ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

بســم اللّـه الرّحمـن الرّحيــم

މިދަތުރަކީ ސަމޯއާގައި އޮންނަ ކުދި ޖަޒީރާ ޤައުމުތަކާބެހޭ ބައިނަލްއަޤްވާމީ 3 ވަނަ ޖަލްސާގައި ބައިވެރިވާން އަޅުގަނޑު ކުރާ ދަތުރެއް. އަޞްލުގައި ދަތުރުގެ ދަޢުވަތު އޮތީ ރައީސުލްޖުމްހޫރިއްޔާއަށް. އެހެން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާއަށް ވަޑައިގަންނަވަން ދަތިފުޅުވުމާ އެކީގައި، ސްޕެޝަލް އެންވޯއިއެއްގެ ގޮތުގައި އަޅުގަނޑު ހަމަޖެއްސެވީ. އެހެންވީމާ، އަޅުގަނޑު މިދަނީ ދިވެހި ވަފުދުގެ ލީޑަރަކަށް. މި ޖަލްސާއަކީ ކުދި ޖަޒީރާ ޤައުމުތަކާބެހޭ 3 ވަނަ ބައިނަލްއަޤްވާމީ ޖަލްސާ. މީގެކުރިން ދެޖަލްސާ ވަނީ ބޭއްވިފައި. އެންމެ ފުރަތަމަ ޖަލްސާ އޮތީ ބާބޭޑޯސްގައި 1994 ވަނަ އަހަރު. 2 ވަނަ ޖަލްސާ އޮތީ މޮރިޝަސްގައި 2005 ވަނަ އަހަރު. ޙަޤީޤަތުގައި އޭގެކުރިން އަޅުގަނޑުމެންގެ ރާއްޖޭގައި މީގެ ޖަލްސާއެއް ބޭއްވިން. އެއީ ސްމޯލް ސްޓޭޓްސް ކޮންފަރެންސް އަޅުގަނޑުމެން ބޭއްވިން 1979 ގައި.

އެހެންވީމާ، ކުދި ޤައުމުތަކުގެ މައްސަލަތަކާ ބެހޭގޮތުން ބައިނަލްއަޤްވާމީ ދާއިރާގައި، އެންމެ ފުރަތަމަ ޙަރަކާތްތެރިވާން ފެށި ޤައުމަކީ ދިވެހިރާއްޖެ. ދިވެހިރާއްޖެއަށް މިކަން ވިސްނޭތީ، ދިވެހިރާއްޖެއަކީވެސް ވަރަށް ކުޑަކުޑަ ޖަޒީރާ ޤައުމަކަށްވެފައި، ވަރަށްގިނަ މައްސަލަތައް އަޅުގަނޑުމެންނަށް ކުރިމަތިވާތީ، ތިމާވެށީގެ މައްސަލައާއި، ތަރައްޤީގެ މައްސަލައާއި، ސަލާމަތާއި ރައްކާތެރިކަމުގެ މައްސަލައާ، މި މައްސަލަތައް ކުރިމަތިވާތީ، އަޅުގަނޑުމެން ފުރަތަމަ ޖަލްސާވެސް ބޭއްވީ ރާއްޖޭގައި. އެ ޖަލްސާގެ މައްޗަށް ބިނާކޮށް، އެއޯސިސް ކިޔާ ގްރޫޕެއް އ.ދ. މަޖިލީހުގައި އުފެދުނު ކުރިން. ކުދި ޤައުމުތަކުގެ ޖަމާޢަތެއް. އެ ޖަމާޢަތަށް މި ތިބެނީ މި ކުދި ޤައުމުތައް. އޭގެތެރޭގައިވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް މިދަނީ ޙަރަކާތްތެރިވަމުން. ޔޫ.އެން.ގައި އެ ޖަމާޢަތް ޙަރަކާތްތެރިވަނީ. ދެން މި ޖަލްސާގައި ބަޙުޘް ކުރާނީ، ކުރިންވެސް ދެންނެވިހެން، ކުދި ޤައުމުތަކަށް، ޚާއްޞަކޮށް، ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ތަފާތު މައްސަލަތަކާ ބެހޭގޮތުން. މީގެކުރިން ދެންނެވި އެ ދެޖަލްސާވެސް އެބަހުރި ޤަރާރުތަކެއް ފާސްކޮށްފައި. ސޮލިއުޝަންތަކެއް ފާސްކޮށްފައި. އެޖެންޑާތަކެއް ފާސްކޮށްފައި. އެހެން ނަމަވެސް، އެކަންކަން ޢަމަލީ ސިފައެއްގައި އެހާ ރަނގަޅަކަށް ނުހިނގާ. އޭގެ މާބޮޑު ނަތީޖާއެއް ނުފެނޭ. އެހެންވީމާ، މި ޖަލްސާގައި ވަރަށް ބޮޑަށް ވާހަކަ ދެކެވޭނެ އެކަނި، އެ ޤަރާރުތަކަށް ޢަމަލީ ސިފަ ގެންނާނީ ކިހިނެއްތޯ. އެހެންވީމާ، ސަމާއޯ ޕާރތުވޭ ކިޔާ ޤަރާރެއް ފާސްކުރާނެ. އޭގައި ހުންނާނެ، އަޅުގަނޑުމެން ކަންތައް ކުރަންވީގޮތް.


