بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިނިވަން ދައުލަތަކަށް ލިބޭނެ އެންމެ މަތިވެރި ފަޚުރާއި ޝަރަފަކީ، ދުނިޔޭގެ އެހެން ޤައުމުތަކާ އެއް ހަމައެއްގައި ފައިހަމަކުރުމާއި، ކޮންމެ މައިދާނެއްގައި ބަސް ބުނުމުގެ ފުރިހަމަ މިނިވަންކަން ލިބުން. މޮރިޝަސްގައި މިހާރު ކުރިޔަށްދާ، އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ތެރެއިންވެސް، އަޅުގަނޑުމެންނަށް އިޙްސާސް ކުރެވެމުން އެދަނީ، ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ދިވެހީންނަށް ލިބިފައިވާ މިނިވަންކަމުގެ ފުރިހަމަކަން.

ދުނިޔޭގެ އެހެން ޤައުމުތަކަށްވުރެ އުހަށް، ދިވެހި ދިދަ އުފުލައިލަދިން، ޒުވާން އަންހެން ޓޭބަލްޓެނިސް ޓީމު އެ ސާބިތުކޮށްދިނީ، މި ރާއްޖޭގެ މިނިވަންކަމާއި ޢިއްޒަތާއި ކަރާމާތް، މުސްތަޤްބަލުގެ ޖީލުތަކަށް ފޯރުކޮށްދޭނެ، ފަޚުރުވެރި ޒުވާން ދަރީންތަކެއް އެބަތިބިކަން. ޖީލަކަށްފަހު ޖީލަކަށް ވާރުތަވަމުން، މިއަދާ ހަމައަށް ދިވެހިންގެ މިނިވަންކަން އައީ، އެފަދަ އެތައް ދަރީންނެއްގެ ޤައުމީ ލޯތްބާއި ވަޠަނީ ރޫޙުގެ ސަބަބުން.

ޒަމާން ފަސްދެމުން، ބިން ފުރޮޅެމުން، ތާރީޚު އުކެމުން ގޮސް، އަނެއްކާވެސް އަޅުގަނޑުމެން އިޙްތިފާލުވެ މިތިބީ، ރާއްޖޭގެ އުފާވެރި ފަޚުރުވެރި މިނިވަން ދުވަހަށް. އާދެ! ރާއްޖޭގެ މިނިވަންކަމަށް 54 އަހަރު ފުރޭ، 55 ވަނަ މިނިވަންދުވަސް. މި ރާއްޖެއާއި މި ދުނިޔެއަށް އުދަވެ އޮއްސޭ ކޮންމެ ހިސާބެއްގައިވާ، އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާ އެކުގައި، ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދަންނަވަން.

އިންސާނެއްގެ ޙަޔާތުގައި ސައުރަވަންނަ އަހަރަކީ، ވަރަށް ގިނަ ދުވަސް. އެމީހެއްގެ މުޅި ޙަޔާތުގެ ތަޞްވީރު އެކުގައި ސިފަވެ، ކުލަވާހާ ގިނަ އަހަރު. ނަމަވެސް ޤައުމެއްގެ ނިސްބަތުން އެއީ، ވަރަށް ކުރު މުއްދަތެއް. ހުދު ކަރުދާހެއްގައި ޖަހައިލެވޭ، ކުޑަކުޑަ ތިއްކެއްހާ މަދު މިންވަރެއް. އެ މަދު މިންވަރާމެދު މިއަދު އަޅުގަނޑުމެން ފަޚުރުވެރިވެ، ކާމިޔާބީގެ އުފާ ފައުޅުކުރަނީ، ޤައުމީ ބަޠަލުންތަކެއްގެ ޤުރުބާނީއާއި، ޖިހާދުން ފެވިފައިވާ ތާރީޚެއްގެ ހިޔާވަހިކަން، އަޅުގަނޑުމެންނަށް ލިބިފައި އޮތީމާ.

