بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! މިރޭ އަޅުގަނޑުމެންގެ ރާއްޖޭގެ ސަފީރު، އާދެ! ސިންގަޕޫރަށް ދިވެހި ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ސަފީރު އަލްފާޟިލް އިބްރާހީމް ޝަހީދު ޒަކީ މި ބޭއްވެވި ބައްދަލުކޮށްލުމަށް އައުމަކީ، އަޅުގަނޑަށާއި ނަސްރީނާއަށް ލިބުނު ވަރަށބޮޑު އުފަލެއް.

އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، މި ފެށުނު ހިޖުރީ އާ އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުން، ތިޔަ ހުރިހާ ބޭފުޅުންނަށް ދެންނެވުން. އަޅުގަނޑު އެދެނީ، މިފެށުނު އާ އަހަރަކީ، ދިވެހިރާއްޖެއަށާއި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބާއްޖަވެރި އަދި ރައްޔިތުންނަށް އުފާފާގަތިކަމާއި ހިތްހަމަޖެހުމާ އެކީގައި ދިރިއުޅެވޭ އަދި އެ އަހަރުގެ ތެރޭގައި ތަރައްޤީގެ އިތުރު އުސްމިންތަކެއް ޙާޞިލު ކުރެވޭ އަހަރެއް ކަމުގައި މާތްﷲ ލެއްވުން.

އާދެ! މިރޭ އަޅުގަނޑުގެ އެންމެބޮޑު އުފަލަކީ، މިވަގުތު ސިންގަޕޫރުގައި ތިއްބެވި ދިވެހިންނާ ބައްދަލުކޮށްލުން. އޭގެތެރޭގައި، ސިންގަޕޫރުގައި ތަޢުލީމު ޙާޞިލު ކުރަމުންދާ ދިވެހި ކުދިންނާއި، އަދި ސިންގަޕޫރަށް އެކި ބޭނުންތަކުގައި ވަޑައިގެން ތިއްބެވި ދިވެހިންނާއި، ހަމަ އެހެންމެ މިތާނގައި ދިރިއުޅުއްވަމުން ގެންދަވާ ބޭފުޅުން ތިއްބެވުމާ އެކީގައި، އެ ހުރިހާ ބޭފުޅުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑު މިހާރު ސިންގަޕޫރަށް އައިސް މިހިރީ، ސިންގަޕޫރުގެ ރައީސް ދެއްވި ދަޢުވަތަކަށް ކުރާ ރަސްމީ ޒިޔާރަތެއްގައި. މި ޒިޔާރަތުގައި، ސިންގަޕޫރުގެ ރައީސާ ބައްދަލުކޮށްލުމުގެ އުފަލާއި، އެކަމުގެ ޝަރަފު އިއްޔެ އަޅުގަނޑަށް ލިބުނު. ހަމައެހެންމެ، ސިންގަޕޫރުގެ ބޮޑުވަޒީރާ ބައްދަލުކޮށްލުމުގެ އުފާވެސް ލިބުނު. އަދި އޭގެއިތުރުން، ސިންގަޕޫރުގެ ވަރަށްގިނަ މިނިސްޓަރުންނާ ބައްދަލުކުރުމުގެ ފުރްޞަތު ވަނީ އަޅުގަނޑަށް ލިބިފައި.

އާދެ! މި ދަތުރުގެ ބޭނުމަކީ، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ޤާއިމުވެފައި މިވާ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އަޅުގަނޑުމެންގެ މެދުގައި އެކި ދާއިރާތަކުގައި އިތުރަށް ގުޅުން އުފެއްދޭތޯ މަސައްކަތް ކުރުން. މިގޮތުން، އެނގިވަޑައިގަންނަވާނޭ ފަދައިން، ސިންގަޕޫރޭ ބުނީމާ ދިވެހިންގެ ހިތްތަކަށް، އެންމެ ފުރަތަމަވެސް ވަންނާނީ ވިޔަފާރީގެ ކަންތައްތައް. ސިންގަޕޫރަކީ ވިޔަފާރިއާއި އިޤްތިޞާދީ ކަންތައްތަކުގައި، މި ސަރަޙައްދުގައި އެންމެ ކުރިއަރާފައިވާ އެއް ޤައުމު. އަޅުގަނޑުމެންގެ ވަރަށްގިނަ ބޭނުންތައް ފުއްދަމުން މި ގެންދަނީ ސިންގަޕޫރުން. އެއީ، އަޅުގަނޑުމެން ބޭނުންވާ އެކިއެކި ޒަމާނީ އުފެއްދުން ކަމުގައިވިޔަސް، ނުވަތަ އެކިއެކި ޚިދްމަތްތައް ކަމަށްވިޔަސް، ސިންގަޕޫރަކީ ދިވެހިންގެ ތެރެއިން ވަރަށްގިނަ ބަޔަކު ޒިޔާރަތްކުރާ އަދި އެ ޤައުމަކާ ދޭތެރޭގައި ވަރަށް ގާތް ގުޅުމެއް ބަހައްޓާ ޤައުމެއް.

