އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޖޭމްސް ޑޯރިސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ. ވަކިވަކިން ބޭއްވެވި މި ދެ ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

4 އަހަރަށްފަހު ހިޒް އެކްސެލެންސީ ޖޭމްސް ޑޯރިސްގެ ސަފީރުކަމުގެ ދައުރު ނިންމަވާލައްވަނީ އުފާވެރިކަމާއެކުގައި ކަމަށާ އަދި އެމަނިކުފާނުގެ ދައުރު ނިންމަވާލައްވާއިރު މިދިޔަ ރިޔާސީ އިންތިޚާބަށްފަހު ރާއްޖޭގެ ސިޔާސީ މަސްރަޙު ހަމައަކަށް އެޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިނގިރޭސިވިލާތުގެ ސަފީރުގެ ވާހަކަފުޅުގައި ބޭރު ދުނިޔޭގެ މަސްރަޙުގައި ރާއްޖެއާ އިގިރޭސިވިލާތުން ގެންގުޅެނީ ވަރަށް އެއްގޮތް ވިސްނުމެއްކަން ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި، މިނިވަން ވިޔަފާރީގެ މާޙައުލެއް ޤާއިމުކުރުމާއި، އިންޑިޔާ ކަނޑުގެ ސަރަޙައްދީ ހަމަޖެހުމަށް މަސައްކަތްކުރުމާއި، ކަނޑުގެ ދިރުންތަށް ރައްކާތެރިކުރުންފަދަ ކަންކަން ހިމެނޭކަން ސަފީރު ފާހަގަކުރެއްވިއެވެ. މިގޮތުން ތަޢުލީމާއި ވިޔަފާރިއާއި ސަލާމަތީ ދާއިރާއަކީ ޒަމާނުއްސުރެ ދެޤައުމުގެ މެދުގައި ގުޅުން ބަދަހި ކުރެވިފައިވާ ދާއިރާތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއެކު ވަކި ވަކީން މިއަދު ބޭއްވެވި މިބައްދަލުކުރެއްވުން ތަކުގައި ރާއްޖެ ޑިމޮކްރަސީއަށް ކުރަމުން ގެންދާ ދަތުރުގައި އިނގިރޭސި ވިލާތުގެ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ދެބޭފުޅުން ވެސް ވަނީ އިނގިރޭސި ވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ އައު ސަފީރާއެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި މި މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ވަރަށް އަވަހަށް ހުޅުވުމަށް ހަމަޖެހިފައިވާކަމުގައި ދެބޭފުޅުން ވެސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިނގިރޭސިވިލާތުގެ ސަފީރަކީ ރާއްޖޭގެ ގާތް އެކުވެރިއެއްކަމުގައި ސިފަކުރައްވައި، އެމަނިކުފާނަށް ބާއްޖަވެރި ކުރިމަގަކަށްއެދިވަޑައިގެންފައެވެ.

ރާއްޖޭގެ ސަރުކާރާ ރައްޔިތުން އިނގިރޭސިވިލާތުގެ ސަފީރު ޖޭމްސް ޑޯރިސް ރާއްޖެއާއި އިނގިރޭސިވިލާތާ ދެޤައުމުގެ ދެމެދުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކޮށްފައިވާ މަސައްކަތްތަށް ފާހަގަކުރައްވައި ޝުކުރުއަދާކުރެއެވެ.