އެހެންކަމުން، ރާއްޖެއަށް ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވި، ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު، ރަންނަބަނޑޭރި ކިލެގެފާނު، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، އެ ކުރެއްވި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، އެ މަނިކުފާނުގެ ފުރާނަފުޅަށް، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި، ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

ވެރިއެއްގެ ޙަޔާތުގައި ޙާޞިލުވާ ކޮންމެ ކާމިޔާބެއްގެ ވަށައި، ވަރަށް ގިނަ ސިއްރާއި ސަބަބުތައް އެކުލެވޭނެ. ނުހަނު އެކަށޭނަ ޤާބިލް ބޭފުޅުންގެ މިންނެތް ހިތްވަރާއި، ބުރަ މަސައްކަތް ޝާމިލުވާނެ. އަދި ވަކިން ޚާއްޞަކޮށް، ރައްޔިތުންގެ ނުގުޑާފަދަ ޢަޒުމާއި ހިތްވަރު. އިޚްލާޞްތެރި ތެދުވެރި ނިޔަތް. ހިންމަތާއި މިންނަތާއެކު ކުރާ ބުރަ މަސައްކަތް. އެހެންކަމުން، އެފަދަ ހުރިހާ ބޭފުޅުންނަށް، މިނިވަންދުވަހުގެ ތަހުނިޔާއާއި ޝުކުރު ދަންނަވަން.

ތެދުފުޅެއް. މި ދޮށީ ޤައުމާއި، މި ފުން ތާރީޚުގެ ފުށި ރަށްތަކުގެ މައްޗަށް، އިސްތިޢުމާރީ އުދަބާނިތައް ހޮޅިލައި މުގުރި. ބިދޭސީ މުށްތަކުގެ ތެރޭގައި ދިވެހީން އަޅުވެތިވެ، އަޅުދާސްވާން މަޖުބޫރުވި. ނަމަވެސް ޢަދުއްވުންގެ ފަންވަރުގެ މައްޗަށް ކުރި ހޯދީ، ކާބަފައިންގެ ހިތްވަރު. ދިވެހި ތާރީޚުގެ މިއަދުގެ ޞަފްޙާތަކުގައި، ފެއްސާއި ރަތާއި ހުދުން، މިނިވަންކަމުގެ ކުލަޖެހެމުން އެދަނީ، އުތީމު ތިން ބެއިންނާއި، ޢަލީ ރަސްގެފާނާއި ދޮންބަންޑާރައިން ފަދަ، އެތައް ބަޠަލުންނެއްގެ ހޫނު ލޭފޮދުން، މި ބިމަށް ގެނެސްދެއްވި ދިރުމުން.

މިއަދު އަޅުގަނޑުމެން ހޭލައި ތިބެންޖެހޭ ކަންކަން، އޭގެ ޒާތުން ބަދަލުވެއްޖެ. ކަނޑިބަޑިއާއި ސިލޭހައިގެ ހަނގުރާމަތައް، ފިކުރީ އޮއިވަރަށް ފުރޮޅިއްޖެ. ތަފާތު ހަރުކަށި ވިސްނުންތަކާއި، ހައްދުފަހަނަޅައިދިޔުމުގެ ކަޅު ވިލާތައް ބޯމަތިވެއްޖެ. މިއަދުގެ ކަންބޮޑުވުންތައް ތަފާތު. އެއީ، އަނެކާގެ ވިސްނުމާއި ފިކުރަށް އިޙްތިރާމް ނުކުރުމުގެ ސަގާފަތް. ތަޙައްމަލްކުރުން ނެތިގޮސް، ކެތްތެރިކަން ކޮޅުންލުން. ތިމާގެ ގޮތް ނޫން ގޮތަކީ، ނެތް ގޮތެއް ކަމަށް ގަބޫލުކުރުން. ނަމަވެސް، ހައްދުފަހަނަޅައި ދިޔުމަކަށް އަޅުގަނޑުމެން ނުރުހެން. ނިރުބަވެރިކަމާ ދެކޮޅަށް އަޅުގަނޑުމެން މިތިބީ، ބައިނަލްއަޤްވާމީ ގުޅުންތަކުން ބަނދެވިގެން.