އަޙްމަދު ނާއިފް – ހަވީރު ނޫސް:

އަޅުގަނޑުގެ މައިގަނޑު ސުވާލަކަށް މިއޮތީ، ކޮބައިތޯ ރާއްޖެއިން ލޮބީ ކުރާނެ ކަންތައްތަކަކީ މި ޖަލްސާގައި؟

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ރާއްޖެއިން ލޮބީކުރާނެ ކަންތައްތަކަކީ، ރާއްޖެއަށް ދިމާވާ ބޮޑެތި މައްސަލަތައް. ޙަޤީޤަތުގައި އެއީ ހަމަ އެހެން ކުދި ޖަޒީރާ ޤައުމުތަކަށްވެސް ދިމާވާ މައްސަލަތަކެއް. މިސާލަކަށް، ކްލައިމެޓް ޗޭންޖް، މޫސުމަށް އަންނަ ބަދަލު. މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑެތި ނުރައްކާތައް ކުރިމަތިވޭ. އޭގެތެރޭގައި، ޖައްވު ހޫނުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލިގެންދިޔުމާއި، ވަރަށްގިނަ ރަށްތަކެއް ފަހަރެއްގައި ކަނޑުގެ އަޑިޔަށް ދިޔުމާ، މިހެން ހުންނަ ކަންތައްތައް. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކާތައް ކުރިމަތިވަނީކީ ހަމައެކަނި ރާއްޖެއަށް ނުވަތަ ކުދިޤައުމުތަކަށް ނުވަތަ ފަސްގަނޑު ތިރި ޤައުމުތަކަކަށް ނޫން. އޭގެތެރޭގައި އެބަ ހިމެނޭ، ހަނަފަސްކަން އިތުރުވުން، ވާރޭވެހުން، ނިޒާމަށް ބަދަލުއައުން. އެހެންވީމާ، މިހުންނަ ކަންތައްތައް މިއީ އެންމެ މުހިންމު ކަންތައްތަކަކީ. ދެން އެޔާ ވިދިގެން ތަރައްޤީގެ މައްސަލަތައް. ތަރައްޤީވުމަށްވެސް ކުދިޤައުމުތަކަށް އެޅޭ ވަރަށްގިނަ ހުރަސްތަކެއް އެބަހުރި. އޭގެތެރޭގައި، ކުދި ޤައުމުތައް، ޚާއްޞަ ގޮތެއްގައި ޖަޒީރާ ޤައުމުތައް މިހުންނަނީ ވަރަށް ކުދިކުދި ޖަޒީރާ ޤައުމުތަކެއްގެ މައްޗަށް އެކުލެވިގެން، ވަރަށް ދުރުދުރުގައި މި ޖަޒީރާތައް މި ހުންނަނީ. އެއް ޖަޒީރާއަކުން އަނެއް ޖަޒީރާއަށް ދަތުރުކުރުމާއި އަދި ތަރައްޤީގެ ވަސީލަތްތައް ނަޤުލުކުރުމާ، މިކަންތައްތަކަކީ ވަރަށް ބޮޑެތި ޚަރަދު ހިނގާ ކަންތައްތައް. ހަމައެހެންމެ، ގިނަ ޖަޒީރާ ޤައުމުތަކަކީ، ކުދި ޤައުމުތަކަކީ އަދި ޢިލްމީގޮތުން މާ ކުރިއަރާފައިވާ ޤައުމުތަކެއް ނޫން. ޢިލްމާއި ތަޖުރިބާއާއި، މިޒަމާނުގެ މި ކަންތައްތައް އަޅުގަނޑުމެންނަށް ލިބިފައިވާ ވަރަށްވުރެ ބޮޑަށް ބޮޑެތި ޤައުމުތަކަށް ލިބިފައިވަނީ. މިކަންތައްތައް މިއީ އެންމެ ބޮޑެތި މައްސަލަތައް. އެހެންވީމާ، މިކަންތައްތައް ޙައްލުކުރާނެ ގޮތަކާ ދޭތެރޭގައި ވާހަކަ ދައްކައި، ގޮތްތަކެއް ނިންމުން އެއީ، މި ޖަލްސާއިންވެސް ކުރާނެ އެންމެ މުހިންމު މަސައްކަތެއް.

ސުވާލު:

ރައީސް ޔާމީން ހުންނެވީމާ، އަޅުގަނޑު ރައީސް ޔާމީނަށް ސުވާލެއް ދަންނަވާލަން ބޭނުން. މިހާރު އެސް.އީ.ޒެޑް.ގެ ބިލް މިވަނީ މިހާރު ފާސްވެގެން ގޮސްފައި. ކިހިނެއްތޯ މަނިކުފާނު މިކަން ސިފަކުރައްވާނީ؟ ދެން ކިހިނެއްތޯ އެ ބިލް ތަންފީޛު ކުރެއްވުމުގެ ކަންކަން ސަރުކާރުން ގެންދަވާނީ؟ ކިހާތާކުތޯ މި އިކޮނޮމިކް ޒޯންތަކުގެ މަސައްކަތް ފެށޭވަރުވާނީ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ދެން އިރާދަކުރެއްވިއްޔާ، އެ ބިލް ހަމަ މިއަދުވެސް ތަޞްދީޤު ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން. ބަންޑާރަ ނައިބުގެ ލަފާ އަޅުގަނޑަށް ހަމަ މިއަދު ލިބުމާއެކީ އިރާދަކުރެއްވިއްޔާ ތަޞްދީޤު ކުރާނަން. ދެން މި ބިލުގެ މަސައްކަތް، އެކްޝަން ޕްލޭނަކަށްވާނީ، އަޅުގަނޑުމެންނަށް ޝައުޤުވެރިކަން ފާޅުކޮށްފައި ހުރި ބޮޑެތި އިންވެސްޓްމަންޓްތައް އަދި މި ޒޯނުގައި ބޮޑެތި މަސައްކަތްތަކެއް ކުރަން މިކްސްޑް އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް، މި ޝައުޤުވެރިކަން ފާޅުކޮށްފައި ހުރި ފަރާތްތައް އެބަހުރި. ދެން މިހާރު މިކުރެވޭ މަސައްކަތަކީ ބިލަށް ގެނެވުނު އިޞްލާޙުތަކާއެކީ، އިނގިރޭސިބަހަށް ބަދަލުކުރުމުގެ މަސައްކަތް މި ހިނގަނީ. ދެން އަދި އިނގިރޭސިބަހުގެ ކޮޕީއަކީ އޮތަންޓިކޭޓަޑް ކޮޕީއެއް ގޮތަށް، ހަމަ ތަރުޖަމާއެއް ގޮތަށް ބަދަލުވެގެންދިޔުމާއެކީ، އަޅުގަނޑުމެން މަސައްކަތް މިކުރަނީ ހަމަ އެފަރާތްތަކާ ގުޅިގެން ވީހާ އަވަހަކަށް މި އިންވެސްޓްމަންޓް މިކޮޅަށް ގެނެވޭތޯ ބަލަން.