އާދެ! އަޅުގަނޑުގެ މި ދަތުރުގައި، ދިވެހި ސަރުކާރާއި ސިންގަޕޫރާ ދޭތެރޭގައި، ތަފާތު ދާއިރާތަކުގައި މި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ސިންގަޕޫރުގެ އިސްވެރިންނާ ބައްދަލުކޮށް، ވާހަކަ ދެއްކުމުގެ ފުރްޞަތު ވަނީ ލިބިފައި. އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެދޭގޮތަށް، މިގުޅުންތައް، ކުރިއަށް އޮތް ތާނގައި އިތުރުވެގެން ބަދަހިވެގެންދާނެ. އަޅުގަނޑާ އެކީގައި މިކަމުގައި ދިވެހި ސަރުކާރުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވި. މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އިލްޔާސް އިބްރާހީމް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަލްފާޟިލް މުޙަންމަދު ޖަލީލު، އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދު އަޅުގަނޑާ އެކީގައި ވަޑައިގެންނެވި. މިބޭފުޅުންވެސް އެ ވަޑައިގަތީ، އަޅުގަނޑު މި ދެންނެވި މުހިންމު މަޤްޞަދުގައި. މީގެއިތުރުން، ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދާބެހޭ ދާއިރާގެ ވަރަށް މުހިންމު އެހެން ބައެއް ބޭފުޅުން ވަޑައިގެންނެވި. އޭގެތެރޭގައި، ދިވެހި ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ ރައީސް އަލްފާޟިލް މުޙަންމަދު ޞާލިޙު ވަޑައިގެންނެވި. އޭގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ދެ މެންބަރަކުވެސް، މިދަތުރުގައި ހިމެނިވަޑައިގަންނަވާ. އެއީ، އަލްފާޟިލް އަޙްމަދު ޞިޔާމް މުޙަންމަދާއި، އަލްފާޟިލް އިބްރާހީމް ވަޙީދާ ދެ ބޭފުޅުން.

އަޅުގަނޑުމެން އެންމެންގެވެސް ބޭނުމަކީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، އެ މީހެއްގެ ދާއިރާގައި، ސިންގަޕޫރާ ދޭތެރޭގައި އޮންނަ ގުޅުން އިތުރަށް ކުރިއަށް ގެންދެވޭނީ ކިހިނެއްތޯ ބެލުން. އަޅުގަނޑުމެންގެ ރާއްޖޭގައި، ސިންގަޕޫރުގެ މީހުން އިތުރަށް އިންވެސްޓްކޮށް، ދެ ޤައުމަށް ފައިދާހުރި ގޮތެއްގެ މަތިން، ކަންތައްތައް ގެންދިޔުން.

މިއަދު ހެނދުނު ހަމަ މި ހޯލުގައި ވަރަށް މުހިންމު ބައްދަލުވުމެއް ބޭއްވުނު. އެއީ، ދިވެހިރާއްޖެއިން ސިންގަޕޫރުގައި ބާއްވާ ފުރަތަމަ ބިޒްނަސް ސިމްޕޯޒިއަމް. ސިންގަޕޫރުގެ ވަރަށްގިނަ ޢަދަދެއްގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން މި ބައްދަލުވުމަށް ޙާޒިރުވި. އަޅުގަނޑުމެންގެ ޕްރެޒެންޓޭޝަން، އެ މީހުން ބަލާފައި، ވަރަށްގިނަ ބަޔަކު ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުޤުވެރިކަން ހުރިކަން ބަޔާންކުރި. އަދި އެ މީހުން ކުރި ސުވާލުތަކަށް އަޅުގަނޑުމެންގެ ފަރާތުން ޖަވާބުވެސް އެރުވުނު. އެހެންވީމާ، އަޅުގަނޑު ދެކެނީ މި ދަތުރަކީ އެގޮތުން ބަލާއިރު، އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބު ދަތުރެއް ކަމުގައި.

