1. ސުވާލު: އިބްރާހީމް އިޤްބާލް

ކޮންކޮން ކަންތައްތަކަކަށްތޯ މިދަތުރުފުޅުގައި ސިންގަޕޫރުން ރާއްޖެއަށް އެހީތައް ބޮޑަށް ލިބިގެންދާނީ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑު މި ދަތުރު މި ކުރަނީ، ސިންގަޕޫރުގެ ރައީސް ދެއްވި ދަޢުވަތަކަށް ކުރާ ރަސްމީ ދަތުރެއްގެ ގޮތުގައި. މީގެކުރިން ރަސްމީ ދަތުރެއް ސިންގަޕޫރަށް ކުރީ، މީގެ 26 އަހަރު ކުރިން 1981 ގައި. ދެން ފަހަކަށްއައިސް އަޅުގަނޑު ބައެއް އަމިއްލަ ދަތުރުތައް ކުރަމުންދިޔަ ދިޔުމުގައި، މިހާރުގެ ރައީސާ އެތައް ފަހަރެއްގެ މަތިން ވަނީ ބައްދަލުވެފައި. ދެން އޭނާ މިދިޔަ އަހަރު ވިދާޅުވި، ތިމަންނާ ދަޢުވަތު އެބަ ފޮނުއްވަމޭ، އަޅުގަނޑު އަނެއްކާވެސް ސިންގަޕޫރަށް ރަސްމީ ދަތުރެއް ކުރުމަށްޓަކައި. އެގޮތުން ފޮނުއްވި ދަޢުވަތެއް ޤަބޫލުކޮށްގެން، އަޅުގަނޑު މި ދަތުރު މި ކުރަނީ.

ދެން މި ދަތުރުގެ ބޭނުމަކީ، ހަމަ ދެ ޤައުމުގެ ގުޅުން، ހުރިހާ ދާއިރާއެއްގައިވެސް ބަދަހިކުރުން. ވަރަށް ކުރިއްސުރެ ދިވެހިރާއްޖެއާއި ސިންގަޕޫރަކީ، ވަރަށް ބޮޑަށް ގުޅުން ބަދަހިވަމުން އަންނަ ދެ ޤައުމު. އަދި އަޅުގަނޑުމެންގެ ދޭތެރޭގައި ވަރަށްގިނަ ތަފާތު ފެންވަރުތަކުގެ ގުޅުން އެބަހުރި. އޭގެތެރޭގައި، ވިޔަފާރިއާއި އަދި ތަޢުލީމީ ކަންތައްތަކާއި، އެނޫން ކަންތައްތައްވެސް އެބަހުރި.

ދެން މި ދަތުރުގައި، މިފަހަރު އެންމެބޮޑަށް އަޅުގަނޑު މި މަސައްކަތް ކުރަނީ، ސިންގަޕޫރުގެ ވިޔަފާރިވެރިންނާއި، އެކިއެކި އިޤްތިޞާދީ މަސައްކަތްކުރާ މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުޤުވެރިކަން އުފެއްދޭތޯ. އެހެންވީމާ، މާދަމާ ހެނދުނު އެބަ ބާއްވަން ބިޒްނަސް ސިމްޕޯޒިއަމެއް. އެއީ ފުރަތަމަފަހަރަށް އަޅުގަނޑުމެން ސިންގަޕޫރުގައި ބާއްވާ މިކަހަލަ ކަންތައް. އޭގައި އަޅުގަނޑުވެސް ވާހަކަ ދައްކާނަން. އަދި ދިވެހިރާއްޖޭގެ ފަރާތުން ޕްރެޒެންޓޭޝަނެއްވެސް ހުށަހަޅާނަން. އޭގައި އަޅުގަނޑުމެން ބަޔާންކޮށްދޭނީ، ރާއްޖޭގައި ކޮންކަހަލަ ފުރްޞަތުތަކެއްތޯ ހުޅުވިފައި އޮތީ ބޭރުގެ އިންވެސްޓްމަންޓަށް. އަޅުގަނޑު ހީކުރާގޮތުގައި، ސިންގަޕޫރު މީހުން އިންވެސްޓް ކުރަން ޝައުޤުވެރިކަން ހުރިކަމަށްވަންޏާ، އޭގެ ސަބަބުން އަޅުގަނޑުމެންގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ. އަޅުގަނޑުމެންގެ ރައްޔިތުންގެ ވަރަށްގިނަ ބަޔަކަށް ވަޒީފާގެ ފުރްޞަތުވެސް ލިބިގެންދާނެ. އެއީ، ދެން މި ދަތުރުގައި އަޅުގަނޑު އެންމެ ބޮޑަށް ކުރަން ޤަޞްދުކުރާ މަސައްކަތަކީ.