ދެން މިހާރު އެއްވެސް ހުރަހެއްނެތް. މި ޤާނޫނަކަށްވީމަ، މީގެ ދަށުން އަޅުގަނޑު ހަމަ އެކުލަވައިލާނަން ވަރަށް އަވަހަށް މީގައި މި މަޝްވަރާދޭ ކޮމިޓީ. އެކައްޗަކީ ސިޔާސަތު ކަނޑައަޅާ ކޮމިޓީ. ދެން އަނެއް ކަމަކަށް މިއޮތީ ފަންނީ ކޮމިޓީ. މި ދެކޮމިޓީ އެކުލަވައިލާފައި، ދެން އެހިސާބުން އަންނަ ޕްރޮޕޯޒަލްތައް، އިސްވެ އަޅުގަނޑުމެން ޕްރޮޕޯޒަލެއް އަންނަން މަޑެއްނުކުރާނަން. ބައެއް ދިމަދިމާލުގައި، ކުރީގައި ޝައުޤުވެރިކަން ފާޅުކޮށްފައި ހުރި ދިމަދިމާލުގައި އިސްވެ އަޅުގަނޑުމެން އެ މަސައްކަތްތައް ފަށާނަން.

ދެން އެހެންވީމާ އައިހޭވަންއާއި، ދެންހުރި ބޮޑެތި މަޝްރޫޢުތައް، ފ. އަތޮޅު، ދ. އަތޮޅު، މިހެންހުރި ބައެއް އަތޮޅުތަކަށް ހުށަހަޅާފައި ހުރި މިކްސްޑް، ނޫނިއްޔާ އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓަށް ހުށަހަޅާފައި ހުރި މަޝްރޫޢުތަކުގެ މަސައްކަތް އެންމެ ފުރަތަމަ އަޅުގަނޑުމެން ފަށްޓާނީ. ދެން އޭގެފަހުން މިކަންކަމަށް އެދިގެން އަންނަ އެހެން ޕާޓީތަކަށް، މީގެދަށުން ކުރިއަށްދާނެ ފުރްޞަތުތަކެއް އޮންނާނެ. ފުރަތަމަ މިއޮތީ ހަމަ މިޤާނޫނީ އޮނިގަނޑު ނިމުމާއެކީ، އޭގެދަށުން ހަދަންޖެހޭ ސްޓްރަކްޗަރ ޑިވެލޮޕް ކުރުން ދޮއެއްތޯ. އިރާދަކުރެއްވިއްޔާ މިއަދުވެސް މި ބިލް ތަޞްދީޤު ކުރެވިއްޖެ ކަމަށްވަންޏާ، ހަމަ އާދީއްތަ ދުވަހު މި ފަންނީ ކޮމިޓީއާއި، ސިޔާސަތު ކޮމިޓީ އަޅުގަނޑު އެކުލަވައިލާނަން.

ސުވާލު:

މިއީ ޗޭންޖެއްބާ ރާއްޖެއަށް އޮތް.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

މީގައި ދޮއެއްތޯ، ސަރުކާރުން އަދި އަޅުގަނޑުމެންގެ ޕާޓީން މި މަސައްކަތް ކުރަނީ، ބޮޑު ބަދަލުގެނައުމަށްޓަކައި މަގުފަހިކޮށްދޭން. ޤާނޫނު ވެށްޓެއް ޤާއިމުކޮށްދޭން. ޤާނޫނުން ލިބިދޭ ބާރުތަކަކާއި ޙިމާޔަތްތަކެއް އިންވެސްޓްކުރާ މީހުންނަށް މަގުފަހިކޮށްދޭން ދޮއެއްތޯ. އޭގެތެރެއިން އެންމެބޮޑު އެއްކަމަކަށްވަނީ، ގާތްގަނޑަކަށް އެއްބިލިއަން ނޫނީ އެއްހާސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓާ ހަމަޔަށްދާ ކަމަށްވަންޏާ، މުއްދަތަކަށް 35 އަހަރު ފުދޭހެއްޔޭ، ނޫނިއްޔާ 99 އަހަރު ހެއްޔޭ މީގައި ކަމުދަނީ. އެހެންވީމާ، ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން އަޅުގަނޑުމެން ހަމަޖައްސައިދެނީ އެކަންތައް.