މިނިވަންދުވަހުގެ އުފާވެރި އިޙްސާސްތަކާ ބައްދަލުކުރާއިރު، އިއްޔެ އަޅުގަނޑުމެންނަށް މިނިވަންކަން ލިބިފައި އޮތް މިންވަރާއި، މިއަދު އެ މިނިވަންކަމުގެ ބޭނުން ހިފަމުންދާ ގޮތާއި، މާދަމާ އެ މިނިވަންކަން އޮންނާން އެދޭ ގޮތާމެދު ވިސްނައިލުމަކީ، ވަރަށް މުހިންމު ކަމެއް. ހަމަގައިމުވެސް، މި ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނުފަހުން، އެ މިނިވަންކަން މުޅިން ގެއްލިގެންދިޔަ ދުވަހެއް ރާއްޖެ ދެކެފައެއްނުވޭ.

ނަމަވެސް، ވެއަތުވެދިޔަ އަހަރުތަކުގައި، އަޅުގަނޑުމެންގެ ފަރުދީ އަދި ޒާތީ މިނިވަންކަން، އޭގެ ފުރިހަމަގޮތުގައި ޙިމާޔަތް ކުރެވި ރައްކާތެރި ކުރެވިފައިވޭތޯ، މިއީ މިއަދު އަޅުގަނޑުމެންގެ ހިތުގައި އުފެދޭނެ ސުވާލެއް. ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި، އެ ޙައްޤުތަކާ ގުޅިފައިވާ މިނިވަންކަމުން ރައްޔިތުން މަޙްރޫމުވާ އެންމެ ހިނދުކޮޅެއްވެސް، މި ޤައުމަށް ކުރިމަތިވެގެންވާނެ ކަމަކަށް އަޅުގަނޑު ޤަބޫލެއްނުކުރަން.

މިނިވަންކަމަކީ ކޮންމެ މީހެއްގެވެސް، އިންސާނީވަންތަކަން ރަމްޒުކޮށްދޭ، އެންމެ މަތިވެރި ސިފަ. އަދި އިންސާނީ ޙައްޤުތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައިގެ ޙައްޤުވެސްމެ. އެއީ ކޮންމެ މީހަކު އުފަންވާ ހިނދުން ފެށިގެން، ކޮންމެ މީހަކާ އެކުގައިވާ، އަދި އެއްވެސް މީހެއްގެ ކިބައިން، ހިނދުކޮޅަކަށްވެސް ނިގުޅައިގަނެވިގެން ނުވާނެ އިންސާނީ ޝަރަފެއް. ޤައުމެއްގެ ކީރިތިކަމާއި މޫރިތިކަން ބިނާވެފައިވަނީ، އެ ޤައުމެއްގެ ވަކިވަކި ފަރުދުންނަށް މިނިވަންކަން އިޙްސާސް ކުރެވޭ މިންވަރެއްގެ މައްޗަށް.

ފުރިހަމަ މިނިވަންކަމެއް އިޙްސާސް ކުރެވޭނީ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ހިޔާވަހިކަމުގެ ދަށުގައި ތިބެ، ޙާޞިލުކުރަން އެދޭ ކޮންމެ ކަމެއް ޙަޤީޤަތަކަށް ހެދޭނެ ކަމުގެ ޔަޤީންކަން ލިބިގެންވާ މާޙައުލެއް، މި ރާއްޖޭގައި އުފެދިގެން. އެފަދަ މާޙައުލެއް އުފެއްދުމަކީ، އަޅުގަނޑުމެން އެންމެންގެ މަސްއޫލިއްޔަތެއް. ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް.

މިނިވަންކަމުގެ މުޅިން އައު އަހަރަކާ ކުރިމަތިލާއިރު، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށްވާނީ، މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން ޤާއިމުކުރުން. އުފާވެރިކަމާއެކު ދިރިއުޅޭ، ގެދޮރުވެރި، ފުދުންތެރި އަދި ފަޚުރުވެރި ޢާއިލާތަކެއް ބިނާކުރުން. ފަރުދީ މިނިވަންކަން އިޙްސާސް ކުރެވޭނީ، އެ މަޤްޞަދު ޙާޞިލުވެގެން. ރާއްޖޭގެ ކަނޑުފަޅާއި، ފަރާއި އެއްގަމާއި، ވަޔާއި ކަނޑުން ގުޅިފައިވާ، މި ބިޔަ ނޫ އިޤްތިޞާދުގެ ނަފާ، ހުރަހެއްނެތި، ވަކިވަކި ފަރުދުންގެ ޖީބަށް ފޯރައިގެން. ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތް ކުރެވި، ޢަދުލު އިންޞާފު ޤާއިމުކުރެވޭނެ ކަމުގެ އިތުބާރާއި ޔަޤީންކަން ހޯދައިދެވިގެން.

