަންކޮޅެއް ކުރިއްސުރެ އަޅުގަނޑަށް ފޮނުއްވާފައި އޮންނަ ދަޢުވަތެއް. އެކަމަކު އެއީކީ ދެޤައުމުގެ ދޭތެރޭގައި ރަސްމީ ވާހަކަތަކަކަށެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެން ސިންގަޕޫރުގެ ޕްރެޒިޑެންޓާއި ޕްރައިމް މިނިސްޓަރާއި ދެން އަދި ބައެއް އަވަށްޓެރި ޤައުމުތަކުގެ އިސްވެރިންނާއެކީ އަޅުގަނޑުމެން އެއްމޭޒެއްގައި ޑިނަރގައި ހަމަ ތިބީމަ، ބައެއް ކަހަލަ ވާހަކަތައް ދެކެވޭނެ. އެހެން ނަމަވެސް، މިއީކީ އެކަހަލަ ރަސްމީ ދަތުރެއް ނޫން. ޙަޤީޤަތުގައި މިދަތުރަކީ ސިންގަޕޫރުގައި ދެން ވަރަށް ފޯރިޔާއެކީ ކޮންމެ އަހަރަކު ބާއްވާ އެއްޗެއް ދޮއެއްތޯ، މި ފޯމިއުލަރ 1 މި ރޭސިންގ މިއީ. އެހެންވީމާ، އެތަނަށް ހަމަ ކޮންމެ ފަހަރަކުވެސް ކޮންމެވެސް ސިލެކްޓަޑް ޤައުމުތަކުގެ ވެރިންނަށް އެބަ ދަޢުވަތު ދެއްވާ. އެގޮތުން މިފަހަރު އަޅުގަނޑަށް ޕްރައިމް މިނިސްޓަރ ދެއްވި ދަޢުވަތެއް މިއީ. އެހެންވީމާ، އެގޮތުން ހަމަ މިދަޢުވަތުގައި ބައިވެރިވުމަށްޓަކައި، ޕްރެޒިޑެންޓާއި ޕްރައިމް މިނިސްޓަރގެ ދަޢުވަތަށް. އެހެންވީމާ، އެޔަށް ހަމަ އެންމެ ދުވަހަކަށް ދެން ހަމަ މިދިޔައީ. އެހެންވީމާ، މިއީކީއެއް އަނެއްހެން ތިޔަ ވިދާޅުވި ކަހަލަ ދެޤައުމުގެ ދޭތެރޭގައި ބައިލެޓްރަލް ޓޯކްސް ހިމެނޭ ބައްދަލުވުމެއް ނޫން. އެކަހަލަ ދަތުރެއް ނޫން.

ޢަބްދުﷲ މުޢާޒު – އެމް.ބީ.ސީ:

މަނިކުފާނު ދަތުރުފުޅާ ނުގުޅޭ ސުވާލެއް.ދެން މިދުވަސްކޮޅު އެންމެ ކަންބޮޑުވާ ކަމަކަށް މިއޮތީ، ޓީޗަރުން އިޙްތިޖާޖު ކުރުމުގެ މައްސަލަ. އެއީ، އެބޭފުޅުންގެ މުސާރައާ ބެހޭގޮތުން، ކޮބައިތޯ ސަރުކާރުގެ ކަންބޮޑުވުންތަކަކީ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