ދެން މިޔާއެކީ މި ބިލުގެ މަސައްކަތް ފުރިހަމަވެގެންދާނީ، އަޅުގަނޑުމެންނަށް މި އިންވެސްޓްމަންޓެއް ގެނެވިގެން ދޮއެއްތޯ، މި މަސައްކަތް ފެށިގެން ދިޔައީމަ ދޮއެއްތޯ. އެހެންވީމާ، ﷲގެ ރަޙްމަތާއެކީ، މިބިލުން ހަމަގައިމުވެސް ޓްރާންސްފޮމޭޝަނަކަށް، ނޫނީ ބޮޑުބަދަލަކަށް ދިޔުމުގެ މަގު މިއޮތީ ޤާނޫނީ ގޮތުން އަޅުގަނޑުމެން ހަމަޖައްސައިދީފައި. މީގެކުރިން ވާގޮތަކީ، މިކަހަލަ ބޮޑު އެއްވެސް އިންވެސްޓަރަކާއެކީ ވާހަކަ ދައްކާކަށް އަޅުގަނޑުމެން ސަރުކާރަކަށް، ނޫނީ ދައުލަތަކަށް ނުވެސް އިށީނދެވޭ. އެއީ ފުރަތަމައިނުންވެސް މި ނުކުންނަނީ، މިދެންނެވި ގޮތަށް މި މުއްދަތު ކުރުވެގެން، އެމީހުންގެ ޝައުޤުވެރިކަން ނެތީ، އެވަރުގެ އިންވެސްޓްމަންޓެއް ހަދަން ދޮއެއްތޯ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިކުރެވޭ މަސައްކަތުގެ ޤާނޫނީ ނިޒާމު ހަމަޖެހިގެންދިޔައީ. ދެން އޮތީ ޕޮލިސީ ގައިޑްލައިންތަކަކާއެކީ މަސައްކަތް ކުރެވޭނެ ސްޓްރަކްޗަރުތަކެއް ސަރުކާރުގެތެރޭ ޤާއިމުވެގެން ދިޔުން. އެކަން އިރާދަކުރެއްވިއްޔާ ކިތަންމެހާވެސް އަވަހަކަށް ކުރެވިގެންދާނެ. އެހެންވީމާ، މިއަށް ބޭނުންވާ ފްރޭމްވަރކް ތައްޔާރުވެ ނިމުނީ. ދެންއޮތީ ހަމަ ޙަޤީޤަތުގައި މިކަންކަމަށް ޝައުޤުވެރިކަން ހުރި ބޮޑެތި އިންވެސްޓަރުން މިތަނަށް ގެނައުން ދޮއެއްތޯ. މަސައްކަތް ކުރަން ގެނައުން. ދެން ގެނެވުނީމަ، އެމީހުންގެ މަސައްކަތަކަށް ހުރަސްއެޅޭނެ ކަންތައްތަކެއް ނުހުންނާނެ. ހަމަ މިބިލުގެ ދަށުން އެމީހުންނަށް ލިބެންވާ ހުރިހާ ޢިނާޔަތަކާއި، ރައްކާތެރިކަމާއެކީ މަސައްކަތް ކުރުމުގެ މަގުފަހިވެގެން އެދަނީ ދޮއެއްތޯ.