ދެން އެހެން ނޫނަސް، މިހާރުވެސް ދިވެހިރާއްޖެއާއި ސިންގަޕޫރާ ދޭތެރޭގައި، އެކިއެކި ދާއިރާތަކުގައި ގުޅުން ޤާއިމުވެފައިވާތީ، އެ ކަންތައްތައް އިތުރަށް ބަދަހިކޮށް، ރާއްޖެއާއި ސިންގަޕޫރާ ދޭތެރޭގައި އޮންނަ ގުޅުން ދެ ޤައުމުގެ ފައިދާއަށްޓަކައި، މިހާރަށްވުރެ ބޮޑަށް ބޭނުންކުރެވޭނީ ކިހިނެއްތޯ ބަލައި، އެކަންތައް ކުރުން، ދެން އޮތް މަޤްޞަދަކީ.

2. ސުވާލު: އިބްރާހީމް އިޤްބާލް

މިއަދު ރައީސް ފުރަތަމަ ބައްދަލުކުރެއްވީ، ސިންގަޕޫރުގެ ރައީސާ. ދެން ބޮޑުވަޒީރާ. މި ދެ ބައްދަލުވުމުގައި ވަކި ޚާއްޞަ ކަމަކާ ބެހޭގޮތުން ވާހަކަ ދެކެވިފައިވާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ނޫން. ޖުމްލަކޮށް، ދެ ޤައުމުގެ ގުޅުމާ ބެހޭގޮތުން ވާހަކަ ދެކެވުނީ. ހުރިހާ ދާއިރާތަކަކާ ބެހޭގޮތުންވެސް. މިހާރު މިސާލަކަށް، ތަޢުލީމީ ދާއިރާގައި ދެ ޤައުމުގެ އެއްބާރުލުން މިހާރަށްވުރެ އިތުރުކުރުން. އެނގިވަޑައިގަންނަވާނެ، މިހާރު ސިންގަޕޫރު ސަރުކާރުގެ ޚަރަދުގައި ހުޅުމާލޭގައި އެބަ އިމާރާތް ކުރެވޭ ސްކޫލެއް. އަދި ވަރަށްގިނަ ޢަދަދަކަށް ދިވެހި ކުދިން، ދިވެހި ދަރިވަރުން ސިންގަޕޫރަށް އައިސް އެބަ ތަޢުލީމު ޙާޞިލުކުރޭ. އެހެންވީމާ، ދިވެހިންނަށް ތަޢުލީމު ޙާޞިލު ކުރުމުގެ އިތުރު ފުރްޞަތުތައް، ސިންގަޕޫރުގެ ޔުނިވަރސިޓީތަކުންނާއި ނުވަތަ އެނޫން އެކަހަލަ ތަޢުލީމީ މުއައްސަސާތަކުން ލިބޭތޯ ބެލުމުގެ ގޮތުން، އެ ވާހަކަވެސް ދެއްކިން. އަދި އެހެން ދާއިރާތަކުގެ ދެމެދުގައިވެސް. މިސާލަކަށް، ވިޔަފާރި، ޓޫރިޒަމް. ސިންގަޕޫރު މީހުން އިންވެސްޓްކޮށްގެން އެބައުޅޭ ރާއްޖޭގެ ޓޫރިޒަމްގައި. އަދި އަޅުގަނޑުމެންގެ އިންފްލައިޓް ކޭޓަރިންގ އެއީވެސް، ސިންގަޕޫރު ސަރުކާރުގެ ފަރާތަކާއި ދިވެހި ސަރުކާރުގެ ފަރާތަކާ ދެމެދު އޮތް ކަމެއް. ސިވިލްއޭވިއޭޝަން ދާއިރާއިންވެސް ގުޅުން ބަދަހިކުރެވޭތޯ އަދި ޞިއްޙަތާބެހޭ ދާއިރާއިންވެސް ދެ ޤައުމުގެ ގުޅުން ބަދަހިކުރެވޭތޯ. އެމީހުން ނުދޭ އަނެއްކަހަލަ ސީދާ އެހީއެއް. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މިތާނގައި ދިވެހިން ތަމްރީނު ކުރުމުގެ ފުރުޞަތާއި އަދި ސިންގަޕޫރުގެ އެކިއެކި ތަޖުރިބާކާރުންގެ ތަޖުރިބާ އަޅުގަނޑުމެންނަށް ލިބޭގޮތް ހަދައިދިނުމާއި، މިކަހަލަ ކަންތައްތައް މި އޮންނަނީ. އެއީ ފަންނީ އެހީ. އެގޮތްގޮތުން އަޅުގަނޑު މިއަދުވެސް ވާހަކަ ދެއްކީ. ދެން ޢާންމުކޮށް، ދުނިޔޭގެ ކަންތައްތައް ހުރިނެތްގޮތާއި، ސަރަޙައްދީ މައްސަލަތަކާ ބެހޭގޮތުންވެސް ވާހަކަ ދެކެވުނު.