ލާއޯސް ޕީޕަލްސް ޑިމޮކްރެޓިކް ސަރުކާރާއި ރިޕަބްލިކް އޮފް ސޫދާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ. ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުތައް ބާއްވަވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތައްފަހު، ލާއޯސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ބައުނެމް ސޯއަންޔޮމްއާއި، ސޫދާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ އަހްމަދު ޔޫސުފް ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ވަކި ވަކީން ބައްދަލުކުރައްވާފައެވެ.

މި ދެ ޤައުމުގެ ސަފީރުން ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެޤައުމުތަކާއި ރާއްޖެއާއި ދެމެދު އޮންނަ ދޭދޭގުޅުމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި، އެބޭފުޅުން ވަނީ ރާއްޖެއާއި އެ ޤައުމުތަކާއި ދެމެދު އޮންނަ ގުޅުން ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާކަން ހާމަ ކުރައްވާފައެވެ. މިބައްދަލު ކުރެއްވުމުގައި އައު ސަފީރުގެ ދައުރުގައި ލާއޯސްއާއި ރާއްޖޭގެ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ސަފީރު ވިދާޅުވިއެވެ.

ސޫދާންގެ ސަފީރާއެކު ބޭއްވެވި ބައްދަލުކޮށްލެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސޫދާނާއި ރާއްޖެއާ ދެމެދުއޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ޚާއްޞަކޮށް ވިޔަފާރިއާ އިޤްތިޞާދީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

އަލަށް ކަނޑައެޅުއްވި ސަފީރުންނާއި ބައްދަލު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އަދި ތަރައްޤީއާ އިޤްތިޞާދީ އެޖެންޑާ ހިންގުމުގައި އެހެންޤައުމުތަކާ ގުޅިގެން މަސައްކަތްޕުޅު ކުރެއްވުމުގެ ޝައުގުވެރިކަން މި ބައްދަލުކުރެއްވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ފާޅުކުރައްވާފައިވެއެވެ.