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑު އެއްޗެއް ދަންނަވާލަންތޯ؟ އަޞްލުގައި މި ފޮރިން އިންވެސްޓްމަންޓް މިއީ ވަރަށް މުހިންމު އެއްޗެއް. އެއްވެސް ޤައުމެއް އިޤްތިޞާދީ ގޮތުން ތަރައްޤީވުމުގައި. ދެން ޚާއްޞަކޮށް، މި ބިލު ފާސްކުރައްވާފައި މިއޮތީ، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅުގައި ހުރިގޮތުގެ މަތިން، ވަރަށް ބޮޑަށް ފޮރިން އިންވެސްޓަރުންނަށް ޙިމާޔަތް ލިބިދޭގޮތަށް ޤާނޫނީގޮތުން. އެއީ އެމީހުން އައުމުގައި ކޮންމެހެން ބޭނުންވާ ކަމެއް. އަޅުގަނޑު ރައީސަކަށް ހުރިއިރުވެސް ވަރަށްގިނަ ފޮރިން އިންވެސްޓްމަންޓްތައް އާދޭ. އަދި ބައެއް ފޮރިން އިންވެސްޓްމަންޓްތައް ރާއްޖޭގައި ހިންގާފައި އެބަހުރި. އެހެން ނަމަވެސް، ދިމާވާ މައްސަލަތަކީ އަބަދުވެސް ބުނާނެ، ކޮބައިހޭ ތިމަންނަމެންނަށް ލިބޭ ޤާނޫނީ ޙިމާޔަތަކީ؟ ޤާނޫނީ ޙިމާޔަތް ތަފްޞީލުކޮށް އޮވެގެން ނޫނީ އަދި ޚާއްޞަކޮށް، އެވިދާޅުވިހެން މުއްދަތުވެސް، އެކަށީގެންވާ މުއްދަތެއް އޮވެގެން ނޫނީ، އެމީހުން ބޭނުމެއްނުވާނެ، އެމީހުންގެ 100 މިލިއަން ޑޮލަރު ރާއްޖޭގައި ޚަރަދުކުރާކަށް ދޮއެއްތޯ؟ އެހެންވީމާ، އެއީ މީގެ އެންމެ މުހިންމު ކަމަކީ. މިހާރު އެއޮތީ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލައި ނިމިފައި. އެ ވިދާޅުވިހެން ތަޞްދީޤު ކުރައްވައި، ދެން އޭގެ ދަށުން އުފެދެންޖެހޭ ކޮމިޓީތައް އުފެދުނީމަ، އަޅުގަނޑުމެންނަށް އެ މަސްރަޙު ތައްޔާރު ކުރެވުނީ. ދެން އޮންނާނީ ފޮރިން އިންވެސްޓަރުން އައުން. އައިމަ އެމީހުންނަށް ޤާނޫނުގައިވާ ގޮތުގެ މަތިން ވާހަކަ ދައްކައި، އެ ޤާނޫނުން އެމީހުންނަށް ލިބިދޭ ޙިމާޔަތްތަކާއި، އެމުއްދަތުތައް އެމީހުންނަށް އޮޅުންފިލީމަ، އެމީހުން ރާއްޖޭގައި އިންވެސްޓް ކުރާކަށް އެއްގޮތަކަށްވެސް ފަހަކަށްނުޖެހޭނެ. މިދައްކަނީކީ ކުދިކުދި އިންވެސްޓްމަންޓްގެ ވާހަކައެއް ނޫން. ކުރީ ޒަމާނުގައި ވިއްޔާ، 5 މިލިއަން، 10 މިލިއަން ޑޮލަރުގެ ވާހަކަ ދައްކަނީ. މިހާރު މިދައްކަނީ އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ވާހަކަ، ކޮންމެ ޕްރޮޖެކްޓަކަށް. މިއީ ވަރަށްބޮޑު އެއްޗެއް. އެހެންވީމާ، މި ޤާނޫނު އޮތުމަކީ ވަރަށް މުހިންމު ކަމެއް. އަދި އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ބޮޑަށް މަރްޙަބާ ދަންނަވަން، މިފަދަ ޤާނޫނެއް ހުށަހެޅުއްވީތީ އަދި ޤާނޫނު ފާސްކުރެއްވީތީ. ޤާނޫނު ފާސްވީމަ، އެއީ އަޅުގަނޑު ހިތުން ރާއްޖޭގެ ތަރައްޤީއަށް ލިބޭ ވަރަށްބޮޑު ރަނުގެ ފުރުޞަތަކަށް ވެގެންދާނެ. ޕީ.ޕީ.އެމް.އަކީ އަބަދުވެސް ހަމަ ހުރިހާ ޕާޓީތަކާ ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް އޮތް ޕާޓީއެއް. އަބަދު އެހެން އަޅުގަނޑުމެން ބުނަމުން މިއަންނަނީ. އެގޮތުގެ މަތިން އަޅުގަނޑުމެން ޖުމްހޫރީ ޕާޓީއާއެކީ ކޯލިޝަން ހެދީ. އަދި އެމް.ޑީ.އޭ.އާއެކީ ކޯލިޝަން ހެދީވެސް. އަދި ޢަދާލަތު ޕާޓީއާވެސް އަޅުގަނޑުމެން ގުޅުން ވަރަށް ރަނގަޅު. ހަމަ ގާތްގަނޑަކަށް ކޯލިޝަނެކޭ ބުނާހާ ހިސާބަށް ވަރަށް ރަނގަޅު. އެއްބާރުލުން އެބަ ހިނގާ. އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް ތިބޭނީ ތައްޔާރަށް. އެއީ މިހާރު އަޅުގަނޑަށް ހީވަނީ އަނެއްކާ ފުރްޞަތު މާބޮޑަށް ތަނަވަސްވެގެން ހިނގައްޖެހެން، ތިޔަ ވިދާޅުވިހެން ޖުމްހޫރީ ޕާޓީންވެސް މި އެސް.އީ.ޒެޑް.ގެ ބިލަށް ތާއީދު ކުރެއްވުމާ އެކީގައި، އަޅުގަނޑުމެން އެބޭފުޅުންނާ ވާހަކަ ދައްކައި، ދެޕާޓީ ދޭތެރޭގައި ނުވަތަ މި ސަރުކާރުގެ ކޯލިޝަން ތެރޭގައި، ޖުމްހޫރީ ޕާޓީން އިތުރަށް ޙަރަކާތްތެރިވެވަޑައިގަތުމުގެ ފުރްޞަތު މިހާރު އަޅުގަނޑަށް ހީވަނީ ވަރަށްބޮޑުހެން. ވާހަކަ ދައްކައިގެން ހަމަޖެއްސޭނެހެން. ސަރުކާރުން އެކަން ކުރައްވާނެ ގޮތެއް އެނގިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާއަށް.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ސަރުކާރުން ހަމަ ފުރިހަމައަށް ޤާސިމް އިބްރާހީމަށް އެއްބާރުލުން ދޭނަން. އަޅުގަނޑު ޤާސިމަށް ދެންނެވިންވެސްމެ. އެސް.އީ.ޒެޑް ބިލު ފާސްވުމުގެ ކުރިންވެސް އަޅުގަނޑު ޤާސިމަށް ދެންނެވިން، އަޅުގަނޑު އޭރު ދަތުރެއް ކުރަނީ. ދަތުރު ނިންމާފައި އައިސް ޤާސިމާއެކީ ވާހަކަދައްކަން އިށީންނާނަމޭ. ދެން އަޅުގަނޑުމެން ޕާޓީންވެސް ބޭނުންވޭ ހަމަ ޤާސިމާއެކީ ސިޔާސީގޮތުން އަޅުގަނޑުމެން ކުރިއަށްދާން. އޭގެތެރޭގައި ހަމަ ދެފަރާތުގެވެސް އިޚްލާޞްތެރިކަން އޮވެގެން ކުރިއަށް ދެވޭނީ ދޮއެއްތޯ. އެހެންވީމާ، ދެން ޤާސިމް މިފަހަރު އެސް.އީ.ޒެޑް ބިލްގައިވެސް ހަމަ ވަރަށް ރަނގަޅަށް މަސައްކަތް ކޮށްދެއްވައިފި. ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި ޤާސިމާ ހަމަ މި ބިލަށް ވޯޓް ދެއްވައި، ހުރިހާ ކަމެއް ދިޔައީ ދެން. އެހެންވީމާ، އިރާދަކުރެއްވިއްޔާ ހަމަ އަންނަ ހަފްތާއެއްގެ ތެރޭގައި ޤާސިމާއެކީ ވާހަކަ ދައްކަން އަޅުގަނޑު އިށީންނާނަން.

