މޮރިޝަސް ސަރުކާރުގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މޮރިޝަސްއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެޤައުމުގެ ބޮޑު ވަޒީރު ހިޒް އެކްސެލެންސީ ޕްރަވިންދް ޖަގްނައުތްއާއި މިއަދު ބައްދަލު ކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުމާއި އަދި ކުރިމަގުގައި މި ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ވަކިން ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑު ދަތުރުފަތުރާ ގުޅުންހުރި ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޔެ އެމަނިކުފާނުގެ ދެ ކަނބަލުންނާއި ދިވެހި ޑެލިގޭޝަނަށް މޮރިޝަސްއިން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ.
މީގެ އިތުރުން އިއްޔެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުނީތީ އުފާކުރައްވާކަން ހާމަކުރައްވައި މުބާރާތުގެ ކުރިޔަށް ހުރި ކުޅިވަރުތައް ވެސް ބައްލަވައިލެއްވުމަށް ވަރަށް ޝައުޤުވެރިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ
ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި މޮރިޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 (އައި.އޯ.އައި.ޖީ) ބޭއްވުމުގެ މަޤްޞަދަކީ ކުދި ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ކުޅިވަރު މުބާރާތްތަކުގެ ޒަރީޢާއިން ވެސް އެކުވެރިކަމުގެ ގުޅުން ބަދަހިކުރުންކަން ފާހަގަކުރެއްވިއެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގައި ހުރިހާ ޤައުމުތައް ގުޅިގެން އެއް އަޑަކުން ވާހަކަދެއްކުމުގެ މުހިންމުކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދެބޭފުޅުންގެ ވާހަކަފުޅުގައިވެސް ދެޤައުމުގެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެ މިގޮތުގައި ދެމި އޮންނާނެކަމަށް އުންމީދުކުރައްވާކަން ހާމަކުރައްވާފައިވެއެވެ.