އެކަންކަން ޙާޞިލު ކުރެވޭނީ، އަޅުގަނޑުމެން އެންމެން، އެއް ޢަޒުމެއްގައި އެކަމަށް މަސައްކަތް ކޮށްގެން. ދައުލަތުގެ ހުރިހާ ބާރުތަކާއި، އެންމެހައި މުއައްސަސާތަކުގެ ޙަޤީޤީ މަޤްޞަދަކަށް ވާންޖެހޭނީވެސް، ރައްޔިތުންގެ ފަރުދީ މިނިވަންކަން ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުން. ޤައުމުގެ މަޞްލަޙަތުގައި މަސައްކަތްކުރާ، ރާއްޖޭގެ ނޫސްވެރިންނާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުގެވެސް، އެންމެ އިސް އަމާޒަކަށް ހަދަންޖެހޭނީ، ރައްޔިތުންގެ ފަރުދީ މިނިވަންކަމާއި ޙައްޤުތައް ޙިމާޔަތްކޮށްދިނުން.

ރާއްޖޭގެ ޚާރިޖީ އަދި ސިޔާސީ މިނިވަންކަން ދަމަހައްޓައިދޭ މޭސްތިރިންނަކީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުން. އެހެންކަމުން، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ، ރައްޔިތުން ބާރުވެރިކުރުވައި، ރައްޔިތުންގެ އަޑު އުފުލައިދިނުމަށް. އެހެންކަމުން، ރައްޔިތުންގެ ޙައްޤުތަކަށް ހުރަސްއެޅޭގޮތަށް ހުރި ޤާނޫނުތަކާއި އުޞޫލުތައް އުވާލައި، އެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި، ޤާނޫނުތައް އިޞްލާޙު ކުރުމުގެ މަސައްކަތް ސަރުކާރުން މި އަންނަނީ ކުރަމުން.

ޚާރިޖީ ސިޔާސަތުގައި އަޅުގަނޑުމެންނަކީ، ޤައުމުތަކާއެކު ގުޅުން ބަދަހިކުރާ ބައެއް. ހަތުރުވެރިކަމެއްނެތި، މިތުރުވެރިކަން އިސްކޮށް އާލާކުރާ ޤައުމެއް. ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ، ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ޙިޔާމަތްކުރުން. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކޮށްފައިވާނީ، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، ޑިމޮކްރެސީގެ ހަމަތަކާއި އަގުތައް ނަގަހައްޓައި، މޫސުމީ ބަދަލުތަކަށާއި، ތިމާވެށީގެ ޙިމާޔަތަށް އިސްކަން ދިނުމުގެ މައްޗަށް. އާދެ! ޤައުމުތަކާއެކު އަޅުގަނޑުމެން ގުޅުންތައް ދަމަހައްޓަމުން ދާނީ، މި ތަރަހައިގެ މަތީގައި.

މިނިވަންކަމުގެ ޙަޤީޤީ މަޤްޞަދަކަށް ވާންވާނީ، ތަރައްޤީގެ ހުރިހާ މައިދާންތަކެއްގައި ކުރިއެރުންތައް ހޯދައި، އިޤްތިޞާދީ ފުދުންތެރިކަމާއި މިނިވަންކަން ޙާޞިލުކުރުން. ތަރައްޤީއަށްޓަކައި އަޅުގަނޑުމެން ކުރަން ޖެހިފައިވާ މަސައްކަތްތައް ވަރަށް ގިނަ. ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތައް އެހާމެ ގިނަ. ރާއްޖެ ތަރައްޤީ ކުރަން ކިތަންމެ ބޭނުންވިޔަސް، ވަގުތީ މަންފާއަކަށްޓަކައި، މި ލޮބުވެތި ފަސްގަނޑުގެ ކިތަންމެ ކުޑަ ތަންކޮޅެއްގެ މިލްކުވެރިކަންވެސް، ބޭރު ބަޔަކަށް ދޫކޮށްލުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. މުދަލާއި ފައިސާއިން އަގުކުރެވޭ ވަރަށްވުރެ، މި ޖަޒީރާތަކުގެ ޤަދަރާއި ކަރާމާތް، އަޅުގަނޑުމެންގެ ކުރިމަތީގައި މާ މަތިވެރި.