ދެން އަޅުގަނޑުގެ ވިސްނުމުގައި، އަޅުގަނޑު ބޭނުންވަނީ ހަމަ ހުރިހާ ބޭފުޅުންނާ ގުޅިގެން މަސައްކަތް ކުރަން އިނގޭތޯ. ހުރިހާ ބޭފުޅުންނާ ގުޅިގެން މަސައްކަތް ކުރަން. އެހެންވީމާ، ޤާސިމާއެކީ ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. ދެން ހަމަ ދޭތެރެ ދޭތެރެއިން ބައެއްފަހަރު މިކަހަލަ ކަންތައް އެބަ ދިމާވޭ. އެހެން ނަމަވެސް، އެކަމެއް ނިމިގެން ދިޔައީމަ، އަނެއްކާވެސް އަޅުގަނޑުމެންނަކީ މުޅިން ގުޅުން ނޯންނަވަރަކަށް ދުރަށްދާ ބައެއް ނޫން. އެހެންވީމާ، އަދިވެސް އަޅުގަނޑުމެންނަށް މިގުޅުމުގައި ކުރިއަށް ދެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ޤާސިމް އޮތް އަޅުގަނޑަށް އެދިވަޑައިގެންފައި އިނގޭތޯ. އަޅުގަނޑު އައިސް ބައްދަލުކޮށްލަން އެދިވަޑައިގަތީ. އެހެންވީމާ، ދެން އަޅުގަނޑު އައިސް އިރާދަކުރެއްވިއްޔާ އެކަންވެސް ކުރިއަށް ގެންދާނަން. ޕީ.ޕީ.އެމް.އާއި ޖުމްހޫރީ ޕާޓީއާ ދޭތެރޭގައި ވާހަކަ ދެއްކުމުގެ ކަންތައް.

ސުވާލު:

ޤާސިމާ ދޭތެރޭ ތިޔަހެން ވިދާޅުވީމަ އަޅުގަނޑު ހިތަށްއެރީ، 2004 ވަނަ އަހަރު އޯގަސްޓް 12، 13 އާ ގުޅިގެންވެސް ޤާސިމާ ދޭތެރޭ ކަންތައްތަކެއް ހިނގި. އަނެއްކާ މި ބިލަށް ތާއީދުނުކުރާ ވާހަކަ ދެކެވުނު ދުވަސްކޮޅު އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ޤާސިމްގެ ބައެއް ވިޔަފާރިއާ ގުޅުންހުރި ކަންތައްތަކަކަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ދިމާވިތަން. މިއީ އިއްތިފާޤެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:

