بســم اللّـه الرّحمـن الرّحيــم

‏އަޅުގަނޑުމެން ދިވެހިރާއްޖޭގެ ފަރާތުން ވަފުދެއް މިއައީ ޖަޕާނު ސަރުކާރުން، ޖަޕާނުގެ ބޮޑުވަޒީރު ދެއްވި ދަޢުވަތަކަށް ޖަޕާނަށް ޒިޔާރަތްކޮށްފައި. ދެން ‏‏އިރާދަކުރެއްވިއްޔާ މި ދަތުރަކީ ހަމަ ވަރަށް ކާމިޔާބު ދަތުރެއް ދިވެހިރާއްޖެއަށް. ޖަޕާން ސަރުކާރުންވެސް ‏‏އަޅުގަނޑުމެންނަށް ހުށަހަޅުއްވާފައިހުރި ކަންތައްތައްވެސް އެބަހުރި ބައިނަލްއަޤްވާމީ ޑިޕްލޮމެސީގެ ‏‏ތެރޭގައި.

އަޅުގަނޑުމެންނަށް މިދަތުރު އެހާ މުހިންމުވެގެން މިދިޔައީ، ޖަޕާނު ސަރުކާރުގެ ‏‏ދަޢުވަތަކަށް ދިޔަ ދަތުރަކަށްވާއިރު، އަޅުގަނޑުމެންގެ ފަރާތުން ދިވެހިރާއްޖެއަށް ބޭނުންވާ ހަމަ ވަރަށް ގިނަ ‏‏ކަންތައްތަކެއްގެ ވާހަކަ ޖަޕާނު ސަރުކާރަށްވެސް ހުށަހަޅަން މިދިޔައީ.

މިއާއެކީ، ދިވެހިރާއްޖޭގައި މިހުރި ބޮޑެތި ‏‏މަޝްރޫޢުތަކަށް ޖަޕާނު ސަރުކާރާއި އަދި ޖަޕާނުގެ ޕްރައިވެޓް އިންޑަސްޓްރީގެ ފަރާތުން އެހީތެރިކަން ‏‏ބޭނުންވާތީއާއެކީ، އަޅުގަނޑުމެންގެ މިކޮޅުގައި މިތިއްބެވި ވަޒީރުންނާއި އެކޮޅުން އަޅުގަނޑުމެންގެ ‏‏ސަފީރާއި އަދި ޖަޕާނު ސަރުކާރާއި ގުޅިގެން، ޖަޕާނުގައި ތިއްބި ބޮޑެތި ވިޔަފާރިވެރިންގެ ހަމަ ވަރަށް ‏‏ރަނގަޅު ބިޒްނަސް ފޯރަމެއްވެސް އިނތިޒާމުކުރެއްވި. އެހެންވީމާ، ވަރަށް ގިނަ ވިޔަފާރި ލީޑަރުންނާ ‏‏ބައްދަލުކުރުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ލިބުނު. އަދި ދިވެހިރާއްޖޭގައި މިހާރު ‏‏އަޅުގަނޑުމެންގެ ތަޞައްވަރުގެ ތެރޭގައި ހިމެނޭ އިޤުތިޞާދީ ބޮޑެތި މަޝްރޫޢުތައް ހުށަހަޅައި، ‏‏އިންޓަރެކްޓް ކުރުމުގެ ޖާގަ އަޅުގަނޑުމެންނަށް ލިބުނު. މިހެން ކުރުމުގެ ބޭނުމަކަށްވަނީ، މި ‏‏މަޝްރޫޢަށް ހަމަ ޖަޕާނުގެ އިންޑަސްޓްރިއަލިސްޓުންގެ ތެރެއިން މިކަންކަމަށް ޝަޢުގުވެރިކަންހުރި ‏‏ފަރާތްތައް ހޯދައި، އެމީހުންނަށް މަޢުލޫމާތުދީ، އަދި އެކަމަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ހޯދުން. ‏

‏ޖަޕާނުގައި މިކަހަލަ ކަންތައްތައް އޮންނަ ގޮތަކީ، ޖަޕާނުގެ އިންޑަސްޓްރީގެ ބޮޑެތި ‏‏ފަރާތްތަކުން މިކަހަލަ ކަންކަމަށް ޝައުޤުވެރިވީމާ، ޖަޕާން ސަރުކާރުން ޖޭބިކްގެ ތެރެއިން ފައިސާގެ ‏‏އެހީތެރިކަން އެބަލިބޭ. އެހެންވީމާ، މިދެބައި ވަރަށް ބޮޑަށް ގުޅިގެން މިދިޔައީ.