އަޅުގަނޑުގެ ވާހަކަ މާ ދިގެއް ނުކުރާނަން. ދެން ދަންނަވާލަން އޮތީ، ދެންމެ އިބްރާހީމް ޝަހީދު ޒަކީގެ ވާހަކަފުޅުގައި، އެ ވިދާޅުވި ފަދައިން، އަޅުގަނޑުމެންގެ ރާއްޖެ މިހާރު މިވަނީ އާ މަރްޙަލާއަކާ ކުރިމަތިލާފައޭ. ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީ މިވަނީ އިރާދަކުރެއްވީތީ ވަރަށްބާރު ދުވެއްޔެއްގައި ކުރިއަށް ގޮސްފައި. އަޅުގަނޑުމެންނަށް މި ދިމާވި ސުނާމީ ކާރިސާގެ ސަބަބުން 2005 ވަނަ އަހަރަކީ، ރާއްޖެއަށް އިޤްތިޞާދީ ގޮތުން ވަރަށް ދަތި އަހަރެއް ކަމުގައިވިޔަސް، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން 2006 ހިމެނިގެން މި ދިޔައީ، ރާއްޖެއަށް އިޤްތިޞާދީ ގޮތުންވެސް ވަރަށް ރަނގަޅު އަހަރެއްގެ ގޮތުގައި.

އާދެ! އެ އަހަރުގެ އުފެއްދުންތެރިކަމުގެ ނިސްބަތް، ސައްތައިން 18 ކުރިއަށްދިޔަ ވާހަކަ ދެންނެވީމާ، ބައެއް ބޭފުޅުންނަށް ޤަބޫލުވެސް ނުކުރެއްވޭނެ. އެހެން ނަމަވެސް، އެއީ ޙަޤީޤަތެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތައް ފޫބެއްދުމުގައި، މި ކުރަމުންދާ މަސައްކަތްތައް، މާތްﷲގެ ވާގިފުޅާއެކު މިދަނީ ކާމިޔާބުވަމުން. އަޅުގަނޑުމެންނަށް ވަރަށްގިނަ މަސައްކަތް ކުރަން ޖެހުނު. އަދި ޖެހިފައިވެސްވޭ. އޭގެތެރޭގައި، ރާއްޖެއިން ގެދޮރު ހަލާކުވެގެންދިޔަ، ގެދޮރު ނެތިގެންދިޔަ މީހުންނަށް އަލުން ގެދޮރު ހަދައިދިނުމާއި، ނުވަތަ ހަލާކުވި ގެދޮރުތައް މަރާމާތުކޮށްދިނުމާއި، އެކިއެކި އެހެން ގެއްލުންތައް ލިބުނު ފަރާތްތަކަށް، އާދެ! އިޤްތިޞާދީ ވަރަށްގިނަ މަސައްކަތްކުރާ، އަޅުގަނޑުމެންގެ ވަރަށްގިނަ ބަޔަކަށްވެސް، މިކަމުގެ ގެއްލުންތައް ތަޙައްމަލް ކުރަން ޖެހުނު. އޭގެތެރޭގައި، ދިވެހި މަސްވެރިންނާއި، ދިވެހި ވިޔަފާރިވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި އުޅުއްވާ ބޭފުޅުންނާއި، އަދި އެހެން ޚިދްމަތްތަކުގައި އުޅުއްވާ ބޭފުޅުންވެސް ހިމެނޭ. މި މަސައްކަތްތައް އިރާދަކުރެއްވިއްޔާ މިދަނީ ކުރަމުން.