ނޫން، އެއީ އެހެނެއް ނޫންވީ އިނގޭތޯ. އޭގައި ވީގޮތަކީ ވަޒީރުންގެ މަޖިލީހުން ވަރަށްފަހުން އަޅުގަނޑުމެން ފާސްކުރީ، ފަޅުރަށްތަކާބެހޭ ގަވާއިދެއް. ދެން އެ ގަވާއިދު މިހާރު އެއޮތީ ގެޒެޓްކުރެވޭ ހިސާބުގައި އިނގޭތޯ. އޭގައި ފަޅުރަށްތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުން ފާސްކުރީ، މީގެކުރީގައި އެވަރުގެ ގަވާއިދެއް ނޯވޭ. ފިޝަރީޒް މިނިސްޓްރީގައި ހައްދަވައިގެން ގެންގުޅުއްވާ ގަވާއިދެއް އޮވޭ. އެހެން ނަމަވެސް، ދިގު މުއްދަތަށް ދަނޑުވެރިކަމާއި އަދި ރިސަރޗް މަސައްކަތް ކުރަން ފަޅުރަށް ދިނުމާއި އަދި ފަޅުރަށްރަށް، އެގްރިކަލްޗަރގެ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރުމާ ބެހޭގޮތުން ވަރަށް ތަފްޞީލު ގަވާއިދެއްގެ މަސައްކަތް ކުރާތާ މިހާރު ތިންހަތަރު މަހަށްވުރެ ގިނަވެގެން ދިޔައީ. ވަޒީރުންގެ މަޖިލީހުން ރަމަޟާން މަސް އަންނަން ކައިރިވެފައި އޮއްވައި، އެ ގަވާއިދު މިވަނީ ފާސްކޮށްފައި. އެ ތަންފީޛު ކުރަން ފެށިގެން މިދިޔައީ. ދެން އަންފޯޗުނޭޓްލީ، ބަދުނަޞީބު މިއީ އިނގޭތޯ. އެހެން ނަމަވެސް، މީގައި ވާގޮތަކީ އޭގެ އެއްމާއްދާގައި އެބައޮވޭ، ދިގު މުއްދަތަށް ދީފައި ހުންނަ ރަށްރަށުގެ ތެރޭގައި މަސައްކަތް ނުކުރާ ރަށްރަށް ފާހަގަކޮށްފައި، އެރަށްރަށަށް ނޯޓިސްދީފައި ނެގުން. ދެން އެންމެ ފުރަތަމަ ފެށުނީ ޙަޤީޤަތުގައި ބަރެސްދޫގެ މައްސަލަ. ދެން އެއީ އިއްތިފާޤުން މިކަންކަން ދިމާވިގޮތުން، ޕްރެޝަރެއް ކަމަށްވަންޏާ، ޕްރެޝަރެއް ކަމަށް ބެލިދާނެ. އެހެން ނަމަވެސް، މިވާގޮތަކީ އަޅުގަނޑު ކުރީ ދުވަހެއްގައި ދަންނަވާލިގޮތަށް، ބަރެސްދުއަކީ 21 އަހަރަށް، ދިގު މުއްދަތަށް ލިޔެވިފައި އޮތް ރަށެއް. މިހާރު ޓުވެންޓީ ޕްލަސް އިޔަރސް. 20 އަހަރު ފުރިގެން އިތުރަށް މިއޮއް ދަނީ. ދެން ހަމަ އެއްވެސް މަސައްކަތެއް އެތާ ނުކުރެވި އެއޮތީ. ދެން އެ ރަށް ހިމެނޭ ސަރަޙައްދުގެ ރައްޔިތުންނަކަށްވެސް އެއަކުންވާ ފައިދާއެއް ނެތް. އެހެންވީމާ، އޭގެދަށުން އެންމެ ފުރަތަމަ ނަގަން އޮތް އެންމެބޮޑު ރަށަކީ މިއީ. ދެން އެހެން ހުރި އެހެން ރަށްތަކާ ވާހަކަ ދައްކައިގެން، ރަށްތަކުން އެބަހުރި ޕްރޮޕޯޒަލްތަކެއް ހުށަހަޅާފައި. އަދި މިގަވާއިދު ފާސްކުރުމުގެ ކުރިން، ދިގު މުއްދަތަށް ކުރިއަށްދާން ޕްރޮޕޯޒަލްތަކެއް ހުށަހަޅައިގެން އެބަހުރި ރަށްތަކެއް ކުރިއަށް ގެންގޮސްފައި. އޭގެތެރޭގައި ހަމަ އަޅުގަނޑު ދަންނަވާލާނަން، މިއީކީ ކޮންމެހެން ވަކި ބޭފުޅަކަށްވީމަ، ކުރާ ކަމެއް ނޫން. ރައީސް ނަޝީދުގެ ބަފާކަލޭގެ ޢަލީ ޢަބްދުﷲގެ ރަށްވެސް ހަމަ ދިގު މުއްދަތަކަށް އޮތް ރަށެއް. އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި އޮތީ. މުއްދަތު ހަމަވާތީއާއެކީ، ހަމަ ސޮލިޑް ޕްރޮޕޯޒަލްއަކާއެކީ އެއޮތީ. ހަމަ އަޅުގަނޑުމެން ކުރިއަށް އެގެންދަނީ އެރަށުގެ މައްސަލަ. އެހެންވީމާ މިއީކީ ޒާތީ ކަމެއްގެ ތެރެއިން އަންނަ ކަމެއް ނޫން.