ޖަޕާނު ސަރުކާރާއި ‏‏އަޅުގަނޑުމެންނާ ދެއްކި ރަސްމީ ވާހަކަތަކުގައި، ޖަޕާނު ބޮޑުވަޒީރު އަޅުގަނޑުމެންގެ ‏‏މި މަޝްރޫޢުތަކަށް ވެވަޑައިގެން ދެއްވެން އޮތް ހުރިހާ މިންވަރަކުން އެހީތެރިކަން ‏‏ވެވަޑައިގެން ދެއްވަން ވިދާޅުވި. ދެން މިބޭފުޅުންނާ ވަކިވަކިން އަޅުގަނޑުމެން އޭގެ ޖެހިގެންއައި ‏‏ދުވަހު ބައްދަލުކުރީމާ، އަޅުގަނޑުމެންނަށް ހަމަ އެކަން ވަރަށް ރަނގަޅަށް ސާފުވެގެންދިޔަ. މި ‏‏މެސެޖުތައް މިހިރީ ހަމަ ޖަޕާން ސަރުކާރުގެ ފަރާތުން އެކިއެކި މުއައްސަސާތަކާ ހަމައަށް ގޮއްސަ. ‏‏

ދެން އޭގެ އިތުރަށް، ޖަޕާނުގެ އެމްޕެރަރ އަކިހީޓޯ އަރިހަށް އަޅުގަނޑު އިޙުތިރާމުގެ ޒިޔާރަތެއް ކުރިން. އެ ‏‏ޒިޔާރަތަކީވެސް ހަމަ ޖަޕާނަށް މިހެން ރަސްމީ ދަތުރެއްގައި ދާކަމަށް ވަންޏާ، އަޅުގަނޑުމެންނަށް ‏‏ލިބުނު، ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް.