އެހެން ނަމަވެސް، ކުރިއަށް އޮތް ތާނގައިވެސް ކުރަންޖެހޭ. އެއީ، ކުރަންޖެހޭ މަސައްކަތްތައް ގިނަކަމުން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެންފަދަ ކުޑަ ޤައުމަކަށް މިފަދަ ބޮޑު ކާރިސާއެއް ދިމާވީމާ، އެއިން ލިބޭނެ ނުރަނގަޅު ނަތީޖާތަކަކީ، އެއް އަހަރަކުން، ދެ އަހަރަކުން އަޅުގަނޑުމެންނަށް ފޫބޭއްދޭނެ ނަތީޖާތަކެއް ނޫން. އެހެން ނަމަވެސް، މިކަމުގައި ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ބޭރުގެ އެކުވެރި ޤައުމުތަކުންނާއި، އަދި ބޭރުގެ ބައެއް ޖަމާޢަތްތަކުން އަޅުގަނޑުމެންނަށް ވަރަށް ދީލަތި އެހީތަކެއް ވަނީ ވެދެއްވާފައި. އޭގެތެރޭގައި، ސިންގަޕޫރު ސަރުކާރު ހިމެނޭ. ދެންމެ ޝަހީދު ޒަކީގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، މި ރަށުން އަޅުގަނޑުމެންނަށް ވަރަށް އަވަސް އެހީތަކެއް ފޯރުވައިދިން. އަދިވެސް އިތުރު ޕްރޮޖެކްޓްތައް ހިނގަމުން އެބަދޭ. އޭގެތެރެއިން އެއްކަމަކީ، ހުޅުމާލޭގައި މިހާރު ތައްޔާރުވަމުންދާ އިންޓަރގްރޭޓެޑް ޕްރައިމަރީ އެންޑް ސެކަންޑަރީ ސްކޫލް. މިއީ، ސިންގަޕޫރު ސަރުކާރުގެ އެހީގައި އިމާރާތް ކުރެވެމުންދާ ސްކޫލެއް. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ސްކޫލް ހުޅުވޭނެ. އަދި އެނޫންވެސް ކިތަންމެ އެހީއެއް، ސިންގަޕޫރު ސަރުކާރުން ވަނީ މިކަމާ ގުޅިގެން ދެއްވާފައި.

އެހެންވީމާ، މި ކަންތައްތައް މިހެން ވަމުންދާއިރު، އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން، މި އަހަރު އިރާދަކުރެއްވިއްޔާ، ވޭތުވެދިޔަ އަހަރަށްވުރެވެސް ރަނގަޅުވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ. އެހެން މި ދެންނެވީ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގެންފައި އޮންނާނެ ފަދައިން، ދިވެހި ސަރުކާރުން ހުށަހަޅައިގެން، ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްދެއްވި ބަޖެޓަކީ، ވަރަށްބޮޑު ބަޖެޓެއް. އެ ބަޖެޓުގައި ހިމެނިފައި އެވަނީ، ދިވެހި ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށްޓަކައި ހިމެނިފައިވާ ފައިސާ. އާދެ! އަތޮޅުތަކުގެ ރައްޔިތުންނާއި، މާލޭގެ ރައްޔިތުންނާއި، ސަރުކާރުގެ ޚިދްމަތްތައް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާތީ، އެކަމަށް ސަރުކާރުން ރައްޔިތުންނަށް ހަމަޖައްސައިދޭންޖެހޭ ކަންތައްތައް ހަމަޖައްސައިދިނުމަށްޓަކައި، އެކިއެކި ވަސީލަތްތައް ޤާއިމުކުރުމަށްޓަކައި، މިހެންގޮސް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ބަދަހިކޮށް، ތަރައްޤީ ކުރުމަށް ބޭނުންވާ ވަރަށްގިނަ ކަންތައްތަކެއް ހިމެނިގެން، މި ބަޖެޓު މިހާބޮޑު ބަޖެޓަކަށްވެގެން މި ދިޔައީ. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ އެ ބަޖެޓުން އެ ޚަރަދުކުރާ ފައިސާ ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ. އެއީ، އާމްދަނީ އިތުރުކުރެވޭނެ ގޮތްތައްވެސް އެ ބަޖެޓުގައި ހިމެނިފައިވާތީ.