ދެން އޮތީ އެއަރޕޯޓްގެ މައްސަލަ. އެއަރޕޯޓްގެ މައްސަލައިގައި ނުކުންނަ މައްސަލައަކީ، ސިވިލްއޭވިއޭޝަންގެ މަސައްކަތް މިހާރު އިހަކަށްދުވަހަކު މިޙަވާލުވީ ޓުއަރިޒަމް މިނިސްޓްރީގެ ތެރެއިން. އޮޑިޓެއް ހަދާފައި، މަސައްކަތްތަކެއް މިކުރީ، އަޅުގަނޑަށް މި ނުކުންނަ އެންމެބޮޑު މައްސަލައަކީ، ސިވިލްއޭވިއޭޝަންގެ ސްޓޭންޑަޑްސް ވައިލޭޓުވެގެން، ނޫނިއްޔާ ސަލާމަތީ ކަންތައްތައް ވައިލޭޓުވެގެން، އެއަރޕޯޓްގެ ދާޚިލީ ދަތުރުފަތުރު ކުރުމުގެ ކަމެއްގެ ތެރޭގައި ދިމާވާ އެކްސިޑެންޓަކުން، އެއަށް ޖަވާބުދޭން އަޅުގަނޑަށް، ސަރުކާރަށް ވަރަށް އުނދަގޫ. އެހެންވީމާ، މިސަރުކާރު އައިއްސަ، ސިވިލްއޭވިއޭޝަންގެ ބައި އިހަށްދުވަހު ޓްރާންސްޕޯޓް މިނިސްޓްރީ އަށް އައި ބަދަލާ ގުޅިގެން، މި ދިޔައީމަ، ސިވިލްއޭވިއޭޝަނުން އޮޑިޓެއް ހެދީ، މިގޮތަށް އެއަރޕޯޓް ދޫކޮށްފައި ހުރި ފަރާތްތަކުގެ ސެކިއުރިޓީ އޮޑިޓެއް ހެދީ. އޮޑިޓް ހަދާއިރު، މި ދިމާވާ މައްސަލައަކީ، ސެކިއުރިޓީ މައްސަލަތަކެއް. ހަމަ ޙަޤީޤަތުގައިވެސް މާމިގިލީ އެއަރޕޯޓްގެ، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް އޮވެގެން، ކޮމްޕްރޮމައިޒްވާ ސެކިއުރިޓީ ކަންތައްތަކެއް އެބަހުރި. އޭގެދަށުން ނޯޓިސް ދެއްވާފައި، މި ވިދާޅުވަނީ، މިވެނި ކަންކަން ރަނގަޅު ކުރާށޭ، ރަނގަޅު ކުރެވެންދެން މިކަން ޑައުން ގްރޭޑް ވަނީޔޭ، ޑޮމެސްޓިކް އެއަރޕޯޓަކަށް. ދެން އެހެންވީމަ އެއޮތީ ފުރްޞަތެއް އެރުވިފައި. ޑޮމެސްޓިކް އެއަރޕޯޓެއް އެއީ. ދެން އެ ފުރްޞަތުގައި، އެ ސެކިއުރިޓީ ކަންތައްތައް އަޕްގްރޭޑް ކުރެވިގެން އަނެއްކާވެސް ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ބަދަލުވެގެންދާނީ އިނގޭތޯ. އެހެންވީމާ، އަޅުގަނޑުގެ ސަރުކާރެއްގައި އަޅުގަނޑު ބޭނުންވަނީ، މިކަހަލަ ބޮޑެތި މައްސަލަތަކުގައި، ނުރައްކާތެރި އެކްސިޑެންޓެއް ދިމާވެގެން، ކޮމްޕްރޮމައިޒްވެގެން މިދަނީ، ސަރުކާރުން ހަދާފައި ހުރި ގަވާއިދުތަކާ އެއްގޮތަށް ކަންތައްތައް ނުކުރެވިގެންދާ ކަމަށްވަންޏާ، އޭގެ ޖަވާބެއް އަޅުގަނޑަކަށް ރައްޔިތުންނަކަށް ނޭރުވޭނެ. އެކަމަކު އޭގެ ބަދަލުގައި އަޅުގަނޑު މިކުރި ކަމަކީ، ހަމަ މި މައްސަލައާ ގުޅިގެން އެބޭފުޅުން އޮޑިޓެއް ހެއްދެވީ. ހުރިހާ އެއަރޕޯޓްތަކުގެ އޮޑިޓެއް ހަދައިފި. ހަދާފައި ސެކިއުރިޓީ ގޮތުން މި ބްރީޗްވާ ތަންތަނުގައި، އެބޭފުޅުން، ސިވިލްއޭވިއޭޝަނުން، ސިވިލްއޭވިއޭޝަން މިނިސްޓްރީން ހަމަ މިތަންތަނަށް މިދެންނެވީ، އިންޓަރނޭޝަނަލް އެއަރޕޯޓް ޑައުންގްރޭޑް ކުރެވުނީއޭ. މިއޮތް މުއްދަތުގެ ތެރޭގައި އަޕްގްރޭޑް ކުރައްވާށޭ. ސެކިއުރިޓީ ކަންތައް އަޕްގްރޭޑް ކުރައްވާފައި ވަޑައިގަތީމަ، އަނެއްކާވެސް އިންޓަރނޭޝަނަލް އޮޕަރޭޓިންގ ލައިސަންސެއް ލިބޭނެ. އެހެންވީމަ، އޭގެ ޒާތުގައި އެއީކީއެއް ވައިލޭޝަނެއް ނޫން. އެބޭފުޅުންނަށް ލިބިވަޑައިގެންނެވި ދެރައެއްވެސް ނޫން. އެއީ ސެކިއުރިޓީ އަޕްޑޭޓް ކުރުމަށް ލިބުނު ފުރްޞަތެއް ދޮއެއްތޯ. އެހެންވީމާ، މީގެތެރޭގައި ޒާތީ ކަމެއް ނޫން. ހަމަ އެހެން ހުރި ތަންތަން އެބަހުރި ދޮއެއްތޯ. ރިޒޯޓް ނެހެދި ހުރި ބައިވަރު ރަށްރަށްވެސް އެބަހުރި. އަޅުގަނޑު ހަމަ ކުރީ ދުވަހު ބުނިން، އަޅުގަނޑު ހަމަ ރިޒޯޓް ނުހަދާ 8 އަހަރު، 12 އަހަރުވެފައި ހުރި ތަންތަންވެސް، މި ސަރުކާރުން އެތަންތަނާ ދޭތެރޭގައި ގޮތެއް ނިންމަން ބޭނުމޭ. އެއީ، ސަރުކާރުގެ ކޮންމެ ރިސޯސްއެއް ބަޔަކަށް މިދެނީ، އެ ޑިވެލޮޕްކޮށްގެން، އެ ހިސާބުގަނޑުގެ މީހުންނަށް އޭގެ ތަރައްޤީގެ ރާޙަތެއް ލިބެން. އެހެން ނަމަވެސް، އެއަރޕޯޓެއް ހަދަން ބަޔަކަށް ރަށްދީފައި، އެއަރޕޯޓް ނުހެދި 8 އަހަރު، 12 އަހަރުވެގެން ދާކަމަށްވަންޏާ، މައްސަލަތަކެއް އެބަހުރި. އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރުން އެކަން ހަމަ ރީޓެއިން ކުރާނެ. ކުރާއިރު، ނަޞީބު ދެރަކަމުން ބައެއް ތަންތަން ޤާސިމްގެ ތަންތަނަށް ވަނީ. އަނެއްބައި ތަންތަން އެހެން ކޮންމެވެސް ދިވެހި ވިޔަފާރިވެރިއެއްގެ ތަނަކަށްވެދާނެ. އަނެއްބައި ތަންތަން އަދި ބޭރުގެ ވިޔަފާރިވެރިޔަކަށްވެސް ވެދާނެ. ދެން އެހެން ނަމަވެސް، ހަމަ މީގެ ބޭނުމަކަށްވަނީ، ހަމަ ރައްޔިތުންނަށް މީގެ ފައިދާ ހޯދައިދިނުން.