ހުޅުވައިލެވިފައިވާ ދުނިޔެއަކަށް ނޭވާލަމުންދާއިރު، ދުނިޔޭގެ ސިޔާސީ އޮއިވަރަށް ދީލާނުލައި، ޖަޒީރާވަންތަ ޤައުމެއްގެ ގޮތުގައި ރާއްޖެ ތަރައްޤީ ކުރުމަކީ، މިއަދު އަޅުގަނޑުގެ ކޮނޑުގައި އެޅިފައިވާ އެންމެ މަތީ ޤައުމީ ވާޖިބު. ދުނިޔޭގެ އެންމެ ބޮޑެތި ޙަޟާރަތްތައް، އަޅުގަނޑުމެންގެ ކުރިމަތީގައި ސުންނާފަތިވަމުން އެދާ ސަބަބުތަކާއި، ޞުލްޙަމަސަލަސްކަމުގައި، މި ކުޑަކުޑަ ދިވެހި ޙަޟާރަތް ދެމިއޮންނަ ގޮތާމެދު ވިސްނައިލުމަކީވެސް، މިފަދަ ދުވަހެއްގައި ވަރަށް މުހިންމު ކަމެއް.

ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކުރެވި، ޢަދުލު އިންޞާފު ޤާއިމުކުރެވޭނެ ކަމުގެ އިތުބާރާއި ޔަޤީންކަން ހޯދައިދިނުމަށް، ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާނެކަން، މި ފުރުޞަތުގައިވެސް ޔަޤީންކޮށް އަރުވަން. ސިޔާސީ މިނިވަންކަމާއި އިޤްތިޞާދީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، ޤައުމީ ތަރައްޤީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ.

ދިވެހި ރައްޔިތުންނަށް އަބަދުވެސް އުފާފާގަތިކަމަށް އެދޭ ޙާލު، ތިޔަ ލޮބުވެތި ރައްޔިތުންގެ ފަރާތުން އަޅުގަނޑު އެދެނީ، ދިވެހީންގެ އަގު އުފުލައިދީ، މި ޖަޒީރާ ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކޮށްދެއްވުމަށް. ޢަދުލުވެރިކަމާއި ހަމަޔާއި އިންޞާފު ޤާއިމުކުރުމަށްޓަކައި، ވައްކަމާއި ރިޝްވަތާއި ކޮރަޕްޝަނާއި ފަސާދައަށް ނޫނެކޭ ބުނުމުގެ ހިތްވަރު ލިބިގަތުމަށް، ދިވެހި ކޮންމެ ރައްޔިތަކަށް އަޅުގަނޑު އިލްތިމާސް ކުރަން. މިއީ އަޅުގަނޑުމެން އެންމެންގެ ޤައުމު. މި ރާއްޖެ އިޞްލާޙުކޮށް ތަރައްޤީ ކުރާނީ، އަޅުގަނޑުމެން އެންމެން.

މާތްﷲ، މި ލޮބުވެތި ވަޠަނާއި، މި ރާއްޖޭގެ ރައްޔިތުންގެ ކުރިމަގު، އިސްލާމްދީނުގެ ނޫރުން އަލިކުރައްވައި، އެކަލާނގެ ރަޙްމަތާއި ފުއްސެވުމުގައި ލަހައްޓަވައި، މި ރާއްޖެ މިނިވަންކަންމަތީ، އަބަދުގެ އަބަދަށް ދަމަހައްޓަވާށި! ދިވެހިންނަކީ ދެ ދުނިޔޭގެ ބާއްޖަވެރީން ކަމުގައި ލައްވައި، އަބަދުމެ ހެޔޮ ގޮތްތައް މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.