އައްޑޫ ސިޓީގައި ބާއްވާ 15 އަހަރުންދަށުގެ ޔޫއޭފާ އިންޓަރނޭޝަނަލް ޓޯނަމެންޓްގައި ދިވެހިރާއްޖެއާއި ބޫޓާން ބައްދަލުކުރި މެޗް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

15 އަހަރުން ދަށުގެ ޔޫއޭފާ އިންޓަރނޭޝަނަލް ޓޯނަމެންޓަކީ ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި ފުޓުބޯޅައިގެ ދާއިރާއިން ކުޅުންތެރިން ބިނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާ އެއްގޮތަށް ޔޫއޭފާއާއި ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް ގުޅިގެން ބާއްވާ މުބާރާތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖެއާ ބޫޓާން މިއަދު ކުޅުނު މެޗް ބައްލަވައިލައްވައި ރާއްޖޭގެ ޓީމަށް ހިތްވަރުދެއްވައިފައެވެ. މި މެޗު 2-1 ގެ ތަފާތަކުން ކާމިޔާބު ކުރީ ބޫޓާންގެ ޓީމެވެ.

މިއީ ރާއްޖޭގައި ޔޫރަޕް ޤައުމަކުން މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ބޫޓާނާއި، ލަޓްވިއާއާއި، ސަޢުދީ ޢަރަބިއްޔާގެ ޓީމުތައް ބައިވެރިވެއެވެ.