އާދެ! އެޔާއެކީގައި ދެންމެ ސަފީރު އެ ވިދާޅުވި ފަދައިން، އަޅުގަނޑުމެން ކުރިމަތިލައިގެން ކުރިއަށް މި ގެންދަނީ، ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމެއް. އެ ޕްރޮގްރާމްވެސް ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި ހިންގިފައިވަނީ، މާތްﷲގެ ވާގިފުޅުން ވަރަށް ކާމިޔާބުކަމާ އެކީގައި. ރާއްޖޭގައި ފުރަތަމަފަހަރަށް ވަރަށްގިނަ ކަންތައްތަކެއް، އެ އިޞްލާޙީ ޕްރޮގްރާމްގެ ދަށުން ޙާޞިލުވެފައިވޭ. އޭގެތެރޭގައި، ރާއްޖޭގައި ސިޔާސީ ޕާޓީތަކެއް އުފެއްދުން ހިމެނޭ. އާދެ! މިކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރުވަނީ ވަރަށް ކާމިޔާބުވެފައި. ރާއްޖޭގައި ސިޔާސީ ފަސް ޕާޓީއެއް މިހާރު އުފެދި، ޙަރަކާތްތެރިވަމުން އެބަދޭ. ހަމައެޔާއެކީގައި، ދިވެހިރާއްޖޭގެ ހިޔުމަން ރައިޓްސް ކޮމިޝަން މިހާރުވަނީ ޤާނޫނެއްގެ ދަށުން އުފެދި، ޤާނޫނީ މަސްއޫލިއްޔަތުތައް އަދާކުރަން ފަށާފައި.

ހަމައެހެންމެ، އަޅުގަނޑުމެންގެ ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ވަރަށްގިނަ އިޞްލާޙީ ފިޔަވަޅުތަކެއްވެސް ވަނީ އެޅިފައި. އަދި ޚަބަރުފަތުރާ ވަސީލަތްތަކުގެ މިނިވަންކަން ހަރުދަނާ ކުރުމަށްޓަކައި ވަރަށްގިނަ ކަންތައްތަކެއްވެސް ވަނީ ކުރެވިފައި. އޭގެތެރޭގައި، ދިވެހި ނޫސްވެރިކަމަކީ މިހާރު ވަރަށް މިނިވަން ނޫސްވެރިކަމެއް ކަމުގައި ތިޔަބޭފުޅުންނަށްވެސް ފެނިވަޑައިގަންނަވާނެ. ރާއްޖޭގައި ނުކުންނަ ނޫސްތަކާއި މަޖައްލާތަކުގައި، އެއްވެސް ހުރަހެއްނެތި އެބަޔަކަށް ފެންނަ ޚިޔާލެއް ހުށަހަޅަމުން ގެންދަނީ. މިއީ، އަޅުގަނޑުމެން މި އިޞްލާޙީ ބަދަލުގެ ތެރޭގައި، ވަރަށްބޮޑު އަހަންމިއްޔަތެއް ދެމުންގެންދާ ކަމެއް. މިކަންކަން ހަރުދަނާ ކުރުމަށްޓަކައި ކަމާބެހޭ ޤާނޫނުތައްވެސް ވަނީ ތައްޔާރުކުރެވި، އަދި ރައްޔިތުންގެ މަޖިލީހަށް އެއްބައި ބިލްތައްވަނީ ހުށަހެޅިފައި. އަނެއްބައި ބިލްތައް ހުށަހެޅުމުގެ މަގުމަތީގައި ވަނީ.

އެހެންވީމާ، މިކަންކަމަކީ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައިވެސް ކާމިޔާބުކަމާ އެކީގައި ކުރިއަށް ގެންދެވޭނެ ކަންތައްތަކެއް. އަދި މިހާރު އުންމީދު ކުރެވޭގޮތުން، ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކޮށް، މި އަހަރު ނިމޭނެ. އަދި ޤާނޫނުއަސާސީ އިޞްލާޙުކޮށް ނިމުނީމާ، އޭގައިވާ ގޮތުގެ މަތިން ހަދަންޖެހޭ އެހެން ޤާނޫނުތައް ހަދައި، ޤާއިމުކުރަންޖެހޭ އެހެން ވަސީލަތްތައް ޤާއިމުކުރުމަށްފަހުގައި، ރާއްޖޭގައި ފުރަތަމަފަހަރަށް ބޭއްވޭ ހުރިހާ ޕާޓީތަކެއް ވާދަކުރާ އިންތިޚާބެއް، އިރާދަކުރެއްވިއްޔާ 2008 ވަނަ އަހަރު، އާދެ! މި އަންނަ އަހަރު ބޭއްވޭނެ. މިގޮތަށް ކަންތައްތައް ކުރުމުގައި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދު ސަރުކާރަށް ބޭނުންވޭ. ހަމައެޔާއެކީގައި، ދިވެހި ރައްޔިތުންގެ އެއްބާރުލެއްވުންވެސް ބޭނުންވޭ. ދިވެހި ސަރުކާރުގެ ބޭނުމަކީ، ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ތަޢާރުފު ކުރުން. އަދި ޒަމާނީ ޑިމޮކްރަސީއެއް ރާއްޖެއަށް ތަޢާރުފު ކުރުމުން، އެއިން ލިބޭ ފައިދާތައް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ވީ އެންމެ އަވަސް ފުރްޞަތެއްގައި ލިބިދިނުން. މިގޮތުން ކުރެވޭ މަސައްކަތްތަކަކީ، އިރާދަކުރެއްވިއްޔާ ވަރަށް އިޚްލާޞްތެރި، ވަރަށް ހަރުދަނާ މަސައްކަތްތަކަކަށް ވެގެންދާނެ.