އަޅުގަނޑުމެން އެންމެ ހިތްހަމަޖެހުނު ‏‏ކަމަކީ، ހުރިހާ ވާހަކަތަކެއްގައިވެސް، ޖަޕާނުގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައިވެސް އަދި އެނޫން ‏‏ވަޒީރުންގެ ވާހަކަފުޅުގައިވެސް އަދި މިދެންނެވި ގޮތަށް އެކިއެކި ބޭބޭފުޅުންނާ އަޅުގަނޑުމެން ވަކިން ނޫނިއްޔާ ފޯރަމްތަކުގައި ދެއްކުނު ވާހަކައިގައިވެސް، ޖަޕާނުން އެންމެ ފާހަގަކުރަނީ، ދިވެހިރާއްޖޭގެ ‏‏ރައްޔިތުންނާއި ޖަޕާނު ރައްޔިތުންނާ ދޭތެރޭގައި އޮންނަ ގާތްގުޅުން. ޚާއްޞަގޮތެއްގައި ޖަޕާނަށް ދިމާވި ‏‏ބިންހެލުމާއި، އެއާގުޅިގެންއައި ސުނާމީއާ ގުޅިގެން ޖަޕާނަށް އެ ލިބުނު ގެއްލުމުގައި، ދިވެހިރާއްޖެ މިއީ ހަމަ އެންމެ އިސްވެ، ދިވެހިރާއްޖޭގެ ފަރާތުން 780,000 މަސްދަޅު، ކޭންޑް ޓޫނާ، ފޮނުވި ވާހަކަ، ދެން މިއީ ހަމަ ‏‏އެބޭފުޅުން ވަރަށް ޝައުޤުވެރިކަމާއެކީ ބަލައިގެންނެވިކަމެއް. އެހެންވީމާ، ކޮންމެ ރަސްމީ ‏‏ވާހަކަތަކުގައިވެސް، އަދި ނުރަސްމީކޮށް ދިޔަ ވާހަކަތަކުގައިވެސް، މިކަމަށް ޝުކުރުއަދާކުރައްވައި، ހަމަ ‏‏ދިވެހިންނާ ދޭތެރޭގައި އޮންނަ ގާތްކަން ފާހަގަކުރައްވާފައި މިވާހަކަތައް ހަމަކޮންމެ ބޭފުޅަކުވެސް ދައްކަވާ. ދެން މިއީ ހަމަ ދިވެހިންނާއި ޖަޕާނުގެ ރައްޔިތުންނާ ދޭތެރޭގައި އޮތް ގާތްގުޅުން. އެހެންވީމާ، ‏‏އެބޭފުޅުންނަށް ވަރަށް ފާހަގަކުރެއްވޭ ކަމެއްގެ ގޮތުގައި މިކަން ވެފައި މިއޮތީ. ދެންހަމަ އެގޮތަށް އަޅުގަނޑުމެންވެސް ‏‏ދެންނެވިން، އަޅުގަނޑުމެންނަށް ސުނާމީގައި، 2004 ވަނަ އަހަރު ދިމާވި ގެއްލުމުގައި އެންމެ ބޮޑަށް ‏‏އެހީވި ޤައުމަކަށް މިވަނީ ޖަޕާން. އެންމެ ފުރަތަމަ ކޮޅު، އެންމެ ފުރަތަމަ އެހީވެސް އައީ ޖަޕާނުގެ ފަރާތުން. ‏‏އެހެންވީމާ، އެބޭފުޅުން ވަރަށް ޝުކުރުވެރިކަމާއެކީ ފާހަގަކުރައްވާކަމެއް، އަޅުގަނޑުމެން ޖަޕާނަށް ‏‏އެހީވާން ލިބުނު ފުރުޞަތުގައި އަޅުގަނޑުމެން އެކަންކުރީމާ.

ދެން އެބަހުރި އިނގޭތޯ، އަޅުގަނޑުމެންގެ ތެރޭގައި ދެއްކުނު ބޮޑެތި ކަންކަމުގެ ވާހަކަތައް. ދެން އަޅުގަނޑުމެންގެ މިދަތުރުގެ އިންތިޒާމުތަކުގައި އުޅުއްވައި ދެއްވި ބޭފުޅުން މިތާ މިތިއްބެވި ވަޒީރުން. މިކޮޅުން ޓްރޭޑް އެންޑް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު، ދެން ފޮރިން މިނިސްޓަރ ދުންޔާ ހަމަ ވަރަށް ބޮޑަށް އަޅުގަނޑުމެންގެ މިމަސައްކަތުގެ ތެރޭގައި ތައްޔާރުވެދެއްވުމަށް އުޅުއްވި. ދެން، ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، ޓުއަރިޒަމް މިނިސްޓަރ އަދީބު.

‏އަޅުގަނޑުމެންގެ މިދަތުރަކީ ބައިނަލްއަޤްވާމީ ޑިޕްލޮމަސީގައި ޖަޕާނާއި އަޅުގަނޑުމެންނާ ދޭތެރޭގައި މަޝްވަރާތައް ކުރުމާއި، ދެން ދިވެހިރާއްޖެއަށް ވިޔަފާރިއާއި އިޤްތިޞާދީ ގޮތުން މިދެންނެވި ކަހަލަ ‏‏މަޝްރޫޢުތައް ގެނައުމަށް، ހަމަ ޖަޕާނަށް ޝައުޤުވެރިކަން ހޯދުމަށްޓަކައި އަޅުގަނޑުމެން ކުރި ދަތުރު. ‏‏އެހެންވީމާ، ހުރިހާ ތަފުޞީލުތަކެއް މި ހަތަރު ވަޒީރުން ތިޔަބޭފުޅުންނާ ޝެއަރ ކުރައްވާނެ. ދެން، އަޅުގަނޑަށް ހީވަނީ ފަހަރަކު ބޭފުޅަކު ފައްޓަވައިދެއްވައިފިއްޔާ ރަނގަޅުވާނެކަންނޭނގެ.