މީގައި ސަރުކާރުގެ ކަންބޮޑުވުންތަކަކީ، ޙަޤީޤަތުގައި ޓީޗަރުންނަކީ ހަމަ ވަރަށް ބޮޑެތި ޚިދްމަތްތަކެއް ކުރައްވާ ބޭފުޅުން. އެހެން ނަމަވެސް، ސަރުކާރުގެ ބަޖެޓަކަށް އެންމެ ލުއި ދުވަސްކޮޅެއްވެސް ނޫން މިއީކީއެއް. އަޅުގަނޑުމެން އަންނަ އަހަރުގެ ބަޖެޓް ހުށަހަޅާނެ މިއަހަރު. އެކަމަކު މިހާރު މިއޮތް ކުޑަދުވަސްކޮޅުގެ ތެރޭގައި ހަމަ ބޮޑެތި މަސައްކަތްތަކެއް ކޮށްގެން ދިރާސާ ކުރުމުގެ އިތުރަށް އެހެން ދިމަދިމާލުން އާމްދަނީ ސަލާމަތް ކުރެވޭނެ ގޮތްތަކެއް ހޯދައިގެން ނޫނިއްޔާ، ޓީޗަރުންގެ މުސާރަ، އެވިދާޅުވާގޮތަށް ބޮޑުކުރެވޭނީ ކިހާވަރަކަށް ކަމެއް ހަމަ ދަންނަވާކަށް ނޭނގެ. ދެން މިބައްދަލުވުންތަކެއް ނުބޭއްވި ދިޔައިމަކަންނޭނގެ، ޓީޗަރުންގެ އެސޯސިއޭޝަންގެ ފަރާތުން އިޙްތިޖާޖަކަށް މިދިޔައީ. އެހެން ނަމަވެސް، އަޅުގަނޑު މިކޮޅުން ފުރަމުން ބައްދަލުވުންތަކެއް ބާއްވަން ދަންނަވާފައި ދިޔައީ. ދެން އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ މިހާރު އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިންނާ، މިވަގުތު މިނިސްޓްރީ ހިންގަވަން ހަވާލުވެ ހުންނެވި ރައީސް އޮފީހުގެ މިނސްޓަރުވެސް ބައްދަލުވުންތަކެއް ބާއްވަވާފައި، ދެން އަޅުގަނޑު އެނބުރި އައިސް އެބޭފުޅުންނާ އިތުރަށް މަޝްވަރާ ކުރަން. އެހެންވީމާ، މިހާރުން މިހާރަށް އިޙްތިޖާޖެއް ކުރައްވާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. ދެން މީގައި ވާގޮތަކީ، ސަރުކާރާ ހަމަޔަށް މިހުށަހެޅުންތަކެއް ތަފްޞީލުކޮށް ލިބިގެންނެއް، ސަރުކާރުގެ ފަރާތަކުންނެއް އެބޭފުޅުންނާއެކީ ސަރުކާރުގެ ފަރާތުން ވާހަކަ ދެއްކިފައި ނުވޭކަންނޭނގެ. ނެގޯޝިއޭޓް ކުރެވިފައި ނުވޭކަންނޭނގެ. ދެން ކޮންމެ ޕްރޮފެޝަނެއްގައި މަސައްކަތް ކުރާ މީހުންވެސް މުސާރަ ބޮޑުވުމަކީ ހަމަ އެދޭނެ ކަމެއް. އެހެން ނަމަވެސް، ސަރުކާރަކުން ބަލަހައްޓަން މިޖެހެނީ ވަކި ޓީޗަރުން، ޑޮކްޓަރުން އެކަންޏެއްވެސް ނޫން ދޮއެއްތޯ. ހުރިހާ ދާއިރާއެއް ބަލަހައްޓަންޖެހޭ. އެހެންވީމާ، މިހާރު މިއޮތް މުއްދަތުގެ ތެރޭގައި މިކަން ކުރާނީ ކިހިނެއްތޯ، ކިހާވަރެއްގެ ޢަދަދެއްގެ ފައިސާއެއްތޯ ބާކީ މިއޮތް ތިންމަސް ދުވަހުގެ ތެރޭގައި ހޯދަން ޖެހިގެން މިއުޅެނީ. ދެން އެ ތަފްޞީލުތަކަކާ ހަމަޔަކަށް އަދި ނުދެވޭ. ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑު މިއަދު އޮފީހަށް ނުކުމެފައި، ދެން ކޮންމެވެސްވަރެއްގެ މަޢުލޫމާތެއް އަޅުގަނޑަށް މިކަމާ ބެހޭގޮތުން ލިބޭނެ. އެހެން ނަމަވެސް، އަޅުގަނޑަށް މިހާރު ގަބޫލުކުރެވޭ ގޮތުން ވެއްޖިއްޔާ ހަމަ ޓީޗަރުންގެ ޖަމްޢިއްޔާގެ ފަރާތުންވެސް ގަބޫލު ކުރައްވާ، ދެން ސަރުކާރަށް ފުރްޞަތުވެސް ލިބެންވާނެ ކަމަށް.

ޢަބްދުﷲ މުޢާޒު – އެމް.ބީ.ސީ:

މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ބައި އިލެކްޝަންތަކުގައި އައްޑޫ ފޭދޫ ދާއިރާގެ އިންތިޚާބު މިވަނީ އެމް.ޑީ.ޕީ.އިން ކާމިޔާބު ކޮށްފައި. މިއީ، ސަރުކާރަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި އެމް.ޑީ.ޕީ އިން މި ސިފަކުރަނީ. ކޮންގޮތަކަށްތޯ މަނިކުފާނު މިކަން ސިފަ ކުރައްވަނީ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ތެދެއް، މި އިންތިޚާބުގެ ނަތީޖާއަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންނަކަށް ކާމިޔާބުވީއެކޭ ނުދެންނެވޭނެ ދޮއެއްތޯ. ހަމަ ނާކާމިޔާބު، އެއީ ހަމަ ޝައްކެއްވެސްނެތް. ދެން އެހެން ނަމަވެސް، މި އިންތިޚާބަކީ ހަމަ ކާމިޔާބީއާއި ނާކާމިޔާބީއާ ކުރިމަތިލަންޖެހޭ ކަންތައްތައް ދޮއެއްތޯ. ދެން މީގައި ހަމަ އަޅުގަނޑުމެންވެސް މަސައްކަތްތަކެއް ކުރިން. ދެން އެއާއެކީވެސް އަޅުގަނޑުމެން ދަންނަވަންޖެހެނީ، އަޅުގަނޑުމެންނަށްވުރެ ހަރުދަނާ މަސައްކަތްތަކެއް އެމް.ޑީ.ޕީ.އިން މިފަހަރު ފޭދޫ ދާއިރާގައި ކުރެއްވިފައި އޮތީމަ، އިންތިޚާބު ކާމިޔާބީ ދޮއެއްތޯ. ދެން މިކަހަލަ ކަންތައްތަކާ ދިމާވާނެ. އަޅުގަނޑު ދެން ބޮޑަށް އަޅުގަނޑުގެ ޕާޓީގެ ފަރާތުން ބޮޑަށް އިސްކަންދެނީ، ފޭދޫގެ ރައްޔިތުންނާ ވާހަކަ ދައްކައިގެން، ހަމަ ފޭދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން ޕީ.ޕީ.އެމް. އަށް ޝައުޤުވެރިކަން ހުރިތޯ، ޝައުޤުވެރިކަން އުފައްދަން ކުރާ މަސައްކަތް ދޮއެއްތޯ. ދެން އިންތިޚާބުގައި، ތެދެއްމެ ހަމަ މިފަހަރު ޕީ.ޕީ.އެމް.އަށް ނާކާމިޔާބުވީ ދޮއެއްތޯ.