ރައްޔިތުންނަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނީ އެޤައުމެއްގެ އަމިއްލަ ފަރާތްތަކުން ސަރުކާރާއި ގުޅިގެން މަސައްކަތް ކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލޭގައި ޤާއިމުކުރި ޑޮކްޓަރ ޑީޑީ ޑެންޓަލް އެންޑް މެޑިކަލް ސެންޓަރ ހުޅުއްވައިދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުމާލޭގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ޑރ. ޑީޑީއަކީ ޞިއްޙީ ދާއިރާއިން ރާއްޖޭގައި ވަރަށް ގިނަ ގުނަ ޚިދުމަތްތަކެއް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހި ރައްޔިތުންގެ ނަމުގައި ޑރ. ޑީޑީއަށް ޝުކުރުއަދާކުރެއްވިއެވެ. މިރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޚިދުމަތް ފޯރުކޮށްދޭ ޢިމާރާތް ކިތަންމެ ކުޑަ ނަމަވެސް ތަނުންދޭ ޚިދުމަތް ރަނގަޅުނަމަ، އެތަނަކީ ފެންވަރު ރަނގަޅު ތަނެއްގެ ގޮތުގައި ރައްޔިތުން ބަލައިގަންނާނެކަމުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޞިއްޙީ ޚިދުމަތަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެންމެ މުހިންމު އެއް ޚިދުމަތްކަން ފާހަގަކުރައްވައި، ސަރުކާރުން ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.