މޮރިޝަސް ސަރުކާރުގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މޮރިޝަސްއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެޤައުމުގެ ވަގުތީ ރައީސް ހިޒް އެކްސެލެންސީ ޕެރަމަސިވަން ޕިއްލޭ ބާރލެން ވިޔަޕޫރޭ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުމާއި އަދި ކުރިމަގުގައި މި ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ވަކިން ޚާއްޞަކޮށް ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ދެޤައުމަށްވެސް ވަރަށް އެއްގޮތް ގޮންޖެހުންތަކަކަށް ވާތީ އެފަދަ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޔެ އެމަނިކުފާނުގެ ދެ ކަނބަލުންނާއި ދިވެހި ޑެލިގޭޝަނަށް މޮރިޝަސްއިން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ވަގުތީ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން އިއްޔެ ފެށި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުނީތީ އުފާކުރައްވާކަން ހާމަކުރައްވައި މުބާރާތުގެ ކުރިޔަށް ހުރި ކުޅިވަރުތައް ވެސް ބައްލަވައިލެއްވުމަށް ވަރަށް ބޮޑަށް ޝައުޤުވެރިވެ ވަޑައިގަންނަވާކަން ރައީސުލްޖުމްހޫރިއްޔާ ފާޅުކުރެއްވިއެވެ.