އަޅުގަނޑު މި ވާހަކަ މި ދަންނަވާލީ، ތިޔަބޭފުޅުން މިތާނގައި ތިއްބެވިޔަސް، މިޚަބަރުތައް އައްސަވަމުން ގެންދަވާނެތީ. އަދި މިތާނގައި ތިއްބެވި ދިވެހި ބޭފުޅުންގެ ތާއީދާއި އެއްބާރުލެއްވުންވެސް ސަރުކާރަށް ބޭނުންވާތީ. ދިވެހި ކިޔަވާ ކުދިން، އެ ކުދިންގެ ވާޖިބު އަދާކުރުމުގައި، އާދެ! އެއީ ކިޔެވުން. އެކަމުގައި ހިންމަތާއެކު މަސައްކަތް ކުރުމަކީ، އެ ކުދިންނަށްވެސް، އެ ކުދިންގެ ޢާއިލާތަކަށްވެސް، ދިވެހިރާއްޖެއަށްވެސް ރީތި ނަމެއް ލިބިގެންދާނެ ކަމެއް. އަދި ތަޢުލީމު ޙާޞިލު ކުރުމަށްފަހު އެނބުރި ރާއްޖެ އައިސް، ރާއްޖެއަށް ޚިދްމަތް ކުރުމަކީ، އެ ކުދިންގެ ވަރަށްބޮޑު އުންމީދަކަށް ވާންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. މިހާރުވެސް ދަނީ އެކަންތައްތައް އެހެންވަމުން. މުސްތަޤްބަލުގައިވެސް، ދިވެހި ކުދިން، ރާއްޖެއިން ބޭރުގެ އެކިތަންތަނުން ތަޢުލީމު ޙާޞިލު ކޮށްގެން، ރާއްޖެ އައިސް ރާއްޖެއަށް ޚިދްމަތް ކުރުމަކީ، ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށް ދިޔުމަށް އެޅޭ ވަރަށް މުހިންމު ބާރަކަށްވާނެ.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، މިރޭގެ މި ބައްދަލުވުން އިންތިޒާމު ކޮށްދެއްވީތީ، އަޅުގަނޑުމެންގެ ސަފީރު އަލްފާޟިލް އިބްރާހީމް ޝަހީދު ޒަކީއަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެޔާއެކީގައި، އެމް.ޖީ.ޓީ.ސީ.ގެ ބޭފުޅުންނަށްވެސް، އަލްފާޟިލް މުޙަންމަދު ޚަލީލުވެސް މިތާނގައި އެބަ ހުންނެވި. މުޙަންމަދު ޚަލީލަށާއި، އެ ސެންޓަރުގެ އެހެން ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެޔާއެކީގައި، މިތަނަށް ތިޔަ ވަޑައިގެންނެވި ދިވެހި ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ދަންނަވައި، ތިޔަ ހުރިހާ ބޭފުޅުންނަށް، ހިޖުރީ އާ އަހަރުގެ ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވައި، އަދި ތިޔަބޭފުޅުންނަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވައި، ތިޔަބޭފުޅުންނަށް އުފާފާގަތިކަމާއި، ބާއްޖަވެރިކަމާއި ފުރިހަމަ ޞިއްޙަތެއް ދެއްވައި، ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތުގައި ކާމިޔާބުވެވަޑައިގަތުމުގެ މަގު ފަހިކޮށްދެއްވުން އެދި ﷲގެ ޙަޟުރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.